އަލްފާޟިލާ މަރްޔަމް ޝަރީފާ
ވ. ނަދާ

ދައުލަތުގެ ޚިދުމަތުގައި 43 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތްކުރައްވައިފައިވާ މަރްޔަމް ޝަރީފާ ފުރަތަމަ ޚިދުމަތް ފެށްޓެވީ 11 އެޕްރީލް 1978 ގައި، ނޯދަން ރީޖަނަލް އޮފީހުގައެވެ. އޭގެ ފަހުން މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގައެވެ. އެ ދެ އޮފީހުގައިވެސް އަދާކުރެއްވީ ދެނަންބަރު ކާތިބާއެއްގެ ވަޒީފާއެވެ. 2 ފެބުރުވަރީ 1984 ގައި، ޓީވީ މޯލްޑިވްސްގެ ސެކްރެޓެރީއަކަށް ބަދަލުވެޑައިގެންނެވިގޮތަށް މިހާރުވެސް ހުންނެވީ، އެ ދާއިރާގައެވެ. އެތާނގެ އެކި މަގާމުތައް އަދާކުރެއްވުމަށްފަހު މިހާރު ހުންނެވީ، މެނޭޖަރ، ހިއުމަން ރިސޯސް އެންޑް ޓްރޭނިންގގެ މަގާމުގައެވެ.

މަރްޔަމް ޝަރީފާ، ނޯދަން ރީޖަނަލް އޮފީހުގައްޔާއި، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގައި ޚިދުމަތް ކުރެއްވިއިރު، ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން އަތޮޅު އޮފީސްތަކަށާއި، އެހެން އޮފީސްތަކަށް ފޮނުވަންޖެހޭ ސިޓީތައް ލިޔެ ފޮނުއްވުމާއި، މުވައްޒަފުންނާބެހޭ މަސައްކަތްތައް ކުރައްވައިފައިވެއެވެ.

ޓީވީ މޯލްޑިވްސްގައި ފުރަތަމަ ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި، ޓީވީ ރަޖިސްޓަރީ ކުރުމާއި އުވާލަންޖެހޭ ރަޖިސްޓަރީތައް އުވާލުމާބެހޭގޮތުން ކުރައްވަންޖެހޭ ކަންތައްތައް ކުރެއްވުމާއި، އަހަރުން އަހަރަށް ދައްކަންޖެހޭ ޓީވީގެ ލައިސަންސް ފީ ޗެކްކޮށް ބެލެހެއްޓެވުން ހިމެނެއެވެ. މީގެ އިތުރުން، ކުންފުނީގެ ސިޔާސަތުތަކާ އެއްގޮތަށް ކުންފުނީގެ ރެކްރޫޓްމަންޓް މަސައްކަތް ބެލެހެއްޓެވުމާއި، މުވައްޒަފުންނާބެހޭ ރެކޯޑްތަކާއި، މުވައްޒަފުންނަށް މުސާރައާއި އުޖޫރަ ދިނުމާބެހޭ ރެކޯޑްތަކާއި، ޗުއްޓީއާބެހޭ ރެކޯޑްތައް ބެލެހެއްޓެވުމާއި، މުވައްޒަފުންގެ އަޚްލާޤީ ފެންވަރު ހިފެހެއްޓުމަށް އެކަށޭނަ މާޙައުލެއް ބިނާކުރުމަށް ބޭނުންވާ އުސޫލުތައް އެކުލަވައިލެއްވުން ހިމެނެއެވެ. އަދި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންވާ ކަންތައްތަކާއި، މުވައްޒަފުންގެ ޕަރފޯމަންސް މޮނިޓަރކޮށް ބެލެހެއްޓުމާބެހޭ ކަންކަން އިންތިޒާމުކޮށް ހިންގެވުމުގައި ޝަރީފާއަކީ، ހީވާގިކަމާއި ފަރުވާތެރިކަމާއެކު ޚިދުމަތްކުރެއްވުމުގައި ދެމިހުންނެވި މުވައްޒަފެކެވެ.

މަރްޔަމް ޝަރީފާއަކީ، ޓީވީ މޯލްޑިވްސްއިން ބޭއްވެވި ޤުރްއާން މުބާރާތްތަކުގެ އިންތިޒާމުތައްވެސް ބެލެހެއްޓެވި ބޭފުޅެކެވެ. އަދި ޓީވީ މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބޭއްވެވި ލަވަ މުބާރާތްތަކުގެ ކަންކަންވެސް ބެލެހެއްޓެވި ހީވާގި މުވައްޒަފެކެވެ. ޕީ.އެސް.އެމް.ގެ ސްޓާފް އެފެއާޒް ކޮމިޓީގެ ސެކްރެޓެރީގެ މަސްއޫލިއްޔަތުވެސް ޝަރީފާ ގެންދަވަނީ އަދާކުރައްވަމުންނެވެ.