بســم اللّـه الرّحمـن الرّحيــم

ގަދަކީރިތިވަންތަ اللّـه سبحـانـه وتعـالى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރުން. މާތްﷲ މުޅި އިންސާނިއްޔަތަށް ރަޙްމަތެއްކަމުގައި ފޮނުއްވި މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـد صـلّى الله علـيـه وسـلّم މާތް ރަސޫލާއަށް ޞަލަވާތާއި ސަލާމްލެއްވުން އެދި ދުޢާކުރަން.

އާދެ، އެއަށްފަހު، މިރޭގެ މި އުފާވެރި ޙަފްލާގައި ބައިވެރިވުމަށް އަދި ޖޮބް މާކެޓް މޯލްޑިވްސް ރަސްމީގޮތުން އިފްތިތާޙުކޮށްދިނުމަށް އަޅުގަނޑަށް ދަޢުވަތު ދެއްވި ކަމަށްޓަކައި، ޖޮބް މާކެޓް މޯލްޑިވްސްގެ ވެރިންނަށް، އާދެ، ޗެއަރމަން އަލްފާޟިލް އަޙްމަދު ޝިޔާމް މުޙައްމަދަށާއި، މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ސަލީމަށާއި، އެތާނގެ އެހެންވެރިންނަށާއި މުވައްޒަފުންނަށް، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

ޙަޤީޤަތުގައި މިރޭގެ މި ޙަފްލާގައި ބައިވެރިވުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ހަމައެހެންމެ، ޖޮބް މާކެޓް މޯލްޑިވްސްގެ ވެބްސައިޓް ދެންމެ އިފްތިތާޙުކޮށްދިނުމަކީވެސް އަޅުގަނޑަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް.

އާދެ، ދެންމެ މި ކުންފުނީގެ ޗެއަރމަން އަލްފާޟިލް އަޙްމަދު ޝިޔާމް މުޙައްމަދު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވިގޮތުގައި، މި ޚިޔާލު އެބޭފުޅުން ފެށްޓެވީ، އަޅުގަނޑު ދެއްކި ވާހަކައަކާ ގުޅިގެން. އެކަން އެހެން އޮތުމާއެކުގައި، އަޅުގަނޑު އެބޭފުޅުންނަށް ޝުކުރު ދަންނަވަންޖެހޭ.

އާދެ، ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެފަދައިން، އެވާހަކަ އަޅުގަނޑު ދެއްކީ، ރާއްޖެއަށް މިވަގުތު ކުރިމަތިވެފައިވާ، ވަރަށް ބޮޑު މައްސަލައަކާ ގުޅިގެން. އެއީ އަޅުގަނޑުމެންގެ ރާއްޖޭގައި ވަޒީފާއަށް އެދޭ މީހުން ވަރަށް ބޮޑަށް އިތުރުވެފައިވާތީ، އަދި އެމީހުންނަށް ވަޒީފާ ހޯދައިދިނުމަކީ ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭން ޖެހިފައި އޮތް ކަމަކަށްވެފައި، އެކަމަށް އެދެވޭ ޙައްލެއް ނުފެންނާތީ. އާދެ، އެ ވާހަކައަށް އަދި ތަންކޮޅެއްފަހުން އަޅުގަނޑު އިޝާރަތްކޮށްލަން ގަސްތުކުރަން.

އާދެ، މި ކުންފުނި އުފެއްދެވި ވެރިންނަކީ މިރޮނގުން ވަރަށްވެސް ފާހަގަކުރެވޭ ޚިދުމަތްތެރިންކޮޅެއް. އަދި ޚާއްޞަކޮށް، ކުންފުނީގެ ޗެއަރމަން އަލްފާޟިލް އަޙްމަދު ޝިޔާމް މުޙައްމަދަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ވަރަށް ހީވާގިކަމާއެކު މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާ ޒުވާން ބޭފުޅެއް. ފަތުރުވެރިކަމުގެ ދާއިރާއިން އޭނާއަށް ވަނީ 2002ވަނަ އަހަރު ޢާންމު ޚިދުމަތުގެ ހިތްވަރުދިނުމުގެ އިނާމު ސަރުކާރުން އަރުވާފައި. އަދި އޭނާ މިހާރު އެދާއިރާއިން ކުރައްވާ މަސައްކަތްތަކަށް ބޭރުގެ ބައެއް ފަރާތްތަކުންވެސް ވަނީ އިނާމު ލިބިވަޑައިގެންފައި. އޭގެއިތުރުން، އޭނާއަކީ ރަށްރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކަށާއި، ރަށްރަށުގެ ތަޢުލީމީ ޙާލަތު ރަނގަޅުކުރެއްވުމަށްވެސް އެހީވެދެއްވަމުން ގެންދަވާ ބޭފުޅެއް. އެހެންވީމާ، މި ދާއިރާތަކުގައި އެ ކުރައްވަމުން ގެންދަވާ ޚިދުމަތްތަކަށްޓަކައި އަލްފާޟިލް އަޙްމަދު ޝިޔާމް މުޙައްމަދަށް ވަރަށް ޚާއްޞަ ޝުކުރެއް އަޅުގަނޑު ދަންނަވަން.

އާދެ، އޭނާގެ ވާހަކަފުޅުގައި އަޅުގަނޑާ ބެހޭގޮތުން ވިދާޅުވި ބަސްފުޅުތަކަށްޓަކައި އަދި ސަރުކާރުން ގެންގުޅޭ ސިޔާސަތަށް ތާއީދުކުރައްވައި ދެއްކެވި ވާހަކަފުޅަށްޓަކައިވެސް، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ހަމައެހެންމެ، މިރޭގެ މި މުނާސަބަތުގައި އަޅުގަނޑަށް އެދެއްވި ހަނދާނީ ފިލަޔަށްޓަކައި ނުވަތަ ނިޝާނަށްޓަކައިވެސް، ކުންފުނީގެ ޗެއަރމަނަށާއި، ކުންފުނީގެ ވެރިންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، ރާއްޖޭގައި ވަޒީފާ ނުލިބިތިބި ދިވެހިންނަށް ވަޒީފާ ހޯއްދަވައިދެއްވުމަށާއި، އެމީހުން ވަޒީފާގެ ބާޒާރަށް ނެރެދެއްވައި، ވަޒީފާއަށް އަހުލުވެރިކުރެއްވުމަށް، އެކުންފުނިން މިހާރުވެސް މަސައްކަތްތަކެއް ވަނީ ކުރައްވަން ފަށްޓަވާފައި. އެ މަސައްކަތްތަކުގެ ވާހަކަވެސް އަޙްމަދު ޝިޔާމް މުޙައްމަދުގެ ވާހަކަފުޅުގައި ދެންމެ ވިދާޅުވެދެއްވައިފި. އާދެ، ތިންސަތޭކަ އެތައް މީހަކަށް މިހާރު ވަޒީފާ ހޯއްދަވައިދެއްވިއްޖެ ވާހަކައާއި، ރާއްޖެއިން ބޭރުގެ އެކިދިމަދިމާއަށް ދިވެހިން ފޮނުއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ވާހަކައާއި، އަދި އޭގެއިތުރުން ތަޢުލީމީ ދާއިރާގައިވެސް ބައެއް ޔުނިވަރސިޓީތަކަށް ދިވެހިން ފޮނުއްވައި، އެތަންތާނގައި ވަކިފެންވަރަކަށް ތަޢުލީމު ހާސިލުކުރުމަށްފަހު، އެތަންތާނގެ ކޮންމެވެސްކަހަލަ ވަޒީފާއެއް، ވަކިމުއްދަތަކަށް ލިބޭގޮތަކަށް ހަމަޖައްސަވަމުން ގެންދަވާ ވާހަކައާ، މިވާހަކަތައް ވިދާޅުވެއްޖެ. ޝައްކެއްނެތް، މިހިރީ އަޅުގަނޑުމެންނަށް މިވަގުތު ބޭނުންވެފައިވާ، ވަރަށް ބޮޑެތި ކަންތައްތަކެއް. އެހެންވީމާ، އެކަންތައްތައް މިހާ ކާމިޔާބުގޮތެއްގައި މިހާ ކުޑަދުވަސްކޮޅެއްގެތެރޭގައި ކުރައްވަމުން ގެންދަވާތީ، އެކަމަށްޓަކައިވެސް އެ ހުރިހާ ބޭފުޅުންނަށް އާދެ، މިކަމުގައި ހަރަކާތްތެރިވެވަޑައިގަންނަވާ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، ދިވެހިންނަށް ވަޒީފާ ހޯދައިދިނުމަކީ، ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތެއް ދެމުންއަންނަ ކަމެއް. އާދެ، މީގެ ދިހަވަރަކަށް އަހަރުގެ ކުރިޔާ އަޅާބަލާއިރު، އަޅުގަނޑުމެންގެ ވަޒީފާގެ ޙާލަތު މިވަގުތު މިވަނީ ވަރަށް ބޮޑަށް ބަދަލުވެފައި. ރާއްޖޭގައި މީހުންނަށް ވަޒީފާ ނުލިބިގެން، އެއީ މައްސަލައަކަށްވެގެން މީގެކުރިއަކު އުޅެފައެއްނެތް. އެހެންނަމަވެސް، މިހާރު މިއީ ހަމަ އަޅުގަނޑުމެން ކުރިމަތިލާން ޖެހިފައިވާ، ވަރަށް ބޮޑު އިޖުތިމާޢީ އަދި އިޤްތިޞާދީ މައްސަލައަކަށް މިއޮތީވެފައި. ވަރަށް ގިނަ އަދަދަކަށް ޖީ.ސީ.އީ. އޯލެވެލްގެ އިމްތިޙާނުގައި ބައިވެރިވާ ކުދިން، ނުވަތަ އޭލެވެލްގެ އިމްތިޙާނުގައި ބައިވެރިވާ ކުދިން، ނުވަތަ އެނޫން ފިޔަވަހިތަކުގައި ސްކޫލްތަކުން ކެނޑޭ ކުދިންނާއި، އަދި މިދެންނެވި ޢާންމު ތަޢުލީމުގެ އިތުރަށް، އެކިއެކި ފަންނީ ތަޢުލީމުދޭ މަރުކަޒުތަކުން ނުކުންނަ ކުދިންނާއި، ވަރަށް ގިނަ އަދަދެއްގެ ޒުވާނުން، މިހާރުވަނީ ވަޒީފާއަށް ބޭނުންވެފައި. އެމީހުންނަށް ވަޒީފާ ހޯދައިދެވޭތޯ ސަރުކާރުންވެސް މަސައްކަތްކުރަމުން އެބަގެންދޭ. ސަރުކާރުގެ ވަރަށް ގިނަ ދާއިރާތަކުން އެފަދަ މީހުންނަށް ވަޒީފާ ދެއްވަމުންވެސް ގެންދަވާ. އެކަން އެހެން އޮތްއިރުވެސް، އެ މައްސަލައަށް އަދި މިއޮތީ އެދެވޭ ޙައްލެއްނައިސް. އެއީ ވަޒީފާއަށް އެދޭ މީހުން ގިނަކަމާއި، ހުސްވަޒީފާތައް އަދި ހުރިލެއް މަދުކަމުން.

މިކަމުގައި އަމިއްލަ ފަރާތްތަކުން ވަރަށް ބޮޑު ޙިއްޞާއެއް އަދާކުރައްވަމުން ގެންދަވާ ވާހަކަ އަޅުގަނޑު ދަންނަވާލަން ބޭނުންވޭ. އެއީ، ވަރަށް ކުރިއްސުރެ ރާއްޖެއިންބޭރުގެ އެކި ބޯޓުފަހަރަށް ދިވެހިން ފޮނުއްވުމުގެ މަސައްކަތް ކުރައްވާ، ރާއްޖޭގެ އެކިއެކި އޭޖެންސީތައްވެސް އެބަހުރި. އެ އޭޖެންސީތަކުން ރާއްޖެއިންބޭރުގެ ބޯޓުފަހަރަށް، ބޯޓުދަތުރުކުރާ މީހުންގެ ގޮތުގައި މިހާރުވެސް ދިވެހިން އެބަފޮނުއްވާ. އެކަމުގެ ސަބަބުން، ދިވެހިންގެ ވަރަށް ގިނަ ބަޔަކަށް އާމްދަނީ ލިބި، ވަރަށް ގިނަ ޢާއިލާތަކަކަށް ތަނަވަސްކަން ލިބި، އަދި ޤައުމަށް ފައިދާކުރަމުންއެބަދޭ. އެހެންވީމާ، އެ އޭޖެންސީތަކަށާއި އަދި އެނޫންވެސް ދިވެހިންނަށް ވަޒީފާ ހޯއްދަވައިދެއްވުމުގެ މަސައްކަތުގައި އުޅުއްވާ ހުރިހާ ކުންފުނިތަކަށާއި، އަފުރާދުންނަށް އަޅުގަނޑު މި ފުރުޞަތުގައި ޝުކުރު ދަންނަވަން.

ވަޒީފާގެ މުހިންމުކަން ބޮޑުކަމުން، ސަރުކާރުގެ މިނިސްޓްރީއެއް އެކަމަށް ކަނޑައެޅިފައި އެބަހުރި. އާދެ، އެއީ މިނިސްޓްރީ އޮފް އެމްޕްލޯއިމަންޓް އެންޑް ލޭބަރ. އެ މިނިސްޓްރީންވެސް މިދެންނެވި މަސައްކަތް ވަރަށް ބޮޑަށް ކުރައްވަމުން އެބަގެންދަވާ. އަދި މިހާރު އެ މިނިސްޓްރީން ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި، ވަޒީފާއަށް އެދޭ ފަރާތާއި، ވަޒީފާދޭ ފަރާތާ ގުޅުވައިދެއްވުމުގެ ޚިދުމަތްވެސް ދެއްވަމުން އެބަގެންދަވާ. އާދެ، އެއީ ހުސްވަޒީފާ ބޭނުންވެގެން އެ މިނިސްޓްރީގައި ރަޖިސްޓަރީކުރާ ފަރާތްތަކަށް، އެ މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކުރައްވައިގެން، ވަޒީފާދޭ ފަރާތްތަކާ ގުޅުއްވައިދެއްވަމުން ގެންދަވާ ގުޅުއްވައިދެއްވުން. އެހެންވީމާ، މި ހުރިހާ ކަމަކުންވެސް، އަޅުގަނޑުމެންނަށް ކުރިމަތިލާން ޖެހިފައިމިވާ މައްސަލައަށް އަޅުގަނޑު ހިތުން ކޮންމެވެސްކަހަލަ ޙައްލުތަކެއް ފެނިގެންދާނެކަމަށް އުންމީދުކުރެވޭ.

އާދެ، ރާއްޖޭގައި ވަޒީފާއާބެހޭ އޭޖެންސީތައް ވަރަށް ގިނަ. އެހެންނަމަވެސް، އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާގޮތުގައި، ގިނަ އޭޖެންސީތަކުން މިހާތަނަށް މަސައްކަތްކޮށްފައިވަނީ، ރާއްޖޭގެ ވަޒީފާތަކަށް ބިދޭސީން ގެނައުމަށް. އާދެ، އެއީވެސް ބޭނުންތެރިކަމެކޭ ދަންނަވަންޖެހޭ. ރާއްޖޭގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމުގައި، ތަފާތު ފެންވަރުތަކުގެ، އަދި ތަފާތު ރޮނގުތަކުގެ މަސައްކަތްކުރާ މީހުންނަށްވަނީ ބޭނުންވެފައި. އެހެންވީމާ، ރާއްޖެއިން ލިބެންނެތް އެފަދަ މީހުންގެ ބަދަލުގައި ބޭރުން މީހުން ގެންނަވައިގެން އެ މަސައްކަތްތައް ކުރިޔަށް ގެންދެވުމަކީ ރާއްޖޭގެ ތަރައްޤީއަށް ބޭނުންވެފައިވާ ކަމެއް. އަދި އޭގެ ބޭނުން ވަރަށް ރަނގަޅަށް ހިފެމުންވެސް އެބަދޭ. އެހެންނަމަވެސް އަޅުގަނޑު އެދެނީ، މިދެންނެވި އޭޖެންސީތަކުން އެކުރައްވާ މަސައްކަތްތަކުގެ އިތުރުން، ދިވެހިންނަށް ވަޒީފާ ހޯއްދަވައިދެއްވުމަށްވެސް އެ އޭޖެންސީތަކުންވެސް މަސައްކަތް ކުރައްވަމުން ގެންދެވުމަށް. އެއީ، މިއީ ހަމައެކަނި އެންމެ އޭޖެންސީއަކުން، ދެ އޭޖެންސީއަކުން މަސައްކަތްކޮށްގެން ޙައްލުވާނެ މައްސަލައެއްނޫން. އަދި ސަރުކާރުން މަސައްކަތްކޮށްގެންވެސް ޙައްލުވާނެ މައްސަލައެއްނޫން. މި މައްސަލަ ޙައްލުކުރުމަށްޓަކައި މަސައްކަތްކުރަންޖެހެނީ މުޅި ޤައުމުގެ ފެންވަރުގައި. އާދެ، މާލެއާއި އަތޮޅުތަކުގައި ވަޒީފާއަށް ބޭނުންވާ، އެކަމަކު ވަޒީފާ ނުލިބި ވަރަށް ގިނަ އަދަދެއްގެ މީހުން އެބަތިބި. އެހެންވީމާ، މި މައްސަލައަށް ޙައްލު ހޯދުމުގައި ހުރިހާ ފަރާތްތަކެއްގެ އެއްބާރުލެއްވުމާއި، ޙިއްޞާކުރެއްވުން ވަރަށް ބޮޑަށް މިވަގުތު ވަނީ ބޭނުންވެފައި. އެހެންވީމާ، މި ދެންނެވި އޭޖެންސީތަކުންވެސް ބިދޭސީން ރާއްޖެއަށް ގެންނަވައިގެން އެމީހުންނަށް ވަޒީފާ ހޯއްދަވައިދެއްވުމުގެ އިތުރުން، ދިވެހިންނަށް ވަޒީފާ ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރެއްވުމަކީ، އަޅުގަނޑުގެ ވަރަށް ބޮޑު އިލްތިމާސެއް.

އާދެ، ދިވެހިންނަށް ވަޒީފާ ހޯދައިދިނުމުގައި، އަދި ޚާއްޞަކޮށް، ބޭރު ޤައުމުތަކުން ދިވެހިންނަށް ވަޒީފާ ހޯދައިދިނުމުގައި، އަޅުގަނޑުމެން ވިސްނަންޖެހޭ ކަންތައްތަކެއް އެބަހުރި. އާދެ، އޭގެތެރޭގައި އެމީހުން ވަޒީފާ އަދާކުރަން އެދާ ކުންފުނީގެ ޙާލަތު ދެނެގަތުމާއި، ވަޒީފާ އަދާކުރަންދާ މާޙައުލުގައި ކަންތައްތައް ހުރިނެތްގޮތާއި، އެ ޤައުމެއްގެ އިޤްތިޞާދީ އިޖުތިމާޢީ ކަންތައްތައް ހުރިނެތްގޮތް ބެލުމާއި އަދި އެ ވަޒީފާއަށް ދަނީ ރާއްޖޭގެ ވަޒީފާއާބެހޭ ގަވާއިދުގައިވާ ގޮތުގެމަތިން އެގްރީމަންޓް ކުރެވިގެން، އެ ވަޒީފާއަށްދާ މީހުންނަށް އެކަށީގެންވާ ޙައްޤުތަކަކާއި، ޢިނާޔަތްތަކެއް ލިބިދެވޭގޮތަށްތޯ ބެލުމާއި، މިކަންކަން ކުރުމަކީ އަޅުގަނޑު ހިތުން ވަރަށް މުހިންމު ކަމެއް. އާދެ، އަޅުގަނޑުމެން ރާއްޖެއިން ބޭރަށް ވަޒީފާ އަދާކުރުމަށް ބަޔަކު ފޮނުވާލީމާ، އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތް ކުރެވުނީކަމަށް ނުވަތަ ނިމުނީކަމަށް ބަލައިގެނެއްނުވާނެ. އެމީހުންނަށް ވާނުވާގޮތް ބަލަންޖެހޭނެ. އެމީހުންނަށް ދިމާވަނީ ކޮންކަހަލަ މައްސަލަތަކެއްތޯ ބަލައި، އެކަންތައްތައް ޙައްލުކޮށްދެވޭތޯވެސް ބަލަންޖެހޭނެ.

އެހެން މިދަންނަވަންޖެހޭ ސަބަބަކީ، ރާއްޖެއިން ބޭރުގައި ވަރަށްމަދު ޤައުމެއްގައިނޫނީ، ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަނެއް ނުވަތަ އެމްބަސީއެއް ނުވަތަ ކޮންސިއުލަރ މަސައްކަތްކުރާ އޮފީހެއް ނެތް. ރާއްޖޭގެ އެފަދަ ތަނެއް ނެތް ޤައުމުތަކަށްވެސް ދިވެހިން ވަޒީފާ އަދާކުރަން އެބަދޭ. އެފަދަ ޤައުމުތަކަށްދާ ދިޔުމުގައި ދިމާވާ މައްސަލައެއް ޙައްލުކުރުމުގައި، އެފަދަ ތަނެއްގައި ދިވެހި ސަރުކާރުގެ ފަރާތެއް ނުހުންނާނެ. އެހެންނަމަވެސް، ހާލުގައިޖެހޭ މީހުން ތިބޭނެ. އެކިގޮތްގޮތް ދިމާވާމީހުން ތިބޭނެ. އެކަމަކު އެމީހުންނަކީ ދިވެހިންކަމަށްވާތީ، އެމީހުންނަށް އަޅުގަނޑުމެން ގޮތްތަކެއް ހޯދައިދޭން އެބަޖެހޭ. އެމީހުންނަށް ދިމާވާ މައްސަލަތައް ޙައްލުކޮށްދޭންވެސްޖެހޭ. އެހެންވީމާ، ރާއްޖެއިންބޭރަށް ވަޒީފާއަށް ފޮނުވާ މީހުންނަށް ވާނުވާގޮތް ބަލައި، އެމީހުންނަށް ދިމާވާ މައްސަލަތައް ޙައްލުކޮށްދިނުމުގައިވެސް އަޅުގަނޑުމެން ވަރަށް މުހިންމު ބައެއް އަދާކުރަންޖެހޭކަން އަޅުގަނޑުހިތުން އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނެ.

އާދެ، ރާއްޖެއަށް ވަޒީފާގައި މިއަންނަ ބިދޭސީންނަށް ދިމާވާ މައްސަލައެއްގެ ވާހަކަވެސް މިފުރުޞަތުގައި ދަންނަވާލުމަކީ، އަޅުގަނޑުހިތުން މުހިންމު ކަމެއް. އެއީ ރާއްޖޭގެ ވަރަށް ގިނަ ފަރާތްތަކުން ރާއްޖެއަށް ބިދޭސީން އެބަގެނޭ. އެކަމަކު އެމީހުންނަށް މުސާރަދިނުމުގައި ނުވަތަ އެމީހުންނަށް ދޭންވާ ޢިނާޔަތްތައް ދިނުމުގައި، ބައެއް ފަރާތްތަކުން ވަރަށް ބޮޑަށް ފަސްޖެހެމުން އެބަދޭ. އޭގެސަބަބުން، ވަރަށް ގިނަ ބިދޭސީންނަށް މުސާރަ ނުލިބިގެން، ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީއަށް އެކަމުގެ ޝަކުވާ ހުށަހަޅަމުން އެބަގެންދޭ. އެއީ އަޅުގަނޑުހިތުން ވަރަށްދެރަ ކަމެއް. ބަޔަކުމީހުންނަށް ވަޒީފާ ދިނުމަށް އެގްރީމެންޓްކޮށްގެން ގެނެސް، އެމީހުންނަށް ވަޒީފާ ދިނުމަށްފަހުގައި، މުސާރަ ނުދިނުމަކީ އެއްގޮތަކަށްވެސް ވެގެންވާނެގޮތެއްނޫން. އަދި ކޮށްގެންވާނެ ކަމެއްވެސްނޫން. މީހަކަށް ވަޒީފާއެއް ދޭކަމަށްވަންޏާ، އަދި އެމީހާ ވަޒީފާ އަދާކުރާކަމަށްވަންޏާ، އެމީހާއަށް ދޭންޖެހޭ މުސާރަ، ގަވާއިދުން ދޭންޖެހޭނެ. އެ މުސާރަ ނުދިނުމަކީ ވަރަށްދެރަ، ވަރަށް ހިތާމަހުރި ކަމެއް.

އެހެންވީމާ، އަޅުގަނޑު އެދެނީ، ބިދޭސީން ރާއްޖޭގެ ވަޒީފާއަށް ގެންނަވާ ހުރިހާ ފަރާތްތަކުންވެސް އެއީ ސަރުކާރުގެ ފަރާތްތައް ކަމަށްވިޔަސް، ސަރުކާރުގެ ކުންފުނިތައް ކަމަށްވިޔަސް ނުވަތަ އަމިއްލަ ފަރާތްތައް ކަމަށްވިޔަސް، އެމީހުންނަށް ދޭންޖެހޭ މުސާރަ ގަވާއިދުން ދެއްވަމުން ގެންދެވުން. އެމީހުންނަށް ދޭންޖެހޭ ޢިނާޔަތްތައް ގަވާއިދުން ދެއްވަމުން ގެންދެވުން. އެހެން ނަހައްދަވައިފިއްޔާ، ބޭރު ޤައުމުތަކުގެ ކުރިމަތީގައި، ރާއްޖެ ވަނީ ވަރަށް ބޮޑު ބަދުނާމެއް. އެކަމުން ރާއްޖޭގެ އަގުވެއްޓެނީ. މިކަމަކީ އަޅުގަނޑުހިތުން އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހަކު އެދޭނެ ކަމެއްނޫން.

އާދެ، އަޅުގަނޑު ދެންމެ ދަންނަވާލިން، ވަޒީފާގެ ބާޒާރުގައި ކަންތައް ހުރިނެތްގޮތާ ބެހޭގޮތުން އަޅުގަނޑު އެއްޗެއް ދަންނަވާލަން ބޭނުންވެޔޭ. އާދެ، ކުރިން ދެންނެވިހެން، މި މައްސަލައަކީ މިއަދު އަޅުގަނޑުމެންނަށް އެކަށީގެންވާ ޙައްލެއް ހޯދަން ޖެހިފައިވާ މައްސަލައެއް. އާދެ، ވަރަށް ގިނަ ޢަދަދަކަށް އެކިއެކި ވަޒީފާތަކަށް ރާއްޖެއަށް ބިދޭސީން އެބަގެނެވޭ. އެންމެފަހުގެ މަޢުލޫމާތު ބުނާގޮތުންވެސް ތެއްތިރީސްހާސް މީހުން ނުވަތަ އެއަށްވުރެ ގިނަ އަދަދަކަށް، ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރަމުން އެބަގެންދޭ. އެކަން އެހެންވަމުންދާއިރު، ރާއްޖޭގައި ވަޒީފާ ނުލިބިފައި، ވަރަށް ގިނަ ޢަދަދަކަށް ދިވެހިން އެބަތިބި. އެހެންވީމާ، މިދޭތެރޭގައި ކޮންމެވެސްކަހަލަ ހަމަނުޖެހުމެއް، ކޮންމެވެސްކަހަލަ މައްސަލައެއް، އާދެ، ވިސްނައިގަންނަންދަތިކަމެއް އެބައުޅޭ.

މިހެން މިދެންނެވީ، ބިދޭސީން ބޭނުންވެގެން ސަރުކާރުގެ އެކި ފަރާތްތަކުން އެދިވަޑައިގަތީމާ، ނޫނީ އެކިފަރާތްފަރާތުން ނޫހުގައި ޖައްސަވައި އިޢުލާނުކުރެއްވީމާ، ތިޔަވަޒީފާ ދިވެހިންނަށް ނުދެއްވަނީ ކީއްވެގެންތޯ އަޅުގަނޑުމެން އެބަ ސުވާލުކުރަމު. އޭގެ ޖަވާބުގައި ވިދާޅުވަނީ، އެ ވަޒީފާތަކަށް ދިވެހިން ނުލިބެނީކަމަށް. އިޢުލާނުކޮށްގެންވެސް މީހަކު ކުރިމަތިނުލީކަމަށް. ނުވަތަ އެ ވަޒީފާ އަދާކުރާނެ މީހަކު އެއްވެސްގޮތަކަށް ނުހޯއްދެވުނީކަމަށް. އެހެންވީމާ، އެ ވަޒީފާތައް ބިދޭސީންނަށް ދެއްވަން މިޖެހެނީ އެވަޒީފާތަކަށް ދިވެހިން ނުލިބޭތީކަމަށް. އެއީ އެއްކޮޅުން އިވޭ ވާހަކަ. އަނެއްކޮޅުން އިވޭ ވާހަކައަކީ، ވަރަށް ގިނަ ދިވެހިންނަށް ވަޒީފާ ނުލިބިގެން ތަންތަނަށް ދާވާހަކަ. ބައެއް ޢާއިލާތަކުގެ މީހުން އަޅުގަނޑުގެ އެޕޮއިންޓްމަންޓަށް އެދިގެން އައިސް އެވާހަކަ އެބަދައްކާ. އެމީހުން ބުނަނީ، ތިމަންނާމެންގެ ދަރިން މިވެނި ހިސާބަކަށް ކިޔަވާފައި، މިހާރު އެތިބީ ވަޒީފާއެއް ނުލިބިފައޭ. އެހެންވީމާ، އެމީހުން އެދެނީ، އެމީހުންގެ އެދަރީންނަށް ކޮންމެވެސްކަހަލަ ވަޒީފާއެއް ހޯދައިދިނުމަށް. ކޮންމެއަކަސް، މި ދެ ކަންތަކުގައި އެބައުޅޭ ވިސްނައިގަންނަންދަތި ކޮންމެވެސްކަހަލަ ކަންތައްތަކެއް. މިކަން މިގޮތަށް ދިމާވަމުންދާތީ، އަޅުގަނޑަށް ހީވަނީ، މިކަމަކީ ވަރަށް ބޮޑަށް އަޅުގަނޑުމެން ވިސްނައި ދިރާސާކުރަން ޖެހިއްޖެކަމެއްހެން. އެހެންވީމާ، މިނިސްޓަރ އޮފް އެމްޕްލޯއިމަންޓް އެންޑް ލޭބަރާ އަޅުގަނޑު މަޝްވަރާކޮށްފައި މިވަނީ، މިކަންތައްތައް ދެނެގަނެ، އަދި ރާއްޖޭގެ ވަޒީފާގެ ހާލަތު މިހާރު އޮތްގޮތާއި، ވަޒީފާ އަދާކުރަން ބޭނުންވާ މީހުންނަށް އިތުރު ވަޒީފާ ލިބޭނެގޮތްތައް ހޯދައިދިނުމާއި، މިކަމުގައި ދިމާވާ އެކިއެކި މައްސަލަތައް އެކަށީގެންވާ ރަނގަޅު ގޮތެއްގެމަތިން ޙައްލުކުރުމަށްޓަކައި ގިނަބައެއްގެ ޚިޔާލު ހޯދުމުގެ މައްޗަށް.

އާދެ، ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ވަރަށް ގިނަ ކަންތައްތަކުގައި އަޅުގަނޑުމެން އެކިއެކި ޤައުމީ ފެންވަރުގެ ބައްދަލުވުންތައް މިހާރުވަނީ ބާއްވާފައި. އޭގެ މިސާލެއްގެ ގޮތުން ދަންނަވަންޏާ، އަންހެނުންނާބެހޭ ކަންތައްތައް ތަރައްޤީކުރުން، ޒުވާނުންނާބެހޭ ކަންތައްތައް، ކުޑަކުދިންނާބެހޭ ކަންތައްތައް، ތިމާވެށްޓާބެހޭ ކަންތައްތައް، އަދި މިނޫންވެސް ވަރަށް ގިނަ ކަންތައްތަކުގައި އަޅުގަނޑުމެން އެކިފަހަރުމަތިން، އެކިއެކި ޤައުމީ ބައްދަލުވުންތައް ބާއްވައިގެން، ވަރަށް ބޮޑަށް އެކަންކަމާ ދޭތެރޭގައި ވިސްނައި، ތަފާތު ގިނަ މީހުންގެ ޚިޔާލާއި މަޝްވަރާ ވަނީ ހޯދާފައި. އަދި އެކަންތައްތައް ކުރިޔަށް ގެންދިއުމަށްޓަކައި، އެކިއެކި އެކްޝަން ޕްލޭންތައް ރާވައިގެންވެސް ވަނީ ހިންގާފައި. އެހެންވީމާ، އެގޮތުން އަޅުގަނޑަށް ހީވަނީ، ރާއްޖޭގެ ވަޒީފާގެ ކަންތައްތަކާ ބެހޭގޮތުން މި ދެންނެވި އުސޫލުން ވާހަކަދައްކައި، ގިނަ ބައެއްގެ ޚިޔާލާއި މަޝްވަރާ ހޯދައި، އަދި އެކަމަށް އެކަށީގެންވާ ޙައްލުތަކެއް ހޯދުމަށްޓަކައި، ޤައުމީ ފެންވަރުގެ ބައްދަލުވުމެއް މިހާރު އަޅުގަނޑުމެން ބާއްވަންވެއްޖެހެން.

އެހެންވީމާ، އަޅުގަނޑު އެދެނީ، މިނިސްޓްރީ އޮފް އެމްޕްލޯއިމަންޓް އެންޑް ލޭބަރުން އިސްނަންގަވައިގެން، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރައްވައިގެން، އަދި އަމިއްލަ ފަރާތްތަކާވެސް މަޝްވަރާ ކުރައްވައިގެން، މިކަހަލަ ބައްދަލުވުމެއް ތައްޔާރުކުރެއްވުން. އަދި އެ ބައްދަލުވުމަކުން ނިމޭ ކަންތައްތައް ސަރުކާރަށް އެނގުނީމާ، އެއާ އެއްގޮތަށް ޢަމަލުކޮށްގެންނަމަވެސް، މި މައްސަލައަށް އެކަށީގެންވާ ޙައްލެއް ހޯދޭތޯ މަސައްކަތް ކުރަމުން ގެންދިއުން އެއީ އަޅުގަނޑު ވަރަށް އެދޭ ކަމެއް.

އާދެ، އަޅުގަނޑުމެން ބައެއް މުހިންމު ކަންތައްތައް، އެކަމުގެ މުހިންމުކަން ވަޒަންކުރުމަށާއި، މީހުންގެ ހޭލުންތެރިކަން އެކަމަށް ގެނައުމަށާއި، މުޅި ޤައުމުގެ ސަމާލުކަން ހޯދައިގަތުމަށްޓަކައި އެކި ދުވަސްދުވަހާއި އަހަރުއަހަރު ފާހަގަކުރަމުން އެބަގެންދަމު. އެހެންވީމާ، އެއީވެސް އަޅުގަނޑަށް ހީވަނީ، އަޅުގަނޑުމެންނަށް ކުރެވިދާނެ ކަމެއްހެން. އާދެ، މިކަމާބެހޭ ދުވަހެއް، ނުވަތަ އަހަރެއް، ނުވަތަ ކަމާބެހޭ ފަރާތްތަކުން މަޝްވަރާ ކުރައްވައިގެން ހަމަޖެހޭ މުނާސަބަތެއް ފާހަގަކުރުން. އޭރުންވެސް ވަރަށް ގިނަ ބަޔަކަށް މިކަމުގައި އެކުލެވޭ ކަންތައްތައް ވިސްނި، އަނެއްކާ މިއީ އަޅުގަނޑުމެން އެންމެން ސަމާލުކަން ދޭންޖެހިފައިވާ ކަމެއްކަން ދެނެގަނެވި، ކުރިމަގުގައި އެކަމަށް މަގުތަކެއް ފެނިގެން ހިނގައިދާނެ.

އާދެ، އަޅުގަނޑުހިތުން މިވާހަކަތައް މިރޭ ދައްކާލުމަކީ ހަމަ ވަރަށް މުހިންމު ކަމެއް. އެހެންވީމާ، އަޅުގަނޑު އެވާހަކަ ތިޔަބޭފުޅުންގެ ސަމާލުކަމަށް މިގެނައީ. އާދެ، އަލަށް މިހުޅުވުނު ކުންފުނިން އާދެ، އަލަށް ހުޅުވުނޭ ދަންނަވާކަށް ރަނގަޅެއްނޫންކަންނޭނގެ. މިހާރު މި ކުންފުނި ހިނގަމުންދާތާ އެގާރަމަސްދުވަސް ވެއްޖެ. އަޅުގަނޑަށް ވަގުތެއް ނުވެގެން ރަސްމީގޮތުން އިފްތިތާޙު ނުކުރެވިގެން މިދިޔައީ. އެހެންނަމަވެސް، މިރޭ އެ އުފާ އަޅުގަނޑަށް މިވަނީ ލިބިފައި. އެހެންވީމާ، އެ ކުންފުނިން، މިހާރު ކުރައްވަމުން އެގެންދަވާ މަސައްކަތްތަކަށްޓަކައި އަދިވެސް އެއްފަހަރު އެ ޚިދުމަތްތަކުގެ އަގު ވަޒަންކޮށް، ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި މިދާއިރާގައި މަސައްކަތް ކުރައްވާ އަމިއްލަ އެހެން ކުންފުނިތަކުން އެކުރައްވާ މަސައްކަތްތަކުގެ އަގު ވަޒަންކޮށް، އެފަރާތްތަކަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

އަޅުގަނޑު އެދެނީ، اللّـه سبحـانـه وتعـالى އަޅުގަނޑުމެން ދިވެހިން ކުރާ މަސައްކަތްތަކުގައި އެކަލާނގެ ބަރަކާތްލައްވައި، ރާއްޖޭގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގައި އާ މަގުތަކެއް ކޮށުމުގެ ވިސްނުމާއި، ހުނަރުވެރިކަމާއި، ތައުފީޤު އެކަލާނގެ އަޅުގަނޑުމެންނަށް ދެއްވުން. އަދި ދިވެހި ސަރުކާރާއި ރައްޔިތުން ގުޅިގެން ކުރަމުން މިގެންދާ ހުރިހާ މަސައްކަތްތަކެއްގައި އެކަލާނގެ ބަރަކާތްލައްވައި، ދިވެހި ޤައުމަށް ފައިދާހުރި ގޮތްތަކެއް މެދުވެރިކޮށްދެއްވުން.

والسّلام عليكم ورحمـة اللّـه وبركاته.