އަލްއުސްތާޛު ސަޢުދު ޢަބްދުލްކަރީމް
ދަފްތަރު. ނަންބަރު ރސ 2034

އަލްއުސްތާޛު ސަޢުދު ޢަބްދުލްކަރީމް، ދިވެހި ސަރުކާރުގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ، ތަޢުލީމީ ދާއިރާއިންނެވެ. ރާއްޖެތެރޭގެ މަދަރުސާ/ މަކުތަބުތަކުގެ މުދައްރިސްކަމުގެ ވަޒީފާ އަދާކުރައްވަން ފެށްޓެވީ 1 ޖަނަވަރީ 1983 ގައެވެ. އެކިފަހަރުމަތީން 10 އަހަރަށްވުރެ ގިނަދުވަހު ތަޢުލީމީ ދާއިރާގައި ސަޢުދު ޢަބްދުލްކަރީމް ޚިދުމަތް ކުރެއްވިއެވެ.

އަލްއުސްތާޛު ސަޢުދު ޢަބްދުލްކަރީމް، ތަފާތު އެތައް ދާއިރާއެއްގައި ޚިދުމަތްކުރައްވައިފައި ވެއެވެ. ކިޔަވައިދެއްވުމުގެ އިތުރުން، ދިވެހި ބަހާއި ތާރީޚާބެހޭ ކަންކަން ހޯއްދަވައި ބެއްލެވުމާއި، ހިންގުމުގެ ދާއިރާގައްޔާއި، ލިޔުންތެރިކަމުގެ ރޮނގުންވެސް ޚިދުމަތްކުރައްވައިފައި ވެއެވެ. އަދާކުރައްވައިފައިވާ ވަޒީފާތަކުގެ ތެރޭގައި، ޕްރައިމަރީ ޓީޗަރުކަމާއި، ފެރިދޫ މުދިންކަމާއި، މަޖީދިއްޔާ ސްކޫލުގެ މުދައްރިސްކަމާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދިވެހި މުދައްރިސްކަން ހިމެނެއެވެ. މީގެ އިތުރުން، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ރިސަރޗް އޮފިސަރުކަމާއި، ފެރިދޫ ކަތީބުކަމާއި، މަޖީދިއްޔާ ސްކޫލްގެ އެޑްމިނިސްޓްރޭޓިވް އޮފިސަރުކަމާއި، ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރީހެބިލިޓޭޝަންގެ އެޑްމިނިސްޓްރޭޓިވް އޮފިސަރުކަމާއި، އެސިސްޓެންޓް ޑިރެކްޓަރުކަމާއި، ޑިރެކްޓަރުކަން ހިމެނެއެވެ.

އަލްއުސްތާޛު ސަޢުދު ޢަބްދުލްކަރީމް، ފެރިދޫ ކަތީބުކަމުގައި ހުންނެވި ދުވަސްވަރު، ހިންގުން ހަރުދަނާކުރެއްވުމަށް، ރަށުފެންވަރުގައި މަސައްކަތްކުރައްވައިފައި ވެއެވެ. ތަޢުލީމީ ދާއިރާގައި މުދައްރިސެއްގެ ގޮތުގައި ހުންނަވައިގެން ގިނަ އަދަދެއްގެ ދަރިވަރުންނަށް ދިވެހިބަސް އުނގަންނައިދެއްވައިފައި ވެއެވެ. އަދި އަމިއްލައަށް އިސްނަންގަވައިގެން ސްކޫލުގައި އިތުރު ޙަރަކާތްތައް ރާއްވަވައި ހިންގަވައިދެއްވައިފައި ވެއެވެ. ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގައި، ބަސްފޮތް އިޞްލާޙުކުރުމުގެ މަސައްކަތާއި [20 ވަނަ ޤަރުނުގައި ދިވެހިރާއްޖެ] ފޮތްތައް އެކުލަވައިލުމުގެ މަސައްކަތުގައި ސަޢުދު ޢަބްދުލްކަރީމް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން، އެ މަރުކަޒުން އިންތިޒާމުކޮށްގެން ބާއްވަވަމުން ގެންދެވި އަދަބީ އެކިއެކި މުބާރާތްތަކާއި ކޯސްތައް ރާވައި ހިންގުމުގައި އެހީތެރިވެދެއްވައި، މުބާރާތްތަކުގެ ފަނޑިޔާރުކަންވެސް ކުރައްވައިފައި ވެއެވެ. އަދި 1997 އިން 2001 އަށް ބަސްކޮމިޓީގެ މެންބަރުކަން ކުރެއްވުމާއި، އެ މަރުކަޒުން ހިންގެވި ތަފާތު އަދަބީ ކޯސްތައް ރާއްވަވައި ހިންގެވުމާއި، ކިޔަވައިދެއްވުމުގެ މަސައްކަތްވެސް، ކުރެއްވިއެވެ. ސަޢުދު ޢަބްދުލްކަރީމަކީ، ނުރަސްމީ ތަޢުލީމުދޭ ބައިން ތައްޔާރުކުރެއްވި އަސާސީ ތަޢުލީމު އުނގަންނައިދޭ ފޮތުގައި ތާނަ، އަރަބި، ހިސާބު ދަސްކޮށްދެއްވުމަށް ފޮތްސެޓަކާއި، ގޭތެރޭގެ ދިރިއުޅުން ދަސްކޮށްދޭނެ އަތްމަތީ ފޮތެއްވެސް ތައްޔާރުކޮށްދެއްވައިފައިވާ ބޭފުޅެކެވެ. އަދި އެތަނުން ހިންގެވި ކޯސްތަކުގައި ދިވެހިބަސް ކިޔަވައިދޭނެ ފޮތެއް ލިޔުއްވައި ތައްޔާރުކޮށްދެއްވައި، ސަމާސާ އަދަބު 1 "ރޯދަ މަޖާ" ގެ ނަމުގައި ފޮތެއް ލިޔުއްވައި ޝާއިޢު ކުރައްވައިފައިވާ ބޭފުޅެއްވެސް މެއެވެ.

އަލްއުސްތާޛު ސަޢުދު ޢަބްދުލްކަރީމަކީ، ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސަރވިސްގައްޔާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި ތަފާތު އެތައް ސެކްޝަނެއްގައި، އިސްވެރިއެއްގެ ގޮތުގައި، ހަރުދަނާ ގިނަ މަސައްކަތްތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ. އެ އިދާރާގެ ޒިންމާދާރު ވެރިޔާގެ މަގާމުވެސް އަދާކުރައްވައިފައި ވެއެވެ. މީގެ އިތުރުން، ޤާނޫނީ ލަފާދޭ ކޮމިޓީގެ ޗެއަރމަންކަމާއި، މުރާޖަޢާ ކޮމިޓީގެ މެންބަރުކަމާއި، ބިޑްކޮމިޓީގެ މެންބަރުކަމާއި، އިންޓަރވިއު ޕެނަލްގެ މެންބަރުކަންވެސް ކުރައްވައިފައި ވެއެވެ.

އަލްއުސްތާޛު ސަޢުދު ޢަބްދުލްކަރީމް، ސަރުކާރަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 35 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ. މިހާރު ހުންނެވީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ސިވިލް އެގްޒެކެޓިވް ކަމުގެ މަގާމުގައެވެ.