ޑޮކްޓަރ މަރްޔަމް ޝަރީފާ
އަގޮޓީގެ ސ. ހިތަދޫ

މި އިނާމު މި އެރުވެނީ ބްރޫނާއީ ދާރުއްސަލާމުގެ ޔުނިވަރސިޓީ ބްރޫނާއީ ދާރުއްސަލާމުން 2020 ވަނަ އަހަރު ޑޮކްޓަރ އޮފް ފިލޯސޮފީ އިން އެޑިޔުކޭޝަން ހާސިލު ކުރައްވައިފައިވާތީއާއި، ޕީ.އެޗް.ޑީ. އަށް ކުރެއްވި ދިރާސާގެ އަލީގައ ލިޔުއްވި ގިނަ އާޓިކަލްތަކެއް، ބައިނަލްއަޤްވާމީ ޖަރނަލްތަކުގައި ޝާއިޢުކޮށްފައިވާތީއެވެ.

ޑޮކްޓަރ މަރްޔަމް ޝަރީފާގެ ޕީ.އެޗް.ޑީ. ތީސީސް ބިނާކުރައްވާފައިވަނީ، ދިވެހިރާއްޖޭގެ ސްކޫލްތަކުގައި މަސައްކަތް ކުރައްވާ މުދައްރިސުން ކިޔަވައިދިނުމުގައި، ޑިފަރެންޝިއޭޓަޑް އިންސްޓްރަކްޝަން ބޭނުންކުރާ މިންވަރު ބެލުމާއެކު، ޑިފަރެންޝިއޭޓަޑް އިންސްޓްރަކްޝަންގެ މަޢުލޫމާތު، މުދައްރިސުންގެ ކިބައިގައި ހުރި މިންވަރު ދެނެގަނެ، ޑިފަރެންޝިއޭޓަޑް އިންސްޓްރަކްޝަން ތަންފީޒު ކުރުމާމެދު މުދައްރިސުން ދެކޭގޮތް ބެލުމަށެވެ. މި ދިރާސާގެ މަޢުލޫމާތު އެއްކުރުމަށްޓަކައި ރާއްޖޭގެ ސްކޫލްތަކުގައި މަސައްކަތް ކުރައްވާ 400 މުދައްރިސުންގެ މެދުގައި ސަރވޭއެއް ކުރުމުގެ އިތުރުން، އެކި ސްކޫލްތަކުން ހޮވައިލެވުނު ވަކިވަކި ޓީޗަރުންނާ އިންޓަރވިއުކޮށް، އެ ޓީޗަރުންގެ ކިޔަވައިދިނުން ތަކުރާރުކޮށް އޮބްޒަރވް ކުރެވުނެވެ. މިގޮތުން އެއްކުރެވުނު މަޢުލޫމާތުގެ އަލީގައި، މުދައްރިސުންގެ ކިބައިގައި ޑިފަރެންޝިއޭޓަޑް އިންސްޓްރަކްޝަންގެ މަޢުލޫމާތު އެކަށީގެންވާވަރަށް ނެތުމުގެ ނަތީޖާއެއްގެ ގޮތުން، ޑިފަރެންޝިއޭޓަޑް އިންސްޓްރަކްޝަން ބޭނުންކުރާ މިންވަރު ވަރަށްދަށް ކަމަށް އެނގިގެންދިޔައެވެ. ހަމައެއާއެކު، މުދައްރިސުންގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި އިންސަރވިސް އަދި ޕްރިސަރވިސް ޓީޗަރ ޓްރޭނިންގ ޕްރޮގްރާމްތައް މެދުވެރިކޮށް، ޑިފަރެންޝިއޭޓަޑް އިންސްޓްރަކްޝަންގެ މަޢުލޫމާތާއި ހުނަރު ތަރައްޤީކޮށް ކުރިއެރުވުމުގެ މުހިންމުކަން، މި ދިރާސާއިން ފާހަގަވެގެންދިޔައެވެ.

ޑޮކްޓަރ މަރްޔަމް ޝަރީފާގެ ޕީ.އެޗް.ޑީ.ގައި އެއްކުރެވުނު މަޢުލޫމާތުގެ އަލީގައި ލިޔުއްވި 10 އާޓިކަލެއް، ސްކޯޕަސް އަދި ވެބް އޮފް ސައެންސްގައި އިންޑެކްސް ކުރެވިފައިވާ އެކި ޖަރނަލްތަކުގައި ޝާއިޢު ކުރެވިފައިވެއެވެ. ޑޮކްޓަރ މަރްޔަމް ޝަރީފާގެ ޕީ.އެޗް.ޑީ.ގެ ހޯދުންތަކުގެ އަލީގައި، ރާއްޖޭގެ ވަރަށްގިނަ ސްކޫލްތަކުގައި، ޑިފަރެންޝިއޭޓެޑް އިންސްޓްރަކްޝަންސްގެ ޕެކޭޖް ހިމެނޭ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް، ޑޮކްޓަރ މަރްޔަމް ޝަރީފާ ހިންގަވަމުން ގެންދަވައެވެ.

ޑޮކްޓަރ މަރްޔަމް ޝަރީފާ މިހާރު ހުންނެވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ސެންޓަރ ފޮރ ރިސަރޗް އެންޑް ޕަބްލިކޭޝަންގެ ސީނިއަރ ލެކްޗަރަރއެއްގެ މަގާމުގައެވެ.