އަލްފާޟިލް މުޙައްމަދު ޙުސައިން
ޓޯޓައިސް ގދ. ތިނަދޫ

މުޙައްމަދު ޙުސައިން ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒުގެ ދެނަންބަރު ކާތިބުކަމުގެ ވަޒީފާއިން 1984 މޭ މަހުގެ 12 ވަނަ ދުވަހުއެވެ. އެލައިޑް ހެލްތް ސަރވިސް ޓްރޭނިންގ ސެންޓަރުން، ކޮމިއުނިޓީ ހެލްތް ވަރކަރ ކޯސް ފުރިހަމަކުރެއްވުމަށްފަހު ޞިއްޙީ ދާއިރާގެ ޚިދުމަތާ މުޙައްމަދު ޙުސައިން ގުޅިވަޑައިގަތީ 1989 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 21 ވަނަ ދުވަހުއެވެ. އޭރުއްސުރެ މިއަދާ ހަމައަށްވެސް ހުންނެވީ، އެ ދާއިރާގެ ޚިދުމަތުގައެވެ.

މުޙައްމަދު ޙުސައިނަކީ، ޖަމާޢަތުގެ ޞިއްޙީ އެހީތެރިއެއްގެގޮތުން، ގިނަ އަތޮޅު ތަކެއްގައި ޞީއްޙީ ޚިދުމަތްތައް ދެއްވުމުގައި ހީވާގިކަމާއި މުރާލިކަމާއެކު ގިނަ ދުވަސްތަކެއްވަންދެން ޚިދުމަތް ކުރެއްވި ބޭފުޅެކެވެ. ބަލިމީހުން ބެއްލެވުމާއި، ފަރުވާ ދެއްވުމާއި، އިދާރީގޮތުން ކުރަންޖެހޭ ކަންތައްތައްވެސް އޭރު ކުރެއްވީ، އަމިއްލަފުޅަށެވެ. ޞިއްޙީ މަރުކަޒުތަކުގައި ތިއްބަވާ ޞިއްޙީ އެހީތެރިންނާއި، އެނޫން މުވައްޒަފުންނަށް އިރުޝާދު ދެއްވުމުގައިވެސް، އަވަދިނެތި އުޅުއްވިއެވެ. މަރުކަޒަށް އަންނަ ބަލިމީހުން ބެއްލެވުމުގެ އިތުރުން، މަރުކަޒު ހުންނަ ރަށުގައި ތިބޭ ބަލިމީހުންގެ ގާތަށް ޒިޔާރަތް ކުރައްވައި، އެމީހުންނަށް ފަރުވާ ދެއްވުމުގައިވެސް އުޅުއްވިއެވެ. އަތޮޅުތެރޭގެ ރަށްރަށަށް ވަޑައިގެން ބަލިމީހުން ބެއްލެވުމާއި، ރަށުން ފަރުވާ ދެވެން ނެތް ބަލިމީހުން މާލެ ފޮނުއްވައިގެން ފަރުވާ ދެވޭނެ އިންތިޒާމުތައް ހަމަޖައްސަވައިދެއްވައި، ރަށްރަށުގެ ރައްޔިތުން ޞިއްޙީގޮތުން ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތައްވެސް މުޙައްމަދު ޙުސައިން ހިންގަވައި ދެއްވިއެވެ.

މުޙައްމަދު ޙުސައިނަކީ، އެކި ބަލިތަކުން ރައްޔިތުން ރައްކާތެރިވުމަށް ހޭލުންތެރިކަން އިތުރުކުރުވުމުގެ ޕްރޮގްރާމްތައް ހިންގަވައި، ބަލިމީހުންނަށް ފަރުވާ ދެއްވުމާއި، ވިހެއުމުގެ ތެރޭގައި މަރުވާ މައިންނާއި، ޅަފަތުގައި މަރުވާ ކުދީންގެ އަދަދު މަދުކުރުމަށާއި، ހުވަދު އަތޮޅުން ހިމަބިހި ނައްތައިލުމަށް ކުރެވުނު މަސައްކަތްތަކުގައިވެސް ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައިވާ ބޭފުޅެކެވެ. މީގެ އިތުރުން، އެކިއެކި ބަލިބަލިން ދިފާޢުވުމަށް ހިންގޭ ވެކްސިން ޕްރޮގްރާމްތައް ހުވަދު އަތޮޅުގައި ހިންގެވުމާއި، ދެހާހުގެ އަހަރުތަކުގެ ތެރޭގައި، ހުވަދު އަތޮޅުގައި ފެތުރުނު "ސްކްރައިބް ޓައިޕަސް" ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ރަށްރަށުގެ ރައްޔިތުންނަށް ހިންގުނު ހޭލުންތެރިކުރުވުމުގެ ޕްރޮގުރާމުތަކުގައި އެންމެ އިސްކޮށް އުޅުއްވީވެސް، މުޙައްމަދު ޙުސައިނެވެ.

ހުވަދު އަތޮޅުގެ ރައްޔިތުން ދުންފަތުގެ އިސްތިޢުމާލުކުރުމުން ދުރުހެލިކުރުވުމަށާއި، ދުޅަހެޔޮ ޞިއްޙަތެއް ބިނާކުރުމަށް ސަރުކާރުން ހިންގެވި އާބާދީ ކޮންޓްރޯލް ކުރުމުގެ ޕްރޮގްރާމްތައް ހިންގެވުމުގައްޔާއި، އެކިއެކި ރޯގާތަކުންނާއި، މަދިރީގެ އުނދަގުލުން ރައްކާތެރިވުމަށް، ރަށްރަށުގެ އޮފީސްތަކާއި ސްކޫލްތަކާއި ރަށްކުރިއަރުވާ ކޮމިޓީތަކާ ގުޅިގެން ހިންގުނު ހުރިހާ ޕްރޮގްރާމްތަކެއްގައި މުޙައްމަދު ޙުސައިން ޢަމަލީގޮތުން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން، ޞިއްޙީގޮތުން ފާހަގަކުރާ ދުވަސްތައް ފާހަގަކުރެއްވުމުގައިވެސް މުޙައްމަދު ޙުސައިން އިސްވެ ޙަރަކާތްތެރިވެވަޑައިގަންނަވައެވެ.

ގދ.ތިނަދޫ ރީޖަނަލް ހޮސްޕިޓަލް، މިހާރުގެ ޑޮކްޓަރ ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައި މުޙައްމަދު ޙުސައިން ޚިދުމަތް ކުރައްވަން ފެށްޓެވީ، 16 ފެބުރުވަރީ 2000 ގައި، އެސިސްޓެންޓް މެނޭޖަރެއްގެގޮތުންނެވެ. އެ ހޮސްޕިޓަލުގެ މެނޭޖަރުކަމުގެ މަގާމު އަދާކުރެއްވުމަށްފަހު މިހާރު ހުންނެވީ، ޑެޕިއުޓީ ޑިރެކްޓަރުކަމުގެ މަގާމުގައެވެ. އިދާރީގޮތުން ހޮސްޕިޓަލުގައި ދުވަހުން ދުވަހަށް ކުރަންޖެހޭ ހުރިހާ ކަމެއް އިންތިޒާމުކޮށް ބެލެހެއްޓެވުމުގައި މިހާރު އެންމެ އިސްކޮށް ހުންނެވީ، މުޙައްމަދު ޙުސައިނެވެ.

މުޙައްމަދު ޙުސައިން، ސަރުކާރަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 35 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ.