އަލްފާޟިލް މުޙައްމަދު ޢަލީ
މ. ތާވަތާ

މުޙައްމަދު ޢަލީ، ސަރުކާރަށް ޚިދުމަތްކުރައްވަން ފެށްޓެވީ، ރ.އުނގުލު އޮފީހުގައި ވަގުތީ ކަތީބުކަމުގެ މަގާމުން 17 ޖުލައި 1960 ގައެވެ. ދިވެހި ސަރުކާރަށް 43 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތްކުރައްވައިފައިވާ މުޙައްމަދު ޢަލީ ވަނީ ސަރުކާރުގެ ތަފާތު އެތައް މަގާމެއް އަދާކުރައްވައިފައެވެ.

މުޙައްމަދު ޢަލީއަކީ، ރ.އަތޮޅު ކޮމިޓީގެ މެންބަރުކަމާއި، ރައްޔިތުންގެ މަޖިލީހުގެ ރ.އަތޮޅު މެންބަރުކަމާއި، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރ.އަތޮޅުގެ މެންބަރުކަން ކުރައްވައިފައިވާ ބޭފުޅެކެވެ. އަދި ރ.އަތޮޅުގެ އަތޮޅުވެރިކަމާއި، އަތޮޅުވެރިޔާގެ އެހީތެރިޔާގެ މަގާމު އަދާކުރެއްވުމުގެ އިތުރުން، ރާއްޖެތެރޭގެ ނާއިބު (ދަސްކުރާ)ގެ މަގާމުވެސް ފުރުއްވައިފައިވާ ބޭފުޅެކެވެ. މީގެ އިތުރުން، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ ސީނިއަރ އިންވެސްޓިގޭޓަރުކަމާއި، ސްޕެޝަލް ޑިއުޓީ އޮފިސަރުކަމާއި، އަތޮޅުވެރިޔާގެ ބަދަލުކަމާއި، ޑިރެކްޓަރުކަންވެސް ކުރައްވައިފައިވެއެވެ. އަދި، ރ.އަތޮޅު ފިހާރައިގެ މެނޭޖަރުކަންވެސް ކުރައްވައިފައިވެއެވެ.

މުޙައްމަދު ޢަލީ، ރ.އަތޮޅުގައި ޚިދުމަތްކުރައްވަން ފެށްޓެވި ދުވަސްވަރަކީ، މުވާޞަލާތުގެ ކަންކަމާއި، ދަތުރުފަތުރުކުރުން ފަސޭހަ ޒަމާނަކަށް ނުވިޔަސް، ރަށްރަށަށް ގުޅުއްވައިގެންނާއި ދަތުރުކުރައްވައިގެން ރައްޔިތުންގެ ހާލުއަހުވާލު ބައްލަވައި، ރައްޔިތުންނަށް ލާބައާއި މަންފާ ލިބޭނޭ ކަންކަން ކުރައްވައިފައި ވެއެވެ. އަދި ރަށްރަށުގެ ރައްޔިތުންނަށް ލުއިފަސޭހަވާނޭ ކަންކަން ބައްލަވައި، އެކަންކަން ކޮށްދެއްވައި، ރަށާއި އަތޮޅުގެ ތަރައްޤީއަށް މަސައްކަތް ކުރައްވައިފައި ވެއެވެ. އެދުވަސްވަރު މިސްކިތްތަކާއި މަދަރުސާތަކާއި ރަށު އޮފީސް ފަދަ ތަންތަން މަރާމާތުކުރުމާއި ޢިމާރާތްކުރުން ފަދަ މަސައްކަތްތައް ކުރައްވައިފައި ވަނީ، މުޙައްމަދު ޢަލީގެ ބެއްލެވުމާއި އިރުޝާދުގެ ދަށުންނެވެ.

އަތޮޅުގެ ތަޢުލީމީ ހާލަތު ރަނގަޅުކުރެއްވުމަށްވެސް މުޙައްމަދު ޢަލީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވައިފައި ވެއެވެ. އަތޮޅުގެ ރަށްރަށުގައްޔާއި، ފަޅުރަށްރަށުގައި ދަނޑުވެރިކަން ތަރައްޤީ ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވައި، ކާނާ ލިބޭނޭ ރުއްގަސް އިންދެވުމުގައި މުޙައްމަދު ޢަލީ އިސް ދައުރެއް އަދާކުރައްވައިފައި ވެއެވެ. ރަށްރަށުގައި މަގުތައް ހައްދަވައި ރަށްރަށް ތަރައްޤީ ކުރެއްވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވިއެވެ. އަތޮޅުތެރޭގެ ރަށްރަށަށް ވަޑައިގެން ރައްޔިތުންނާއި ވެރިންނާ ބައްދަލު ކުރައްވައި، ރައްޔިތުންނަށް ބޭނުންވާ ކަންކަމަކީ ކޮބައިތޯ ބައްލަވައި، އެކަންކަމަށް ޙައްލު ހޯއްދަވައިދެއްވުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ.

މުޙައްމަދު ޢަލީއަކީ، އުނގުލާއި އެހެން ރަށްރަށުގެ ރައްޔިތުންނަށް މާލީ ތަނަވަސްކަން ހޯއްދަވައިދެއްވުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. މިގޮތުން، ރަށްރަށުގައި ރައްޔިތުންގެ ފިހާރަތައް ޤާއިމުކޮށްދެއްވުމުގައި އެހީތެރިކަން ދެއްވައި، އުނގުލު ރައްޔިތުންނަށް މާލެ ދަތުރު ކުރެވޭނެގޮތް ހަމަޖައްސަވައިދެއްވުމުގެގޮތުން ރައްޔިތުންގެ ބައްތެއްޔެއް ބަންނަވައި، އޭގައި ދަތުރުތައް ކުރެވޭނެގޮތް ހަމަޖައްސަވައިދެއްވިއެވެ. މިގޮތުން، އުނގުލު ރައްޔިތުންނަކީ އަތޮޅުގެ އެހެން ރަށްރަށުގެ ރައްޔިތުންނާ އަޅައިބަލާއިރު ތަނަވަސް ރައްޔިތުންނަށް ވެގެން ދިޔައެވެ.

އަތޮޅުގެ ޞިއްޙީ ކަންކަން ސަރުކާރުގެ ފަރާތުން ފެށިގެން އައީވެސް މުޙައްމަދު ޢަލީގެ އަތޮޅުވެރިކަމުގެ ދައުރުގައެވެ. މިގޮތުން އުނގޫފާރުގައި ހެލްތް ސެންޓަރެއް ޤާއިމު ކުރެވި ޚިދުމަތްދޭން ފެށީ، މުޙައްމަދު ޢަލީގެ އެހީތެރިކަން ވަރަށް ބޮޑަށް އޮވެގެންނެވެ. އަދި ސަރުކާރުގެ އިދާރާތަކާ މުޢާމަލާތު ކުރައްވައި އޭރު ކުރެއްވި މަސައްކަތްޕުޅުންނެވެ.

މުޙައްމަދު ޢަލީ ރ.އަތޮޅުގައި ޚިދުމަތްކުރެއްވުމަށްފަހު މާލޭގެ ވަޒީފާއަކަށް ބަދަލުވެ ވަޑައިގެންނެވި ނަމަވެސް ޚާއްޞަވެވަޑައިގެންފައިވަނީ، އަތޮޅުތަކުގައި ޚިދުމަތް ކުރެއްވުމަށެވެ. އެގޮތުން މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގައްޔާއި، މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓުގައި ވަޒީފާ އަދާކުރައްވަމުން ގެންދެވިއިރު، ސަރުކާރުން ފޮނުއްވާ ކޮންމެ ތަނަކަށް ވަޑައިގަތުމަށް ފަސްޖެހިވަޑައެއް ނުގަންނަވައެވެ. ކުރައްވަންޖެހިވަޑައިގެންނެވި ކޮންމެ ކަމެއް ކުރައްވައިފައިވަނީ ވަރަށް ފަރުވާތެރިކަމާއި އިޚުލާޞްތެރިކަމާ އެކުގައެވެ. ނިންމަވަން ޖެހިވަޑައިގެންނެވި ކޮންމެ ނިންމެވުމެއް ނިންމަވައިފައިވަނީ، ރައްޔިތުންގެ މެދުގައި މަޞްލަޙަތު ނުގެއްލޭނޭ ގޮތަށް ވިސްނުންތެރިކަމާއި ޙިކްމަތްތެރިކަމާއެކުގައެވެ. މިގޮތުން، 12 އަތޮޅެއްގެ އަތޮޅު އޮފީސް ހިންގެވުމާ ޙަވާލުވެވަޑައިގެން ގިނަ މަސައްކަތްތަކެއް މުޙައްމަދު ޢަލީ ކުރައްވައިފައި ވެއެވެ.

އަތޮޅުތަކުގައި ސަރުކާރުން ކުރައްވަން ކަނޑައަޅުއްވާ ގިނަ ކަންކަން ކުރެއްވުމުގައި އަތޮޅުވެރިޔާ އަދި އަތޮޅު އޮފީސް ހިންގަވަން ހުންނަވާ ބޭފުޅެއްގެ ދައުރު ވަރަށް ބޮޑެވެ. އެހެންކަމުން، ރަށްރަށުގައި ނުނިމި ހުންނަ ގޯތިގެދޮރުގެ މައްސަލަތަކާއި، ރައްޔިތުންގެ މެދުގައި އުފެދޭ ތަފާތު މައްސަލަތައް، އެރަށްރަށަށް ވަޑައިގެން ބައްލަވައި، ތަޙުޤީޤު ކުރައްވައި، އެކަންކަން ޙައްލުކޮށްދެއްވައިފައި ވެއެވެ.