އަލްފާޟިލް ޢަބްދުއްލަޠީފް ޢަލީ
ދަފްތަރު. ނަންބަރު ރސ 1860

ޢަބްދުއްލަޠީފް ޢަލީއަކީ، ދިވެހިރާއްޖޭގައި ވައިގެދަތުރުފަތުގެ ކަންކަން ރާވައި ހިންގާ އިދާރާތަކުގައި ދިގު މުއްދަތެއްވަންދެން ހީވާގިކަމާއެކު ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. މިހާރު ހުންނެވީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ އެސިސްޓެންޓް މެނޭޖަރ، އެމްޕްލޯއީ ފެސިލިޓޭޝަންގެ މަގާމުގައެވެ.

ލޭންޑް ރަޖިސްޓްރޭޝަންސް ޑިވިޜަންގެ ކާތިބުކަމުގެ މަގާމުގައި، 14 ފެބްރުވަރީ 1981 ގައި ޚިދުމަތް ކުރައްވަން ފެށްޓެވި ޢަބްދުއްލަޠީފު ޢަލީ ވަނީ މެދުނުކެނޑި 40 އަހަރަށްވުރެން ގިނަ ދުވަހު ދައުލަތަށް ޚިދުމަތްކުރައްވައިފައެވެ. 5 ޖަނަވަރީ 1982 ގައި މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީގެ 2 ނަންބަރު ކާތިބުކަމުގެ މަގާމަށް ބަދަލުވެވަޑައިގެންނެވުމަށްފަހުގައި މިހާރުވެސް ހުންނެވީ އެ ދާއިރާގައި ޚިދުމަތުގައެވެ. އަދާކުރައްވައިފައިވާ ވަޒީފާތަކުގެ ތެރޭގައި މޯލްޑިވްސް އެއަރޕޯޓްސް އޮތޯރީޓީގެ 1 ނަންބަރު ކާތިބުކަމާއި، ސެކްރެޓެރީކަމާއި، ސީނިއަރ ސެކްރެޓެރީކަމާއި، ބަޖެޓް އޮފިސަރުކަން ހިމެނެއެވެ. އަދި އެ އޮތޯރިޓީ، ކުންފުންޏަކަށް ބަދަލުވުމަށްފަހުގައި އެ ކުންފުނީގައިވެސް ބަޖެޓް އޮފިސަރުކަމާއި، ސީނިއަރ ބަޖެޓް އޮފިސަރުކަމާއި އެސިސްޓެންޓް މެނޭޖަރުކަމާއި މެނޭޖަރުކަމުގެ މަގާމު އަދާކުރައްވައިފައިވެއެވެ.

ޢަބްދުއްލަޠީފް ޢަލީ ޚާއްޞަވެފައި ވަނީ ފައިސާއާބެހޭ މަސައްކަތަށެވެ. ޚިދުމަތުގައި ހޭދަކުރައްވައިފައިވާ ދިގު މުއްދަތުގެ ތެރޭގައި ބަޖެޓް އެކުލަވައިލުމާއި، މުވައްޒަފުންނަށް މުސާރަ ދިނުމާއި، އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ދެއްކެވުމާއި، ކުންފުނީގެ ފައިސާއާބެހޭ މަސައްކަތްތައް ހިންގާނޭ ގޮތުގެ ގަވާއިދުތަކާއި އުސޫލުތައް އެކުލަވައިލެއްވުމުގައްޔާއި ބެލެހެއްޓެވުމުގައި ވަރަށް އިސް ދައުރެއް އަދާކުރައްވައިފައި ވެއެވެ. މީގެ އިތުރުން، ވަސީލަތްތައް ގާއިމުކުރުމަށް ހިންގާ އެކިއެކި ޕްރޮޖެކްޓްތަކާ ގުޅިގެން އެކި ފަރާތްފަރާތަށް ދައްކަންޖެހޭ ފައިސާ ދެއްކެވުން ފަދަ ކަންކަން ބަރާބަރަށް ކުރައްވަމުން ގެންދަވައިފައި ވެއެވެ.

ޢަބްދުއްލަޠީފް ޢަލީ ވަނީ ހިންގުމުގެ އޮނިގަނޑަށް އައި ބަދަލުތަކާއި، ފައިސާއާބެހޭ މުޢާމަލާތު ކުރުމުގެ ނިޒާމުތަކަށް އައި ބަދަލުތަކާ އެއްގޮތަށް ފަރުވާތެރިކަމާއެކު ފައިސާއާބެހޭ ކަންކަން ބަލަހައްޓަވަމުން ގެންދަވައިފައެވެ. އަދި އަތުން ލިޔެގެން ބަލަހައްޓަމުން އައި ފައިސާއާބެހޭ އެންމެހައި މަސައްކަތްތައް ޒަމާނީ ޓެކްނޯލޮޖީ މެދުވެރިކޮށްގެން ކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރައްވައިގެން ކުންފުނިން ދޭ ޚިދުމަތްތައް އަވަސްކުރުމުގައި އިސް ދައުރެއް އަދާކުރައްވައިފައެވެ.

ޢަބްދުއްލަޠީފް ޢަލީއަކީ، ކުންފުނިން ކުރަންޖެހޭ ރަސްމީ މަސައްކަތްތަކުގެ އިތުރަށް، ކުންފުނިން ހިންގާ އިޖުތިމާޢީ ޙަރަކާތްތަކުގައިވެސް ޢަމަލީ ގޮތުން ބައިވެރިވެވަޑައިގެން އިޚްލާޞްތެރިކަމާއެކު ޚިދުމަތްކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.