އަލްފާޟިލާ ނާޞިރާ ޙިލްމީ
ފަރެސްއަވަށް. ބަހާރުގެ ގދ.ފަރެސްމާތޮޑާ

ނާޞިރާ ޙިލްމީ، ދިވެހި ދައުލަތުގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ ޝަރުޢީ ދާއިރާގެ ތެރެއިންނެވެ. 27 އޯގަސްޓް 1983 ގައި ކޯޓު ނަންބަރު 7 ގެ 2 ނަންބަރު ކާތިބާ ކަމުގެ މަގާމުގައި ޝަރުޢީ ދާއިރާއާ ގުޅިވަޑައިގެންނެވި ނާޞިރާ ޙިލްމީ މެދުކެނޑުމެއްނެތި 37 އަހަރަށްވުރެ ގިނަދުވަހު ޝަރުޢީ ދާއިރާގައި އިދާރީ މަސައްކަތްކުރައްވައިފައިވެއެވެ.

ނާޞިރާ ޙިލްމީ، 9 ސެޕްޓެންބަރު 1985 ގައި މިނިސްޓްރީ އޮފް ޖަސްޓިސްގައި 2 ނަންބަރު ކާތިބާއެއްގެ މަގާމުގައި ޚިދުމަތްކުރައްވަން ފެށްޓެވީއްސުރެން ފެށިގެން، 2008 ވަނަ އަހަރު ޢަމަލުކުރަން ފެށުނު ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ޝަރުޢީ ނިޒާމަށް އައި ބޮޑު ބަދަލާ ހަމަޔަށް ހުންނެވީ އެ މިނިސްޓްރީގައެވެ. އޭގެ ފަހުން މިހާރު ވަޒީފާ އަދާކުރައްވަމުން ގެންދަވަނީ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައެވެ. ނާޞިރާ ޙިލްމީ، މިނިސްޓްރީ އޮފް ޖަސްޓިސްގައި ސީނިއަރ ކްލާކްކަމާއި، އެސިސްޓެންޓް ސެކްރެޓެރީކަމާއި، ސެކްރެޓެރީކަމާއި، ސީނިއަރ ސެކްރެޓެރީކަމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރުކަމުގެ މަގާމު އަދާކުރައްވައިފައި ވެއެވެ. މިހާރު ހުންނެވީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރުކަމުގެ މަގާމުގައެވެ.

ނާޞިރާ ޙިލްމީ ފާހަގަވެފައިވަނީ، ކުރައްވަންޖެހިވަޑައިގަންނަވާ މަސައްކަތްތައް ރަނގަޅަށް އޮޅުންފިލުއްވައިގެން މަސައްކަތްކުރައްވާ މުވައްޒަފެއްގެ ގޮތުގައެވެ. އަދި ކުރައްވާ މަސައްކަތްތައް، އެ މަސައްކަތެއް ކޮށް ނިންމުމަށް ކަނޑައަޅާފައިވާ ވަގުތަށް ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. ކުރައްވަންޖެހިވަޑައިގެންނެވި ކޮންމެ މަސައްކަތެއްވެސް ވަރަށް ފަރުވާތެރިކަމާއެކު ކުރައްވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައެވެ.

ޝަރުޢީ ދާއިރާގައި ނާޞިރާ ޙިލްމީ ހޭދަކުރައްވައިފައިވާ ދިގު މުއްދަތުގެ ތެރޭގައި އެކި ކަންކަން އޮޅުންފިލުވުމަށާއި އެކި ބޭނުމުގައި އަންނަ މީހުންނަށް ކަންކަން އޮޅުންފިލުއްވައިދެއްވައި އެހީތެރިވެދެއްވައިފައި ވެއެވެ. ރަމަޟާންމަހާއި ޝައްވާލުމަހަށް ހަނދުބެލުމާ ބެހޭގޮތުން ކުރަންޖެހޭ އިދާރީ ކަންކަން ފަދަ ޚާއްޞަ އެތައް މަސައްކަތްތަކެއް ވަރަށް ހީވާގިކަމާއެކު ކުރައްވައިފައިވެއެވެ. އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީއާއި އެހެނިހެން ލިޔުންތައް ފޮނުއްވުމާއި އެކި ފަރާތްތަކުން ފޮނުވާ ސިޓީތަކަށް ޖަވާބުދިނުން ފަދަ އިދާރީ ވަރަށް ގިނަ މަސައްކަތްތައް ވަރަށް ހަލުވިކޮށް ވަރަށް ރަނގަޅަށް ކުރައްވައިފައިވެއެވެ.

ޝަރުޢީ ދާއިރާގައި މެޖިސްޓްރޭޓް ކޯޓުތަކަށް ފޮނުވާ މައްސަލަތައް ހަލުވިކޮށް ކުރުވުމަށް ކޯޓުތަކަށް ބޭނުންވާ ކަންކަމުގައި އެހީތެރިވެދެއްވުމުގެ މަސައްކަތްވެސް ނާޞިރާ ޙިލްމީ ކުރައްވައެވެ. ހަމައެއާއެކު ޝަރުޢީ މައުޛޫންކަމަށް އެދި ހުށަހަޅާ ހުށަހެޅުންތައް ބައްލަވައި، މަޢުލޫމާތު ޗެކްކުރައްވައި ސުޕްރީމް ކޯޓަށް ފޮނުއްވުމާއި، މައުޛޫނުންގެ ދަފްތަރު ބެލެހެއްޓެވުމުގެ ޒިންމާވެސް އަދާކުރައްވައެވެ. މީގެ އިތުރުން، އަގު ކޮމިޓީއާބެހޭ އެންމެހައި ކަންކަން ފަރުވާތެރިކަމާއެކު ބަލަހައްޓަވަމުން ގެންދަވައެވެ.

ނާޞިރާ ޙިލްމީއަކީ، އޮފީހުގައި ކުރައްވަން ޖެހިވަޑައިގަންނަވާ މަސައްކަތްތައް ކުރެއްވުމުގައި ޝައުޤުވެރިކަމާއެކު ވަރަށް ގިނަ ވަގުތު ހޭދަކުރައްވައިގެން އިޚްލާޞްތެރިކަމާއެކު ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އޮފީހުގައި ބާއްވާ އިޖްތިމާޢީ ޙަރަކާތްތައް ރާއްވަވައި ހިންގެވުމުގައިވެސް ހީވާގިކަމާއެކު ޙަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅެއްވެސް މެއެވެ.