އަލްފާޟިލް ޢަބްދުލްޢަޒީޒް ޔޫސުފް
ޕެރިސް ށ. ބިލެތްފަހި

ޢަބްދުލްޢަޒީޒް ޔޫސުފް، ޝަރުޢީ ދާއިރާގެ ޚިދުމަތަށް ނުކުމެވަޑައިގަތީ 13 ޖުލައި 1982 ގައެވެ. ބިލެތްފަހީ ކޯޓުގެ ކާތިބުކަމުގެ މަގާމުގައި ހުންނަވައިގެން ޝަރުޢީ ދާއިރާގައި، ދިވެހި ދައުލަތަށް ޚިދުމަތްކުރައްވަން ފެށްޓެވިގޮތަށް މެދުނުކެނޑި ޚިދުމަތުގައި ދެމިހުންނަވާތާ މިހާރު 39 އަހަރަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. ދުވަހަކުވެސް ގަޑިޖެހިފައެއް ނެތެވެ.

ޢަބްދުލްޢަޒީޒް ޔޫސުފް، ބިލެތްފަހީ ކޯޓުގައި ހޭދަކުރައްވައިފައިވާ ދިގު މުއްދަތުގެ ތެރޭގައި، އެ ކޯޓުގައި ކުރެވޭ ޝަރީޢަތްތަކާބެހޭ ގޮތުން ލިޔަންޖެހުނު އެންމެހައި ބަޔާންތަކާއި މަޙްޟަރާއި އެހެނިހެން އެތައް ލިޔުއްވުމެއް ލިޔުއްވައިފައި ވެއެވެ. އަދި އެ ކޯޓުގެ ފައިސާއާބެހޭ އެންމެހައި ކަންކަން ބަލަހައްޓަވައި، ފުރިހަމަކުރަންޖެހޭ ރިޕޯޓުތައް ފުރިހަމަކުރައްވައި ފޮނުވަންޖެހޭ ފަރާތްތަކަށް ގަވާއިދުން ފޮނުއްވަމުން ގެންދަވައިފައިވެއެވެ.

ބިލެތްފަހީ ކޯޓުގެ އިދާރީ އެންމެހައި މަސައްކަތްތައްވެސް ބަލަހައްޓަވަނީ، ޢަބްދުލްޢަޒީޒް ޔޫސުފެވެ. މިގޮތުން އެވަގުތަކު ކޯޓު ހިންގަވަން ހުންނަވާ މެޖިސްޓްރޭޓަރަކު އަންގަވާގޮތެއްގެ މަތިން ފުރިހަމަކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތައް ފުރިހަމަކުރައްވައި، އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީއާއި ނޯޓާއި މެސެޖް ފަދަ ލިޔުންތައް ލިޔުއްވައި ފޮނުއްވަމުން ގެންދަވައެވެ. މީގެ އިތުރުން، ކޯޓަށް ހާޒިރުކުރަންޖެހޭ ފަރާތްތައް ހާޒިރުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައްވެސް އިސްވެ ހުންނަވައިގެން ކުރައްވައިފައި ވެއެވެ.

ޢަބްދުލްޢަޒީޒް ޔޫސުފަކީ، ކޯޓުގައި ތިއްބެވި މުވައްޒަފުންގެ ތެރެއިން އެންމެ ގިނަ ދުވަސްވީ ތަޖުރިބާކާރު މުވައްޒަފުކަމަށްވުމާއެކު، ކޯޓުގައި ތިއްބަވާ އެހެން މުވައްޒަފުންގެ މަސައްކަތްތައް ބައްލަވައި، މަސައްކަތް އަވަސްކުރުމަށާއި، ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރެއްވުމަށް ކުރަންޖެހޭ އެންމެހައި ކަންކަންވެސް މިހާރު ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ކާތިބެއްގެ ގޮތުގައި ބިލެތްފަހީ ކޯޓުގައި މަސައްކަތްކުރައްވަން ފެށްޓެވި ޢަބްދުލްޢަޒީޒް ޔޫސުފު، އެ ކޯޓުގެ ސީނިއަރ ކްލާކްކަމާއި، އެސިސްޓެންޓް ސެކްރެޓެރީ ކަމާއި، ސެކްރެޓެރީކަމުގެ މަގާމު ފުރުއްވައިފައި ވެއެވެ. މިހާރު ހުންނެވީ، އެޑްމިނިސްޓްރޭޓިވް އޮފިސަރުކަމުގެ މަގާމުގައެވެ. މި މަގާމުތަކުގައި ޚިދުމަތްކުރައްވަމުން ޝަރުޢީ ދާއިރާގެ މުވައްޒަފުންނަށް ހިންގާ ތަފާތު އެތައް ޕްރޮގްރާމެއްގައި ބައިވެރިވަޑައިގެން މަސައްކަތުގެ ދާއިރާއިން ތަމްރީނުވެސް ހޯއްދަވައިފައި ވެއެވެ.

ކޯޓުތަކުގެ އިދާރީ ލިޔެކިޔުންތަކާއި ފޮތްތައް އިންތިޒާމުކޮށް ތަރުތީބުކުރުމަށް މިނިސްޓްރީ އޮފް ޖަސްޓިސްއިން ށ.އަތޮޅާއި ނ.އަތޮޅުގެ ރަށްރަށަށް ފޮނުއްވި ވަފުދާއެކުގައި ޢަބްދުލްޢަޒީޒް ވަޑައިގެން ފާހަގަކޮށްލެވޭފަދަ މަސައްކަތްތަކެއް ކުރައްވައިފައި ވެއެވެ. އަދި ޢަބްދުލްޢަޒީޒް ޔޫސުފު ފާހަގަ ކުރެވިފައިވަނީ، ފަރުވާތެރިކަމާއެކު ކަމަށްކަމޭހިއްތަވައިގެން ގަޑިއަށް ފަރުވާ ބަހައްޓަވައިގެން މަސައްކަތްތައް ރަނގަޅަށް ކުރައްވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައެވެ. ޢަބްދުލްޢަޒީޒަކީ، ރަށު ކައުންސިލުން ރާވައި ހިންގާ އިޖުތިމާޢީ ކަންކަމުގައިވެސް ބައިވެރިވެވަޑައިގަންނަވާ ބޭފުޅެއްވެސް މެއެވެ.