އަލްފާޟިލް މުޙައްމަދު ޙުސައިން
ދަފްތަރު. ނަންބަރު ރސ 5137

މުޙައްމަދު ޙުސައިނަކީ، 1979 މޭ 23 ވަނަ ދުވަހު، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ 1 ނަންބަރު ކާތިބުގެ މަގާމުން ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވި ބޭފުޅެކެވެ. އޭރު ކުރެއްވީ، މަޖިލީހުގެ ޖަލްސާތަކުގެ ރެކޯޑިންގ އަޑުއައްސަވައިގެން އަތުން ލިޔުއްވުމުގެ މަސައްކަތެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަކިވެވަޑައިގެން 1979 ނޮވެންބަރު 6 ވަނަދުވަހު އޯޑިޓް އޮފީހުގެ އެސިސްޓެންޓް އެކައުންޓެންޓެއްގެ ވަޒީފާގައި އަލުން ޚިދުމަތް ކުރައްވަން ފެށްޓެވިއެވެ. އޯޑިޓް އޮފީހުގައި ކުރެއްވީ، ސަރުކާރުގެ އޮފީސްތަކަށް ވަޑައިގެން ފައިސާއާ ގުޅޭ ކަންތައްތައް ބައްލަވައި އޮޑިޓް ކުރެއްވުމުގެ މަސައްކަތެވެ.

1 ފެބުރުވަރީ 1980 ގައި، ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒުގެ ހެޑްމާސްޓަރ/ އިނގިރޭސި މުދައްރިސަކަށް ބަދަލުވެވަޑައިގަތެވެ. އެމަގާމުގައި ހުންނަވައިގެން، ތ. ތިމަރަފުށްޓަށް ވަޑައިގެން، ތަޢުލީމީ މަރުކަޒު ހުޅުވުމަށް ވާންޖެހުނު ތައްޔާރީތައް ކުރެއްވުމުގެ މަސައްކަތް ކުރެއްވިއެވެ. މިގޮތުން، ރަށުއޮފީހާ ގުޅިގެން، އެރަށުގައި ގްރޭޑް 1 އަށް ވަންނަ އުމުރުފުރައިގެ ކުދިން ތިބިތޯ ބައްލަވައި، ގްރޭޑް 1 އަށް ކުދީން ހަމަޖައްސަވައި، އެއަށްވުރެ ދޮށީ އުމުރުގެ ކުދީންވެސް ނަންގަވައިގެން އެ ކުދީންގެ ފެންވަރު ބައްލަވައި ޚާއްޞާ ކްލާސްތަކެއް އުފައްދަވައި، އެކުދީން އެ ކްލާސްތަކަށް ހަމަޖެއްސެވިއެވެ. އަދި ހުރިހާ ކްލާސްތަކުގެ ޓައިމްޓޭބަލްވެސް ހައްދަވައި ކިޔަވައިވެސް ދެއްވިއެވެ.

ދުވަސްކޮޅަކު ޚިދުމަތް ކުރެއްވުމަށްފަހު ބަދަލުވެވަޑައިގަތީ، މުޙައްމަދު ޙުސައިންގެ އުފަން ރަށުގައި ހުންނަ މަދްރަސަތުލް އިފްތިތާޙަށެވެ. އެ މަދަރުސާގައިވެސް ގްރޭޑް 1 އުފައްދަވައި ތަޢާރުފު ކުރެއްވުމުގައި މުޙައްމަދު ޙުސައިންގެ ހިއްސާ ވަރަށް ބޮޑަށް ލިބިފައި ވެއެވެ. އޭރު ކުދީންގެ ފެންވަރު ހުރިގޮތުން ގްރޭޑް 8 އުފެއްދޭގޮތް ނުވުމުން، ޕްރީ 8 އުފައްދަވައި، އިނގިރޭސި ބަހުގެ ތަޢުލީމުގެ ތެރެއަށް އެ މަދަރުސާ ގެންދެވުމުގައިވެސް މުޙައްމަދު ޙުސައިންގެ ހިއްސާ ވަރަށް ފުރިހަމައަށް ލިބިފައި ވެއެވެ. މަދްރަސަތުލް އިފްތިތާޙުގައި ޚިދުމަތް ކުރެއްވުމަށްފަހު، މާފުށީގައި ހުންނަ ތަޢުލީމާއި މަސައްކަތް އުނގަންނައިދޭ ކުޑަކުދީންގެ މަރުކަޒަށް ބަދަލުވެވަޑައިގަތެވެ. އޭރު އެ މަރުކަޒުގައި ތިބި ކުދީންގެ ތެރޭގައި، އުސޫލުތަކަށް ތަބާވާ ކުދީން މަދެވެ. މާތް ﷲ ގެ އިރާދަފުޅާއެކު، މުޙައްމަދު ޙުސައިންގެ މިންނެތް މަސައްކަތާއި ހުނަރުވެރިކަމުން، ދެތިންމަސްދުވަހުގެ ތެރޭގައި، އެ މަރުކަޒުގައި ތިބި 110 ކުދީންނަކީ އުސޫލުތަކަށް ތަބާވާ ކިޔަމަންތެރި ކުދިބަޔަކަށް ހެއްދެވިއެވެ.

މުޙައްމަދު ޙުސައިން ވަނީ، ލ.އަތޮޅު ތަޢުލީމީ މަރުކަޒުގައިވެސް ޚިދުމަތް ކުރައްވައިފައެވެ. އެ މަރުކަޒުގެ ހިންގެވުމުގެ އިތުރުން، މަތީ ގްރޭޑްތަކުގެ ދަރިވަރުންނަށް އެކި މާއްދާތައް ކިޔަވައިދެއްވުމާއި، އެކިއެކި މުނާސަބަތާގުޅޭގޮތުން ޖަލްސާތައް އިންތިޒާމު ކުރާނޭ ގޮތާއި، ވާހަކަ ދައްކަން ދަސްކޮށްދެއްވުންފަދަ ގިނަ ހުނަރުތަކެއް ކުދީންގެ ކިބައިގައި އަށަގެންނެވުމުގެ މަސައްކަތްތައްވެސް ކުރައްވައިފައި ވެއެވެ.

ޒުވާނުންގެ މަޖިލީހުގެ ސެކްރެޓެރީއަކަށް މުޙައްމަދު ޙުސައިން ބަދަލުވެވަޑައިގަތީ 7 މާރިޗު 1983 ގައެވެ. އެ މަރުކަޒުގައި ޒުވާން ކުދީންކޮޅެއް ނެރެމުން ގެންދިޔަ ނޫސް "ޒުވާނުންގެ ހަރަކާތް" ތައްޔާރުކުރައްވައި ނެރުއްވުމުގައި އެހީތެރިވެދެއްވިއެވެ. ޒުވާނުންގެ މަރުކަޒުގެ ސެކްރެޓެރީކަންވެސް ކުރައްވައި، 6 ފެބުރުވަރީ 1985 ގައި މަޖީދިއްޔާ ސްކޫލުގެ ދިވެހި މުދައްރިސަކަށް ބަދަލުވެވަޑައިގެން، ފަށާ ތަޢުލީމުގެ މަރުޙަލާގެ ދަރިވަރުންނަށް ދިވެހި ބަސް އުނގަންނައިދެއްވިއެވެ. އަދި އެ ދަރިވަރުންނަށް ޚާއްޞަ ކުރައްވައިގެން ސްޓޭޖް ޝޯއެއް ތައްޔާރު ކުރެއްވުމާއި، ތަމްސީލާއި ޑްރާމާ ތައްޔާރު ކުރައްވައި ހުށަހަޅުއްވައިދެއްވުމުގައި އުޅުއްވައިފައި ވެއެވެ. އަދި ދަރިވަރުންލައްވައި ތަފާތު ކުޅިވަރުތައް ކުޅުވައި މުބާރާތްތައް ބޭއްވުންފަދަ އިންތިޒާމުތައްވެސް ކުރެއްވިއެވެ. ތަޢުލީމީ ދާއިރާގެ ތަފާތު މަގާމުތަކުގައި ހުންނަވައިގެން ތަޢުލީމު އުނގަންނައިދެއްވުމާއި، ސްކޫލު ހިންގުމުގެ ތަފާތު މަސައްކަތްތައް ކުރައްވައިފައިވާ މުޙައްމަދު ޙުސައިންގެ ޚިދުމަތް ނިންމަވައިލެއްވީ، މުޙައްމަދު ޙުސައިންގެ އުފަން ރަށް، ރާއްޖޭގައި މިވަގުތު ހުރި އެންމެ ގިނަދުވަސްވީ އެއް މަދަރުސާ މަދްރަސަތުލް އިފްތިތާޙުގައި ހުންނަވައިގެންނެވެ. އެ މަދަރުސާގައި ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމު އަދާކުރައްވައި، 38 އަހަރަށްވުރެ ގިނަދުވަހު ދައުލަތަށް ޚިދުމަތް ކުރެއްވުމަށްފަހުގައެވެ.