އަލްފާޟިލް ޙަސަން އަޙްމަދުމަނިކު
ގ. ޑްރީމްއޮފްގާރޑްން

ޙަސަން އަޙްމަދުމަނިކު، ދިވެހި ދައުލަތަށް ޚިދުމަތްކުރައްވަން ފެށްޓެވީ، އެޓޮލް ޕްރައިމަރީ ޓީޗަރެއްގެ ވަޒީފާއިން 19 ފެބުރުވަރީ 1980 ގައި، ބ.އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ. އޭގެ ފަހުން ތަޢުލީމީ ދާއިރާގައި ތަފާތު ވަޒީފާތައް އަދާކުރެއްވުމަށްފަހު މިހާރު ހުންނެވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޑެޕިއުޓީ ޑިރެކްޓަރ (ފައިނޭންސް)ގެ މަގާމުގައެވެ. ޙަސަން އަޙްމަދުމަނިކު 39 އަހަރަށްވުރެ ގިނަ ދުވަހު ދިވެހި ދައުލަތަށް ޚިދުމަތްކުރައްވައިފައި ވެއެވެ.

ޙަސަން އަޙްމަދު މަނިކު އަދާކުރައްވާފައިވާ ވަޒީފާތަކުގެ ތެރޭގައި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ އަތޮޅު ޕްރައިމަރީ ޓީޗަރުކަމާއި، ރާއްޖެތެރޭގެ ޕްރައިމަރީ ޓީޗަރުކަމާއި، މުދައްރިސުންގެ ތަޢުލީމީ މަރުކަޒުގެ ޓީޗަރ އެޑިއުކޭޓަރުކަމާއި، ނުރަސްމީ ތަޢުލީމުދޭ މަރުކަޒުގެ ކޮމިއުނިޓީ ޓީޗަރ އެޑިޔުކޭޓަރުކަމާއި، ސެންޓަރ ފޮރ ކޮންޓިނިއުއިންގ އެޑިޔުކޭޝަންގެ ކޮމިއުނިޓީ ޓީޗަރ އެޑިޔުކޭޓަރުކަމާއި، ސީނިއަރ ކޮމިއުނިޓީ ޓީޗަރ އެޑިޔުކޭޓަރުކަމާއި، ކޮމިއުނިޓީ ޓީޗަރ އެޑިޔުކޭޓަރ ކޯޑިނޭޓަރުކަމާއި، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގެ ކޮމިއުނިޓީ ޓީޗަރ އެޑިޔުކޭޓަރ ކޯޑިނޭޓަރުކަން ހިމެނެއެވެ.

ޙަސަން އަޙްމަދުމަނިކު، ޓީޗަރެއްގެ މަގާމުގައި ހުންނަވައިގެން ރާއްޖޭގެ އަތޮޅުތަކުގައި ޚިދުމަތްކުރައްވައިފައިވެއެވެ. ޚާއްޞަކޮށް ނ.އަތޮޅުގެ ތަޢުލީމީ ހާލަތު ރަނގަޅު ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވައިފައި ވެއެވެ. އަދި އެ ސްކޫލުގައި ޕްރައިމަރީ ތަޢުލީމާއި، މެދު މަދްރަސީ ތަޢުލީމާއި، ސާނަވީ ތަޢުލީމުގެ ބިންގާ އަޅުއްވައި، އިނގިރޭސި ބަހުން ކިޔަވައި ދެއްވުމުގެ މަސައްކަތް ތަރައްޤީ ކުރެއްވުމުގައި، ޙަސަން އަޙްމަދުމަނިކު އިސް ދައުރެއް އަދާކުރެއްވިއެވެ.

ނުރަސްމީ ތަޢުލީމުދޭ މަރުކަޒުގެ ވަޒީފާއަކަށް ބަދަލުވެވަޑައިގެންނެވުމަށްފަހުގައި، ބަލަހައްޓަވަމުން ގެންދަވައިފައިވަނީ، އަސާސީ ތަޢުލީމުގެ ތަފާސްހިސާބު ބެލެހެއްޓެވުމާއި، އަސާސީ ތަޢުލީމު ކިޔަވާ މީހުން އިމްތިޙާނު ކުރެއްވުމުގެ މަސައްކަތެވެ. އޭގެ ފަހުން، ތަނުގެ ނަމަށް އައި ބަދަލުތަކާއެކުގައި މަސައްކަތްކުރެއްވި އިދާރާތަކުގައި ކުރައްވަންޖެހިވަޑައިގެންނެވި މަސައްކަތްތައް ހީވާގިކަމާއެކު ކުރައްވައިފައި ވެއެވެ. އެގޮތުން، ޕްރީ-ސަރވިސް ޓީޗިންގ ކޯސްތަކުގައި ކިޔަވައިދެއްވައިފައި ވެއެވެ. އަދި އަތޮޅުތަކުގައި ބާއްވަމުންދިޔަ މޯބައިލް ފޮތް މައުރަޒު ބޭއްވުމަށް ކުރަންޖެހުނު އެންމެހައި މަސައްކަތްތައް ކުރައްވައި، ބޮޑެތި މީހުންނަށް ތަޢާރަފު ކުރެވުނު ބްރިޖިން ޕްރޮގްރާމް ވަރަށް ފުޅާ ދާއިރާއެއްގައި އަތޮޅުތަކުގެ ރަށްރަށުގައި ހިންގަވައިދެއްވައިފައި ވެއެވެ. ޙަސަން އަޙްމަދުމަނިކަކީ، އުފަން ރަށް ނ. ހޮޅުދޫގެ މޭނާ ސްކޫލުގައިވެސް ޓީޗަރެއްގެގޮތުން ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެކެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ ޙަސަން އަޙްމަދު މަނިކު ގުޅިވަޑައިގެންނެވީ، 27 އެޕްރީލް 2014 ގައެވެ. ޔުނިވަރސިޓީއާ ގުޅިވަޑައިގަތުމަށްފަހު ބަލަހައްޓަވަމުން ގެންދަވައިފައިވަނީ، ޔުނިވަރސިޓީގެ ބަޖެޓް ކޮންޓްރޯލް ސެކްޝަނާއި، އެކައުންޓިންގ ސެކްޝަނެވެ. ޔުނިވަރ ސިޓީގެ ހުރިހާ ފެކަލްޓީތަކެއްގެ އަހަރީ ބަޖެޓް އެކުލަވައިލެއްވުމުގެ މަސައްކަތާއި، ފައިސާއާބެހޭ ކަންކަން ހަރުދަނާކުރެއްވުމުގެ މަސައްކަތް ކުރައްވައިފައި ވެއެވެ. މީގެއިތުރުން، ޕްރޮކިއުމެންޓް ކޮމިޓީގެ މެންބަރެއްގެ ގޮތުގައިވެސް އިޚްލާޞްތެރި މަސައްކަތްތަކެއް ކޮށްދެއްވައިފައި ވެއެވެ.

ޙަސަން އަޙްމަދު މަނިކު ފާހަގަ ކުރެވިފައިވަނީ، ކުރައްވަން ޖެހިވަޑައިގެންނެވި ކޮންމެ މަސައްކަތެއްވެސް ތެދުވެރިކަމާއެކު ކުރައްވަމުން ގެންދަވާ ޚިދުމަތްތެރި ބޭފުޅެއްގެ ގޮތުގައެވެ. އަމިއްލަފުޅަށް އިސްނަންގަވައިގެން ޤައުމީ އެކި މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންނެވި ބޭފުޅެއްގެ ގޮތުގައެވެ. ތަޢުލީމީ ދާއިރާގައި ކާމިޔާބު މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ.

ޙަސަން އަޙްމަދުމަނިކަކީ، "ވިލިމާލެ ޕްރީ ސްކޫލް" ގެ ނަމުގައި، 5 އަހަރުދުވަސްވަންދެން، ވިލިމާލޭގައި ޕްރީ ސްކޫލެއް ހިންގަވައިފައިވާ ބޭފުޅެއްވެސް މެއެވެ.