بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء وسيّدالمرسلين، سيّدنا محـمَّدٍ وعلـى آلـه وأصـحابه أجمـعـين.

އާދެ، މިއަދުގެ މިއުފާވެރި ހެނދުނުގެ މި ހިތްގައިމު ވަގުތުކޮޅުގެ ތެރޭގައި އަޅުގަނޑުގެ އެންމެބޮޑު އުފަލަކީ، ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުން ހިންގަވާ މާންދޫ ފިޝަރީޒް ކޮމްޕްލެކްސް ރަސްމީގޮތުން ހުޅުވައިދިނުން. ހަމައެހެންމެ، އިރާދަކުރެއްވިއްޔާ ކުޑައިރުކޮޅެއްގެ ފަހުން އެ ކުންފުނީގެ އާ ކާރުޚާނާގެ ބިންގާ އަޅައިދިނުން. އާދެ، މިއުފާ އަޅުގަނޑަށް ލިބުނުކަމަށްޓަކައި اللهُ سُبْحَانَهُ وَتَعَالَىގެ ހަޟްރަތަށް ޙަމްދާއި ޝުކުރުކުރަން،

އެއަށްފަހު، މިއަދު މިތަނަށް އައިސް މާންދޫގައި މިހާރު ހިނގަމުންދާ ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުން ހިންގަވާ މާންދޫ ފިޝަރީޒް ކޮމްޕްލެކްސް ރަސްމީގޮތުން ހުޅުވައިދިނުމާއި އަދި އެ ކުންފުނީގެ އާ ކާރުޚާނާގެ ބިންގާ އަޅައިދިނުމަށް އަޅުގަނޑަށް ދަޢުވަތު ދެއްވިކަމަށްޓަކައި ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަން އަލްފާޟިލް އަޙްމަދު ނާޝިދަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން. އަދި މިއުފާވެރި މުހިންމު މުނާސަބަތުގައި އަލްފާޟިލް އަޙްމަދު ނާޝިދަށާއި، އަދި ކުންފުނީގެ ހީވާގި ވެރިންނަށާއި މުވައްޒަފުންނަށް އަޅުގަނޑު ތަހުނިޔާ ދަންނަވަން. ހަމައެއާއެކުގައި، މި ސަރަޙައްދުގައި މަސްވެރިކަންކުރާ މަސްވެރިންނަށާއި، މި ސަރަޙައްދުގައި ދުއްވާ މަސްދޯނިފަހަރުގެ ވެރިންނަށާއި، ދެން ތިބި މީހުންގެ އާއިލާތަކަށް ތަހުނިޔާ ދަންނަވައި މުބާރިކްބާދީ އަދާކުރަން.

އާދެ، ދެންމެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަން އަލްފާޟިލް އަޙްމަދު ނާޝިދު ދެއްކެވި ވާހަކަފުޅުގައި، އަޅުގަނޑާ ބެހޭގޮތުން ވިދާޅުވި އިޚްލާޞްތެރި ހެޔޮ ބަސްފުޅުތަކަށްޓަކައި އަޅުގަނޑު އޭނާއަށް ވަރަށްބޮޑަށް ޝުކުރު ދަންނަވަން. އަދި މަސްވެރިކަން ތަރައްޤީ ކުރުމަށާއި، އާންމުކޮށް ރާއްޖޭގެ އިޤްތިޞާދީ ބިންގާ މިހާރަށްވުރެ ފުޅާކޮށް ކުރިޔަށް ގެންދިޔުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށްޓަކައި އޭނާ އެވިދާޅުވި ބަސްފުޅުތަކުގެ އަގު އަޅުގަނޑު ވަޒަންކޮށް ޝުކުރު ދަންނަވަން.

އަޅުގަނޑު ދަންނަވަން ބޭނުންވާ ވާހަކައަކީ އިރާދަކުރެއްވިއްޔާ ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ އަދި މިހާރުވެސް މަސައްކަތް ކުރަމުން ގެންދަނީ، އަދި މިވީހާތާނގައި މަސައްކަތް ކޮށްފައިވާނީވެސް ރާއްޖޭގެ އިޤްތިޞާދު ފުޅާކޮށް، އޭގެ ފައިދާ ވީހާ ގިނަބަޔަކަށް ލިބޭގޮތް ރޭވޭތޯއޭ. އިރާދަކުރެއްވިއްޔާ، އެ މަސައްކަތުގައި އަޅުގަނޑު މިހުރީ ކުރިއަށްދާން. އެހެންނަމަވެސް، އެ މަސައްކަތުގައި ބޭނުންވަނީ ރާއްޖޭގެ ހުރިހާ ފަރާތެއްގެ އެއްބާރުލެއްވުމާއި އެހީތެރިކަން. ހަމައެކަނި ސަރުކާރުން ކުރާ ކަންތައްތަކުން ސަރުކާރުން ބޭނުންވާ ލަނޑުދަނޑިތަކެއް ޙާޞިލެއްނުކުރެވޭނެ. ނުވަތަ ރައްޔިތުން އުންމީދުކުރާ ކަންތައްތަކަކަށް އަޅުގަނޑުމެންނަކަށް ވާޞިލެއްނުވެވޭނެ. އެކަން އެހެންވާނީ ސަރުކާރާއި، އަމިއްލަ ފަރާތްތަކާއި، އާންމު ރައްޔިތުންނާއި، ހުރިހާ އެންމެން އެކުވެރިކަމާއި އެއްބާރުލުމުގެ ރޫޙެއްގައި ބައިވެރިވެގެން، އެންމެންވެސް، ޤައުމުގެ މަސްލަޙަތަށްޓަކައި މަސައްކަތްކޮށްގެން. އަޅުގަނޑު މިދެންނެވި މަސައްކަތުގައި، ރާއްޖޭގެ އިޤްތިޞާދުގައި ޙަރަކާތްތެރިވެވަޑައިގަންނަވާ އަމިއްލަ ކުންފުނިތަކާއި، އަމިއްލަ ފަރާތްތަކާއި، އަދި އާންމު ރައްޔިތުންވެސް ވަރަށްބޮޑަށް އެއްބާރުލައްވައިދެއްވާނެ ކަމާމެދަކު އަޅުގަނޑު ޝައްކެއްނުކުރަން.

އާދެ، މި ކުންފުނީގެ މަސައްކަތް ފެށުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 16ވަނަ ދުވަހު، އާދެ، މިދެންނެވީ، މާންދޫ ފިޝަރީޒް ކޮމްޕްލެކްސްގެ މަސައްކަތް، ހޮރައިޒަން ފިޝަރީޒުން ފެށްޓެވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު، އެދުވަހުން ފެށިގެން، މި ވޭތުވެދިޔަ ފަސްމަސް ދުވަހުގެ ތެރޭގައި، އެންމެ ގިނައިން މަސް ކިރުވައިގެން، މިއަދު ސެޓްފިކެޓާއި އިނާމު ލިބުނު ދޯނިފަހަރުގެ ވެރިފަރާތްތަކަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު މުބާރިކްބާދީއާއި ތަހުނިޔާ ދަންނަވަން. އަދި އެ ބޭފުޅުންނާއި އެބޭފުޅުން ނޫނަސް މި ސަރަޙައްދުގައި މަސްވެރިކަން ކުރައްވާ ހުރިހާ ފަރާތްތަކަކަށް، އެކަމުގައި ކުރިޔަށް ވަޑައިގަތުމަށް އަޅުގަނޑު ވަރަށްބޮޑަށް ހިތްވަރު އަރުވަން.

އާދެ، ފަހަކަށްއައިސް ރާއްޖޭގެ މަސްވެރިކަމުގެ ޞިނާޢަތު ދެކެމުން މިދަނީ ބޮޑެތި ކުރިއެރުންތަކަކާއި ތަރައްޤީތަކެއް. އާދެ، ރާއްޖޭގެ އެހެން ދާއިރާތަކަށް އަންނަމުންދާ ކުރިއެރުމާއި ތަރައްޤީއާ އެއްހަމައެއްގައި މަސްވެރިކަމުގެ ދާއިރާއަށްވެސް ކުރިއެރުމާއި ތަރައްޤީ ލިބެމުން އެބަދޭ. އަޅުގަނޑުމެންނަށް اللهُ سُبْحَانَهُ وَتَعَالَى ދެއްވާފައިވާ އެންމެބޮޑު އެއް މުއްސަނދިކަމަކީ މަހުގެ މުއްސަނދިކަން. އަޅުގަނޑުމެންގެ ރާއްޖޭގެ ކަނޑުތަކުގައި މިވާ މަހުގެ ޚަޒާނާ.

އެހެންވީމާ، އެ ޚަޒާނާގެ ބޭނުން އަޅުގަނޑުމެން މުޅި ޤައުމަށް ފައިދާހުރި ގޮތެއްގައި ހިފުމަކީ އަޅުގަނޑު ހިތުން ހަމަ ކުރަންޖެހޭނެ ކަމެއް. އަދި އެކަން ކުރަންޖެހޭނީވެސް ދެމެހެއްޓެނިވި އުސޫލަކަށް އިސްކަންދީގެން. އެހެން މިދެންނެވީ ދުނިޔޭގެ ބައެއް ތަންތާނގައި މަސްވެރިކަންކުރާގޮތަކީ ދެމެހެއްޓެނިވި އުސޫލަށް އެއްވެސްކަހަލަ ޙުރްމަތްތެރިކަމެއްނުހިތާ، އެމީހުންނަށް އެންމެބޮޑަށް ފައިދާވާގޮތަކަށް އެކަންކޮށްލަމުން ގެންދަނީ. ބޭނުންކުރާ ބައެއް ވަސީލަތްތަކުގެ ސަބަބުން ބައެއް ތަންތަނުން މަސްދަނީ ހުސްވެގެން، އަންނަން އޮތް ޖީލުތަކަށް އެކަމުގެ މުއްސަނދިކަމުގެ އެއްވެސްވަރެއް ބާކީކުރެވިފައެއް ނުހުރޭ. އެކަމަކު އެޔަކީ އަޅުގަނޑު ހިތުން އަޅުގަނޑުމެން ކަންތައް ކުރަންވީ ގޮތެއްނޫން. ރާއްޖޭގެ މުއްސަނދިކަމަކީ ހަމައެކަނި މިއަދު ދުނިޔޭގައި ތިބި ދިވެހިންގެ މުއްސަނދިކަމެއް ނޫން. ރާއްޖެއަށް ﷲ ދެއްވާފައިވާ މުއްސަނދިކަމަކީ މިއަދު މިތިބަ ދިވެހިންނާއި، މުސްތަޤްބަލްގެ ޖީލުތަކުގައި ރާއްޖޭގައި އުޅެން ތިބި އެންމެންނަށްވެސް ﷲ ދެއްވާފައިވާ މުއްސަނދިކަމެއް. އެހެންވީމާ، އެއަށް ރައްކާތެރިވެގެން ދެމެހެއްޓެނިވި ގޮތެއްގައި މި މަސައްކަތް ކުރިއަށް ގެންދިޔުމަކީ ކޮންމެހެން ބޭނުންކަމެކޭ އަޅުގަނޑަށް ދަންނަވަންޖެހޭ.

އާދެ، ވޭތުވެދިޔަ އަހަރު ރާއްޖެއަށް ބޭނި މަހުގެ އަދަދު، 2002 ވަނަ އަހަރާ އަޅައިބަލާއިރު ކުޑަތަންކޮޅެއް މަދު. އާދެ، ހަ އިންސައްތަ ދަށަށްދިޔަކަމަށް ހިސާބުތަކުން ދައްކަނީ. އެހެންނަމަވެސް، ރާއްޖެއިން އެކްސްޕޯޓް ކުރި މަހުގެ ބާވަތްތައް ބަރުދަނުގެ ގޮތުން 42 އިންސައްތަ ވަނީ އިތުރުވެފައި. އަދި މަހުގެ އެކްސްޕޯޓުތަކުން ލިބުނު އާމްދަނީވެސް ވަނީ 16 އިންސައްތަ އިތުރުވެފައި. އެހެންވީމާ، ޙަޤީޤަތުގައި މަސްބޭނުނު އަދަދު މަދުވިޔަސް، އަޅުގަނޑުމެންނަށް މަސްވެރިކަމުން ލިބުނު ކުރިއެރުން، މިދިޔަ އަހަރު، އޭގެ ކުރީ އަހަރާ އަޅައިބަލާއިރު، މާތްﷲގެ ހެޔޮ ރަޙްމަތްފުޅުން ވަރަށްބޮޑުތަން ރަނގަޅު ކަމުގައި ދަންނަވަންޖެހޭ.

އާދެ، މިކަން މިހެންވުމުގައި މަހުގެ އުފެއްދުންތެރިކަމުގައި އަމިއްލަ ފަރާތްތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ވަރަށް ބޮޑު ޙިއްސާއެއް އަދާކުރާކަމަށްވެސް ދަންނަވަންޖެހޭ. އާދެ، ރާއްޖޭގެ މަސްވެރިކަން މިހާރު މިވަނީ މުޅިން މިނިވަންކުރެވިފައި. ލިބަރަލައިޒް ކުރެވިފައި. އަމިއްލަ ފަރާތްތަކަށް އެކަމުގެ ފުރުޞަތުތައް އެރުވިފައި. އެހެންވީމާ، އަޅުގަނޑު ދެކޭގޮތުގައި މުސްތަޤްބަލުގައި އަޅުގަނޑުމެންގެ މަސްވެރިކަންދާނީ ތަރައްޤީވަމުން ކުރިއަރަމުން. މަސްވެރިކަމުން މުޅި ޤައުމަށް ލިބޭ އާމްދަނީއާއި، އާންމު ރައްޔިތުންނަށް ލިބޭ ފައިދާވެސް ދާނީ އެތައް ގުނައަކުން އިތުރުވެގެން.

މަސްވެރިންގެ އަތުން ރޯމަސް ގަނެ ބޭރުކުރުމުގެ ފުރުޞަތު މިހާރު ދިވެހި އަމިއްލަ ފަރާތްތަކަށް މިވަނީ ދެވިފައި. އޭގެތެރޭގައި ހަތަރު ޒޯނެއްގައި ދިވެހިންގެ އެކި ކުންފުނިތައް މަސައްކަތް ކުރަމުން އެބަދޭ. ޖައުސާ ފިޝަރީޒް ލިންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، ސަރަޙައްދު އެކެއްގައި އެބަ މަސައްކަތްކުރޭ. އަދި އައިލެންޑް އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑްވެސް އެ ސަރަޙައްދުގައި އެބަ މަސައްކަތްކުރޭ. މިފްކޯ، ސަރަޙައްދު ދޭކާއި ހަތަރެއްގައި އެބަ މަސައްކަތް ކުރޭ. ދެން އަލްފާޟިލް އަޙްމަދު ތަސްމީން ޢަލީ، ސަރަޙައްދު ތިނެއްގައި އަމިއްލަ އިންވެސްޓްމަންޓެއް ކުރައްވައިގެން މަސައްކަތް ކުރައްވަމުން އެބަގެންދަވާ. ދެން އަޅުގަނޑުމެން އެތަނެއްގައި މިއަދު މި އުފާވެރި ވަގުތުކޮޅު ހޭދަކުރާ ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހިންގަވާ މާންދޫ ޕްރޮޖެކްޓް، އެއީވެސް އަމިއްލަ ފަރާތަކުން ހިންގަވާ، ވަރަށް މުހިންމު މަޝްރޫޢެއް. އެހެންވީމާ، މި ހުރިހާ ފަރާތްތަކަކުން މަސްވެރިކަން ތަރައްޤީކޮށް އަދި މަސްވެރިކަމުން ރާއްޖެއަށް ލިބޭ އާމްދަނީއާއި ފައިދާ އިތުރުކުރެއްވުމަށްޓަކައި މި ކުރައްވާ މަސައްކަތްތަކުގެ އަގު އަޅުގަނޑު ވަރަށް ޚާއްޞަގޮތެއްގައި ވަޒަންކުރާ ވާހަކަ ދަންނަވަން. އަދި އެބޭފުޅުންނަށް ޙައްޤު ޝުކުރާއި ތާރީފު ރައްދުކުރަން.

އާދެ، މަސްވެރިކަމުގެ ޞިނާޢީ އުފެއްދުންތެރިކަން ކުރިއެރުވުމުގައި އަޅުގަނޑުމެން އެންމެބޮޑު ސަމާލުކަމެއް ދޭންވީ، މި ޞިނާޢަތުގެ ބިންގާ މިހާރަށްވުރެ ފުޅާކޮށް، އުފައްދާ ބާވަތްތަކުގެ ފެންވަރު ރަނގަޅުކުރުމާއި، މަތީ އަގު ލިބޭ މާރުކޭޓުތަކަށް އަމާޒުކުރުމަށް. ޝައްކެއްނެތް، މިއީ އަޅުގަނޑުމެން ކުރިމަތިލާން ޖެހިފައިވާ ކަމެއް. ކޮންމެ އުފެއްދުމެއްވެސް، ޚާއްޞަކޮށް، އިޤްތިޞާދީ ދާއިރާގެ ކޮންމެ އުފެއްދުމެއްވެސް، ޒަމާނާ އެއްގޮތްވާ ގޮތުގެމަތިން، ފެންވަރު މަތިކުރަމުން ގެންދަންޖެހޭ. އަޅުގަނޑުމެންގެ ފަތުރުވެރިކަމުގެ އުފެއްދުންވެސް މިހާރު މިވަނީ އެހެން ސިފަޔަކަށް ބަދަލުކުރަން ޖެހިފައި. އޭގެ ތަފާތު އުފެއްދުންތައް ތަޢާރުފުކުރަން ޖެހިފައި. ދުނިޔޭގައި ވާދަކުރަމުންދާއިރު، ވިޔަފާރީގެ ފައިދާ އެންމެ އެދެވޭގޮތުގައި ލިބެމުންދާނީ ޒަމާނާ އެކަށީގެންވާ ގޮތެއްގެމަތިން ތަރއްޤީކުރަމުންދާ މަސައްކަތްތަކަކުން.

އެހެންވީމާ، ފަތުރުވެރިކަމުގެ ދާއިރާގައި، ފަތުރުވެރިކަމުގެ އުފެއްދުން ތަރައްޤީކުރަން ޖެހިފައިވާ ފަދައިން، މަސްވެރިކަމުގެ ދާއިރާގައިވެސް މަސްވެރިކަމުގެ އުފެއްދުންތައް އަޅުގަނޑުމެންނަށް ޖެހޭ ތަރައްޤީކުރަން. އޭގެ ބާވަތްތައް ގިނަކުރަން. އޭގެ ފެންވަރު މަތިކުރަން. މި މަސައްކަތް މިގޮތަށް ކޮށްގެން ނޫނީ، މި ވާދަވެރި ބާޒާރުގައި އަޅުގަނޑުމެންނަކަށް ވާދައެއްނުކުރެވޭނެ. އާދެ، މަސްވެރިކަމުގެ ބޭރުގެ ބާޒާރަކީވެސް ވަރަށް ވާދަވެރި ބާޒާރެއް. އަޅުގަނޑު ހިތުން މިއީ ސަރުކާރުންވެސް ގަބޫލުކުރާ ޙަޤީޤަތެއް. އަދި ރާއްޖޭގައި މަސްވެރިކަމުގެ ދާއިރާގައި އުޅުއްވާ ހުރިހާ އަމިއްލަ ފަރާތްތަކުންވެސް ގަބޫލުކުރައްވާނެ ޙަޤީޤަތެއް.

އާދެ، ރާއްޖޭގެ އިޤްތިޞާދުގައި އަމިއްލަ ފަރާތްތަކުން އަދާކުރައްވަމުން ގެންދަވަނީ ވަރަށް މުހިންމު ދައުރެއްކަމާމެދު ޝައްކެއްނެތް. އެފަރާތްތަކުން އެކުރައްވާ މަސައްކަތްތަކަށް، ކުރިޔަށް އޮތްތާނގައިވެސް ސަރުކާރުން ވެދެވެން އޮތް އެހީއަކާއި، ހިތްވަރެއް ދެމުންގެންދާނެ ކަމުގައި މިދިޔަ އަހަރު މިނިވަންދުވަހުގެ މުނާސަބަތުގައި އަޅުގަނޑު ދެއްކި ވާހަކައިގައި ދަންނަވާފައިވާނެ. އެ ވާހަކައަށް ދެންމެ އަޙްމަދު ނާޝިދުވެސް އިޝާރާތް ކުރައްވައިފި. އަޅުގަނޑު މިއުޅެނީ، އެ ވާހަކައަކީވެސް ވަރަށްބޮޑަށް ވިސްނާފައި ވަރަށް ވަރުގަދަ ޢަޒުމަކާއި ޔަޤީންކަމާއެކުގައި ބުނި ވާހަކައެކޭ ދަންނަވާލަން. އެޔަކީ ފަހަރެއްގައިވެސް ހަމަ ޤައުމާ މުޚާޠަބުކޮށް ދައްކާ ވާހަކައެއްގައި ބުނެލާ ވާހަކައެއްނޫން. އޭގެ ޙަޤީޤަތެއް އޮވެގެން، އޭގެ ވަރުގަދަ ޢަޒުމެއް އޮވެގެން، އޭގެ ސާބިތުކަމެއް އޮވެގެން، އެއީ ގަބޫލުކުރާ ޙަޤީޤަތަކަށްވާތީ، އެ ވާހަކަ އެހެން ދަންނަވަނީ.

ހަމައެފަދައިން، އިހަކަށްދުވަހު އަޅުގަނޑު ރައްޔިތުންގެ މަޖިލީސް، މި އަހަރަށް ހުޅުވައިދެމުން ދިން ރިޔާސީބަޔާނުގައި ދެއްކި ވާހަކައަކީވެސް ހަމަ ވަރަށް ޙަޤީޤީ ވާހަކަތަކެއް. އިރާދަކުރެއްވިއްޔާ، އޭގެ އަސަރު ނުވަތަ ނަތީޖާތައް މިހާރު ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވަމުންދާނެ. އަދި ވަރަށް އަވަހަށް އިތުރު އެހެން ކަންތައްތަކެއްވެސް ވަމުންދާނެ. ހަމަ މިހާރުންމިހާރަށް ފެށިގެން ހިނގާ ކަންތައްތަކެއްވެސް އެބަހުރި. އަޅުގަނޑުގެ އެވާހަކައިގައި ދެންނެވިފަދައިން، މިދިޔަ ފެބްރުއަރީ މަހުގެ ނިޔަލަށް ކުރަން ހަމަޖެއްސި ކަންތައްތައް، ﷲގެ އިރާދަފުޅުން ވަނީ ކޮށްނިމިފައި. އަޅުގަނޑު މިތާނގައި ހުރެގެންވެސް ޚަބަރު ބެލިއިރު، ސަރުކާރުގެ ހުރިހާ ފަރާތްތަކަށް އަޅުގަނޑު އެ ދެންނެވި ޤަވާޢިދު ވަނީ މިހާރު ފޮނުއްވާފައި. އެ ޤަވާޢިދު އެއީ، ކުށްކުރާ މީހުންގެ މައްސަލަތައް ތަޙުޤީޤު ކުރުމާބެހޭ ޤަވާޢިދު. ހަމަ މިހާރުން ފެށިގެން އެކަން އެހެން ހިނގަމުންދާނެ.

ހަމައެހެންމެ، ދަންނަވާލަން ބޭނުންވަނީ ޤާނޫނުއަސާސީއަށް އިޞްލާޙު ގެންނަން ބޭނުންވާ ވާހަކަ އަޅުގަނޑު ވާނީ ރިޔާސީބަޔާނުގައި ދަންނަވާފައޭ. އެއީވެސް ހަމަ ކުއްލިއަކަށް ގެންނަންޖެހުނު ބަދަލުތަކެއްނޫން. މި ވޭތުވެދިޔަތާނގެ ތަޖުރިބާއަށް ބަލާފައި، ބަދަލު އަންނަން ޖެހޭނެކަމަށް ފެނުނު ކަންތައްތަކެއް. އެކަންތައްތަކަށް އަޅުގަނޑު ތައްޔާރުވަމުން އަންނަތާ ދުވަސްތަކެއްވެއްޖެ. އެހެން މިދެންނެވީ، މިކަހަލަ މުހިންމު ބަދަލުތަކަކީ ކުއްލިއަކަށް ހަމަ އެއްދުވަހަކު އިރުއޮއްސިފައި، އަނެއްދުވަހަކަށް އިރުއަރާއިރު އައިސްފައި އޮންނާނެ ބަދަލުތަކެއްނޫން. އެއީ، އެއަށްވުރެ މާ ރަނގަޅަށް ވިސްނާފައި، މާ ހަރުދަނާކަމާ އެކީގައި، މާ ރަނގަޅަށް ރާވައިގެން، މާ ހަމަޖެހޭގޮތަކަށް ގެންނަންޖެހޭ ބަދަލުތަކެއް. ޤާނޫނުއަސާސީ ފާސްވިފަހުން ވޭތުވެގެން މިދިޔަ ހަ އަހަރު، އާދެ، 1998ން ފެށިގެން 2003ގެ ނިޔަލަށް ވޭތުވެގެން މިދިޔަ ހަ އަހަރު އަޅުގަނޑުމެން މި ޤާނޫނުއަސާސީގެ ހިޔަލުގައި ކަޑައްތުކޮށްފިން. މި ހަ އަހަރުގެ ތަޖުރިބާއަށް ބަލާފައި، އަދި ދުނިޔެއަށް މި އަންނަ ބަދަލުތަކަށްވެސް ރިޢާޔަތްކޮށްފައި، މިހާރު މި ޤާނޫނުއަސާސީއަށް ގެންނަންޖެހޭ ބަދަލުތަކެއް ހުރިކަމަށް ތަންކޮޅެއް ކުރިއްސުރެ ފެނިގެން، އެކަމަށް އަޅުގަނޑު މަސައްކަތް ކުރަމުން މިއަންނަނީ. މި އަހަރު ހަމަ މިމަހުގެ ތެރޭގައި ރައްޔިތުންގެ ޚާއްޞަ މަޖިލިސް އެއްކުރުމާބެހޭ އިޢުލާނު ކުރައްވަން އަޅުގަނޑު ބޭނުންކަމަށް މިހާރުވާނީ އިލެކްޝަންސް ކޮމިޝަނުގައި ދަންނަވާފައި. އަޅުގަނޑަށް ހީވަނީ މި މަހުގެ ތެރޭގައި އެކަމާބެހޭ އިޢުލާނު ކުރައްވާނެހެން. އެ އިޢުލާނު ކުރެއްވީމާ، އަޅުގަނޑު ލަފާކުރާގޮތުގައި، ކުރިޔަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ރައްޔިތުންގެ ޚާއްޞަ މަޖިލިސް އިންތިޚާބު ކުރުމުގެ މަސައްކަތް ހިނގާނެ. ރައްޔިތުންގެ ޚާއްޞަ މަޖިލިސް އިންތިޚާބުވީމާ، ޤާނޫނުއަސާސީ އިޞްލާޙުކުރުމާ ބެހޭގޮތުން އަޅުގަނޑަށް ފެންނަ ޚިޔާލުތަކެއް ޚާއްޞަ މަޖިލީހަށް އިރާދަކުރެއްވިއްޔާ ހުށަހަޅާނަން.

އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަނީ މިއަހަރުގެ ތެރޭގައި ޤާނޫނުއަސާސީއަށް ގެންނަން އަޅުގަނޑު މިހުށަހަޅާ އިޞްލާޙުތައް ގެނެވޭނެކަމަށް. އާދެ، މިދަންނަވަނީކީ، އަޅުގަނޑު ހުށަހެޅިޔަސް އަދި ކޮންމެހެން ފާސްވާންޖެހޭނެ ވާހަކައެއްނޫން. އާދެ، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައި ބަޙުޘްކުރައްވާފައި، ޤާނޫނުއަސާސީއަށް ގެންނަވަން ނިންމަވާނީ، މަޖިލީހުގެ އަޣުލަބިއްޔަތަށް ފެނިވަޑައިގަންނަވާ އިޞްލާޙެއް. އެބޭފުޅުން ވިސްނަވާނީ މުޅި ޤައުމުގެ މަޞްލަޙަތަށް.

އެހެންވީމާ، އަޅުގަނޑުގެ ވާޖިބަކީ އެހާތަނަށް އަންނަންވާއިރަށް، އަޅުގަނޑު މި ހުށަހަޅާ އިޞްލާޙުތައް ތައްޔާރުކޮށް، ޚާއްޞަ މަޖިލިސް އެއްވީމާ، ޚާއްޞަ މަޖިލީހަށް ހުށަހެޅުން. ދެން މަޖިލީހުގެ މަސްއޫލިއްޔަތެއް، އެ އިޞްލާޙުތަކާ ދޭތެރޭގައި ރަނގަޅަށް ވިސްނަވައި، ޚިޔާލު ބަދަލުކުރައްވައި ހައްދަވާފައި، މަޖިލީހުގެ އަޣުލަބިއްޔަތު ފެންނަ ގޮތަކަށް. އާދެ، އެކަމުގައި ޤައުމުގެ މަސްލަޙަތާއި، ހަމަޖެހުމާއި، ކުރިއެރުން ހިމެނިފައިވާ ކަމަށް މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތަކަށް، އެ އިޞްލާޙުތައް ފާސްކުރެއްވުން ނުވަތަ އެއަށް ބަދަލުގެންނެވުމުގެ އިޚްތިޔާރު އެބޭފުޅުންނަށް އޮންނާނެ.

އާދެ، އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ކުރިމަތިލަނީ ވަރަށް އުންމީދީ ބަދަލުތަކަކާއޭ. ރާއްޖެއަށް އިރާދަކުރެއްވިއްޔާ ވަރަށް ހެޔޮބަދަލުތަކެއް، ކުރިއަށް އޮތްތާނގައި އަންނާނެ. އެ ބަދަލުތަކަކީ ފަހަރެއްގައިވެސް ހަމަ ކުއްލިއަކަށް އަންނަ ބަދަލުތަކެއްނޫން. މި ވޭތުވެދިޔަ 25 އަހަރު ދުވަހުގެ ތެރޭގައިވެސް މިހިރީ ވަރަށް ގިނަ ބަދަލުތައް އައިސްފައި. މިހާރު އަޅުގަނޑުމެންގެ ތެރެއިން، މިހާރުގެ ޒުވާނުންނަކަށް އެ ބަދަލުތަކެއް ނޭނގޭނެކަންނޭނގެ. ތަންކޮޅެއް ހަރުމީހުންނަށް، ތަންކޮޅެއް މުސްކުޅިންނަށް، ތަންކޮޅެއް ދުވަސްވީ މީހުންނަށް އެނގޭނީ، ކުރިން ކަންތައްތައް ހިނގަމުންދިޔަގޮތާއި މިހާރު އެކަންތައްތައް ހިނގަމުންދާގޮތާއި، މިއައި ބަދަލުތައް. އެހެންނަމަވެސް، ދަންނަވަން މިއުޅެނީ، ބަދަލަކީ ކުއްލިއަކަށް އަންނަ އެއްޗެއް ނޫނޭ. މިދިޔަ 25 އަހަރު ދުވަހުގެ ތެރޭގައިވެސް މަޑުމަޑުން ވަނީ ވަރަށް ގިނަ ބަދަލުތައް އައިސްފައޭ. އިރާދަކުރެއްވިއްޔާ، މިހާރު އަނެއްކާ އިތުރު ބަދަލުތަކަކަށޭ އަޅުގަނޑުމެން މި ކުރިމަތިލަނީ.

އާދެ، އަޅުގަނޑުގެ ވާހަކަ މިހާރުވެސް ތަންކޮޅެއް ދިގުވެއްޖެކަންނޭނގެ. އެހެންނަމަވެސް، ދެންމެ އަޙްމަދު ނާޝިދުގެ ވާހަކަފުޅުގައިވެސް އެކަމަށް އިޝަރާތްކޮށްލެއްވީމާ، އަޅުގަނޑު ހިތަށްއެރީ، އަޅުގަނޑުގެ ހިތުގައި އޮތްގޮތް ތިޔަބޭފުޅުންނަށް ރަނގަޅަށް ދަންނަވާލަދޭނަމޭ. އަދި މިކަން ގެންދަން ޚިޔާލުކުރެވިފައިވާ ގޮތުގެ ވާހަކަވެސް ދިވެހި ރައްޔިތުންނަށް ދަންނަވާލަދޭނަމޭ. އެހެންހީކޮށް، އަޅުގަނޑު މިވާހަކަ މިދެންނެވީ.

އާދެ، އަޅުގަނޑު އެދެނީ މިއަދު ރަސްމީގޮތުން މި އިފްތިތާޙުކުރެވުނު މަސައްކަތަށް ހުރިހާވެސް ތަރައްޤީއަކާއި ކާމިޔާބީއެއް. ހޮރައިޒަން ފިޝަރީޒް ޕްރިއިވެޓް ލިމިޓެޑުން ކުރައްވާ މަސައްކަތަށް އިތުރު ފަހިކަމާއި، އިތުރު ތަނަވަސްކަން މާތްﷲ މިންވަރު ކުރެއްވުން. ހަމައެހެންމެ، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހަރަކާތްތެރިވަމުން ގެންދާ ރާއްޖޭގެ އަމިއްލަ ކުންފުނިތަކަށްވެސް ހުރިހާވެސް ކުރިއެރުމަކާއި، ތަރައްޤީއަކާއި، ފައިދާއަކަށް އަޅުގަނޑު އެދެން. އަދި އެކުންފުނިތައް ހިންގަވާ ބޭފުޅުން ކުރައްވާ މަސައްކަތުގައި މާތްﷲ ބަރަކާތްލައްވައި، ހުރިހާ ދިވެހިންނަށް މަސްވެރިކަމުގެ ފައިދާ ހިއްސާވާނެ ގޮތެއްގެ މަތިން މި މަސައްކަތް ގެންދެވުމުގެ ތައުފީޤު އެކަލާނގެ ދެއްވުން އެދި، ﷲގެ ހަޟްރަތުގައި އަޅުގަނޑު ދުޢާ ދަންނަވަން. އަދި އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގެ ސާފުސީދާ ތެދުމަގުގައި އަބަދުވެސް ނުގުޑާފަދަ ޢަޒުމަކާއެކީގައި ފައިތިލަ ސާބިތުކޮށްގެން، ޤައުމުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އުފައްދައިގެން، އެންމެންއެކުގައި އެކަތިގަނޑަކަށްވެގެން، ކުރިއެރުމާއި، ތަރައްޤީގެ މަގުގައި މަސައްކަތްކުރާ ބައެއް ކަމުގައި މާތްﷲ ލެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި އަޅުގަނޑު ދުޢާ ދަންނަވަން.

والسّلام عليكم ورحمـة اللّـه وبركاته.