އަލްފާޟިލް އަޙްމަދު ނިޔާޒް
ގ. ރޯޝަންލޮޖް

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންގެ ބޯޓެއްކަމަށްވާ އެމް.ވީ. ދޮނަކުޅީގެ ސެކަންޑް އޮފިސަރެއްގެގޮތުން އަޙްމަދު ނިޔާޒް ފުރަތަމަ ޚިދުމަތް ކުރައްވަން ފެށްޓެވީ 1985 ވަނަ އަހަރުގެ މޭ މަހުގެ 5 ވަނަ ދުވަހުއެވެ. އޭގެ ފަހުން، 1988 ވަނަ އަހަރުގެ ތެރޭގައި އެމް.ޓީ. ރެހެންދީގެ ސެކަންޑް އޮފިސަރަކަށް ބަދަލުވެވަޑައިގަތެވެ. އަދި 1994 ވަނަ އަހަރުގެ ތެރޭގައި، އެމް.ޓީ. ގުރާބުގެ ޗީފް އޮފިސަރަކަށް ބަދަލު ކުރެއްވިއެވެ. އެމް.ވީ. ދޮނަކުޅީގައްޔާއި، އެމް.ޓީ. ރެހެންދީގައްޔާއި، އެމް.ޓީ. ގުރާބުގައި ވަޒީފާ އަދާކުރެއްވިއިރު ޒިންމާދާރުކަމާއި އިޚްލާޞްތެރިކަމާއެކު ކަމަށްކަމޭހިއްތަވައިގެން ޚިދުމަތް ކުރެއްވިއެވެ.

އެސް.ޓީ.އޯ.ގެ ހިއްސާވާ ކުންފުންޏެއްކަމަށްވާ، ފިއުލް ސަޕްލައި މޯލްޑިވްސްގެ ވަޒީފާއަށް އަޙްމަދު ނިޔާޒް ބަދަލުވެވަޑައިގަތީ، 2005 އޮގަސްޓު މަހުގެ ތެރޭގައެވެ. އެއީ، އެމް.ޓީ. ބަރުޖޯރާގެ އެކްޓިންގ މާސްޓަރެއްގެ މަގާމަށެވެ. އޭގެ ފަހުން މިއަދާ ހަމައަށްވެސް ހުންނެވީ، ފިއުލް ސަޕްލައި މޯލްޑިވްސްގައެވެ. މިހާރު ހުންނެވީ، މާސްޓަރގެ މަގާމުގައެވެ.

އެމް.ވީ. ދޮނަކުޅި ފިޔަވައި އެހެން ބޯޓުފަހަރުގައި ވަޒީފާ އަދާކުރެއްވިއިރުގައި، ބޯޓަށް އަރުވައި ބާލާ މުދަލުގެ ހުރިހާ ކަމެއް ބެލެހެއްޓެވުމާއި، މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރެއްވުމާއި، އުޅަނދުގެ ސަލާމަތާއި ރައްކާތެރިކަން ފުރިހަމަކުރުމަށް ކުރަންޖެހޭ ކަންތައް ކުރެއްވުމާއި، ކުންފުނީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރަންޖެހޭ ކަންތައްތައް އަޙްމަދު ނިޔާޒު ކުރައްވަމުން ގެންދެވިއެވެ. މުވައްޒަފުން ވަޒީފާއަށް އަހުލުވެރިކުރުވުމުގެގޮތުންނާއި ޝައުޤުވެރިކުރުވުމުގެގޮތުން ކުރައްވަންޖެހޭ ކަންތައް ކުރައްވައި، ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރެއްވުމަށްވެސް އަޙްމަދު ނިޔާޒް މަސައްކަތް ކުރައްވަމުން ގެންދެވިއެވެ.

ފިއުލް ސަޕްލައި މޯލްޑިވްސްގައި ވަޒީފާ އަދާކުރައްވަން ފެށްޓެވުމަށްފަހުގައި، އެ ކުންފުނީގެ އެމް.ޓީ. ބަރުޖޯރާގައި ފުރަތަމަ އަދާކުރެއްވީ، އެކްޓިންގ މާސްޓަރުކަމެވެ. އެކިއެކި ރަށްރަށަށާއި އުޅަނދުފަހަރަށް ކުންފުނިން ފޮނުވާ ތެޔޮ އުފުލާ އުޅަނދުފަހަރުގެ ހުރިހާ ކަމެއް ބަލަހައްޓަވާ އެންމެ އިސް ބޭފުޅެއްގެގޮތުގައި ހުންނަވަނީ، އަޙްމަދު ނިޔާޒެވެ. އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަމާއި، މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަންފަދަ ގިނަ ކަންކަން ބެލެހެއްޓެވުމުގައި ނިޔާޒަކީ، ހީވާގިކަމާއި ހިތްވަރާއެކު މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

އަޙްމަދު ނިޔާޒް ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 36 އަހަރަށްވުރެން ގިނަ ދުވަސް ވެއްޖެއެވެ.