بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيدنا محـمَّدٍ، وَعلـى آلـه وأصـحَابِه أجمـعـين.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން؛

السّلام عليكم ورحمة اللّـه وبركاته.

އާދެ! ދެންމެ ރައްޔިތުންގެ މަޖިލީހުގެ މި ޚާއްޞަ ޖަލްސާ ފަށްޓަވައިދެއްވަމުން، މަޖިލީހުގެ ޢިއްޒަތްތެރި ރައީސް އަޅުގަނޑަށް މަރްޙަބާ ވިދާޅުވުމުގެ ގޮތުން، ވިދާޅުވި ދީލަތި ބަސްފުޅުތަކަށްޓަކައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އަޅުގަނޑު މިއަދު މަޖިލީހަށް މިއައީ، މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި އެ އިޝާރާތް ކުރެއްވި ފަދައިން، 2003 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުގެރޭ މާފުށީ ޖަލުގައި ހިނގި ހިތާމަވެރި ހާދިސާއާއި، 2003 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު ޖަލުގައި ހިނގި ހިތާމަވެރި ހާދިސާއާއި، އެ ދެ ހާދިސާ ތަޙުޤީޤު ކުރެއްވުމަށް އަޅުގަނޑު ޢައްޔަނުކުރި ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައިވާ ކަންތައްތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް އަޅުގަނޑު ދަންނަވާލަން ބޭނުންވާ ބައެއް ވާހަކަ ދަންނަވާލުމަށްޓަކައި.

މި ދެންނެވި ރިޔާސީ ކޮމިޝަންގެ ރައީސަކަށް އަޅުގަނޑު ހަމަޖެއްސީ އަލްފާޟިލް ޢަބްދުއްސައްތާރު މޫސާދީދީ. އެހެން މެންބަރުންގެ ގޮތުގައި އަޅުގަނޑު ހަމަޖެއްސީ އަލްއުސްތާޛު ޝާހީން ޙަމީދާއި، އަލްފާޟިލާ ޢާއިޝަތު މުޙަންމަދުދީދީއާއި، އަލްފާޟިލް ޢަބްދުﷲ ސަޢީދާއި، ޑޮކްޓަރ މުޙަންމަދު ޞާލިޙް.

އަޅުގަނޑު ރިޔާސީ ކޮމިޝަނާ ޙަވާލުކުރީ ތިން މަސައްކަތެއް. އެންމެ ފުރަތަމަ މަސައްކަތަކީ، މ. އޭޝިއާ ޙަސަން އީވާން ނަސީމް ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުގެރޭ ނިޔާވި މައްސަލަ ތަޙުޤީޤު ކުރެއްވުމާއި، އެ މައްސަލައިގައި ޒިންމާވާންޖެހޭ މީހުންނާއި، އެމީހުން ޒިންމާވާންޖެހޭ މިންވަރު ބައްލަވައި، ފެނިވަޑައިގަންނަވާ ގޮތުގެ ރިޕޯޓެއް ހުށަހެޅުއްވުން. ދެވަނަ މަސައްކަތަކީ ޙަސަން އީވާން ނަސީމް ނިޔާވުމަށް ދިމާވިފަދަ ހާދިސާއެއް، ކުރިއަށް އޮތް ތާނގައި ހިނގިޔަ ނުދިނުމަށް އެޅިދާނެ ފިޔަވަޅުތައް ބައްލަވައި، އެ ފިޔަވަޅުތައް ހުށަހެޅުއްވުން. ތިންވަނަ ކަމަކީ، މާފުށީ ޖަލުގައި އެކިއެކި ކުށްކުށުގައި ބަންދުކޮށްފައި ތިބި ވަރަށްގިނަ ބަޔަކާއި އެތާނގެ އަމަން ބެލެހެއްޓުމާ ޙަވާލުވެތިބި ސިފައިންގެ މީހުންނާ ދެމެދު ސެޕްޓެމްބަރު މަހު 20 ވަނަ ދުވަހު ހިނގި ކުރިމަތިލުމެއްގައި ސިފައިން ބަޑިޖެހި މައްސަލަ ބައްލަވައި މައްސަލަ ތަޙުޤީޤު ކުރެއްވުން.

އާދެ! ޙަސަން އީވާން ނަސީމް ޖަލުގައި ނިޔާވި މައްސަލައިގައި، އެކަން ހިނގާފައިވާ ގޮތާއި، އެ މައްސަލައިގައި ޒިންމާވާންޖެހޭ މީހުންނާއި، އެމީހުން ޒިންމާވާންޖެހޭ މިންވަރު ކޮމިޝަނުގެ ރިޕޯޓުގައި ވަރަށް ތަފްޞީލުކޮށް ބަޔާންކޮށްދެއްވާފައިވޭ. ޙަސަން އީވާން ނަސީމް ނިޔާވިފަދަ ހާދިސާއެއް ހިނގިޔަނުދިނުމަށް އެޅިދާނެ ކަމަށް ކޮމިޝަނަށް ފެނިވަޑައިގަންނަވާ ފިޔަވަޅުތައްވެސް، ކޮމިޝަންގެ ރިޕޯޓުގައި ހުށަހަޅުއްވާފައިވޭ.

މާފުށީ ޖަލުގައި އެކިއެކި ކުށްކުށުގައި ބަންދުކޮށްފައި ތިބި ގިނަ އަދަދެއްގެ ބަޔަކާއި، އެތާނގެ އަމަން ބެލެހެއްޓުމާ ޙަވާލުވެތިބި ސިފައިންގެ މީހުންނާ ދެމެދު ސެޕްޓެމްބަރު 20 ވަނަ ދުވަހު ހިނގި ކުރިމަތިލުމުގައި ސިފައިން ބަޑިޖެހި މައްސަލަ ތަޙުޤީޤު ކުރައްވައި، އެކަމުގެ ރިޕޯޓުވެސް ކޮމިޝަނުން ހުށަހަޅުއްވާފައިވޭ.

އާދެ! ރިޔާސީ ކޮމިޝަންގެ މި ދެންނެވި ދެރިޕޯޓު ހުށަހަޅުއްވާފައިވަނީ، ގާތްގަނޑަކަށް ތިންމަހާ ދުވަސްކޮޅެއްގެ ބުރަ މަސައްކަތްޕުޅަށްފަހުގައި. އެ މަސައްކަތްޕުޅު ކޮމިޝަނުން ކޮށްދެއްވީ މުޅިން ހިލޭސާބަހަށް. ޚިދްމަތެއްގެ ގޮތުގައި. އެހެންކަމުން، ރިޔާސީ ކޮމިޝަނުން މި ކޮށްދެއްވި ބުރަ މަސައްކަތްޕުޅުތަކަށްޓަކައި، އެ ކޮމިޝަންގެ ރައީސަށާއި، އެ ކޮމިޝަންގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަށް، މި ފުރުޞަތުގައި އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

ކުރިން ދެންނެވި ދެ ހާދިސާ ތަޙުޤީޤު ކުރެއްވުމަށްފަހު، ރިޔާސީ ކޮމިޝަނުން ހުށަހެޅުއްވި ތަޙުޤީޤީ ހޯދުންތަކުގެ ދެ ރިޕޯޓް، އަޅުގަނޑު މިއަދު ވާނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި. އާދެ! އެ ދެ ރިޕޯޓަކީ "ޙަސަން އީވާން ނަސީމް މަރުވި ހާދިސާގެ ތަޙުޤީޤީ ހޯދުންތައް" މިނަމުގައިވާ ރިޕޯޓް. އަނެއް ރިޕޯޓަކީ، "މާފުށީ ޖަލުގައި ހިނގައިދިޔަ ބަޑިޖެހުމުގެ ހާދިސާގެ ތަޙުޤީޤީ ހޯދުންތައް" މިނަމުގައިވާ ރިޕޯޓް. އަޅުގަނޑު މި ދެ ރިޕޯޓް، މަޖިލީހަށް މި ފޮނުވީ، މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނަށް، އެ ދެ ރިޕޯޓު ބައްލަވައިލެއްވުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމަށްޓަކައި. އެހެންވީމާ، އެ ދެ ރިޕޯޓުގައިވާ ތަފްޞީލުތަކާ ހަމައަކަށް އަޅުގަނޑު މިއަދަކު ނުދާނަން.

އާދެ! މާފުށީ ޖަލުގައި ހިނގައިމިދިޔައީ ވަރަށް ހިތާމަވެރި ދެ ހާދިސާ. މިކަހަލަ ކަންތައްތައް އެއްވެސް ހާލެއްގައި ހިނގައިގެނެއް ނުވާނެ. އެކަމާ އަޅުގަނޑު ވަރަށް ބޮޑަށް ހިތާމަކުރަން. އަދި އެ ދެ ހާދިސާ އަޅުގަނޑު ވަރަށް ބޮޑަށް ކުށްވެރި ކުރަން. މިދަނޑިވަޅުގައިވެސް، ޙަސަން އީވާން ނަސީމުގެ ބައްޕައަށާއި މަންމައަށާއި އަދި ޢާއިލާއަށް، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވަން. ހަމައެއާއެކު މާފުށީ ޖަލުގައި ހިނގި ބަޑިޖެހުމުގެ ހާދިސާގައި ނިޔާވި، ޢަބްދުﷲ އަމީނާއި، އަޙްމަދު ޝިޔާޒާއި، ޢަލީ އަސްލަމްގެ ބައްޕައަށާއި މަންމައަށާއި، ޢާއިލާއަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވަން. އަދި މި ދެ ހާދިސާގައި ނިޔާވި ހަތަރު މީހުންނަށް މާތްﷲ، ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވުން އެދި ދުޢާކުރަން. އަދި އެމީހުންގެ ޢާއިލާގެ މީހުންނަށް ކެތްތެރިކަން ދެއްވައި ޘަވާބު އިތުރުކުރެއްވުމަށް ދުޢާކުރަން.

އާދެ! ރިޔާސީ ކޮމިޝަނުން ދެކެވަޑައިގަންނަވާ ގޮތުގައިވެސް، ރައްކާތެރިކަމުގެ ގޮތުން ޢާންމުވުން މާއެކަށީގެންނުވާ ކަންތައްތަކެއް ރިޕޯޓުގައި ހުރެދާނެ. މިހެން މިކަން އޮތުމާއެކު، ރިޔާސީ ކޮމިޝަނުން ހުށަހެޅުއްވި މި ދެ ރިޕޯޓުގައި ހިމެނޭ ބައެއް ތަންތަނަކީ، ޢާންމުވުން މާއެކަށީގެންނުވާ ތަންތަން ކަމަށްވާތީ، އެތަންތަން އަޅުގަނޑު ޝާއިޢުކުރާ މި ދެ ރިޕޯޓުންވާނީ އުނިކޮށްފައި. އާދެ! އެއީ، ޤައުމީ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ވިސްނާފައި. ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް މިފަދަ ރިޕޯޓުތައް ޝާއިޢު ކުރާއިރު، ޤައުމީ ސަލާމަތަށް ނުވަތަ ރައްކާތެރިކަމަށް އުނިކަމެއް އަތުވެދާނެ ކަމެއް އޮތް ކަމުގައި ވަނީނަމަ، އެކަމެއް އެ ޝާއިޢުކުރާ ރިޕޯޓަކުން އުނިކުރޭ. އެގޮތުގެ މަތިން މި ދެންނެވިފަދަ ތަންތަން މި ޝާއިޢުކުރާ ރިޕޯޓުންވާނީ އުނިކޮށްފައި. އެހެން ނަމަވެސް، ރިޔާސީ ކޮމިޝަނުން ހުށަހެޅުއްވި ދެ ރިޕޯޓް، ހަމަ އޮތްގޮތަށް، އެއްވެސް ތަނެއް އުނިނުކޮށް، އެޓަރނީޖެނެރަލަށް އަޅުގަނޑުވާނީ ފޮނުވާފައި.

އެހެންވީމާ، މިކަމަކުން ޢަދުލު އިންޞާފު ޤާއިމުކުރުމަކަށް އެއްވެސް ހުރަހެއްނޭޅޭނެ. މިއަދު މި ޝާއިޢުކުރާ ރިޕޯޓުން މި ދެންނެވި ތަންތަން އުނިކޮށްލި ނަމަވެސް، ޙަސަން އީވާން ނަސީމް ނިޔާވި ހާދިސާގައި ޒިންމާވާންޖެހޭ މީސްމީހުންނާއި، އެކިމީހުން ޒިންމާވާ މިންވަރު، މި ޝާއިޢުކުރާ ރިޕޯޓުގައި ތަފްޞީލުކޮށް ހިމެނިފައިވާނެ. މިގޮތުން އޭނާއަށް އަނިޔާކުރި މީހުންނާއި، އަނިޔާ ކުރުމުގައި ބައިވެރިވި މީހުންނާއި، އެހީތެރިވި މީހުންނާއި، މަޤާމުގައި ތިބެ ޢަމަލުކުރިގޮތުން މަސްއޫލުވާ މީހުންނާއި، އެއިން ކޮންމެ މީހަކު ޒިންމާ އުފުލަންޖެހޭ މިންވަރު، މި ޝާއިޢުކުރާ ރިޕޯޓުން އެނގިވަޑައިގަންނަވާނެ. އޭގައި އެކަންކަން ހިމެނިފައިވާނެ.

ސެޕްޓެމްބަރު މަހު 20 ވަނަ ދުވަހު ޖަލުގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ބެހޭގޮތުންވެސް އެ ހާދިސާ ހިނގައިދިޔަގޮތުގެ ތަފްޞީލާއި، އެ ހާދިސާގައި ޒިންމާވާންޖެހޭ މީހުންނާއި، އެކިމީހުންގެ ޒިންމާގެ މިންވަރުވެސް، މި ޝާއިޢުކުރާ ރިޕޯޓުގައި ތަފްޞީލުކޮށް އޮންނާނެ. މި ދެންނެވި އެންމެންގެ މައްޗަށް ދައުލަތުން ދަޢުވާ ކުރުމަށްޓަކައި، އިސްލާމީ ޝަރީޢަތާއި، ދިވެހިރާއްޖޭގެ ޤާނޫނުގައިވާ ގޮތުގެ މަތިން، އެމީހުން ޝަރީޢަތަށް ފޮނުއްވުމުގެ މައްސަލަ، މިމަހު 12 ވަނަ ދުވަހު އަޅުގަނޑު ވާނީ އެޓަރނީޖެނެރަލްގެ އަރިހަށް ފޮނުވާފައި.

ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައި ބަޔާންކުރައްވާފައިވާ ގޮތުގައި ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު މާފުށީ ޖަލުގައި ހަތިޔާރުގެ ބޭނުންކޮށްފައިވަނީ، ސިފައިންގެ ތެރޭގައި ޢަމަލުކުރަންޖެހޭ "އިމަރޖެންސީގައި ހަތިޔާރު ބޭނުންކުރުމާބެހޭ ގަވާއިދު" އާއި، "ހަތިޔާރު ހިފައިގެން ޑިއުޓީ މަރާ ތަންތަނުގައި ހަތިޔާރު ބޭނުންކުރަންޖެހޭ ޙާލަތުތައް" މި ދެ ޤަވާޢިދާ މުޅިން ޚިލާފަށް. އަދި ހުއްދަ ހޯދަންޖެހޭ އެއްވެސް ފަރާތެއްގެ ހުއްދަ ހޯދުމެއްނެތި، އެއިން ފަރާތަކަށް ނުވެސް އަންގާ. މިކަން ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައި ވަރަށް ރަނގަޅަށް ބަޔާން ކުރައްވާފައިވޭ. މި ދެ މައްސަލައިގެ ދެ ތަޙުޤީޤީ ރިޕޯޓާއި، ދެ ރިޕޯޓުގެ ޖަދުވަލުތަކާއި، މިއިން ކޮންމެ މައްސަލައެއްގައިމެ ސުވާލު ކުރެވުނު މީހުން ތަޙުޤީޤަށް ދީފައިވާ ހުރިހާ ބަޔާންތައް އަޅުގަނޑު އެޓަރނީޖެނެރަލްގެ އަރިހަށް ފޮނުވިން. އެޓަރނީޖެނެރަލް ޤާނޫނީގޮތުން ބައްލަވަންޖެހޭ ކަންތައްތައް ބައްލަވައި، މި ދެ މައްސަލަވެސް ވަރަށް އަވަހަށް ޝަރީޢަތަށް ފޮނުއްވާނެ. ޝަރީޢަތް ހިނގަމުންދާނީ ޤަވާޢިދުގައިވާ ގޮތުގެ މަތިން ޢާންމުކޮށް ހުޅުވާލެވިފައިވާ ޝަރީޢަތުގެ މަޖިލީހެއްގައި. މި ދެ މައްސަލައިގައިވެސް ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައިވާ ގޮތުން، ޒިންމާވާންޖެހޭ މީހުންނާއި، އެކަމުގައި ބައިވެރިވި މީހުންނާއި، އެކަމުގައި އެހީތެރިވެދިން މީހުންވަނީ އެދުވަހުން ފެށިގެން ވަޒީފާއިން ވަކިކޮށް ބަންދުކުރެވިފައި. އަދި މަޤާމުގައި ތިބެ ޢަމަލުކުރިގޮތުން މަސްއޫލުވާންޖެހޭނެ ކަމަށް ރިޔާސީ ކޮމިޝަނަށް ފެނިވަޑައިގެންނެވި މީހުންވެސް ވަނީ މައްސަލަ ވަކިގޮތަކަށް ނިމެންދެން، މިއަދުން ފެށިގެން ވަޒީފާއަށް ނުނިކުންނަ ގޮތަށް ހަމަޖައްސާފައި.

އާދެ! ޙަސަން އީވާން ނަސީމް ނިޔާވުމަށް ދިމާވިފަދަ ހާދިސާއެއް ހިނގިޔަނުދިނުމަށް އެޅިދާނެ ފިޔަވަޅުތައް ކޮމިޝަނުން ވަނީ ހުށަހަޅުއްވާފައި. އެކަމަށްޓަކައިވެސް އަޅުގަނޑު ކޮމިޝަނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އެފަދަ ފިޔަވަޅުތަކުގެ ތެރެއިން މިވަގުތަށް އެޅެންހުރި ފިޔަވަޅުތައް، ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާއާއެކު މިހާރު މިގެންދަނީ އަޅަމުން. މިގޮތުން، މިހާރު ޢަމަލުކުރަމުންދާ ޖަލާބެހޭ ޤަވާޢިދަށް ބޮޑެތި އިޞްލާޙުތަކެއް ގެނެސް، ޖަލުގެ ކަންތައްތައް ހިންގުމާއި، ޖަލުގައި ބަންދުކޮށްފައި ތިބޭ މީހުންނާމެދު ކަންތައް ކުރަންވާގޮތާއި، ޖަލުގައި ބަންދުވެފައި ތިބޭ މީހުން ކަންތައް ކުރަންވާ ގޮތާއި، ޖަލުގެ ސަލާމަތީ ކަންތައް ބަލަހައްޓާ ފަރާތުން ޢަމަލުކުރަންޖެހޭ ގޮތާއި، މި ހުރިހާ ބައިތަކެއް މިހާރަށްވުރެ ފުރިހަމަކޮށް ހިމެނިފައިވާ ތަފްޞީލީ އާ ޤަވާޢިދެއް އެކުލަވައިލެއްވުމުގެ މަސައްކަތް މިހާރު ކުރެވެމުން އެބަދޭ. މި އަހަރުގެ މާޗް މަހުގެ ނިޔަލަށް މި ޤަވާޢިދު އެކުލަވައިލައްވައި ނިންމެވުމަށް އަޅުގަނޑު މިހާރުވަނީ މިނިސްޓްރީ އޮފް ހޯމްއެފެއާޒް އެންޑް އެންވަޔަރަންމަންޓަށާއި، ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރީހެބިލިޓޭޝަން ސަރވިސަސްއަށް ދަންނަވާފައި. އަދި ޖަލުގެ ކަންތައްތައް ހިންގުމާއި ބެލެހެއްޓުމަށް ފަންނީ ގޮތުންނާއި ޢަމަލީގޮތުން މިހާރަށްވުރެ ފުރިހަމަ އޮނިގަނޑެއް އެކުލަވައިލެއްވުމުގެ މަސައްކަތްވެސް އަޅުގަނޑު މިހާރުވަނީ، މިނިސްޓްރީ އޮފް ހޯމްއެފެއާޒް އެންޑް އެންވަޔަރަންމަންޓާއި، ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރީހެބިލިޓޭޝަން ސަރވިސަސްއާ ޙަވާލުކޮށްފައި. އަދި ކުރިއަށް އޮތް ފެބްރުއަރީ މަހުގެ ނިޔަލަށް މި މަސައްކަތް ނިންމަވަން އަޅުގަނޑުވާނީ ދަންނަވާފައި.

އާދެ! މިހާރުވެސް ޖަލުގެ ސަލާމަތާބެހޭ ކަންތައްތައް ބަލަހައްޓަން ތިބޭ ސިފައިންގެ ޔުނިޓުގެ މީހުން ތިބޭނީ ޖަލުގެ އެއްވެސް ކަމަކާ ނުބެހޭގޮތަށް ހަމަޖައްސާފައި. ޖަލު ބެލެހެއްޓުމަކީ ޤަވާޢިދުން ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރީހެބިލިޓޭޝަން ސަރވިސަސްގެ ކަމެއް ކަމަށްވާތީ، ޖަލުގެ ކަންތައްތައް ބަލަހައްޓަވާނީ އެފަރާތުން. އެފަރާތުން ކަނޑައެޅިގެން އެދިވަޑައިގެންނެވި ހިނދެއްގައި ނޫނީ ސިފައިން ޖަލުތެރެއަކަށް ނުވަންނާނެ. އެއްވެސް ކަމެއް ޖަލުގައި އެމީހުން ނުހިންގާނެ. އެގޮތަށް މިހާރުވަނީ ހަމަޖެހި ނިމިފައި.

ޖަލުގެ ކަންތައްތައް އިޞްލާޙު ކުރުމަށް ރިޔާސީ ކޮމިޝަނުން ހުށަހަޅުއްވާފައިވާ ޚިޔާލުތަކުގެ އަލީގައި އިތުރު އެހެން ފިޔަވަޅުތަކެއް އެޅުމަށްވެސް މިހާރު އަޅުގަނޑުވާނީ ހަމަޖައްސާފައި. އޭގެތެރެއިން އެއްކަމަކީ، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ބައެއް ޤާޒީން ހިމެނޭ ކޮމިޓީއެއް، ތިންމަހުން އެއްމަހު ޖަލަށް ޒިޔާރަތް ކުރައްވައި، ޖަލުގެ ކަންތައްތައް ބައްލަވާފައި، ރިޕޯޓެއް ހުށަހެޅުއްވުން. އަނެއްކަމަކީ، ޖަލުގައި ބަންދުކޮށްފައިވާ މީހުންގެ ތެރެއިން ޤާނޫނީ ވަކީލުންގެ ޚިދްމަތަށް ބޭނުންވާ މީހުންނަށް، އެ ޚިދްމަތް ހޯދައި ލިބިގަތުމުގެ މަގު ތަނަވަސްކޮށްދިނުން. އަނެއްކަމަކީ، މާލޭގައި މަސައްކަތްކުރާ ކައުންސެލަރުން މާފުށްޓަށް ގެންގޮސްގެން، ޖަލުގައި ތިބޭ މީހުންނަށް ކައުންސެލަރުންގެ ޚިދްމަތް ދިނުން. މިކަންކަމުގެ އިތުރަށް، ޖަލުގައި ތިބޭ މީހުންނަށް އެކިއެކި މަސައްކަތް ދަސްކޮށްދިނުމާއި، އެމީހުންނަށް ކިޔަވައިދިނުމާއި، ކުޅިވަރުތައް ކުޅުމުގެ ފުރުޞަތު ހޯދައިދިނުމަށް މިހާރު ކުރާ މަސައްކަތް އިތުރަށް ފުޅާކުރުން. އަދި، ޖަލުގައި ޙުކުމް ތަންފީޒު ކުރަމުންދާ މީހުންގެ ތެރެއިން، ޖަލުގައި ތިބެގެން މަސައްކަތް ކޮށްގެން އާމްދަނީ ހޯދަން ބޭނުންވާ މީހުންނަށް އެކަމަށް އޮންނަ ފުރުޞަތު މިހާރަށްވުރެ ފުޅާކޮށްދިނުންވެސް އެ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ.

މީގެއިތުރުން، ޖަލުގައި ތިބޭ މީހުންނަށް ބޭނުންވާ ތަކެތި ޖަލުތެރެއިން ގަންނަން ލިބެން ހުންނަގޮތަށް، މިފަދަ ތަކެތި ވިއްކާ ތަނެއް ޖަލުގައި ހަދައި، އިރާދަކުރެއްވިއްޔާ އަންނަ ފެބްރުއަރީ މަސް ހުސްވުމުގެ ކުރިން މި ޚިދްމަތް ދޭން ފެށޭނެ.

މި ދެންނެވި ކަންތައްތަކުގެ އިތުރުން، ކުށުގެ މައްސަލަތައް ތަޙުޤީޤު ކުރުމާއި، ކުށުގެ މައްސަލަތައް ސާބިތުކުރުމާބެހޭ މިންގަނޑުތައް މިޒަމާނުގެ އުޞޫލުތަކާ ގުޅޭގޮތަށް އިޞްލާޙު ކުރުމަށްޓަކައި ކުރަންޖެހޭ ވަރަށްގިނަ މަސައްކަތްތަކެއްވެސް މިހާރު މިގެންދަނީ ކުރަމުން. އެކަންތައްތަކުގެ ތަފްޞީލު އިރާދަކުރެއްވިއްޔާ އެހެން ފުރުޞަތެއްގައި އަޅުގަނޑު އިޢުލާނު ކުރާނަން. މި ދާއިރާއަށް އިޞްލާޙު ގެނައުމާ ބެހޭގޮތުން ތިޔަ ޢިއްޒަތްތެރި މެންބަރުންނަށް ފެނިވަޑައިގަންނަވާ އިތުރު ޚިޔާލުފުޅެއް އޮތްނަމަ، އެ ޚިޔާލުފުޅެއް އަޅުގަނޑަށް ފޮނުއްވައި ދެއްވުން އަޅުގަނޑު އެދެން. ތިޔަބޭފުޅުންގެ ޚިޔާލުފުޅުތަކަށް އަޅުގަނޑު އަބަދުވެސް މަރްޙަބާ ކިޔާނަން.

އާދެ! މާފުށީ ޖަލުގައި ހިނގައިމިދިޔަ ހިތާމަވެރި ދެ ހާދިސާގައިވެސް މަސްއޫލުވަނީ ސިފައިންގެ މަދު އަދަދެއްގެ ވަކިބަޔަކު. އެހެންވީމާ، އެއީ އެ ކުށްކުށުގެ އިލްޒާމް، ސިފައިންގެ އެންމެންނަށް ރައްދުވާ ކަމެއް ނޫން. ސިފައިންގެ މީހަކުވިޔަސް ޤާނޫނާ ޚިލާފު ޢަމަލެއް ކޮށްފިއްޔާ، އެމީހަކަށް އަދަބު ލިބެންޖެހޭނެ. އާދެ! މިވާހަކަ މި ދަންނަވާލީ، ސިފައިންނަކީ ވަރަށް މުހިންމު ޤައުމީ ވާޖިބުތަކެއް އަދާކުރަމުންގެންދާ ބަޔަކަށްވާތީ. އަދި ޤައުމަށް ދިމާވާ ނުރައްކާތެރި ކަންތައްތަކުގައި، އަދި އެނޫން ކޮންމެ ބޮޑުކަމެއްގައިވެސް އެންމެ ކުރީ ސަފުގައި ޙަރަކާތްތެރިވާން ތިބި ބަޔަކީ ސިފައިން ކަމަށްވާތީ. އަދި ސިފައިންނަކީ ޤާނޫނާއި ޤަވާޢިދު ރައްކާތެރިކޮށް، ޤާނޫނާ ޤަވާއިދާ ޚިލާފަށް ޢަމަލުކުރާ މީހުންގެ ޢަމަލުތައް ހުއްޓުވުމަށް އިސްކޮށް ޙަރަކާތްތެރިވާން ތިބޭ ބަޔަކަށްވާތީ. މުޖުތަމަޢުގައި ކުށްކުރުން މަދުކުރުމަށް އެހީތެރިވާންވެސް ތިބި ވަރަށް މުހިންމު ބަޔަކަށްވާތީ. މިކަންކަން މިހެން އޮތުމާއެކު، ސިފައިންގެ ތެރެއިން މަދު އަދަދެއްގެ ބަޔަކު ކުރި، އަޅުގަނޑުމެންނަށް ޤަބޫލުނުކުރެވޭ އަދި ޤަބޫލުކޮށްގެން ނުވާނެ ކުށްތަކެއްގެ ސަބަބުން ނަމަވެސް މުޅި ސިފައިންނަށް އެކަމުގެ އިލްޒާމް ރައްދުވާގޮތްވުމަކީ އެއްގޮތަކަށްވެސް ރަނގަޅު ގޮތަކަށް ނުވާނެ. ސިފައިންގެ ޤަދަރާއި ކަރާމަތަށް އުނިކަމެއް އައުމަކީ، ޤައުމުގެ މަސްލަޙަތު އެކަމުގައި ހިމެނިފައިވާ ކަމެއް ނޫން.

އާދެ! މިއަދު އަޅުގަނޑު އިތުރު އެއްވާހަކަ ދަންނަވާލަން ބޭނުންވޭ. އެއީ، 2003 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ނެގި ހިސާބުތަކުން ދައްކާގޮތުގައި، ޖަލަށް ޙުކުމް ކުރެވިފައިވާ މީހުންގެ ތެރެއިން 81.6 އިންސައްތައަކީ، މަސްތުވާތަކެތީގެ މައްސަލައިގައި ޙުކުމް ކޮށްފައިވާ މީހުން. ޖަލުގައި ތަފާތު އެކިއެކި މައްސަލަތައް ދިމާވާން އެންމެ ބޮޑަށް ދިމާވާ ސަބަބަކީ، އެތާނގައި ބަންދުކޮށްފައި ތިބި މީހުންގެ ޢަދަދު ގިނަވުން. މިކަންތައްތައް ހިނގައިދިޔައިރު ގާތްގަނޑަކަށް ހާހެއްހާ މީހުން ޖަލުގައި، އެކި ކުށްކުށުގައި ޙުކުމުގައި ނުވަތަ ތަޙުޤީޤަށް ބަންދުކޮށްފައި ތިބި. އެހާ ގިނަ އަދަދެއްގެ މީހުން ތިބޭއިރު، އެމީހުންނަށް ޤަވާޢިދުން ދޭންޖެހޭ ޚިދްމަތްތައް ދިނުމުގައި، ބައެއްފަހަރަށް އުނިކަން އައުމަކީ އެކަށީގެންވާ ކަމެއް. އެފަދަ އުނިކަމެއް އަތުވެއްޖެނަމަ އެމީހުންގެވެސް ހިތްހަމަނުޖެހުން އުފެދޭނެ. ޖަލުގެ ކަންތައްތައް ބަލަހައްޓަން ތިބޭ މީހުންނާއި، ޖަލުގައި ބަންދު ކޮށްފައި ތިބޭ މީހުންނާ ދޭތެރޭގައި ތަފާތު މައްސަލަތައް ވަރަށް ފަސޭހައިން ނުކުންނަން ފަށާނެ. އިންސާނީ ޠަބީޢަތު ނިޔާކުރާ ގޮތުން، ގިނަ މައްސަލަތަކެއް ދިމާވާން ފަށައިފިއްޔާ، އެދޭތެރެ އޮންނާނީ ވަރަށް ބޮޑަށް ގޯސްވެފައި. އަދި ވަރަށް ފަސޭހައިން މައްސަލަ ހޫނުވެގެންވެސްދާނެ. މިކަހަލަ ކަންތައްތަކެއް ވުމަކީ، އެއްގޮތަކަށްވެސް ރަނގަޅު ކަމެއް ނޫން.

އެހެންވީމާ، ޖަލުގެ ޙާލަތު ރަނގަޅު ކުރަން އެބަޖެހޭ. މިހާރުވެސް ވާނީ ޖަލު މީހުން ބަދަލުކުރުމަށްޓަކައި އާ ޢިމާރާތްތަކެއް މާފުށީގައި ކޮށްފައި. އެއީ، ކުރިން އެމީހުން ތިބި ޢިމާރާތްތަކަށްވުރެ ފުރިހަމަ އަދި ތަނަވަސް، ފަސޭހަ އަދި ވަސީލަތްތައްވެސް މިހާރަށްވުރެ ފުޅާކޮށް ލިބޭގޮތަށް ހުރި ޢިމާރާތްތަކެއް. އަދި މުސްތަޤްބަލުގައި ސަރުކާރުން ގަސްދުކުރަނީ ޖަލުގައި ތިބޭ މީހުންވެސް އެކިބައި ބަޔަށް ބެހިފައި ތިބޭގޮތަށް ހަމަޖައްސަން. އެހެން މި ދެންނެވީ ޖަލުގައި ތިބޭ މީހުންގެ ތެރޭގައި ވަރަށް ބޮޑެތި ކުށްކުށުގެ އަދަބުގައި ތިބޭ މީހުންނާއި، އެންމެ ފުރަތަމަ ފަހަރަށް ކަމެއް ކޮށްގެން ޖަލަށްލާފައި ތިބޭ މީހުންނާއި، އަދި ވަރަށް ޅަޢުމުރުގެ ޒުވާން ކުދިންނާއި، ވަރަށް ތަފާތު ބައިތައް ހިމެނޭ. މި އެންމެން އެއްތަނެއްގައި ތިބުމަކީވެސް އެއްގޮތަކަށްވެސް ރަނގަޅު ގޮތެއް ނޫން. އެހެންވީމާ، މިމީސްމީހުންވެސް ބައިބަޔަށް ބަހައި، ދުނިޔޭގެ އެހެން ތަންތާނގައިވެސް އޮންނަފަދަ އުޞޫލަކުން ތަފާތު ތަންތާނގައި ބަންދުކުރެވޭގޮތަށް، ޖަލު އިންތިޒާމު ކުރެވިފައި ހުރުމަކީ، ވަރަށް ބޭނުންތެރި ކަމެއް. އެ މަސައްކަތް އިރާދަކުރެއްވިއްޔާ ސަރުކާރުން ކުރަމުން ގެންދާނަން.

އާދެ! ދެންމެ މި ދެންނެވި ފަދައިން، އެދުވަސްވަރު ޖަލުގައި ބަންދުކޮށްފައި ތިބި މީހުންގެ ތެރެއިން 81.6 އިންސައްތައަކީ، މަސްތުވާތަކެތީގެ އެކި ކުށްކުށުގައި ޖަލުގައި ބަންދުކޮށްފައި ތިބި މީހުން. 19 ސެޕްޓެމްބަރު ދުވަހުގެރޭ ޖަލުގައި ހިނގި ހިތާމަވެރި ހާދިސާއާއި، 20 ސެޕްޓެމްބަރު ދުވަހު ޖަލުގައި ހިނގި ހިތާމަވެރި ބަޑިޖެހުމުގެ ހާދިސާއާއި، އަދި އެދުވަހު މާލޭގައި ހިނގި ކަންތައްތަކުގެ މަޢުލޫމާތު، ތިޔަ ޢިއްޒަތްތެރި މަޖިލީހަށް އެރުވުމަށްޓަކައި، ސެޕްޓެމްބަރު މަހު 29 ވަނަ ދުވަހު އަޅުގަނޑު ތިޔަ ޢިއްޒަތްތެރި މަޖިލީހަށް އައިސް ދެއްކި ވާހަކައިގައި، މަސްތުވާތަކެތީގެ ނުރައްކަލުން އަޅުގަނޑުމެންގެ ދަރިންނާއި ޒުވާނުންނާއި، މުޅި ދިވެހި ޤައުމު އަދި މުޖުތަމަޢު ސަލާމަތް ކުރުމަށްޓަކައި ވަރުގަދަ ޤައުމީ ކެމްޕެއިނެއް ހިންގުމަށް އަޅުގަނޑު ވާނީ ގޮވާލާފައި. އެކެމްޕެއިންގެ މަސައްކަތް ރޭވުމަށްޓަކައި، ވަޒީރުންގެ ބެއްލެވުމުގެ ދަށުން ފަންނީ ކޮމިޓީއެއް ވަނީ އުފައްދާފައި. އެ ފަންނީ ކޮމިޓީގެ ބައްދަލުވުންތައް މިހާރުވަނީ ބާއްވަވައި ނިމިފައި. އެ ކޮމިޓީއިން ހުށަހަޅުއްވާފައިވާ ކަންތައްތައް އިއްޔެވަނީ ވަޒީރުންގެ ކޮމިޓީއަށް ހުށަހެޅިފައި. އަދި، އިރާދަކުރެއްވިއްޔާ އެ ކެމްޕެއިނުގެ މަސައްކަތް ވަރަށް އަވަހަށް ޢަމަލީގޮތުން ފެށޭނެ.

ކުރީ ދުވަހު އަޅުގަނޑު ދަންނަވާލި ފަދައިން، އަޅުގަނޑު އެދެނީ، ސަރުކާރުން މި ހިންގާ ޤައުމީ ކެމްޕެއިނުގައި، ރައްޔިތުންގެ އެންމެން ބައިވެރިވުން. ތިޔަ ޢިއްޒަތްތެރި މަޖިލީހުގެ މެންބަރުންނާއި، ސަރުކާރުގެ ހުރިހާ ދާއިރާއެއްގެ ވެރިންނާއި މުވައްޒަފުންނާއި، އެކިއެކި އިޖުތިމާޢީ ޚިދްމަތްތައް ދިނުމަށްޓަކައި އުފެދިފައިވާ އަމިއްލަ ޖަމުޢިއްޔާތަކާއި، އަދި އެކިއެކި އިޤްތިޞާދީ މަސައްކަތްތައް ކުރައްވާ ފަރާތްތަކާއި، ޢާންމު ރައްޔިތުންނާއި، މައިންބަފައިންނާއި ޢާއިލާތަކާއި، މިހުރިހާ ފަރާތްތަކެއްގެ ފުރިހަމަ އެއްބާރުލެއްވުމެއް ލިބިގެން ނޫނީ، މި ހިންގަން ޤަޞްދުކުރާ މަޝްރޫޢު ކާމިޔާބެއް ނުވާނެ. އެކެމްޕެއިން ކާމިޔާބެއް ނުވާނެ. އަދި އަޅުގަނޑު މިދެންނެވި ފަރާތްތަކުގެ އިތުރުން، އެކިއެކި މަދަރުސާތައް ހިންގަވާ ފަރާތްތަކާއި، މުދައްރިސުންނާއި، ބެލެނިވެރިންނާއި، ކައުންސެލަރުންނާއި، މިހެންގޮސް އަޅުގަނޑުމެންގެ މުޖުތަމަޢުގައި ހިމެނޭ ތަފާތު ދާއިރާތަކުގައި މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކެއްވެސް، މިކެމްޕެއިނުގައި ފުރިހަމައަށް ޙިއްޞާ ކުރައްވަންޖެހޭނެ. އެހެން މި ދެންނެވީ، މި މައްސަލައަކީ، މިހާރު އަޅުގަނޑުމެންނަށް ވަރަށް ބޮޑުވެފައިވާ މައްސަލައަކަށްވާތީ. ރާއްޖޭގައި މިކަމުގެ އަސަރު ނުފޯރާ ޢާއިލާއެއް މަދުވާނެ. މިކަމުގެ ހިތި ތަޖުރިބާ ކުރަން ޖެހިފައިނުވާ ބަޔަކު މަދުވާނެ.

އެހެންވީމާ، މިކަމުން މުޅި ޤައުމާއި މުޖުތަމަޢު ސަލާމަތް ކުރުމަށްޓަކައި އަޅުގަނޑުމެން އެންމެން އަތުގުޅާލައިގެން ވަރަށް ބޮޑެތި މަސައްކަތްތަކެއް މިހާރުވަނީ ކުރަން ޖެހިފައި. އިރާދަކުރެއްވިއްޔާ، އަޅުގަޑު މިދެންނެވި ޤައުމީ ކެމްޕެއިނުގެ މަސައްކަތް ފަށާނީ އެ މަސައްކަތްތައް ކުރުމަށްޓަކައި. ވީމާ، މިކަމުގައި އަޅުގަނޑު މިދެންނެވި ހުރިހާ ފަރާތްތަކެއްގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލެއްވުން، ސަރުކާރަށް ބޭނުންވާ ވާހަކަ އަދިވެސް އެއްފަހަރު އަޅުގަނޑު ދަންނަވާލަން.

މި ދެންނެވި ދެ ހާދިސާއާ ބެހޭގޮތުން އަޅުގަނޑު މި ދެއްކި ވާހަކަތައް ނިންމާލުމުގެ ކުރިން އަދި އެއް ވާހަކަ ދަންނަވާލަން ބޭނުންވޭ. އެއީ، ތަޙުޤީޤުގެ މަރްޙަލާގައިވެސް އަދި ޙުކުމް ތަންފީޒު ކުރުމުގެ މަރްޙަލާގައިވެސް، އެއްވެސް މީހަކަށް، އެއްވެސް ކަހަލަ އަނިޔާއެއް ކުރުމަކީ، މީހެއްގެ ގަޔަށް އަތްލައި، ޖިސްމާނީ ގޮތުން ދަތިވާފަދަ ނުވަތަ ގެއްލުންވާފަދަ އެއްވެސް ކަމެއް ކުރުމަކީ، ސަރުކާރުން އެއްވެސްއިރެއްގައި ހުއްދަކޮށްފައި އޮތް ކަމެއް ނޫން. އެކަން ހިނގަމުންދާ ކަމުގައިވަނީނަމަ، އެއީ ސަރުކާރަށް އެނގިގެން ހިނގާ ކަމެއް ނޫން. އެކަމުގެ ޝަކުވާ، އެއްވެސް ފަރާތަކުން ހުށަހަޅައިފިއްޔާ، މިހާރުވެސް އަޅުގަނޑު މިގެންދަނީ ކަމާބެހޭ ވަކި ކޮމިޓީއަކަށް ހުށަހަޅައިގެން، އެ ކޮމިޓީއަކުން އެކަންތައްތައް ބަލަމުން. އަދި އެކަންކަމުގައި މީގެކުރިންވެސް ކުށް ސާބިތުވެފައިވާ މީހުންނަށްވަނީ އަދަބު ދެވިފައި. އަދި ކުރިއަށް އޮތް ތާނގައިވެސް އެކަން އޮންނާނީ އެހެން.

އެހެންވީމާ، ތަޙުޤީޤުގެ މަރްޙަލާގައިވެސް އަދި ޙުކުމް ތަންފީޒު ކުރުމުގެ މަރްޙަލާގައިވެސް، އެއްވެސް މީހަކަށް އަނިޔާ ކުރުމަކީ، ސަރުކާރުން އެއްވެސްއިރެއްގައި ހުއްދަ ކޮށްފައިވާ ކަމެއްނޫން. އަދި އިރާދަކުރެއްވިއްޔާ، މުސްތަޤްބަލުގައި ހުއްދަކުރާނެ ކަމެއްވެސް ނޫން. އަދި އެކަންކުރާ ބަޔަކު ގަވާއިދުން ޝަރީޢަތަށް ހުށަހެޅި، އެމީހުންނަށް ލިބެންޖެހޭ އަދަބުވެސް ލިބެންޖެހޭނެ.

އާދެ! އަޅުގަނޑު ހިތަށްއެރީ، މިކަން ތިޔަ ޢިއްޒަތްތެރި މެންބަރުންނަށް އެނގިވަޑައިގެންފައި އޮތުމާއެކުވެސް، މިފަދަ ފުރުޞަތެއްގައި، އެކަން އޮތީ އެހެންކަން ބަޔާންކޮށްދިނުމަކީ މުހިންމު ކަމެއް ކަމުގައި.

އާދެ! އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުން، މާތްﷲގެ މަދަދާއި ތައުފީޤާއި ވާގިފުޅާއެކު، ދިވެހި ރައްޔިތުންގެ ޙައްޤުތައް ރައްކާތެރި ކޮށްދިނުމަށާއި، ޤައުމުގެ ހަމަޖެހުމާއި ކުރިއެރުމަށްޓަކައި، އަޅުގަނޑުގެ ލިޔާޤަތު ތަންދިން އެންމެމަތީ ދަރަޖައަކަށް މަސައްކަތް ކުރަމުން ގެންދާނެ ކަމުގެ ޔަޤީންކަން، ތިޔަ ޢިއްޒަތްތެރި މަޖިލީހަށާއި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރުވަން.

އަޅުގަނޑުގެ ދުޢާއަކީ، اللهُ سُبْحَانَهُ وَتَعَالَى، މާތްވެގެންވާ އިސްލާމްދީނުގައި ސާބިތުވެ ތިބުމުގެ ހެޔޮ ތައުފީޤު، އަޅުގަނޑުމެން އެންމެންނަށް ދެއްވުން. އަދި މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި އުޞޫލުތަކާއި، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި، އެހެނިހެން ޤާނޫނުތަކުގައިވާ ގޮތުގެ މަތިން ޢަމަލު ކުރުމުގެ ހެޔޮ ތައުފީޤާއި، ރާއްޖެއަށް އުފާ ފާގަތިކަމާއި ބާއްޖަވެރިކަމާއި ކުރިއެރުން މާތްﷲ، މިންވަރު ކުރެއްވުން.

والسّلام عليكم ورحمـة اللّـه وبركاته.