އަލްފާޟިލާ ފާޠިމަތު ޢަރީފު
މއ. ޕީޗްކޮރަލް

ފާޠިމަތު ޢަރީފަކީ، ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރަށް ބޭނުންވާ ޚިދުމަތްތައް ދިނުމަށް އުފައްދަވައިފައިވާ އިދާރާތަކުގައި ވަރަށް އިޚްލާޞްތެރިކަމާއި، ހީވާގިކަމާއެކު ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވަމުން ގެންދަވާ މަދު އަންހެން ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ވަރަށް ކެތްތެރި ހީވާގި ބޭފުޅެކެވެ. މި ދާއިރާގައި ފާޠިމަތު ޢަރީފު ޚިދުމަތްކުރައްވަމުން ގެންވާތާ މިހާރު 35 އަހަރަށްވުރެން ދިގު މުއްދަތެއް ވެއްޖެއެވެ.

ސަރުކާރުގެ މަދަރުސާތަކުގައި ކިޔަވާ ކުދިން، ޤާނޫނުގައިވާ ގޮތުގެ މަތީން ސަރުކާރަށް ޚިދުމަތްކުރަންޖެހޭތީ، ޚިދުމަތްކުރަން ހުރި ދާއިރާތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދެއްވުމުން، ޚިދުމަތް ފުރިހަމަކުރުމުގެ ގޮތުން ޚިދުމަތަށް ނުކުންނަވަން ފާޠިމަތު ޢަރީފު ޚިޔާރުކުރެއްވީ، އޭވިއޭޝަން ދާއިރާއިން ކުރިއަށް ވަޑައިގަތުމަށެވެ. އެގޮތުން، ސިވިލްއޭވިއޭޝަން އޮތޯރިޓީ ޚިޔާރު ކުރެއްވުމުން ފާޠިމަތު ޢަރީފު، 4 މާރިޗު 1986 ގައި ހަމަޖެއްސެވީ، އެ އޮތޯރިޓީގެ ސެކްރެޓެރީއަކަށެވެ. ޤާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ޚިދުމަތުގެ މުއްދަތު ފުރިހަމަ ކުރެއްވުމަށްފަހުގައިވެސް ގަސްދުކުރެއްވީ، ޚިދުމަތުގައި ދެމިހުންނެވުމަށެވެ.

ސިވިލްއޭވިއޭޝަން އޮތޯރިޓީގެ ވަޒީފާއިން 12 ޑިސެންބަރު 1988 ގައި ފާޠިމަތު ޢަރީފު ބަދަލުވެވަޑައިގެންނެވީ، މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީގެ ސެކްރެޓެރީއަކަށެވެ. އޭގެ ފަހުން، އެ އޮތޯރިޓީގެ ސީނިއަރ ސެކްރެޓެރީކަމާއި، ޕާރޗޭސިންގ އޮފިސަރުކަމާއި، ސީނިއަރ ޕާރޗޭސިންގ އޮފިސަރުކަމުގެ މަގާމު ފުރުއްވައިފައި ވެއެވެ. އަދި އެ އޮތޯރިޓީ ކުންފުންޏަކަށް ބަދަލުވުމުން، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގައި ސީނިއަރ ޕާރޗޭސިންގ އޮފިސަރުކަމާއި، އެސިސްޓެންޓް މެނޭޖަރުކަމާއި، މެނޭޖަރުކަމުގެ މަގާމު އަދާކުރައްވައިފައި ވެއެވެ. ފާޠިމަތު ޢަރީފު، މިހާރު ކުރައްވަމުން ގެންދަވަނީ، އެ ކުންފުނިން ދޭ ޚިދުމަތްތައް ދިނުމަށްޓަކައި، އެމްޕްލޯއީ އެންގޭޖްމަންޓްގެ އިދާރީ މަސައްކަތްތަކާއި، އެތާނގެ ފައިސާއާބެހޭ މަސައްކަތްތަކެވެ.

ފާޠިމަތު ޢަރީފަކީ، ވަޒީފާގެ މާހައުލުގައި ދިމާވާ ކަންކަމާ ވަރަށް ކެތްތެރިކަމާއެކު އަބަދުވެސް އަޒުމު އާކުރައްވައިގެން ކެރިގެން ކުރިމަތިލައްވައިގެން ހިތްވަރާއެކު ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އެކި ދުވަސްވަރު މަގާމުތަކަށް އައި ބަދަލުތަކާއި، ކުރައްވަންޖެހިވަޑައިގެންނެވި ތަފާތު މަސައްކަތްތައް ފަސްޖެހުމެއްނެތި ކުރައްވަމުން ގެންދެވި ބޭފުޅެކެވެ. ވަޒީފާ އަދާކުރެއްވުމަށް ހުރިހާ މޫސުމެއްގައިވެސް، މާލެއިން ފުރައިގެން ހުޅުލެއަށް ދަތުރުކުރެއްވި ހިތްވަރުގަދަ ބޭފުޅެކެވެ. ހާޒިރީއަށް ފަރުވާތެރި ބޭފުޅެކެވެ.

ފާޠިމަތު ޢަރީފަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި އަގުހުރި ޚިދުމަތްތަކެއް އެ ދާއިރާއަށް ކުރައްވަމުން ގެންދަވާއިރު، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ ފަރާތުން އެކި މުނާސަބަތުގައި ރާއްވަވައި ހިންގަވާ އެކި ޙަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެން އެހީތެރިވެދެއްވަމުން ގެންދަވައިފައި ވެއެވެ.