އަލްފާޟިލް ޢަލީ ޙިލްމީ
ހ. ވެހެލި

ޢަލީ ޙިލްމީ ސަރުކާރުގެ ޚިދުމަތަށް ނުކުންނެވީ، ހުޅުލޭ އެއަރޕޯޓް ކޮންސްޓްރަކްޝަން ޕްރޮޖެކްޓް ޔުނިޓުގެ ދެނަންބަރު ކާތިބުކަމުގެ ވަޒީފާއިން 21 އެޕްރީލް 1979 ގައެވެ. އޭގެ ފަހުން ގަވަރންމަންޓް ހޮސްޕިޓަލުގައްޔާއި، ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒުގައިވެސް ދެނަންބަރު ކާތިބެއްގެ ވަޒީފާ އަދާކުރައްވައިފައި ވެއެވެ. ޢަލީ ޙިލްމީ ދިވެހިރާއްޖޭގެ އަޑުގައި ޚިދުމަތްކުރައްވަން ފެށްޓެވީ 30 އޮކްޓޫބަރު 1984 ގައެވެ. އެތާނގައި ފުރަތަމަ މަސައްކަތް ކުރެއްވީ ޓެކްނިކަލް ދާއިރާގައެވެ. އޭގެ ފަހުން ޕްރެޒެންޓަރ ޕްރޮޑިއުސަރ ޓްރޭނީއެއްގެ ގޮތުގައި އަޑުގެ ޕްރޮގްރާމް ޑިޕާޓްމަންޓާ ގުޅިވަޑައިގަތެވެ. އެ ޑިޕާޓްމަންޓުގައި، ތަޢުލީމާއި، ޞިއްޙަތާއި، މަސްވެރިކަމާއި، ދަނޑުވެރިކަމާއި، މުނިފޫހި ފިލުވުމާއި، ދީނީ ޕްރޮގްރާމްތަކާއި، އިޖުތިމާޢީ ގޮތުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކުގެ އިތުރުން، ޚަބަރާބެހޭ ޕްރޮގްރާމްތަކާއި، ޑްރާމާވެސް އުފައްދަވައިފައި ވެއެވެ. ޚަބަރުފީތާއާއި، ވޭތުވެދިޔަ ހަފްތާގައި ރާއްޖެއާއި، ވޭތުވެދިޔަ ހަފްތާގައި ދުނިޔެއާއި، ޢާންމު ޞިއްޙަތު، ދިޔަވަތް ރަނގަޅު އޮޑި، ދިވެހި ބިމުން، ރާއްޖޭގެ އެތަން މިތަނުން، އީމާންކަމުގެ ނޫރު، ދުންފަތުގެ ގެއްލުން، މަދިރިން ރައްކާތެރިވަމާ، އުންމަތުގެ އިމާމުން، ޒަކާތް، ފަސޭހަ އަރަބި، ވޮށުފިލާ، ކުޅިފަސް ފަދަ ޕްރޮގްރާމްތަކާއި، ޤައުމީ ފުޓްބޯޅަ މުބާރާތުގެ މެޗުތަކުން ފާހަގަކޮށްލެވޭ މުހިންމު ކަންކަމާބެހޭ ފުޓްބޯޅަ ޕްރޮގްރާމާއި، ދަތުރުވެރިންނާއެކު، މަލަފެހި ފަދަ ކިތަންމެ ޕްރޮގްރާމެއް ހިމެނެއެވެ. ބިމުގެ އާދޭސް، މަންމަގެ އާދޭސް ފަދަ ޤައުމީ ޕްރޮގްރާމްތައްވެސް ޙިލްމީ އުފައްދަވައިފައި ވެއެވެ.

ސީނިއަރ އެގްޒެކެޓިވް ޕްރޮޑިއުސަރެއްގެ މަގާމުގައި މިހާރު ހުންނެވި ޢަލީ ޙިލްމީ މިހާރު އުފައްދަވާ ޕްރޮގްރާމް ތަކަކީ، ޤާނޫނީ ލަފާ، ސީދާ މަގު، ނާރެސް އެވެ. ޢަލީ ޙިލްމީ ވަގުތުން ގެނެސްދެއްވައިފައިވާ ޚާއްޞަ ރަސްމިއްޔާތުތަކާއި، ޖަލްސާތަކުގެ ތެރޭގައި، ފުވައްމުލަކު ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތާއި، ފެލިވަރުގައި ހިންގާ ދަޅުގައި މަސްބަންދުކުރާ ކާރުޚާނާއަށް 25 އަހަރު ފުރުމުގެ ރަސްމިއްޔާތާއި، ރަމަޟާންމަސް އިޙްޔާކުރުމުގެ ގޮތުން ބޭއްވެވި ޖަލްސާތަކާއި، އައްޑޫ ބޮޑު ފަނޑިޔާރު ތަކުރުފާނު މަގު ހުޅުވުމުގެ ރަސްމިއްޔާތާއި، ސިނަމާލެ ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތާއި، މިނިވަން ދުވަހާއި، ޖުމްހޫރީ ދުވަސްފަދަ ޤައުމީ ދުވަސްތައް ފާހަގަ ކުރުމުގެ ރަސްމިއްޔާތުތަކާއި، ރިޔާސީ އިންތިޚާބާއި، އެކިއެކި އިންތިޚާބުތަކުގައި ވޯޓުލުން ހިނގަމުންދިޔަ ގޮތްވެސް ހިމެނެއެވެ. މީގެ އިތުރުން، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމާއި، އެނޫން ބައެއް ރައީސުންނާއި، ނައިބު ރައީސުން ރާއްޖޭގެ އަތޮޅުތަކަށް ކުރެއްވި ބައެއް ދަތުރުފުޅުތަކުގައި ބައިވެރިވެވަޑައިގެން، ރަށްރަށުގައި ބާއްވަވާ ޖަލްސާތަކާއި ރަސްމިއްޔާތުތައް ވަގުތުން ގެނެސްދެއްވައިފައި ވެއެވެ. އަދި ބޭރުގެ ބައެއް ޢިއްޒަތްތެރިން ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުތަކުގެ ރަސްމިއްޔާތުތައްވެސް ރޭޑިޔޯއިން ވަގުތުން ގެނެސްދެއްވިއެވެ.

ދައުލަތުގެ ވަޒީފާގައި ހުންނަވާތާ މިވީ 41 އަހަރެއްހައިދުވަހުގެ ތެރޭގައި، ދިވެހިރާއްޖޭގެ އަޑުން ހިންގި ޚާއްޞަ ބައެއް ކަވަރޭޖްތަކުގައި ޙިލްމީގެ ބައިވެރިވުން ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހެއެވެ. އޭގެ ތެރޭގައި ހިމެނޭ ޚާއްޞަ ކަންކަމުގެ ތެރޭގައި، ދިވެހިރާއްޖޭގެ އަޑުން ހަފުތާއެއްހައި ދުވަހުގެ މުއްދަތަށް ގެނެސްދިން، ނޮވެންބަރު 3ގެ ޢުދުވާނީ ހަމަލައާ ގުޅޭ ޕްރޮގްރާމްތައް ތިން ދަންފަޅިއަށް އޮންއެއަރ ކުރެއްވުމުގައްޔާއި، ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށް ފައިސާ ހޯދުމަށް ހިންގި ޙަރަކާތްތަކާއި، ބޮސްނިޔާގެ ރައްޔިތުންނަށް ފައިސާއާއި ތަކެތި ހޯދުމަށް ހިންގި ޙަރަކާތްތަކާއި، މިނިވަން 25 އާއި، ޖުމްހޫރީ 30 އާއި، މިނިވަން 50 ފަދަ ޤައުމީ އެކިއެކި ޚާއްޞަ މުނާސަބަތުތަކާއި، އަޑުގެ އަހަރީ ދުވަސްތަކާ ގުޅިގެން ބޭއްވި ގިނަ ޙަރަކާތްތަކުގައި ޙިލްމީ ބައިވެރިވެވަޑައިގެންފައިވަނީ، ޤައުމީ ކަމެއްގެ ގޮތުގައި ދެކެވަޑައިގެންނެވެ.