بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء وسيّدالمرسلين، وعلـى آلـه وأصـحابه أجمـعـين.

އާދެ، މި އުފާވެރި ޙަފްލާގައި، ސިފައިންގެ އަހަރީ ދުވަހުގެ މުނާސަބަތުގައި، އަޅުގަނޑުގެ އެންމެ އުފާވެރި ވާޖިބަކީ، ތިޔަ ހުރިހާ ބޭފުޅުންނަށް މި މުނާސަބަތުގެ ތަހުނިޔާއާއި މުބާރަކްބާދީ ދެންނެވުން. ވަކިން ޚާއްޞަކޮށް، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަދި ސިފައިންގެ ވެރިޔާގެ ނައިބު އަލްފާޟިލް ޢަންބަރީ ޢަބްދުއްސައްތާރަށާއި، އެން.އެސް.އެސް. ގެ ޗީފް އޮފް ސްޓާފް ބްރިގޭޑިއަރ މުޙައްމަދު ޒާހިރަށާއި، ކޮމިޝަނަރ އޮފް ޕޮލިސް ބްރިގޭޑިއަރ އާދަމް ޒާހިރަށާއި، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ވެރިންނަށާއި، އެން.އެސް.އެސް.ގެ އޮފިސަރުންނަށާއި، ސިފައިންގެ އެކި ރޭންކުތަކުގައި ތިއްބެވި ބޭކަލުންނަށާއި، ބޭކަނބަލުންނަށާއި އަދި ސިފައިންގެ ޢާއިލާތަކަށް މި މުނާސަބަތުގެ އިޚްލާޞްތެރި ތަހުނިޔާއާއި މުބާރަކްބާދީ ދެންނެވުމަކީ މިރޭ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަދި މިރޭގެ މި ޖަލްސާގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަދި ސިފައިންނާއި ފުލުހުންގެ އެންމެ މަތީ ވެރިޔާގެ ނައިބު އަލްފާޟިލް ޢަންބަރީ ޢަބްދުއްސައްތާރުގެ ވާހަކަފުޅުގައި އަޅުގަނޑާ ބެހޭގޮތުން ވިދާޅުވި އިޚްލާޞްތެރި ބަސްފުޅުތަކަށްޓަކައި، އެމަނިކުފާނަށް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި އޭނާ އެ ފާޅުކުރެއްވި ޝުޢޫރުތަކަކީ، ތިޔަ ހުރިހާ ބޭފުޅުންގެ ފަރާތްޕުޅުން ފާޅުކުރެއްވި ޝުޢޫރުތަކެއް ކަމަށްވާތީ، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، މިރޭގެ މި ޖަލްސާގައި މަގާމުގެ ކުރިއެރުން ލިބިވަޑައިގެންނެވި އޮފިސަރުންނަށާއި، ޝަރަފުގެ ނިޝާން ލިބިވަޑައިގެންނެވި އޮފިސަރުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވަން. އަދި ދެންމެ މިތާނގައި އިޢުލާނުވެގެން އެދިޔަ ފަދައިން، ވަރަށް އަވަހަށް، ސިފައިންގެ އޮފިސަރުންގެ ތެރެއިން މަތީ ރޭންކުތަކުގެ ބޭފުޅުންނަށް މަޤާމުގެ ކުރިއެރުން ލިބިވަޑައިގަންނަވާގޮތަށް ހަމަޖެހިފައިއޮތުމާއެކުގައި، އެ ބޭފުޅުންނަށްވެސް މި ފުރުޞަތުގައި އަޅުގަނޑު ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަން. ހަމަ އެހެންމެ، މިރޭގެ މި އުފާވެރި ޖަލްސާގައި، ބަޑި މުބާރާތުން އެކި ވަނަތައް ހާސިލުކުރެއްވި އެން.އެސް.އެސް.ގެ ބޭކަލުންނަށާއި، ޔުނިޓުތަކަށް މުބާރަކްބާދީ އަދާކުރުމަކީވެސް އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ހަމައެޔާއެކީގައި، ސިފައިންގެ އަހަރީ އިންސްޕެކްޝަނުން ސިފައިން ނިދާ ފެންޑާތަކުން އެއްވަނައަށް އައި ފެންޑާއަށްވެސް މުބާރަކްބާދީއާއި ތަހުނިޔާ އަދާކުރުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އުފަލެއް.

އާދެ، މި ދާއިރާއަށް ވަރަށް ދިގު މުއްދަތެއްގައި ޚިދުމަތްކޮށްދެއްވުމަށްފަހު، މި ދާއިރާއިން މިހާރު ބަދަލުވެވަޑައިގެންނެވި ނުވަތަ ވަކިވެވަޑައިގެންނެވި ދެ ބޭފުޅަކަށް މި ޖަލްސާގައި ޝުކުރު ދަންނަވާލުމަކީވެސް އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އާދެ، އޭގެތެރެއިން އެއް ބޭފުޅަކީ، އަލްފާޟިލް އިބްރާހީމް މުޙައްމަދު މަނިކު. އޭނާއަކީ 44 އަހަރަށްވުރެ ދިގު މުއްދަތެއްގައި ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ޑިފެންސް މިނިސްޓްރީއަށާއި، ދިވެހި ސަރުކާރަށާއި، ރައްޔިތުންނަށް ކޮށްދެއްވާފައިވާ ބޭފުޅެއް. އަނެއް ބޭފުޅަކީ، ކާނަލް އަޙްމަދު ޒާހިރު. ކާނަލް އަޙްމަދު ޒާހިރަކީ 34 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސިފައިންގެ ތެރޭގައި ވަރަށް ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ޚިދުމަތްކޮށްދެއްވާފައިވާ ބޭފުޅެއް. އެހެންކަމުން، މި ދެ ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަންކޮށް، ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުންނާއި އަދި ސިފައިންނާއި ފުލުހުންގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުންނާއި އަދި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ހައިސިއްޔަތުން އެ ދެ ބޭފުޅުންނަށް ޙައްޤުވެގެންވާ ޝުކުރު އަޅުގަނޑު އެ ބޭފުޅުންނަށް އަދާކުރަން.

އާދެ، ސިފައިންނަކީ ވަރަށް މުހިންމު ޤައުމީ މަސްއޫލިއްޔަތުތަކެއް އެބައެއްގެ ކޮނޑުގައި އެޅިފައިވާ ބައެއް. އޭގެތެރޭގައި، ވަރަށް މުހިންމު ދެކަމެއް އަޅުގަނޑު ދަންނަވާލާނަން. އެއްކަމަކީ، ޤައުމުގެ މިނިވަންކަމާއި، އަމަންއަމާންކަމާއި، މަޞްލަޙަތު ދެމެހެއްޓުން. އެއީ، ޝައްކެއްނެތްގޮތުގައި ވަރަށް މުހިންމު، ވަރަށް މަތިވެރި ޤައުމީ މަސްއޫލިއްޔަތެއް އަދި ވާޖިބެއް. ދެވަނަ ކަމަކީ، ރައްޔިތުންގެ ސަލާމަތާއި، ހަމަޖެހުމާއި، ޤައުމުގައި ޤާނޫނީގޮތުން އުފެދިފައި އޮންނަ ވެރިކަން ޙިމާޔަތްކުރުން. މިއީވެސް ވަރަށް މުހިންމު ޤައުމީ މަސްއޫލިއްޔަތެއް.

ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، ރާއްޖޭގައި ޤާނޫނީ ވެރިކަމެއް ޤާއިމުވުމަށްފަހުގައި އާދެ، އެއީ 1932 ވަނަ އަހަރު، ރާއްޖޭގައި އެންމެ ފުރަތަމަ ޤާނޫނުއަސާސީއެއް އިޢުލާނުކުރެވުނީ. އެދުވަހުން ފެށިގެން ހިނގަމުން މި އަންނަ ވެރިކަމަށް މި ކިޔަނީ، ޤާނޫނީ ވެރިކަމޭ. އެއީ ޤާނޫނުއަސާސީ ބުނާގޮތުގެ މަތިން އިންތިޚާބުކުރެވޭ ރަސްކަލަކު ނުވަތަ ރައީސަކު ހުންނަވައިގެން ހިންގާ ވެރިކަމެއް. އޭގެ އިތުރުން، ޤާނޫނުއަސާސީ ބުނާ ގޮތެއްގެމަތިން ރައްޔިތުންގެ މަޖިލީހެއް އިންތިޚާބުކޮށްގެން، އެ މަޖިލީހުގެ ދައުރެއްވެސް ވަރަށް ބޮޑަށް އެކުލެވިފައިވާ ވެރިކަމެއް. މިކަން ރާއްޖޭގައި އިރާދަކުރެއްވީތީ މި ކުރަމުން އަންނަނީ، ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން. 1932 ވަނަ އަހަރުން ފެށިގެން މިއަދާހަމައަށް އެއްވެސްކަހަލަ ޣައިރުޤާނޫނީ ވެރިކަމެއް ރާއްޖޭގައި ހިނގާފައެއްނެތް. ކޮންމެ ވެރިކަމެއްވެސް ހިނގާފައިވަނީ، ޤާނޫނުއަސާސީ ބަޔާންކުރާގޮތުގެމަތިން. އެހެންވީމާ، މިއީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ފަޚުރެއް. މިފަދަ ވެރިކަމެއް އޮތުމަކީ، ޤައުމުގެ ހަމަޖެހުމާއި މަޞްލަޙަތަށްޓަކައި، ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމެއް. އަޅުގަނޑުމެންނަށްވުރެ މާކުރީގައިވާ ބައެއް ޤައުމުތަކުގައިވެސް މިނޫން ގޮތްގޮތަށް ކަންތައް ހިނގާފައި އެބަހުރޭ. ޤާނޫނީނޫން ވެރިކަންތައް، ވެރިކަމުގެ ބާރު ކޮންމެވެސްބަޔަކު އަތުލައިގަނެގެން، ވެރިކަން ހިންގާ ތަންތަންވެސް އަޅުގަނޑުމެންނަށް ފެނިފައި އެބަހުރި. މިހާރުވެސް ފެންނަމުންދޭ. އެހެންނަމަވެސް، އެއީ ޤާނޫނާ ޚިލާފަށް ކުރެވޭ ކަންތައްތަކެއް. އެއީކީ ޤާނޫނީ ބާރު ލިބިގެންވާ ކަންތައްތަކެއް ނޫން.

ރާއްޖޭގައި މިއޮތް އަމަންއަމާންކަމާއި ހަމަޖެހުމާއި މަޞްލަޙަތު ރައްކާތެރިވުމުގައި އެންމެ ބޮޑު ބައެއް ކުޅެފައިވާ ކަމަކީ، އަޅުގަނޑުމެން އެންމެންނަކީ ޤާނޫނުގައިވާގޮތުގެމަތިން ޢަމަލުކުރަމުންދާ ބަޔަކަށްވާކަން. ރާއްޖޭގެ ވެރިންވެސް މި އިންތިޚާބުކުރެވެނީ ޤާނޫނުގައިވާގޮތުގެމަތިން. މާނައަކީ، ރައްޔިތުން އިންތިޚާބުކުރާ ބަޔަކު، ރައްޔިތުންގެ ވެރިކަމުގައި ތިބެނީ. އެއީ ރައްޔިތުން އިންތިޚާބުކުރާ މީހަކީ، ވަކި ދައުރުތަކެއްގައި ރަސްކަލަކަށްވިޔަސް، އަދި އޭގެފަހުގެ ދައުރުތަކުގައި ރައީސުލްޖުމްހޫރިއްޔާ އަކަށްވިޔަސް، އެއިން ކޮންމެ މީހަކުވެސް މަގާމާ އެ ހަވާލުވަނީ، ރައްޔިތުން އެމީހަކާ އެމަގާމު ހަވާލުކުރީމާ. އެމީހަކު ވެރިކަމުގައި ދެމިހުންނަނީ، ރައްޔިތުންގެ ތާއީދު ލިބިގެން. ރައްޔިތުން އެގޮތް ބޭނުންވާތީ. އެހެންވީމާ، ރާއްޖޭގައި އޮންނަ ޤާނޫނީ ވެރިކަން ޙިމާޔަތްކޮށް ދެމެހެއްޓުމަކީ، ދިވެހި ރައްޔިތުންގެ ސަލާމަތާއި، ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށްޓަކައި ވަރަށް ބޭނުންކަމެއް. އެކަން މި އޮތްހާ ޒަމާނުގައިވެސް ވެގެން މިދިޔައީ މިހެން. އެކަމަށްޓަކައި އަޅުގަނޑުމެން އެންމެން اللّـه سبحـانـه وتعـالٰى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރުން ވާޖިބު. ހަމައެހެންމެ، އަޅުގަނޑުމެންނަށް އެ ދެއްވި މަތިވެރި ރަޙްމަތް އެގޮތުގައި ދެމިއޮންނާނީ، އަޅުގަނޑުމެން މިކަންކަމަށް ވިސްނައިގެން، ޤާނޫނުގައިވާ ގޮތުގެމަތިން ކަންތައްތައް ކުރަމުން ގެންދިޔައިއްޔާކަން އަޅުގަނޑުމެން އެންމެން ޤަބޫލުކޮށް، އެ ގޮތުގެމަތިން އަޅުގަނޑުމެންޖެހޭނެ ޢަމަލުކުރަން.

އާދެ، މިދެންނެވި ބޮޑު ޤައުމީ މަސްއޫލިއްޔަތު އަދި ވާޖިބު ސިފައިން އަދާކުރަމުން ގެންދާއިރު، ސިފައިންގެ ތަޞައްވުރު ރަނގަޅުކުރުމަކީވެސް ހަމަ ކޮންމެހެން ބޭނުންކަމެއް. އެއީ އަޅުގަނޑުމެން ވަރަށް ބޮޑު ސަމާލުކަމެއް ދޭންޖެހޭނެކަމެއް. ސިފައިންގެ ތަޞައްވުރު، އާދެ، އެއީ ޢާންމުންގެ ކުރިމަތީގައި، ޤައުމުގެ ކުރިމަތީގައި، އަދި ހަމައެހެންމެ، އެހެން ޤައުމުތަކުގެ ކުރިމަތީގައިވެސް ދިވެހި ސިފައިންގެ ތަޞައްވުރު ރަނގަޅުކުރެވޭނީ އަދި އެގޮތުގައި ދެމެހެއްޓޭނީ، ބައެއް މުހިންމު ކަންތައްތަކަކަށް އަޅުގަނޑުމެން ސަމާލުކަންދީގެން. އާދެ، އޭގެތެރެއިން ބައެއް ކަންތައްތައް އަޅުގަނޑު ދަންނަވާލާނަން. އޭގެތެރެއިން އެއްކަމަކީ، ސިފައިންނަކީ ޤާނޫނުތަކާއި ގަވާއިދުތަކަށް ޙުރްމަތްތެރިކޮށްހިތައި އަދި ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ޢަމަލުކުރަމުންގެންދާ އަދި ރައްޔިތުންނަށް އެހީތެރިވެދޭ، ރައްޔިތުންނަށް ރީތި ނަމޫނާއެއް ދައްކާ ބަޔަކަށްވުން. މިއީ އަޅުގަނޑުހިތުން ވަރަށް މުހިންމު ކަމެއް.

ސިފައިން އުފެދިފައި މި އޮންނަނީ، ޤާނޫނާއި ގަވާއިދު ރައްކާތެރިކުރުމަށް. ޤާނޫނާއި ގަވާއިދު ޙިމާޔަތްކުރުމަށް. ރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތާއި، އަމަންއަމާންކަމާއި، ޞުލްޙަމަޞްލަޙަތު ރައްކާތެރިކުރުމަށް. އެފަދަ މުހިންމު ޤައުމީ ވާޖިބެއް އަދާކުރަންޖެހޭ ބަޔަކު، އަދާކުރަންތިބޭ ބަޔަކު ވާންޖެހޭނީ، ޤާނޫނާއި ގަވާއިދަށް ޙުރްމަތްތެރިކޮށްހިތާ ބަޔަކަށް. އަދި ޤާނޫނާއި ގަވާއިދާ އެއްގޮތަށް ޢަމަލުކުރާ ބަޔަކަށް.

ދިވެހި ސިފައިންގެ ތަޞައްވުރު ޢާންމުންގެ ކުރިމަތީގައި މިހާރު ރަނގަޅުވަމުން މިއަންނަނީ. އާދެ، އަޅުގަނޑު އުފަލާއެކު ދަންނަވަންޖެހެނީ، ކުރިޔާ އަޅައިބަލާއިރު ސިފައިންގެ ތަޞައްވުރު މިހާރު މިއޮތީ ވަރަށް ބޮޑުތަން ރަނގަޅުވެފައޭ. ރަނގަޅުވުމުގެ އެންމެ ބޮޑު ސަބަބަކީ، ސިފައިންނަކީ ޤާނޫނާއި ގަވާއިދަށް ޙުރްމަތްތެރިކޮށްހިތާ ބަޔަކަށްވާކަން. ޤާނޫނާއި ގަވާއިދާ އެއްގޮތަށް ކަންތައް ކުރަމުންގެންދާ ބަޔަކަށްވާކަން. އަދި އެގޮތުގައި ރައްޔިތުންނަށް ރީތި ނަމޫނާއެއް ދައްކާ ބަޔަކަށްވާކަން. އާދެ، އެއީ އަޅުގަނޑުމެން ވަރަށް ބޮޑު ސަމާލުކަމެއް ދޭންޖެހޭނެ، އަބަދުވެސް ދޭންޖެހޭނެ އެއްކަމެއް.

އަނެއްކަމަކީ، ސިފައިންގެ އެންމެންނަކީވެސް އާދެ، އެންމެ މަތީ އޮފިސަރުން ފެށިގެން، އެންމެ އާދައިގެ ރޭންކާ ހަމައަށް، އެމީހަކު އުފުލަންޖެހޭ މަސްއޫލިއްޔަތާއި ޒިންމާ، ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއި ވަފާތެރިކަމާއެކު އުފުލާ ބަޔަކަށްވުން. ކޮންމެ މީހެއްގެވެސް ޤަދަރު، މީހުންގެ ކުރިމަތީގައި ހިފެހެއްޓޭނީ، އެމީހަކީ އެމީހަކާ ހަވާލުވެފައިވާ މަސްއޫލިއްޔަތު ރަނގަޅަށް އަދާކުރާ މީހަކުކަމުގައިވެގެން. އެމީހަކީ އެމީހަކު އުފުލަންޖެހޭ ޒިންމާތައް އިޚްލާޞްތެރިކަމާއި ވަފާތެރިކަމާއެކީގައި އުފުލާ މީހަކަށްވެގެން. އެހެންވީމާ، ސިފައިންކަހަލަ މުހިންމު ޤައުމީ މަސްއޫލިއްޔަތުތަކަކާއި ވާޖިބުތަކެއް އަދާކުރަންޖެހޭ ބަޔަކުވެސް، އެމީހުންގެ އަގު، މީހުންގެ ކުރިމަތީގައި ހިފެހެއްޓޭނީ، އެމީހުންނަކީ އެމީހުންގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރާ އަދި ޒިންމާ ފުރިހަމަޔަށް އުފުލާ، އިޚްލާޞްތެރި އަދި ވަފާތެރި ބަޔަކަށްވެގެން.

އާދެ، ތިންވަނަ ކަމަކީ، ސިފައިންނާއި ޢާންމު ރައްޔިތުންނާ ދެމެދު ރަނގަޅު ގުޅުމެއް ދެމެހެއްޓުން. ސިފައިން މިތިބެނީ، ރައްޔިތުންގެ ޙިމާޔަތުގައި. ސިފައިންނަކީ ޤައުމާއި، ރައްޔިތުންނާއި، ސަރުކާރު ޙިމާޔަތްކޮށް، އަމަންއަމާންކަމާއި ޞުލްޙަމަޞްލަޙަތު ދަމަހައްޓަން މަސައްކަތްކުރާ ބައެއް. އެ މުހިންމު ވާޖިބު އަދާކުރުމަށް އުފެދިފައިވާ ބައެއް. އެހެންވީމާ، ސިފައިންނާއި ރައްޔިތުންނާ ދޭތެރޭގައި އޮންނަ ގުޅުންވެސް ވާންޖެހޭނީ، ވަރަށް ހަރުދަނާ، ވަރަށް ރަނގަޅު ގުޅުމަކަށް. އެކަމަށް އަޅުގަނޑުމެން އަބަދުވެސް ވަރަށް ބޮޑު ސަމާލުކަމެއް ދޭންޖެހޭނެ.

ހަތަރުވަނަ ކަމަކީ، އެކި ކުށްކުށުގައި ބަންދުކުރެވޭ މީހުންނާ ދޭތެރޭގައިވެސް ރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ޢަމަލުކުރުން. ޤާނޫނު ހުއްދަނުކުރާ، ގަވާއިދު ހުއްދަނުކުރާ އިހާނެތި އެއްވެސްގޮތަކަށް އެއްވެސްމީހަކާ ދޭތެރޭގައި ޢަމަލުނުކުރުން. މިއީ އަޅުގަނޑުހިތުން ވަރަށް މުހިންމު ކަމެއް. މިހާތަނާޖެހެންދެން، ކުށްކުރާމީހުން ހައްޔަރުކޮށް، އެމީހުންގެ މައްސަލަތައް ބަލައި ތަޙުޤީޤުކޮށް، އެހުރިހާ ކަމެއް ކުރުމުގެ ވާޖިބާއި ޒިންމާ އުފުލަން ތިބި ބަޔަކީ ސިފައިންގެ ތެރެއިން ބައެއް. އަދި އެއީ ފުލުސް އޮފީހުގެ ނަމުގައި ނުވަތަ ޕޮލިސް ޑިޕާޓްމަންޓް ނަމަވެސް، އެކަހަލަ އިދާރާއެއްގެ ގޮތުގައި އޮތްކަމުގައިވިޔަސް، އެއީވެސް ހަމަ ސިފައިންގެ ތެރޭގައި ހިމެނޭ ބައެއް. އެހެންވީމާ، އެމީހުންގެ ވާޖިބު އަދާކުރުމުގައި، ކުށްވެރިން ހައްޔަރުކުރަންޖެހޭ. ބަންދުކުރަންޖެހޭ. އެ މީހުންނާ ދޭތެރޭގައި ޤާނޫނީ ފިޔަވަޅު އަޅަންޖެހޭ. އެކަން އެގޮތުގެމަތިން ގެންދާ ގެންދިއުމުގައިވެސް، ހަމަޖެހިފައިވާ ގަވާއިދުތަކެއް އޮވޭ. އެގަވާއިދުތަކާ ޚިލާފަށް އެއްވެސް މީހަކު ޢަމަލުކޮށްގެނެއްނުވާނެ. ގަވާއިދު ހުއްދަނުކުރާ ކަމެއް ކޮށްގެނެއްނުވާނެ. އެއްވެސް މީހަކަށް އެއްވެސްކަހަލަ ޖިސްމާނީ ނުވަތަ އެނޫންވެސް އަނިޔާއެއް ކޮށްގެނެއްނުވާނެ. މި ކަންކަން މިއީ އަޅުގަނޑުމެން އެންމެންވެސް ދަންނަ ކަންތައްތަކެއް. އެހެންވީމާ، މިކަންތައް ރަނގަޅަށް ހިފަހައްޓައި، މިއާ އެއްގޮތަށް ޢަމަލުކުރުމަކީވެސް، ސިފައިންގެ ތަޞައްވުރު އާންމުންގެ ކުރިމަތީގައި ރަނގަޅުވުމަށް އެޅޭ ވަރަށް ބޮޑު ބާރަކަށްވާނެ. އެއާ ޚިލާފަށް ޢަމަލުކުރަމުންދަނީ ކަމުގައިވަންޏާ، އާންމުންގެ ކުރިމަތީގައި ސިފައިންގެ އަގެއް ނޯންނާނެ. ސިފައިންގެ ތަޞައްވުރު އޮންނާނީ، ވަރަށް ގޯސްވެފައި. އެހެންވީމާ، އެއީ އަޅުގަނޑުމެން ވަރަށް ބޮޑު ސަމާލުކަމެއް ދޭންޖެހޭ ކަމެއް.

އާދެ، ސިފައިންގެ ކަންތައްތައް މިދަނީ، އެއްދުވަހުން އަނެއް ދުވަހަށް ބަދަލުވަމުން ތަރައްޤީވަމުން. ރާއްޖޭގެ ކޮންމެ ރޮނގަކަށްވެސް މި އަންނަ ބޮޑެތި ބަދަލުތައް، ބޮޑެތި ތަރައްޤީތައް، ސިފައިންގެ ދާއިރާއަށްވެސް އެބައާދޭ. ޑިފެންސް މިނިސްޓްރީގެ ދާއިރާއަށްވެސް އެބައާދޭ. އަންނަންވެސް ޖެހޭނެ. އަދި ޙަޤީޤަތުގައި، ޒަމާނާ އެއްގޮތަށް ކަންތައްތައް ބަދަލުކުރަމުން ގެންދިއުމަކީ، އެ ޚިދުމަތެއް ނުވަތަ އެކަމެއް ތަރައްޤީކުރުމަށްޓަކައި ކުރަންޖެހޭ ވަރަށް މުހިންމުކަމެއް. އަޅުގަނޑުމެން އަދާކުރަމުން މިގެންދާ ދައުރު ނުވަތަ ކޮންމެ ބަޔަކުވެސް މުޖުތަމަޢަށް އެ ކޮށްދޭ ޚިދުމަތް، ޒަމާނާ އެއްގޮތަށް ބަދަލުވަމުން ދާންޖެހޭނެ. އެކި ޒަމާނުގައި ޚިދުމަތް ދެވެން ހުންނާނީ އެކިގޮތަށް، އެކި ވަސީލަތްތައް ބޭނުންކޮށްގެން. މީހުންގެ ޚިޔާލާއި، މީހުންގެ އުސޫލުތަކާ ހުރިހާ ކަމެއްވެސް މިދަނީ ބަދަލުވަމުން. އެހެންވީމާ، ބަދަލުވަމުންދާ ދުނިޔެއެއްގައި އަޅުގަނޑުމެން މިދޭ ޚިދުމަތް، ސިފައިންގެ ޚިދުމަތް، ފުލުހުންގެ ޚިދުމަތް، މި ދެ ޚިދުމަތްވެސް ވާންޖެހޭނީ، ޒަމާނާ އެއްގޮތަށް ބަދަލުވަމުންދާ ޚިދުމަތަކަށް. އާދެ، މިގޮތުން ރާއްޖޭގެ ފުލުހުންނަކީ، މަދަނީ ބައެއްގެ ގޮތުގައި ހަމަޖެއްސުމަށްޓަކައި ފުލުހުންގެ އިދާރާއަކީ މިނިސްޓްރީ އޮފް ހޯމްއެފެއާޒް އެންޑް އެންވަޔަރަންމަންޓުގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި، މި އަހަރުގެ ސެޕްޓެންބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ހަމަޖައްސަން ސަރުކާރުން ނިންމާފައިވާ ވާހަކަ މި އަހަރުގެ ރިޔާސީބަޔާނުގައި އަޅުގަނޑު ވާނީ ދަންނަވާފައި. އާދެ، މިކަމަކީ ވަރަށް މުހިންމުކަމެއް.

ފުލުހުންނަކީ އާންމުންނާ ގުޅިގެން، މުޖުތަމަޢުގެ މަޞްލަޙަތު ރައްކާތެރިކުރުމަށް މަސައްކަތްކުރަންޖެހޭ ދާޚިލީބައެއް. ފުލުހުންގެ މައިގަނޑު މަސްއޫލިއްޔަތަކީ، ޖަމާޢަތުގެ ޢާންމު މަޞްލަޙަތު ދަމަހައްޓައި، ކުށްކުރާ މީހުންގެ މައްސަލަތައް ބަލައި ތަޙުޤީޤުކޮށް، މުޖުތަމަޢުގެ ރައްކާތެރިކަމަށް މަސައްކަތްކުރުން.

އެހެންވީމާ، ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގައި ފުލުހުންނާބެހޭ އިދާރާ ޤާއިމުވެފައި ހުންނަނީ، އެ ޤައުމެއްގެ ދާޚިލީ ކަންތައްތަކާބެހޭ މިނިސްޓްރީއެއްގެ ބެލުމުގެ ދަށުން. އެހެންވީމާ، އެގޮތަށް ރާއްޖޭގައިވެސް މިކަން ބަދަލުވެގެންދިއުމަކީ، އަޅުގަނޑުހިތުން މިވަގުތު ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމެއް. ރާއްޖޭގައިވެސް މިކަން މިގޮތަށް ހަމަޖައްސަން ނިންމީ، ކުރިންވެސް ދެންނެވިފަދައިން، ފުލުހުންނަކީ މުޖުތަމަޢުގެ އަފްރާދުންނާ ގުޅިގެން މަސައްކަތްކުރަންޖެހޭ ބަޔަކަށްވާތީއާއި، ރާއްޖޭގައިވެސް ފުލުހުންގެ ތަޞައްވުރު މިގޮތަށް ބަދަލުކުރުމަކީ މިހާރު ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމަކަށްވާތީ.

އާދެ، އެނގިވަޑައިގަންނަވާނެ ފަދައިން، ތަމްރީނުދިނުމުގައިވެސް ސިފައިންނަށްދޭ ތަމްރީނާއި ފުލުހުންނަށް ދޭ ތަމްރީނު ތަފާތުވާނެ. ދުނިޔޭގެ ޤައުމުތަކުގައި ތަފާތު އިންސްޓިޓިއުޝަންތަކެއްގައި، ކިޔަވައިދޭ ތަފާތު ތަންތާނގައި ސިފައިންނާބެހޭ ޢަސްކަރީ ތަމްރީނުތައް ދެނީ ވަކި ތަންތަނެއްގައި. މިލިޓަރީ ޓްރޭނިންގ އެއީ ވަކިބައެއް. ޕޮލިސް ޓްރޭނިންގ އެއީ މުޅިން އެހެން ބައެއް. ފުލުހުންނަށްދޭ ތަމްރީނަކީ ތަފާތުބައެއް. އެ ދެ ބައިމީހުންގެ ފަލްސަފާވެސް ތަފާތުވާނެ. އެ ދެ ބައިމީހުން ޢަމަލުކުރަންޖެހޭ އުސޫލުތައްވެސް ތަފާތުވާނެ. އެއީ އެ ދެ ބައިމީހުންގެ މަސްއޫލިއްޔަތު އެހާ ބޮޑަށް ތަފާތުވާތީ. އެހެންވީމާ، މިގޮތުގެމަތިން ފުލުހުންނަކީ މިއޮތްހާ ޒަމާނުގައި، ސިފައިންގެ ތެރޭގައި ޚިދުމަތްކުރަމުންއައި ބައެއްކަމުގައިވިޔަސް، މިހާރު ދުނިޔެ ތަރައްޤީވެފައިވާގޮތުން އަދި އަޅުގަނޑުމެންގެ ރާއްޖެވެސް ތަރައްޤީވެފައި މިވާ މިންވަރަށް ބަލާއިރު، އެ ދެބައި ވަކިކޮށްލުމަކީ މިހާރު ބޭނުންވެފައިވާ ކަމެއްކަމަށް ސަރުކާރަށް ފެނޭ.

އާދެ، އެ ބަދަލު ގެނައިމާ، އެ ދެފަރާތަށްވެސް ލިބޭނީ، އިތުރު ކުރިއެރުން. އެއިން އެއްވެސްފަރާތަކަށް އެއްވެސްކަހަލަ އުނިކަމެއް ނާންނާނެ. އާދެ، މި މަސައްކަތް ސަރުކާރުން މިހާރު މިގެންދަނީ ކުރަމުން. މި މަސައްކަތުގައި ޑިފެންސް މިނިސްޓްރީއާއި، ސިފައިންގެ ތެރޭގައި ޚިދުމަތްކުރައްވާ ހުރިހާ ފަރާތްތަކެއްގެ ފުރިހަމަ އެއްބާރުލެއްވުން ސަރުކާރަށް ބޭނުންވޭ. މިކަން މިގޮތަށް ބަދަލުކުރުމުން ނުކުންނާނެ ނަތީޖާއަކީ، ސިފައިންގެ ޤަދަރުވެސް އަދި ފުލުހުންގެ ޤަދަރުވެސް އާންމުންގެ ކުރިމަތީގައި އިތުރަށް ހަރުދަނާވެގެން މަތިވެގެންދިއުން. އަދި ދެފަރާތުގެ މަސްއޫލިއްޔަތު ރަނގަޅަށް ވަކިކުރެވި، އެކަން އެނގިފައި އޮތުމުން، އެ ދެބައިމީހުންގެ ވާޖިބު އަދާކުރުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދިއުން. އެހެންވީމާ، މިކަމަކީ އަޅުގަނޑުމެން އެންމެންގެ ސަމާލުކަމާއި އެއްބާރުލުން ބޭނުންވެފައިވާ ކަމެއް. ކުރިންވެސް ދެންނެވިފަދައިން، މިގޮތަށް ސިފައިންގެ ތެރޭގައި ހިމެނުނު އެއްބަޔަކު ވަކިވެގެން އެހެން މިނިސްޓްރީއެއްގެ ދަށަށް ދިޔަކަމުގައިވިޔަސް، އެއިން އެއްވެސް ބަޔަކަށް ލިބެމުންއައި މުސާރައަކަށް، ޢިނާޔަތަކަށް، އެލަވަންސަކަށް ބަދަލެއް ނާންނާނެ. ޙަޤީޤަތުގައި އެންމެންނަށްވެސް ލިބޭނީ ކުރިއެރުން.

އާދެ، މިކަމާ ގުޅިގެން އަދި އަޅުގަނޑު އެއްވާހަކަ ދަންނަވާލަން ބޭނުންވޭ. އެއީ ސިފައިންނާއި ފުލުހުންނާ ވަކިވިކަމުގައިވިޔަސް، އޭގެތެރެއިން އެއްވެސް ބަޔަކަށް ލިބޭ ޢިނާޔަތަކަށް މުސާރައަކަށް ބަދަލެއް ނާންނާނެ ވާހަކަ ދެންމެ މިދެންނެވީ. އޭގެ އިތުރުން، މިދެބައި އަބަދުވެސް އުޅެންޖެހޭނީ ގުޅިގެންކަން. ތަފާތު ދެ މިނިސްޓްރީއެއްގެ ދަށުން މަސައްކަތްކުރަމުން ދިޔަޔަސް، ސިފައިންނާއި ފުލުހުންނާ މުސްތަޤްބަލުގައިވެސް ޖެހޭނީ، އެކުވެރިކަމާއި އެއްބާރުލުމާ އެކީގައި ގުޅިގެން މަސައްކަތް ކުރަމުން ގެންދަން. އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވުމުގެ ރޫޙެއްގައި މަސައްކަތްކުރަމުން ގެންދަންޖެހޭނީ. އެއީ ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް އެކަން އޮންނަގޮތް. ރާއްޖޭގައިވެސް އެކަން އޮންނަން ޖެހޭނެގޮތް.

އާދެ، މިވޭތުވެދިޔަ ހުރިހާ އަހަރުތަކެއްގައި ސިފައިންނާއި ފުލުހުންނާ އެކީގައި އުޅުމުން، އެ ދެބައިމީހުންގެ ދޭތެރޭގައި އުފެދިފައިމިވާ ގާތްގުޅުމަށް މުސްތަޤްބަލުގައި ބަދަލެއް އައިސްގެނެއްނުވާނެ. ތަފާތު ދެ މިނިސްޓްރީއެއްގެ ދަށުން މަސައްކަތްކުރަމުން ދިޔަކަމުގައިވިޔަސް، އެ ދެބައިމީހުންގެ ދޭތެރޭގައި އޮންނަންޖެހޭނީ، އެކުވެރިކަމާއި، އެއްބާރުލުމާ، އަދި ދެބައިމީހުންގެ ދޭތެރޭގައި އެއްބާރުލުން އޮންނަންޖެހޭނީ އެއްބަނޑުއެއްބަފާކަމުގެ ރޫޙެއްގައި. މިކަމަކީ އަޅުގަނޑުމެން އެންމެންވެސް ވަރަށް ބޮޑަށް ސަމާލުވާންޖެހޭ ކަމެއް.

އާދެ، ދެން އަޅުގަނޑު އެއްޗެއް ދަންނަވާލަން ބޭނުންވަނީ، މި އަހަރަށް ކަނޑައެޅިފައިވާ، ސިފައިންގެ ޝިޢާރާ ބެހޭގޮތުން. މި އަހަރުގެ ޝިޢާރަކީ، "ޤައުމުގެ އައްޑަނަ - ޤާބިލު ސިފައިން." އާދެ، ވަރަށް ވަރުގަދަ ޝިޢާރެއް. މި ޝިޢާރުން އަންގައިދެނީ، ކުރިންވެސް އަޅުގަނޑު އިޝާރަތްކުރި ފަދައިން، ޤައުމުގެ މިނިވަންކަމާއި އަމަންއަމާންކަން ރައްކާތެރިކުރަން ތިބި ބަޔަކީ ސިފައިންކަން. ޤައުމުގެ އަމަންއަމާންކަމާއި، ޞުލްޙަމަޞްލަޙަތާއި އަދި ޤައުމުގެ ސިޔާދަތު ރައްކާތެރިކުރުމަކީ އެންމެންގެ ވާޖިބެއް. ސަރުކާރުގެ ވާޖިބެއް. ރައްޔިތުންގެ ވާޖިބެއް. އެހެންނަމަވެސް، މިކަންތަކުގައި އެންމެ އިސް ސަފުގައި ހަރަކާތްތެރިވާން ކޮންމެ ޤައުމެއްގައިވެސް މިތިބެނީ އެ ޤައުމެއްގެ ސިފައިން.

އެހެންވީމާ، ޙަޤީޤަތުގައި ބޭރުން އަންނަ ކޮންމެ ނުރައްކަލަކުން އެ ޤައުމު ދިފާޢުކޮށްދެނީ، އެ ޤައުމެއްގެ ސިފައިން. ހަމައެހެންމެ، ޤައުމުގެ ތެރޭގައި ހަމަނުޖެހުމެއް އެފެދިގެން، އޭގައި ސިފައިންގެ ދައުރެއް އޮންނަންޖެހޭ ހިސާބަށް ހިނގައްޖެނަމަ، ދެން އެކަން ކުރަނީވެސް ސިފައިން. އެހެންވީމާ، ސިފައިންނަކީ ރައްޔިތުން ދިފާޢުކުރާ، ތަނުގައި ހަމަޖެހިފައި އޮންނަ ޤާނޫނީ ސަރުކާރު ރައްކާތެރިކުރާ އަދި ރައްޔިތުންގެ ސަލާމަތަށް ގާއިމުވެފައި އޮންނަ އައްޑަނައަކަށް އޮންނަނީ ވެފައި. ދިވެހިރާއްޖޭގައިވެސް އެކަން އޮންނަންޖެހޭނީ އެހެން. އެކަންއޮތީވެސް އެހެން. އެހެންވީމާ، މިއަހަރުގެ ޝިޢާރު އަޅުގަނޑުމެންނަށް މި އަންގައިދެނީ، މިއީކަން ސިފައިންގެ އެންމެ އިސްވާޖިބަކީ. ސިފައިންނަކީ ޤައުމުގެ އައްޑަނަކަން. އެ ވާޖިބު އަދާކުރުމުގައި އަޅުގަނޑުމެން އެންމެންވެސް ތިބެންޖެހޭނީ، ވަރަށް ބޮޑަށް ހޭލައި، ވަރަށް ބޮޑަށް ސަމާލުވެގެން.

އާދެ، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، ކޮންމެ ޤައުމެއްގައިވެސް ޤާނޫނާއި ގަވާއިދަށް ޢަމަލުކުރާ ބަޔަކު ތިބޭފަދައިން، ޤާނޫނާ ޚިލާފަށް ޢަމަލުކުރާ ބަޔަކުވެސް ތިބޭ. އިންސާނީ ޠަބީޢަތު. ރާއްޖޭގައިވެސް މަދުންނަމަވެސް އެކަހަލަމީހުން އެބަތިބި. އޭގެތެރޭގައި އެކިއެކި އަމިއްލަ ސިޔާސީ ބޭނުންތަކުގައި ބައެއްކަހަލަ ހަރަކާތްތައް ހިންގާ ފަރާތްތައްވެސް ތިބޭނެ. އެއީކީ އާކަމެއްނޫން. އަދި ރާއްޖޭގައި ނުވަތަ ވަކި ޤައުމެއްގައި އެކަނި ވާކަމެއްނޫން. ދުނިޔޭގެ އެހެން ހުރިހާ ތަނެއްގައިވެސް މިކަހަލަ ހަރަކާތްތައް ހިނގާ. އަޅުގަނޑު ރައީސްކަމާ ހަވާލުވިތާ އެންމެކުރީ ދުވަހުން ފެށިގެން މިކަންތައްތައް ރާއްޖޭގައި ކޮންމެވެސްވަރަކަށް ހިނގާފައި އެބަހުރި. އެނގިވަޑައިގަންނަވާނެ، އަބަދުވެސް ކޮންމެވެސްބަޔަކު ސަރުކާރާ ދެކޮޅުވެރިކަމުގެ ޝުޢޫރުތަކެއް ފާޅުކޮށް ނުވަތަ ކަންތައް ކުރަން މަސައްކަތްކުރޭ. އެއީ މިހާރު އެކަނި ވާގޮތެއްނޫން. ފެށުނީއްސުރެ. އަދި މި ދައުރު އެކަންޏެއްނޫން، ކުރީ ދައުރުތަކުގައިވެސް. ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ހިނގާ ކަމެއް. އެހެންނަމަވެސް، އެކަންތައްތައް އެގޮތުގެމަތިން ހިނގިޔަނުދިނުމަށްޓަކައި ސަރުކާރުން ކުރެވެންއޮތް ހުރިހާ މަސައްކަތެއް ކުރަންޖެހޭނެ. ސަރުކާރުން ބޭނުންވަނީ، އާންމު ރައްޔިތުންގެ ސަލާމަތްކަން. ރައްކާތެރިކަން. ޤައުމުގެ ތަރައްޤީ. ޤައުމުގެ ތަރައްޤީއަށް މަގުފަހިވާނީ، ތަނުގައި ހަމަޖެހުން އޮވެގެން. ސިޔާސީ ހަމަޖެހުމާއި އިޖުތިމާޢީ ހަމަޖެހުން އޮވެގެން. ޤައުމުގައި ބައިބައިވުން އުފެދިގެން ތަރައްޤީއަކާ ހަމައަކަށް ވާސިލެއްނުވެވޭނެ. އެހެންވީމާ، އަޅުގަނޑުމެން، ޚާއްޞަކޮށް ސިފައިންނާއި ފުލުހުންގެ ވަރަށް ބޮޑު ސަމާލުކަމެއް ދޭންޖެހިފައި އޮންނަކަމެއް، އަބަދުވެސް ޤައުމުގެ މަޞްލަޙަތު ހަމަޖެއްސުން. ޤާނޫނާއި ގަވާއިދާ އެއްގޮތަށް ކަންތައްތައް ކުރަމުން ގެންދިއުން. އެއާ ޚިލާފަށް ޢަމަލުކުރަމުންދާ މީހުންނާ ދޭތެރޭގައި ފިޔަވަޅު އެޅުން.

އާދެ، އެނގިވަޑައިގަންނަވާނެ ފަދައިން، މީގެ އަހަރުތަކެއްގެ ކުރިން، ރާއްޖޭގައި އިސްލާމްދީނާ ދެކޮޅު ޙަރަކާތްތަކެއް ބަޔަކު ހިންގަން އުޅުނު. ބޭރު ބައެއް މީހުން އައިސް، ރާއްޖޭގެ މަދުބަޔަކާ ގުޅިގެން، ރާއްޖޭގައި ނަޞާރާދީނުގެ ކަންތައްތަކެއް ފަތުރަން މަސައްކަތްކުރި. އެކަން ސަރުކާރަށް އެނގުމާ ގުޅިގެން، އެކަން ހުއްޓުވައި، މަނާކޮށް، އެކަން ކުރި މީހުން، ބިދޭސީން، އެމީހުން ރާއްޖެއިން ވަގުތުން ފޮނުވާލައި އަދި ދިވެހިންގެ ތެރެއިންވެސް އެކަން ކުރުމުގައި ބައިވެރިވި މީހުންނާ ދޭތެރޭގައި ޤާނޫނީ ފިޔަވަޅު އޮތީ އަޅާފައި. އޭގެސަބަބުން ރާއްޖެއަށް ލިބިގެންދިޔައީ ވަރަށް ބޮޑު ހަމަޖެހުމެއް. ދިވެހި ރައްޔިތުންނަށްވެސް ވަރަށް ބޮޑު ހަމަޖެހުމެއް ލިބިގެންދިޔަ. މިހާރު މިއުޅޭ ކަންތައްތަކުގެ އަޑީގައި މިކަން އުޅޭކަމުގެ މަޢުލޫމާތު ސަރުކާރަށް ވަނީ ލިބިފައި. ބޭރުގެ ބައެއްތަންތާނގައި ދިވެހިންގެ ބަޔަކު ސަރުކާރާ ދެކޮޅަށް މި ހިންގާ އެކި ކަންތައްތަކުގައި ނުވަތަ ފަތުރާ ޚަބަރުތަކާއި، މިދެންނެވީ މިސާލަކަށް، އިންޓަރނެޓް މެދުވެރިކޮށް، އެކި ވެބްސައިޓުތަކުގައިވެސް ވަރަށް ގިނަ ތަފާތު ވާހަކަތައް ރާއްޖެއާ ބެހޭގޮތުން ޖަހާހަދާ. ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ޖަހައި، ރައްޔިތުންގެ ނަފްރަތު ސަރުކާރާ އަމާޒުކުރެވޭތޯ މަސައްކަތްތަކެއް ކުރޭ. އޭގެ އަޑީގައިވެސް މިއޮތީ މިބާވަތުގެ ކަންތައްތަކެއް. މިމީހުން ގުޅިފައި މިތިބީ، ރާއްޖެއިންބޭރުގައި ނަޞާރާދީން ފަތުރަންއުޅޭ އެކިއެކި ޖަމާޢަތްތަކާ. އެއީ ވަރަށް ފައިސާހުރި، ވަރަށް ބާރުގަދަ ޖަމާޢަތްތަކެއް، ދުނިޔޭގެ އެތަންމިތާނގައި އުޅޭ. އެހެންވީމާ، އެމީހުންނަށް އެކަންތައް ކުރުމުގައި ވަރަށް ކަންތައްތައް އޮންނަނީ ފަސޭހަވެފައި. އަޅުގަނޑުމެން ވާނެ މިކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭން.

ރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީނަކަށް ދުވަހެއްގައިވެސް ޖާގައެއް ލިބިގެނެއްނުވާނެ. ރާއްޖޭގެ މިނިވަންކަން ބިނާވެފައި މިއޮތީ، އިސްލާމީ ޢަޤީދާގެ މައްޗަށް. އެއީ އަޅުގަނޑުމެން އެންމެން ގަބޫލުކުރަންޖެހޭނެ ޙަޤީޤަތެއް. ރާއްޖޭގައި މިނިވަންކަން ގެއްލިގެންދިޔަ ކޮންމެ ފަހަރެއްގައިވެސް އޮތީ، ރާއްޖޭގެ އަހުލުވެރިން ޣައިރުދީނަށް ބަދަލުކުރަން މަސައްކަތްތަކެއް ކުރެވިފައި. ޕޯޗްގީޒުގެ ޒަމާނުގައިވެސް، މަލާބާރީންގެ ޒަމާނުގައިވެސް، ކޮންމެ ޒަމާނެއްގައިވެސް. އެހެންވީމާ، އިސްލާމްދީނަށް އުނިކަމެއް އަތުވެދާފަދަ ގޮތަކަށް ނުވަތަ ރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައި އިސްލާމްދީނަށް އޮންނަ ޤަދަރާއި، ލޯތްބާއި، ޝައުޤުވެރިކަން، އެއަށް އެއްވެސް ބަދަލެއް އަންނަކަހަލަ ގޮތަކަށް އަޅުގަނޑުމެންގެ ތެރެއިން އެއްވެސްމީހަކު މަސައްކަތް ކޮށްގެނެއް ނުވާނެ. އެފަދަ ފުރުޞަތެއް ބަޔަކަށް ދީގެނެއްވެސް ނުވާނެ. ރާއްޖެފަދަ ކުޑަކުޑަ ޤައުމެއްގައި ތަފާތު ދީންތަކެއްގެ އަހުލުވެރިން އުޅެން ދިމާވެއްޖިއްޔާ، ޤައުމުގެ މިނިވަންކަން އޮންނާނީ ގެއްލިފައި. މިއީ އެއްވެސް ޝައްކެއްއޮތްކަމެއްނޫން. މެންދުރުގެ އިރުފަދައިން، އަޅުގަނޑުމެން އެންމެންނަށް އެނގެންޖެހޭނެ. އެނގޭކަމެއް. އެހެންވީމާ، މިއުޅޭ ހަރަކާތްތަކުގެ އަޑީގައިވެސް މިކަހަލަ ގުޅުންތަކެއް ހުރިކަމުގެ މަޢުލޫމާތު ލިބިފައި އޮތީމާ، އެކަމަށް އަޅުގަނޑުމެން ވަރަށް ބޮޑަށް ތައްޔާރުވާން ޖެހޭނެކަމަށް އަޅުގަނޑު މިދަންނަވަނީ. އެންމެންނަށްވެސް އެނގެންޖެހޭނެ، މީގެ ޙަޤީޤަތަކީ ކޮބައިކަން، ކޮންބޭނުމެއްގައި، ކިހިނެއްއުޅޭ ބައެއްކަން.

އެހެންވީމާ، މިކަމަށް އަޅުގަނޑުމެންގެ ރާއްޖޭގައި އެއްވެސް ކަހަލަ ދޫކަމެއް ދީގެނެއްނުވާނެ. ރާއްޖެ ބާއްވަންޖެހޭނީ، ސައްތައިންސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި. اللّـه سبحـانـه وتعـالٰى ގެ ރަޙްމަތާއި އެކަލާނގެ ހެޔޮތައުފީޤު އަޅުގަނޑުމެންނަށް ލިބޭނީވެސް އެ ގޮތުގައި ތިބެގެން. މިދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް. އޭގެ އިތުރުން، އަޅުގަނޑުމެންގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރެވޭނީވެސް، ރާއްޖެއަކީ ސައްތައިންސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި އޮވެގެން. އެހެންވީމާ، އަޅުގަނޑު ހިތަށްއެރީ، މިރޭގެ މި ވާހަކައިގައި މި ކަމަށްވެސް އިޝާރާތްކޮށްލާނަމޭ، ތިޔަ ހުރިހާ ބޭފުޅުންގެ މަޢުލޫމާތަށްޓަކައި.

އާދެ، އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللّـه سبحـانـه وتعـالٰى އަޅުގަނޑުމެން އެންމެންނަކީ، މާތްވެގެންވާ އިސްލާމްދީނުގެ ސާފުސީދާ ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެންތިބޭ ބަޔަކުކަމުގައި ލެއްވުން. އަޅުގަނޑުމެންގެ ހިތްތަކުގައި އިސްލާމީ ޢަޤީދާއަށް އޮންނަ ލޯބި އެއްދުވަހުން އަނެއްދުވަހަށް އިތުރުވެގެންދިއުން. އަޅުގަނޑުމެންނަކީ ދީނަށް ވަފާތެރި، ޤައުމަށް އިޚްލާޞްތެރި، ބަޔަކުކަމުގައި ލެއްވުން. ދިވެހިރައްޔިތުންނާއި، ދިވެހި ސަރުކާރާއި، ދިވެހި ސިފައިން، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށާއި، ރާއްޖޭގައި އަމަންއަމާންކަން ޤާއިމުކޮށް ދެމެހެއްޓުމަށާއި، މަޞްލަޙަތު ރައްކާތެރި ކުރުމަށާއި، އެކުވެރިކަމާއި އެއްބާރުލުން ދަމަހައްޓައި، ތަރައްޤީގެ އެކިއެކި އުސްމިންތަކަށް ވާސިލުވުމަށް މި ކުރަމުންގެންދާ މަސައްކަތުގައި މާތްﷲ ހެޔޮ ބަރަކާތްލައްވައި، އެކަލާނގެ ތައުފީޤު އަޅުގަނޑުމެންނަށް ދެއްވުން.

والسّلام عليكم ورحمـة اللّـه وبركاته.