بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربّ العـالمـين، والصّـلاة والسّـلام علٰـى أشـرف المرسـلين، سيّدنا محـمَّدٍ وعلى آلـه وأصحـابه أجمعـين.

އާދެ، މަޖީދިއްޔާ ސްކޫލުގެ އަލިމަސް ޔޫބީލް ކާނިވާ މިހުޅުވޭ އުފާވެރި މުނާސަބަތުގައި، މި ކާނިވަލަށް ތައްޔާރުވުމުގައި އިސްދައުރެއް އަދާކުރެއްވި އަލިމަސްޔޫބީލް ސްޓިއަރިންގ ކޮމިޓީގެ ޗެއަރމަން އަޅުގަނޑުގެ ޢިއްޒަތްތެރި އަޚް އަލްފާޟިލް ޢުމަރު ޒާހިރަށާއި، ސްޓިއަރިންގ ކޮމިޓީގެ ހުރިހާ މެންބަރުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަން. އަދި މަޖީދިއްޔާ ސްކޫލުގެ ލޮބުވެތި ދަރިވަރުންނަށާއި، މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލަށާއި، ސްކޫލް ކެޕްޓަނަށާއި އަދި މަޖީދިއްޔާގެ ޓިޗަރުންނަށާއި، ހަމައެހެންމެ ދަރުމަވަންތަ ސްކޫލުގެ ޕްރިންސިޕަލަށާއި، ހިންގުންތެރިންނަށާއި، އެ ސްކޫލުގެ ޓީޗަރުންނަށާއި އަދި މި ކާނިވަލަށް ތައްޔާރުވުމުގައި ހަރަކާތެރިވެވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށާއި އަދި ޚާއްޞަކޮށް މަޖީދިއްޔާގެ ކުރީގެ ދަރިވަރުންނަށް، މި އުފާވެރި މުނާސަބަތުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަޅުގަނޑު ފޮނުވަން. އަދި މި ކާނިވަލަކީ ވަރަށް ކާމިޔާބު ކާނިވަލެއް ކަމުގައި ހެއްދެވުމަށްޓަކައި އެ ހުރިހާ ބޭފުޅުން ކޮށްދެއްވާފައިވާ ބުރަ އަދި ބޮޑެތި މަސައްކަތްތަކުގެ އަގު ވަޒަންކޮށް، އެ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން.

އާދެ، ރާއްޖޭގެ ތަޢުލީމުގެ މުންނާރު ކަމުގައިވާ މަޖީދިއްޔާ ސްކޫލަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި، މިފަދަ ކާނިވަލެއް ހުޅުވޭކަމީ، މުނާސަބަތުގެ އުފާ އެތައް ގުނައަކަށް އިތުރުވެގެންދާނެ ކަމެއްކަމުގައި އަޅުގަނޑު ދެކެން. އަދި އެއީ، އަޅުގަނޑުމެންގެ ދިވެހިންގެ ހިތްތަކަށް ވަރަށް ޚާއްޞަ އުފާތަކެއް ގެނެސްދޭނެ ކަމެއްކަމުގައިވެސް އަޅުގަނޑު ދެކެން.

އާދެ، އެހެން މި ދެންނެވީ، އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކީ، އަޅުގަނޑުމެންގެ ރާއްޖޭގައި އެންމެ ދުވަސްވީ މަދަރުސާ ކަމުގައިވާ މަޖީދިއްޔާއަށްޓަކައި ފަޚްރުވެރިވާ މީހަކަށްވާތީ. އަދި މަޖީދިއްޔާގެ ފަޚްރުވެރި ކުލަތަކުން ޒީނަތްތެރިވެފައިނުވާ އަދި މަޖީދިއްޔާގެ ޢިލްމީ ނޫރުން އުޖާލާކަން ލިބިފައިނުވާ ޢާއިލާއެއް ރާއްޖޭގައި ނެތޭ ދެންނެވުމަކީވެސް ދޮގަކަށް ނުވާނެ. އެހެންކަމުން، މި ކާނިވާ ވެގެންދާނީ އަޅުގަނޑުހިތުން ޤައުމީ ޢީދެއް ކަމުގައި. މި ކާނިވަލަކީ، އަޅުގަނޑުމެންނާއި، އަޅުގަނޑުމެންގެ ޢާއިލާގެ މީހުންނާއި، ރަޙްމަތްތެރިން، ވަރަށް އުފާވެރި މާޙައުލެއްގައި މުނިފޫހިފިލުވުމާއި އަދި އުފާވެރި ވަގުތުތަކެއް ހޭދަކޮށްލުމަށް ލިބޭ ވަރަށް ބޮޑު ފުރުޞަތެއް ކަމުގައިވެސް އަޅުގަނޑު ދެކެން.

އާދެ، މި އުފާވެރި މުނާސަބަތުގައި، މަޖީދިއްޔާ ސްކޫލަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އަދާކުރަމުން އަދި އެ ސްކޫލުގެ ލޮބުވެތި ދަރިވަރުންނަށާއި، އެ ސްކޫލުގެ އިދާރާގެ ހިންގުންތެރިންނަށާއި އަދި މިނިސްޓަރ އޮފް އެޑިޔުކޭޝަނަށާއި، އެ މިނިސްޓްރީގެ ބޭފުޅުންނަށާއި، ހަމައެހެންމެ، ދަރުމަވަންތަ ސްކޫލުގެ އިދާރާގެ ބޭފުޅުންނަށާއި، ލޮބުވެތި ދަރިވަރުންނަށް އަދިވެސް އެއްފަހަރު ތަހުނިޔާއާއި މުބާރަކްބާދީ އަދާކުރަމުން އަދި މި ކާނިވަލަކީ އަޅުގަނޑުމެން އެންމެންނަށްވެސް އުފަލާއި ހިތްހަމަޖެހުން ގެނެސްދޭނެ ކާނިވަލެއް ކަމުގައި ލެއްވުންއެދި ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުން، މާތް ﷲގެ އިސްމުފުޅުގެ ބަރަކާތުން މަޖީދިއްޔާ ސްކޫލުގެ އަލިމަސް ކާނިވާ ހުޅުވައިދިނުމަކީ އަޅުގަނޑަށް މިރޭ ލިބޭ ވަރަށް ޚާއްޞަ އަދި ވަރަށް ބޮޑު އުފަލެއް.

والسّلام عليكم ورحمـة اللّـه وبركاته.