އަލްފާޟިލް މުޙައްމަދު ޙަމީދު
ގ. ތާފަތާއާގެ

މުޙައްމަދު ޙަމީދު، 1981 ޑިސެންބަރު މަހުގެ 30 ވަނަ ދުވަހު ދައުލަތުގެ ޚިދުމަތް ފެށްޓެވީ އެއަރޕޯޓުގެ އެސިސްޓެންޓް މެކޭނިކަލް، އިލެކްޓްރިކަލްގެ މަގާމުންނެވެ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ ގްރައުންޑް ސަރވިސް އިކުއިޕްމަންޓްސްއާއި، އެއަރޕޯޓުގައި ބޭނުންކުރާ އާންމު ވެހިކަލްތައް މަރާމާތުކޮށް ބެލެހެއްޓެވުމުގެ އެންމެ އިސް ބޭފުޅަކީ، މުޙައްމަދު ޙަމީދެވެ.

އެއަރޕޯޓުގައި ޚިދުމަތް ކުރައްވާތާ މިވީ 38 އަހަރުދުވަހުގެ ތެރޭގައި، ޙަމީދު އަމިއްލަފުޅަށް ވެހިކަލްތައް މަރާމާތު ކުރެއްވުމުގެ ގިނަ ކަންކަން ވަރަށް ފަރުވާތެރިކަމާއި ޒިންމާދާރު ކަމާއެކު ކުރައްވައިފައި ވެއެވެ. މުޙައްމަދު ޙަމީދު ވަނީ، ވެހިކަލް މަރާމާތު ކުރުމުގެ ތަމްރީނުތައް ރާއްޖެއާއި، ރާއްޖެއިން ބޭރުންވެސް ފުރިހަމަ ކުރައްވައިފައެވެ.

އެއަރޕޯޓުގައި ބޭނުންކުރާ ވެހިކަލް ތަކަކީ، އަބަދުވެސް ވަރަށް ފުރިހަމައަށް މަރާމާތުކޮށް ބަލަހައްޓަންޖެހޭ، އަދި އަބަދުވެސް ތައްޔާރީ ހާލަތުގައި ބަހައްޓަންޖެހޭ ވެހިކަލްތަކަކަށް ވުމުން، އެކަމުގައި ޙަމީދަކީ ވަރަށް ކުޅަދާނަ ބޭފުޅެކެވެ. ރެއާ ދުވާލުގެ ގިނަ ވަގުތުތަކެއްގައި މަސައްކަތް ކުރައްވަންޖެހޭ ފަހަރުވެސް މަދެއްނޫނެވެ. ޑިއުޓީ ވަގުތުގައި ވިޔަސް އެނޫން ވަގުތެއްގައި ވިޔަސް ވެހިކަލަކަށް މައްސަލައެއް ދިމާވެގެން ކުރަންޖެހޭ ކޮންމެ މަސައްކަތެއްވެސް ޙަމީދު ކުރައްވަނީ ވަރަށް ފަރުވާތެރިކަމާއެކުގައެވެ. ވަކިވަގުތަކަށް ނިންމަންޖެހޭ ކަމެއްނަމަ އެކަމެއް ނުނިމެނީސް އެމަސައްކަތެއް ހުއްޓަވައެއް ނުލައްވައެވެ. އަމިއްލަފުޅަށް އެއްޗެހި ތައްޔާރު ކުރައްވައިގެންވެސް ވެހިކަލްތައް މަރާމާތު ކުރެއްވުމަކީ، ޙަމީދަށް އުނދަގޫފުޅު ކަމަކަށް ނުވެއެވެ. ވެހިކަލަކަށް މައްސަލަ ދިމާވާ ބައެއްފަހަރު އެ އެއްޗެއް ބައްލަވައިލެއްވެންނެތް ވަގުތެއްގައިނަމަ، އެ މަސައްކަތުގައި އުޅުއްވާ އެހެން މުވައްޒަފުންނާ ގުޅުއްވައިގެން އިރުޝާދު ދެއްވައިގެންވެސް ކަންކަން ޙައްލުކުރައްވައެވެ.

ކުންފުނީގެ ވަޒީފާއަށް އަލަށް ވަންނަ މުވައްޒަފުންނަށް، ވެހިކަލްތައް ބެލެހެއްޓުމާއި، ސަރވިސް ކުރުމާބެހޭ ތަމްރީނާއި އިރުޝާދު ދެއްވުމުގެ މަސައްކަތްތަކަކީވެސް މުޙައްމަދު ޙަމީދުގެ ސީދާ ބެއްލެވުމުގެ ދަށުން ހިންގަވާ މަސައްކަތްތަކެވެ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީއަށް މިހާތަނަށް ލިބިފައިވާ ކުރިއެރުންތަކުގައި، މުޙައްމަދު ޙަމީދުގެ އިސް ދައުރެއް އޮތްކަން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަން ޖެހެއެވެ.

މުޙައްމަދު ޙަމީދު، އެއަރޕޯޓުގައި އަދާކުރައްވައިފައިވާ ވަޒީފާތަކުގެ ތެރޭގައި، އެސިސްޓެންޓް މެކޭނިކްކަމާއި، މެކޭނިކްކަމާއި، ސީނިއަރ މެކޭނިކްކަމާއި، އެސިސްޓެންޓް މެކޭނިކަލް އިންޖިނިއަރ ކަމާއި، މެކޭނިކަލް އިންޖިނިއަރ ކަމާއި، ސީނިއަރ އިންޖިނިއަރ ކަމާއި، އެސޯސިއޭޓް މެނޭޖަރުކަން ހިމެނެއެވެ. މިހާރު ހުންނެވީ، މެނޭޖަރ، މެޓަލް ވަރކްސް އެންޑް މެކޭނިކަލް ސަޕޯޓުގެ މަގާމުގައެވެ.