އަލްފާޟިލް އަޙްމަދު ރަޝީދު
އައްސޭރި މ. މުލި

އަޙްމަދު ރަޝީދު، ދިވެހި ސަރުކާރަށް ޚިދުމަތުގައި ނުކުމެވަޑައިގެން ތަފާތު ދާއިރާތަކުގައި ޚިދުމަތްކުރައްވައިފައި ވެއެވެ. ޚިދުމަތްކުރެއްވި ކޮންމެ ދާއިރާއެއްގައިވެސް ކުރައްވަންޖެހިވަޑައިގެންނެވި މަސައްކަތްތައް ވަރަށް ފަރުވާތެރިކަމާއި އިޚްލާޞްތެރިކަމާއެކު ކުރައްވައިފައި ވެއެވެ. ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގެ ދަށުން ޝަރަފުވެރިކަމާއެކު ޚިދުމަތުން ވަކިވެވަޑައިގެންނެވިއިރު 36 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދުމަތްކުރައްވައިފައި ވެއެވެ.

އަޙްމަދު ރަޝީދު، ސަރުކާރުގެ ޚިދުމަތް ފެށްޓެވީ 11 ޖަނަވަރީ 1983 ގައި ކޯޓު ނަންބަރު 1 ގެ ޕިޔޯނު ކަމުގެ ވަޒީފާއިންނެވެ. އޭގެފަހުން، 14 މާރިޗު 1984 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕިޔޯނުކަމުގެ ވަޒީފާއަކަށް ބަދަލުކުރެއްވި ގޮތަށް 5 މޭ 1986 އާ ހަމަޔަށް އެ މަގާމުގައި ހުންނެވުމަށްފަހުގައި ވަޒީފާއިން ވަކިވެވަޑައިގެންނެވިއެވެ. ދެވަނަ ފަހަރަށް ޚިދުމަތް ފެށްޓެވީ މ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 2 ނަންބަރު ކާތިބުކަމުގެ މަގާމުންނެވެ. އޭގެ ފަހުން މުލީ ކުޑަކަތީބުކަމާއި ކަތީބުކަން ކުރައްވައިފައި ވެއެވެ. އަދި މުލީ ރަށްކުރިއަރުވާ ކޮމިޓީގެ މެންބަރުކަންވެސް ކުރައްވައިފައި ވެއެވެ.

ޝަރުޢީ ދާއިރާގައި ހުންނެވި ދުވަސްވަރު އެކި ފަރާތްފަރާތަށް ރައްދުކުރުމަށް ހަވާލުކުރެވޭ ތަކެއްޗާއި ޗިޓު ފަދަ އެންމެހައި ތަކެތި ފަރުވާތެރިކަމާއެކު ރައްދުކުރައްވައިފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވަޒީފާ އަދާކުރެއްވިއިރު، އެކިއެކި މުއައްސަސާތަކަށާއި، އަމިއްލަ ފަރާތްތަކަށް ރައްދުކުރުމަށް ހަވާލުކުރެވުނު ސިޓީ، ނޯޓު ފަދަ ލިޔެކިޔުންތައް އަމާނާތްތެރިކަމާއެކު ވަގުތަށް ރައްދުކުރައްވައިފައި ވެއެވެ.

މ.އަތޮޅު ތަޢުލީމީ މަރުކަޒުގައި އިދާރީ މަސައްކަތް ކުރެއްވުމަށްފަހު މުލީ ކުޑަކަތީބުކަމާއި ކަތީބުކަމުގައި ހުންނެވި ދުވަސްވަރު ފާހަގަކޮށްލެވޭނެ ގިނަގުނަ ޚިދުމަތްތަކެއް ރަށުގެ ރައްޔިތުންނަށް ކޮށްދެއްވައިފައި ވެއެވެ. އެގޮތުން، މުވައްޒަފުންނަށް ތަމްރީނުގެ ފުރުސަތު ހޯއްދަވައިދެއްވުމާއި، ޒަމާނަށް އަންނަ ބަދަލުތަކާ ފައިހަމަވާގޮތަށް އިދާރީ ހިންގުން ޒަމާނީ ކުރުމާއި، ކައުންސިލް އިދާރާގެ އާބާތުރަ ފިލުވުމާއި، ނެރުބައްތި ޖެހުމާއި، ބިން ހިއްކުމާއި ބަނދަރު ހެދުން ފަދަ ތަފާތު މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ. އަދި ރަށްކުރިއަރުވާ ކޮމިޓީގެ މެންބަރަކަށް ހުންނެވިއިރު ރަށުއޮފީސް އިމާރާތްކުރުމަށްފަހު ބާކީވި ފައިސާއިންނާއި، ރައްޔިތުންގެ އެހީތެރިކަމާއެކު ހޯއްދެވި ފައިސާއިން އިތުރު ޖަނަރޭޓަރެއް ހޯއްދަވައިގެން 24 ގަޑިއިރު ކަރަންޓު ލިބޭނެގޮތް ހަމަޖައްސަވައިދެއްވުމާއި، ސަރުކާރުން ތަކެތި ދެއްވުމުން ޒަމާނީ މިސްކިތެއް އިމާރާތްކޮށްދެއްވުމުގައި ރައްޔިތުންނެކޭ އެއްފަދައިން އަޙްމަދު ރަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.

އިޖުތިމާޢީ ދާއިރާއިން އަޙްމަދު ރަޝީދު ކުރައްވައިފައިވާ ޚިދުމަތްތަކުގެ ތެރޭގައި، ކުޅިވަރު ކުރިއެރުވުމުގެ ގޮތުން ފުޓްބޯޅަ ދަނޑާއި ވޮލީ ކޯޓު ތަރައްޤީ ކުރައްވައި، ރަށު ފެންވަރުގައި މުބާރާތްތައް ބާއްވަވައިފައި ވެއެވެ. އަދަބީ ކަންކަމަށް ހޭލުންތެރިކުރުވުމުގެ ގޮތުން ބާއްވާ އަދަބީ ޢީދުގެ ތައްޔާރީތައް ކުރައްވައިފައި ވެއެވެ. އަދި 2001 ވަނަ އަހަރުގެ ޤައުމީ ދުވަސް ޤައުމީ ފެންވަރުގައި މުލީގައި ބޭއްވުމުގައިވެސް އަޙްމަދު ރަޝީދު ފާހަގަކޮށްލެވޭ މުހިންމު ދައުރެއް އަދާކުރައްވައިފައި ވެއެވެ.

ޝަރަފުވެރިކަމާއެކު ވަޒީފާއިން ވަކިވެވަޑައިގެންނެވި ނަމަވެސް މުލީ ރައްޔިތުންނަށް ޚިދުމަތްކުރެއްވުން އަޙްމަދު ރަޝީދު ހުއްޓަވައެއް ނުލައްވައެވެ. ކަށުކަމާކެމީގެ ކަންތައްތަކުގައްޔާއި، އިމާމުކަން ކުރެއްވުންފަދަ ކަންކަމުގައި މިހާރުވެސް ބައިވެވަޑައިގަންނަވަމުން ގެންދަވައެވެ.