އަލްފާޟިލް ޚާލިދު އިބްރާހީމް
މ. ދިޖުލަތު

ޚާލިދު އިބްރާހީމް، ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ރޭޑިއޯ މޯލްޑިވްސްގެ ދެ ނަންބަރު އޮޕަރޭޓަރުކަމުގެ ވަޒީފާގައި، 15 ނޮވެންބަރު 1975 ގައެވެ. ރޭޑިއޯ މޯލްޑިވްސްގެ ނަން "ދިވެހިރާއްޖޭގެ އަޑު" މި ނަމަށް ބަދަލުކުރެއްވުމުންވެސް ޚިދުމަތްކުރައްވަމުން ގެންދެވީ، ދިވެހިރާއްޖޭގެ އަޑުގައެވެ. އަދާކުރައްވައިފައިވާ މަގާމުތަކުގެ ތެރޭގައި، އޮޕަރޭޓަރުކަމާއި، ސީނިއަރ ރެކޯޑިންގ އޮޕަރޭޓަރުކަމާއި، ޕްރޮޑަކްޝަން ޓެކްނީޝަންކަމާއި، ސީނިއަރ ޕްރޮޑަކްޝަން ޓެކްނީޝަންކަން ހިމެނެއެވެ. މިހާރު ހުންނެވީ، ޕަބްލިކް ސަރވިސް މީޑިއާގެ އެސިސްޓެންޓް މެނޭޖަރ، ޑިޖިޓަލް އާކައިވްސްގެ މަގާމުގައެވެ.

ޚާލިދު އިބްރާހީމް، ދައުލަތަށް ޚިދުމަތްކުރައްވަމުން ގެންދަވާތާ 45 އަހަރަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތަކީ، ކުރީގައި އުފައްދާފައި ހުރި އެކިއެކި ޕްރޮގްރާމްތަކާއި މަޢުލޫމާތު ރައްކާކޮށްފައިވާ ޓޭޕާއި، އެމްޑީއާއި، ސީޑީ ފަދަ ތަކެތި ޒަމާނާ އެއްގޮތަށް ޑިޖިޓަލައިޒްކޮށް ގިނަ ދުވަހު ހުންނާނޭހެން ރައްކާތެރިކުރުމުގެ މަސައްކަތެވެ. ޚާލިދު އިބްރާހީމަކީ، މިދާއިރާއާ ގުޅިވަޑައިގަތީއްސުރެން ފެށިގެން މިއަދާ ހަމަޔަށް، ޑްރާމާއާއި ޕްރޮގްރާމްތަކަށް އަޑު އެޅުއްވުމުގައި ދެމިހުންނެވި ބޭފުޅެކެވެ.

ޚާލިދު އިބްރާހީމް ބައިވެރިވެވަޑައިގެންފައިވާ މުހިންމު މަސައްކަތްތަކުގެ ތެރޭގައި، 1976 ވަނަ އަހަރު އައްޑުއަތޮޅު ގަމުން އިނގިރޭސީން ފޭބުމާ ގުޅިގެން އެތަނުގައި ހުރި މާކޯނި އަދި ރަކަލް ޓްރާންސްމީޓަރުތައް ސަރުކާރުން މާލެއަށް ގެންނެވުމުން މާލޭގައި އެތަކެތި ބެހެއްޓެވުމުގެ މަސައްކަތް ހިމެނެއެވެ. އޭގެ ފަހުން، އޮސްޓްރޭލިއާ ސަރުކާރުގެ އެހީގައި ގެނެވުނު ދެ ޓްރާންސްމީޓަރު މާލޭގައި ބަހައްޓައިގެން 29 ޑިސެންބަރު 1981 ގައި އެ ދެ ޓްރާންސްމީޓަރުން ދުރަށް އަޑު ފޮނުވަން ފެށުމުގެ މަސައްކަތުގައި ޢަމަލީ ގޮތުން ބައިވެރިވެވަޑައިގަތުންވެސް ހިމެނެއެވެ.

ޤައުމީ ފެންވަރުގައި ހިންގޭ ތަފާތު އެކި ޙަރަކާތްތަކުގައިވެސް ޚާލިދު އިބްރާހީމް ވަނީ ޢަމަލީ ގޮތުން ބައިވެރިވެވަޑައިގެން ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވައިފައެވެ. މިގޮތުން، ބޮސްނިއާ ފަންޑަށް ފައިސާ ހޯދުމަށް ތިންރޭ ތިންދުވާ ވަންދެން މެދުނުކެނޑި ހިންގި ޙަރަކާތްތައް ލައިވްކުރުމުގެ މަސައްކަތުގައްޔާއި، މިނިވަން ފަންސަވީހާއި، މިނިވަން ފަންސާހާ ގުޅިގެން ހިންގި އެކިއެކި ޙަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވަޑައިގެންފައި ވެއެވެ. މީގެ އިތުރުން 1990 ވަނަ އަހަރު ދިވެހިރާއްޖޭގައި ބޭއްވި 5 ވަނަ ސާކް ސަމިޓާ ގުޅިގެން ކުރެވުނު މަސައްކަތްތަކުގައިވެސް ޚާލިދު ބައިވެރިވެވަޑައިގެން އިސް ދައުރެއް އަދާކުރައްވައިފައި ވެއެވެ.

ޚާދިލު އިބްރާހީމަކީ، ދިވެހިރާއްޖޭގެ އަޑުން ހިންގާ އިޖުތިމާޢީ ޙަރަކާތްތަކުގައިވެސް ބައިވެރިވެވަޑައިގެންފައިވާ ބޭފުޅެކެވެ. މިގޮތުން ދިވެހިރާއްޖޭގެ އަޑުގެ ރޭޑިއޯ ކްލަބުގެ އެކި މަގާމުތައް އަދާކުރައްވައި އެ ކްލަބު ހިންގެވުމުގައި އިސްދައުރެއް އަދާކުރައްވައިފައި ވެއެވެ. އަދި އެ ކްލަބުގެ ރައީސްކަމުގެ މަގާމު 5 އަހަރު ފުރުއްވައިފައި ވެއެވެ.