އަލްފާޟިލް އަޙްމަދު ޙަނީފް
މ. ސޭންޑީހޮލޯ

އަޙްމަދު ޙަނީފަކީ، 8 މޭ 1984 ން ފެށިގެން ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ވޭތުވެދިޔަ 37 އަހަރު ދުވަހުގެ ތެރޭގައި ޚިދުމަތް ކުރައްވައިފައިވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގައެވެ. ފުރަތަމަ އަދާކުރެއްވީ، ލޯޑަރެއްގެ ވަޒީފާއެވެ. އޭގެފަހުން، ރިފިއުލަރ ޑްރައިވަރު ކަމާއި، ސީނިއަރ ރިފިއުލަރ ޑްރައިވަރު ކަމާއި، ރިފިއުލަރ އޮޕަރޭޓަރ ގްރޭޑް 1 ކަމާއި، ސީނިއަރ ރިފިއުލަރ އޮޕަރޭޓަރު ކަމުގެ ވަޒީފާ އަދާކުރައްވައިފައި ވެއެވެ. ޖަނަވަރީ 2012 އިން ފެށިގެން އަދާކުރައްވަމުން ގެންދަވަނީ، ސީނިއަރ ސުޕަވައިޒަރ، ރިފިއުލަރ ކަމުގެ ވަޒީފާއެވެ.

އަޙްމަދު ޙަނީފް އެއަރޕޯޓުގެ ވަޒީފާއަށް ވެދެވަޑައިގަތީއްސުރެ ފެށިގެން މިއަދާ ހަމަޔަށް އެއަރޕޯޓުގައި ޚިދުމަތް ކުރައްވަމުން ގެންދަވައިފައި ވަނީ، ވަރަށް އިޚްލާޞްތެރިކަމާއި ތެދުވެރިކަމާ އެކުގައެވެ. މިހާރު އެ ހުންނެވި ސީނިއަރ ސުޕަވައިޒަރ، ރިފިއުލަރ ކަމުގެ މަގާމާ ހަމަޔަށް ވަޑައިގެންނެވުނީ، ޙަނީފް ކުރެއްވި ބުރަ މަސައްކަތްތަކުގެ ސަބަބުންނެވެ. ވަޒީފާ އަދާކުރެއްވުމުގައި ދިމާވާ ކޮންމެ ކަމެއް ޙައްލުކުރެއްވުމުގައި ޙަނީފް ވަނީ ނަމޫނާ ދައްކަވައިފައެވެ.

އަޙްމަދު ޙަނީފް، މިހާރު ކުރައްވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، މަތިންދާބޯޓަށް ތެޔޮއެޅުމާބެހޭ އެންމެހައި ކަންތައްތަކާއި، ރިފިއުލަރ އޮޕަރޭޓަރުން ކުރާ މަސައްކަތްތައް ސުޕަވައިޒް ކުރެއްވުން ހިމެނެއެވެ.

މި ވޭތުވެދިޔަ ދިގު މުއްދަތުގައި، ކުންފުނީގެ ކުރިއެރުމަށާއި ތަރައްޤީއަށް އަޙްމަދު ޙަނީފް ކުރައްވައިފައިވާ މުހިންމު ކަންކަމުގެ ތެރޭގައި، ރިފިއުލަރ އޮޕަރޭޓަރުގެ ވަޒީފާއަށް އަލަށް ވަންނަ ކުދިން ތަމްރީނު ކުރެއްވުމާއި، މަތިންދާބޯޓުފަހަރަށް ތެޔޮއެޅުމުގައި އެއްވެސް ފްލައިޓެއް ޑިލޭވުމެއްނެތި މަސައްކަތް ކުރެއްވުން ހިމެނެއެވެ.

ފްލައިޓްތަކަށް ތެޔޮއެޅުމަކީ ވަރަށް ޒިންމާދާރު މަސައްކަތަކަށްވުމާއެކު، އަޙްމަދު ޙަނީފް، މި ޒިންމާ އަދާކުރައްވަމުން ގެންދަވައިފައިވަނީ، ޙަނީފްގެ ދަށުން މަސައްކަތް ކުރަމުންދާ އެހެން މުވައްޒަފުންނަށްވެސް ރީތި ނަމޫނާއެއް ދައްކަވަމުންނެވެ. ހަމައެއާއެކު، މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުމުގެ ގާތް ގުޅުމެއް ޤާއިމުކުރައްވައިގެންނެވެ.