ސްޓާފް ސާރޖަންޓް އިބްރާހީމް ރަޝީދު
ދަފްތަރު. ނަންބަރު ރސ 2586

1984 ވަނަ އަހަރުގެ އެޕްރީލް މަހުގެ 7 ވަނަ ދުވަހު އިބްރާހީމް ރަޝީދު ސަރުކާރުގެ ޚިދުމަތާ ގުޅިވަޑައިގަތީ، ނޭޝަނަލް ސެކިއުރިޓީ ސަރވިސްގެ ހެޑްކުއާޓަރޒްގެ ބަދިގޭ މަސައްކަތުމީހެއްގެ ވަޒީފާއިންނެވެ. އޭގެ ފަހުން، އެން.އެސް.އެސް.ގެ ޕްރައިވެޓެއްގެ ވަޒީފާއަށް ބަދަލުވެވަޑައިގަތީ، 1984 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 5 ވަނަ ދުވަހުއެވެ.

އިބްރާހީމް ރަޝީދު ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގަތީއްސުރެން ފެށިގެން މިހާތަނާ ޖެހެންދެން ޚިދުމަތް ކުރައްވަމުން ގެންދަވައިފައިވަނީ، ތެދުވެރިކަމާއި، އިޚްލާޞްތެރިކަމާއެކު، ވަރުގަދަ ޢަޒުމެއްގައެވެ. ސިފައިންގެ މީހުން ފުރިހަމަކުރަންޖެހޭ ތަމްރީނުތަކުގެ އިތުރުން، އަދާކުރައްވާ ޒިންމާއާ ގުޅޭ ބައެއް ތަމްރީނުތައްވެސް އިބްރާހީމް ރަޝީދު ފުރިހަމަ ކުރައްވައިފައި ވެއެވެ.

1987 ވަނަ އަހަރު މާލެއަށް އެރި ބޮޑުރާޅުގެ ހާދިސާއާ ގުޅިގެން، އެހީތެރިކަން ފޯރުކޮށްދޭންޖެހުނު ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދެއްވުމުގައި، ސިފައިންގެ މީހެއްގެ ހައިސިއްޔަތުން ކުރެއްވި މަސައްކަތްތަކާއި، 1988 ވަނަ އަހަރުގެ ނޮވެންބަރު 3 ވަނަ ދުވަހު ރާއްޖެއަށް ދިން ނުރައްކާތެރި ޢުދުވާނީ ޙަމަލައާ ގުޅިގެން، މާތްވެގެންވާ އިސްލާމްދީނާއި، ދިވެހި ޤައުމާއި ރައްޔިތުންގެ ދިފާޢުގައި އިބްރާހީމް ރަޝީދު ވެވަޑައިގެންނެވި ޤުރްބާނީ ހަނދާންކޮށްލަންޖެހެއެވެ. މީގެ އިތުރުން، 17 ވަނަ ސާކް ސަމިޓް ބޭއްވުމަށް އައްޑުއަތޮޅުގައި ކުރަންޖެހުނު މަސައްކަތްތައް ކުރެއްވުމުގައްޔާއި، ސާރކް ސަމިޓުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތުގައިވެސް ވަރަށް ހީވާގިކަމާއެކު އިބްރާހީމް ރަޝީދު އުޅުއްވިއެވެ.

ސިފައިންގެ ޚިދުމަތުގައި މިވީ 37 އަހަރުދުވަހުގެ ތެރޭގައި، 3 މެޑެއްޔާއި، 8 ކުލަ އިބްރާހީމް ރަޝީދަށް ލިބިވަޑައިގެންފައި ވެއެވެ. އޭގެތެރޭގައި، 3 ނޮވެންބަރުގެ މެޑެއްޔާއި، ސައްތައިގެ މެޑެއްޔާއި، މިނިވަން ފަންސާހުގެ މެޑެއްޔާއި، 3 ނޮވެންބަރުގެ ކުލައާއި، ސައްތައިގެ ކުލައާއި، ސިފައިންގެ ޚިދުމަތުގެ ކުލައާއި، ސާރކް ސަމިޓުގެ ކުލައާއި، މިނިވަން ފަންސާހުގެ ކުލައާއި، ދިގުމުއްދަތުގެ ކުލަ ހިމެނެއެވެ. އަދި އަޚްލާޤީ ކުލަ ދެފަހަރު ލިބިވަޑައިގެންފައި ވެއެވެ.