އަލްފާޟިލާ ފާޠިމަތު ޙަސަން
ގ. ރައިހާނުގެ

13 ޑިސެންބަރު 1982 ގައި ދިވެހި ދައުލަތުގެ ޚިދުމަތަށް ނުކުމެވަޑައިގެންނެވި ފާޠިމަތު ޙަސަން ފުރަތަމަ އަދާކުރެއްވި ވަޒީފާއަކީ، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ދެ ނަންބަރު ކާތިބާ ކަމުގެ ވަޒީފާއެވެ. މި ވަޒީފާގައި ހުންނެވުމަށްފަހު ޓެލެވިޜަން މޯލްޑިވްސްގެ ސްޓޮކް ބަލަހައްޓަވާ ކާތިބާއެއްގެ މަގާމަށް ބަދަލުވެވަޑައިގަތީ 6 އެޕްރީލް 1985 ގައެވެ.

ފާޠިމަތު ޙަސަން ޓީވީ މޯލްޑިވްސްގައި އަދާކުރައްވައިފައިވާ ވަޒީފާތަކުގެ ތެރޭގައި، ސީނިއަރ ކްލާކް ކަމާއި، އެސިސްޓެންޓް ސެކްރެޓެރީ ކަމާއި، ސެކްރެޓެރީ ކަމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރުކަން ހިމެނެއެވެ. ތަނުގެ ނަމަށް އައި ބަދަލަކާ ގުޅިގެން ފަހުން ފާޠިމަތު ޙަސަން ވަޒީފާ އަދާކުރައްވަމުން ގެންދެވީ، ބްރޯޑްކާސްޓިންގ ޚިދުމަތް ދިނުމަށް ސަރުކާރުން އުފެއްދެވި ކުންފުނިތަކުގައެވެ. އެ ކުންފުނިތަކުގައި އެޑްމިނިސްޓްރޭޓިވް އޮފިސަރުކަމާއި، ސޭލްސް އޮފިސަރުކަމުގެ ވަޒީފާ އަދާކުރައްވައިފައި ވެއެވެ. ފާޠިމަތު ޙަސަން މިހާރު ހުންނެވީ، ޕަބްލިކް ސަރވިސް މީޑިއާގެ ސީނިއަރ ޓެކްނިކަލް އިކުއިޕްމަންޓް ޑިސްޕެޗް އޮފިސަރުގެ މަގާމުގައެވެ.

ބްރޯޑްކާސްޓިންގ ދާއިރާގެ ޚިދުމަތާ ފާޠިމަތު ޙަސަން ގުޅިވަޑައިގެންނެވި ފަހުން ވަޒީފާ އަދާކުރެއްވި ކޮންމެ ތަނެއްގައި ވަޒީފާ އަދާކުރައްވައިފައިވަނީ، ކަމަށްކަމޭހިއްތަވައިގެން ތެދުވެރިކަމާއި އިޚްލާޞްތެރިކަމާ އެކުގައެވެ. ހަވާލުކުރެއްވި ކޮންމެ މަސައްކަތެއްވެސް ކުރައްވައިފައި ވަނީ ކުރަންޖެހޭ މަސައްކަތްތައް ރަނގަޅަށް އެނގިވަޑައިގެން ހުންނަވައިގެން ފަރުވާތެރިކަމާއެކުގައެވެ.

ފާޠިމަތު ޙަސަން ކުރައްވައިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، އެކިއެކި ކަންކަމަށް ދޫކުރަންޖެހޭ އިކުއިޕްމަންޓްތައް ދޫކުރެއްވުމާއި، މަރާމާތުކުރަންޖެހޭ އިކުއިޕްމަންޓްތައް ބަލައިގަތުމާއި، އޮފީހަށް ލިބޭ އެކިއެކި ތަކެތި ބަލައިގަތުމާއި، އެތަކެތި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމުގެ މަސައްކަތާއި، ސްޓޮކް ބެލެހެއްޓުމުގެ މަސައްކަތް ހިމެނެއެވެ. މީގެއިތުރުން، ކޯލް ސެންޓަރަށް އަންނަ ކޯލްތަކަށް ޖަވާބުދިނުމާއި، ފޯނު މެދުވެރިކޮށް ހުށަހެޅޭ މައްސަލަތައް ނޯޓު ކުރައްވައި، އެ މައްސަލަތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމުގެ މަސައްކަތްވެސް ކުރައްވައިފައިވެއެވެ. އަދި ޓެލެވިޜަން ރިސީވިންގ ސެޓްތައް ރަޖިސްޓަރީ ކުރި ދުވަސްވަރުގައި ސެޓުތައް ރަޖިސްޓަރީކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރެއްވުމާއި، ރަޖިސްޓަރީކޮށްދިނުމާ ގުޅިގެން އެކި ފަރާތްތަކުން ހޯދަންޖެހޭ ފައިސާ ހޯދުމުގެ މަސައްކަތްވެސް ކުރައްވައިފައި ވެއެވެ.

ބްރޯޑްކާސްޓިންގގެ ދާއިރާގައި ފާޠިމަތު ޙަސަން ކުރެވި ފާހަގަކޮށްލެވޭ މުހިންމު އެހެން މަސައްކަތްތަކުގެ ތެރޭގައި، ފަލަސްޠީނު ރައްޔިތުންނަށް އެހީވުމަށްޓަކައި ހިންގުނު ޙަރަކާތުގައްޔާއި، ބޮސްނިޔާގެ ރައްޔިތުންނަށް އެހީވުމަށް ފައިސާއާއި ތަކެތި ހޯދުމަށް ހިންގުނު ޙަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވެޑައިގެން ކުރައްވާފައިވާ މަސައްކަތްތައް ހިމެނެއެވެ.

ފާޠިމަތު ޙަސަން ދައުލަތަށް ޚިދުމަތްކުރައްވަމުން ގެންދަވާތާ މިހާރު 38 އަހަރަށްވުރެ ގިނަ ދުވަސްވެއްޖެއެވެ.