އަލްފާޟިލް ޙުސައިން ރަޝީދު
ހުޅުމާލެ. ފްލެޓް ނަންބަރު 02-1-128

ޙުސައިން ރަޝީދު، ދައުލަތުގެ ޚިދުމަތުގައި ހޭދަކުރެއްވި 37 އަހަރުގެ ތެރޭގައި، ވަޒީފާ އަދާކުރައްވައިފައިވަނީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އެކިއެކި މަގާމުތަކުގައެވެ. 16 އެޕްރީލް 1983ގައި ފުރަތަމަ އަދާކުރެއްވީ، ގާޑެއްގެ ވަޒީފާއެވެ. އޭގެ ފަހުން، ކްލާކްކަމާއި، ކަސްޓަމްސް އޮފިސަރުކަމާއި، ކަސްޓަމްސް އޮފިސަރ ގްރޭޑް 2 ކަމާއި، ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް1 ކަމާއި، ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 2 ކަމާއި، ޗީފް ކަސްޓަމްސް އޮފިސަރުކަމުގެ މަގާމު އަދާކުރެއްވިއެވެ. ކަސްޓަމްސްގެ ވަޒީފާއިން ވަކިވެވަޑައިގެންނެވިއިރު ހުންނެވީ، ސުޕްރިންޓެންޑެންޓުގެ މަގާމުގައެވެ.

ޙުސައިން ރަޝީދުވަނީ، ވައިގެމަގުން ރާއްޖެއަށް އަންނަ މުދަލާ ގުޅިގެން އިދާރީ ގޮތުން ބަލަހައްޓަވަންޖެހޭ އެންމެހައި ކަންކަން ބަލަހައްޓަވައި، ވައިގެމަގުން ރާއްޖެއަށް އެތެރެކުރާ މުދާ ދޫކުރުމުގެ ކަންތަކާއި، ކުރިއަރ ސަރވިސްގެ މަގުން ރާއްޖެއަށް އަންނަ މުދާ، ބޮންޑުކުރުމުގެ ކަންތައް ކުރައްވައިފައެވެ. އަދި އެކްސްޕޯޓްކުރާ މުދާ ޗެކްކުރެއްވުމުގެ މަސައްކަތް ހިންގުމުގައި، މުވައްޒަފުންނަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދެއްވައި، މުވައްޒަފުންގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ކުރެވެންހުރި ކަންތަކާއި، ސެކްޝަންގެ މަސައްކަތްތައް ތަރައްޤީކުރުމުގެގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރައްވައިފައެވެ.

ޙުސައިން ރަޝީދު ކުރައްވައިފައިވާ އެހެން މަސައްކަތްތަކުގެ ތެރޭގައި، ކަސްޓަމްސްގެ ޑޮކިއުމެންޓޭޝަނުން ނިންމައި ޙަވާލުކުރެވޭ ޑިކްލަރޭޝަންތަކާއި، އެހެނިހެން ލިޔެކިޔުންތައް ބަރާބަރަށް ރަޖިސްޓަރީ ކުރުވުމާއި، މުދާ ދޫކުރާ އޮފިސަރުންނާ މުދަލުގެ ޑިކްލަރޭޝަން ފޯމާއި، ޑެލިވަރީ އޯޑަރު ޙަވާލުކުރެއްވުމާއި، މުދާ ބަލައި ފާސްކުރެވުނީ، ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށްތޯއާއި، މުވައްޒަފުން އެކަންކަން އެގޮތަށް ކުރަމުން ގެންދޭތޯ ބެއްލެވުން ހިމެނެއެވެ. އަދި ވަކި އުސޫލަކުން ހަމަޖެހިފައިނުވާ ކަންކަން، ޑިއުޓީ އެގްޒެކެޓިވް ނުވަތަ ސެކްޝަން ހިންގަވާ ވެރިއެއްގެ ލަފަޔާއި މަޝްވަރާގެ މަތިން ކުރައްވަމުން ގެންދެވުމާއި، ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުންނަ މުދާ، ވައްދާ ގުދަންތައް ހުޅުވައި ލެއްޕުމާއި، ގުދަނަށް ވައްދާ މުދަލާއި، ގުދަނުން ނެރޭ މުދަލުގެ ކަންތައްތައް ބެލެހެއްޓުމަށް އޮފިސަރުން ހަމަޖެއްސެވުމުގެ މަސައްކަތްވެސް ޙުސައިން ރަޝީދު ކުރެއްވިއެވެ.

މީގެ އިތުރުން، އެސިސްޓެންޓް އޯ.އައި.ސީ.އިން ކުރާ މަސައްކަތްތައް ސުޕަވައިޒް ކުރައްވައި، އިޞްލާޙު ކުރަންޖެހޭ ކަންތައް އިޞްލާޙު ކުރެއްވުމާއި، ތެޔޮ ޓޭންކަރުތަކާއި، ތެޔޮ ހިފައިގެން އަންނަ އެހެންވެސް އުޅަނދުފަހަރުގެ ކަންކަން ބެލެހެއްޓުމަށް އޮފިސަރުން ހަމަޖައްސަވައި ފޮނުއްވުމުގެ މަސައްކަތްތަކަކީ، ޙުސައިން ރަޝީދު އިޚްލާޞްތެރިކަމާއެކު ކުރައްވައިފައިވާ މަސައްކަތްތަކެވެ. ޙުސައިން ރަޝީދު ވަނީ، އޮފިސަރ އިންޗާޖްކަމާއި، ހެޑް އޮފް ކަސްޓަމްސް ޕޯޓްސް ކަމާއި، ޑެޕިއުޓީ ސެކްޝަން ހެޑެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވައިފައެވެ.

ޙުސައިން ރަޝީދަކީ، ކަސްޓަމްސްއިން އިންތިޒާމް ކުރައްވާ އެކިކަންކަމުގައިވެސް ޢަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައިވާ ބޭފުޅެކެވެ. ޙުސައިން ރަޝީދު ވަނީ، މަސައްކަތަށް އެންމެ ރަނގަޅު މުވައްޒަފެއްގެ ގޮތުގައި ހޮވިވަޑައިގެންފައެވެ. އަދި އަޚްލާޤީ ކުލައާއި، ދިގުމުއްދަތުގެ ކުލައާއި، ކާމިޔާބުގެ ރަންކުލައާއި، ޚިދުމަތުގެ ކުލައާއި، ޤާބިލުކަމުގެ ކުލައާއި، ކަސްޓަމްސްގެ ރަން ބެޖުވެސް ހާސިލު ކުރައްވައިފައެވެ.