ޑޮކްޓަރ ފާޠިމަތު ނިޝާން
މ. އޯޑެންއެވެނިއު

މި އިނާމު އެރުވެނީ، ބްރޫނާއީ ދާރުއްސަލާމްގެ ޔުނިވަރސިޓީ ބްރޫނާއީ ދާރުއްސަލާމުން 2019 ވަނަ އަހަރު އެޑިޔުކޭޝަންގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސޮފީ ހާސިލު ކުރައްވައިފައިވާތީއާއި، ޕީ.އެޗް.ޑީ. އަށް ކުރެއްވި ދިރާސާ، ބައިނަލްއަޤްވާމީ ޖަރނަލެއްގައި ޝާއިޢުކޮށްފައިވާތީއެވެ.

ޑޮކްޓަރ ފާޠިމަތު ނިޝާން ޕީ.އެޗް.ޑީ. އަށް ކުރެއްވި ދިރާސާއަކީ، ދިވެހިރާއްޖޭގައި، ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން އުނގަންނައިދިނުން (އިންކްލޫސިވް އެޑިޔުކޭޝަން) ތަންފީޒު ކުރުމުގައި ސްކޫލްތަކުގެ އިސްވެރިންނާއި މުދައްރިސުންނަށް ކުރިމަތިލާންޖެހޭ ކަންކަމާ ގުޅޭގޮތުން ހަދާފައިވާ ދިރާސާއެކެވެ. މިއީ، އިންކްލޫސިވް އެޑިޔުކޭޝަންގެ ރޮނގުން ދިވެހިރާއްޖޭގައި މިހާތަނަށް އެންމެ ފުޅާ ދާއިރާއެއްގައި ކުރެވުނު ދިރާސާއެވެ. މިގޮތުން މި ދިރާސާގައި ދިވެހިރާއްޖޭގެ 6 ސަރަޙައްދެއްގެ 11 ސްކޫލަކުން 170 ބައިވެރިންގެ ފަރާތުން މަޢުލޫމާތު އެއްކުރެވުނެވެ. މި ދިރާސާގެ އަލީގައި ހޯދިފައިވަނީ، މި ދިރާސާގެ ބައިވެރިންގެ އުމުރާއި ޖިންސާއި ތަޢުލީމީ ފެންވަރާއި، ޕްރޮފެޝަނަލް ޑިވެލޮޕްމަންޓާއި އަދި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދިނުމުގެ ތަޖުރިބާފަދަ ކަންކަމަކީ އިންކްލޫސިވް އެޑިޔުކޭޝަނާމެދު ދިރާސާގެ ބައިވެރިންގެ ވިސްނުންހުރިގޮތަށް އަސަރު ފޯރުވާ ކަންތައްތައް ނޫން ކަމުގައެވެ. ނަމަވެސް، އެހެން ސްޓޭޖްތަކުގެ މުދައްރިސުންނާ އަޅާކިޔާއިރު، ކީ ސްޓޭޖް 1 އަށް އުނގަންނައިދެއްވާ މުދައްރިސުންގެ ވިސްނުން ޕޮޒިޓިވްކަން ފާހަގަކުރެވިފައިވެއެވެ. މީގެ އިތުރުން، ސްކޫލުން މުދައްރިސުންނަށް ފޯރުކޮށްދޭ އެހީތެރިކަމާއި، މުދައްރިސުންގެ ވިސްނުމާއި މުދައްރިސުންގެ އެފިކަސީ ނުވަތަ ނަތީޖާ ނެރުމާ ގުޅުމެއްވާކަން މި ދިރާސާއިން ވަނީ ފާހަގަކުރެވިފައެވެ. ވަސީލަތްތައް މަދުވުމާއި، ތަފާތު ޤާބިލުކަން ހުންނަ ދަރިވަރުންނަށް އުނގަންނައިދިނުމަށް ބޭނުންވާ ޢިލްމު މަދުވުމާއި، ކުލާހުގައި ދަރިވަރުންގެ އަދަދު ގިނަވުން އަދި ވަގުތުގެ ދަތިކަމަކީ އިންކްލޫސިވްކޮށް އުނގަންނައިދިނުމަށް ހުރި ގޮންޖެހުންތަކެއް ކަމުގައި ދިރާސާއިން ވަނީ ހޯދިފައެވެ. މީގެ އިތުރުން މި ދާއިރާއިން ތަމްރީނުވެފައި ތިބި މުދައްރިސުން މަދުކަމާއި، ބެލެނިވެރިންގެ ހޭލުންތެރިކަން ކުޑަކަމާއި، ޓީޗިންގ އެސިސްޓެންޓުން ނެތުން، އަދި ބައެއް މުދައްރިސުންގެ ވިސްނުން އިންކްލޫސިވް އެޑިޔުކޭޝަން ބަލައިގަތުމަށް ތައްޔާރުވެފައި ނެތުމުގެ ސަބަބުންވެސް ގޮންޖެހުންތައް ދިމާވާކަމަށް މި ދިރާސާއިން ފާހަގަވިއެވެ.

ޑޮކްޓަރ ފާޠިމަތު ނިޝާންގެ ޕީ.އެޗް.ޑީ ތީސީސްއަށް ކުރެއްވި ދިރާސާގެ އަލީގައި، ތިން ޖަރނަލް އާޓިކަލެއް ވަނީ ބައިނަލްއަޤްވާމީ ޖަރނަލްތަކުގައި ޝާއިޢުކޮށްފައެވެ.

ޑޮކްޓަރ ފާޠިމަތު ނިޝާން މިހާރު ހުންނެވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑިޔުކޭޝަންގައި އެސިސްޓެންޓް ޕްރޮފެސަރެއްގެ މަގާމުގައެވެ.