އެސިސްޓެންޓް ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މުޙައްމަދު ޙުސައިން
ކަންމަތީގެ ގއ. ކޮލަމާފުށި

މުޙައްމަދު ޙުސައިން، ދައުލަތުގެ ޚިދުމަތަށް ނުކުމެވަޑައިގަތީ ވަރަށް ޒުވާން އުމުރުގައި އުމުރުން އެންމެ 12 އަހަރުގައެވެ. ޕްރިޒްންސް ޑިވިޜަންގެ ޖަލުބަލަހައްޓާ (ވަގުތީ) މަގާމުން ޚިދުމަތް ފެށްޓެވީ 1984 ފެބުރުވަރީ މަހުގެ 27 ވަނަ ދުވަހުއެވެ. އޭގެ ފަހުންވެސް ވަގުތީ މަގާމުތަކުގެ ގޮތުގައި، ގާޑުގެ މަގާމާއި، ސެކިއުރިޓީ އޮފިސަރުގެ މަގާމާއި، އެސިސްޓެންޓް ވޯޑްންގެ މަގާމު ފުރުއްވިއެވެ. އަދި ސީނިއަރ ޕްރިޒަންސް އޮފިސަރުކަމާއި، ސީނިއަރ ސުޕަވައިޒަރުކަމުގެ މަގާމުވެސް ފުރުއްވިއެވެ. މުޙައްމަދު ޙުސައިން ފުރަތަމަ މަސައްކަތް ކުރެއްވީ، ގާމާދޫ ޖަލުގައެވެ. އޭގެފަހުން، އައްސޭރި ޖަލުގައެވެ.

މުޙައްމަދު ޙުސައިނަކީ، ކުށްވެރީން ބެލެހެއްޓުމަށް ދައުލަތުން ހަމަޖައްސައިފައިވާ އިދާރާގެ އެކި މަގާމުތައް ފުރުއްވައިފައިވާ ބޭފުޅެކެވެ. ފަރުވާތެރިކަމާއި ޒިންމާދާރުކަމާއި އިޚްލާޞްތެރިކަމާއެކު ވަޒީފާ އަދާކުރައްވަމުން ގެންދަވާ، އަދި ޙަވާލުކުރާ މަސައްކަތްތައް ދުވަހުން ދުވަހަށް ނިންމަވަމުން ގެންދަވާ ބޭފުޅެކެވެ. އަދި މުއައްސަސާގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި އިސް ދައުރެއް އަދާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ޖަލުގައި ހިނގާފައިވާ ބޮޑެތި ހާދިސާތައް ޙައްލުކުރެއްވުމުގައި ފަސްޖެހުމެއްނެތި މަސައްކަތް ކުރައްވައިފައިވާ ބޭފުޅެކެވެ.

މުޙައްމަދު ޙުސައިންވަނީ، ޖަލު ބެލެހެއްޓުމުގެ އިސް މަގާމުތަކުގައި ހުންނަވައިގެން، ހުޅުމާލޭ ޖަލުގައްޔާއި، މާފުށީ ޖަލުގައްޔާއި، އިމަރޖެންސީ ސަޕޯޓް ގްރޫޕް ހިންގެވުމުގައްޔާއި، ފޭދޫ ފިނޮޅުގައްޔާއި، ހަތިފުށީގައްޔާއި، އައްޑޫގައި ހުންނަ ޖަލުގައި، ގައިދީންނާއި، ޙުކުމް ތަންފީޒު ކުރަމުން ގެންދާ މީހުންގެ ކަންކަން ބެލެއްޓެވުމުގައި އިސް ދައުރެއް އަދާކުރައްވައިފައެވެ. ޖަލުތަކުގައި ހިނގާ ހަމަނުޖެހުންތައް ޙައްލު ކުރެއްވުމުގައި މުޙައްމަދު ޙުސައިނަކީ ހުނަރުވެރި ބޭފުޅެކެވެ. މުޅި ވަޒީފާގެ ޙަޔާތް ވޭތުކުރައްވައިފައިވަނީ ޖަލުތަކުގެ ކަންކަން ބެލެހެއްޓެވުމުގައިކަމަށްވުމުން، އަދި ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެންހުންނެވި ބޭފުޅަކަށްވުމުން، ޖަލުގެ ހުރިހާކަމެއްވެސް ކުރެއްވޭވަރުގެ ޤާބިލުކަން މުޙައްމަދު ޙުސައިނަށް ލިބިވަޑައިގެންފައި ވެއެވެ.

މުޙައްމަދު ޙުސައިނަކީ، ގައިދީންނާއި ބަންދުކޮށްފައިތިބޭ މީހުންގެ ޝަކުވާތައް އަޑުއައްސަވައިގެން ދުވަހުން ދުވަހަށް ކަންކަން ޙައްލުކުރެއްވުމަށާއި، ޖަލުތަކުގެ ކަންކަން ހަރުދަނާ ކުރެއްވުމަށާއި، އުސޫލުތަކާ އެއްގޮތަށް ކަންކަން ރާވައި ހިންގުމަށް ލަފަޔާއި އިރުޝާދު ދެއްވަމުން ގެންދަވާ ބޭފުޅެކެވެ.

ގައިދީންނާއި، ބަންދުކޮށްފައި ތިބޭ މީހުން ބެލެހެއްޓުމުގެ އިދާރާގައި 37 އަހަރަށްވުރެން ދިގު މުއްދަތެއް މުޙައްމަދު ޙުސައިން ހޭދަކުރައްވައިފައި ވެއެވެ. މުޙައްމަދު ޙުސައިނަކީ، ގަޑިއަށް ފަރުވާ ބަހައްޓަވައިގެން ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.