ޑޮކްޓަރ މުޙައްމަދު މުނީޒް
ހ. އެލްޕާޝޯ

މި އިނާމު މި އެރުވެނީ، މެލޭޝިއާގެ ކުއާލަލަމްޕޫރުގައި ހުންނަ އޭޝިއާ ޕެސިފިކް ޔުނިވަރސިޓީ އޮފް ޓެކްނޯލޮޖީ އެންޑް އިނޮވޭޝަން އިން 2018 ވަނަ އަހަރު، ޓެލެކޮމިއުނިކޭޝަންގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސޮފީ އިން ޓެކްނޯލޮޖީ ހާސިލު ކުރައްވައިފައިވާތީއާއި، ޕީ.އެޗް.ޑީ. އަށް ކުރެއްވި ދިރާސާތަކުގެ އަލީގައި ލިޔުއްވި ތަފާތު ތިން ރިސަރޗް ކަރުދާސް، ބައިނަލްއަޤްވާމީ ފެންވަރުގެ ރެފްރީޑް ޖާރނަލްތަކުގައި ޝާއިޢުކޮށްފައިވާތީއެވެ.

ދުނިޔޭގައި އެންމެ ގިނައިން އަދި ތަފާތު ބާވަތްތަކުގެ މުރަކަ އުފެދިފައިވާ "ކޮރަލް ޓްރެއިންގަލް" ގައި ވަރަށްގިނަ ސަބްމެރީން އޮޕްޓިކަލް ފައިބަރ ކޭބަލްތައް އަޅަންޖެހޭހިނދު، މި ސަރަޙައްދަކީ ފުޅާ ދާއިރާއެއްގައި ބޮޑުކަންނެލީގެ މަސްވެރިކަމާއި، ކަނޑުއަޑި ގޮއްވައިގެން މަސްހިފުންފަދަ މަސައްކަތްތައް ކުރާ ސަރަޙައްދަކަށްވެފައި، ކޭބަލްތަކަށް ނުރައްކާ ބޮޑު ހިސާބަކަށްވާތީ، މިހާރު ކޭބަލް ވަޅުލަން ބޭނުންކުރާ ޓެކްނޯލޮޖީތަކަށްވުރެ ރަނގަޅު ގޮތެއް ހޯދުމަކީ ޑޮކްޓަރ މުޙައްމަދު މުނީޒުގެ ދިރާސާގެ މަޤްޞަދެވެ. މިގޮތުން، ކޭބަލް، ކިރިޔާ ފެތޭވަރުގެ ހަނި ކޯރެއް ކޮނެވޭ މައިކްރޯ-ޓްރެންޗިންގ ޓެކްނޯލޮޖީ، ކަނޑުގެ އަޑީގައި ބޭނުންކުރެވިދާނެތޯ ބެލުމުގެ ޓެކްނިކަލް ފީސިބިލިޓީ ސްޓަޑީއެއް، ޑޮކްޓަރ މުނީޒް ހެއްދެވިއެވެ.

މި ދިރާސާއިން ދެއްކީ ސަބްމެރީން އޮޕްޓިކަލް ފައިބަރ ކޭބަލްތައް އިތުބާރާއެކު ހިމާޔަތް ކުރުމަށް ހުރި ގޮންޖެހުންތައް ނައްތާލެވޭނީ ކޭބަލްތައް ވަޅުލައިގެންކަމާއި، ޢާންމުގޮތެއްގައި މިހާރު ބޭނުންކުރެވޭ ޓެކްނޯލޮޖީތަކަށްވުރެ އަގުހެޔޮކޮށް، މާއަވަހަށް ކޭބަލް ވަޅުލެވޭ އަދި ތިމާވެށްޓާ ރައްޓެހި މައިކްރޯ-ޓްރެންޗިންގ ޓެކްނޯލޮޖީގެ ބޭނުން ކަނޑުއަޑީގައި ހިފަންޖެހޭނެކަމެވެ. މިގޮތުން، ޓްރޮޕިކަލް މުރަކަތަކުގެ ތެރޭގައި މި ޓެކްނޯލޮޖީ ބޭނުންކުރުމުގެ ޢަމަލީ ތަޙުލީލުތައް ކުރާނެ "މަގު ޗާޓެއް" ތީސީސްގައި ހުށަހެޅުއްވިއެވެ.

ޑޮކްޓަރ މުޙައްމަދު މުނީޒުގެ އިސްވެ ދެންނެވުނު ރިސަރޗް ކަރުދާސްތަކުގެ ތެރެއިން، ރާއްޖޭގެ ފަރުތަކުގެ މަތީގައި އަޅައިފައިވާ ސަބްމެރީން އޮޕްޓިކަލް ފައިބަރ ކޭބަލްތައް ހިމާޔަތް ކުރުމާބެހޭ ދިރާސާ، އިނގިރޭސިވިލާތުގައި ނެރޭ "އަންޑަރ ވޯޓަރ ޓެކްނޯލޮޖީ" މި ޖަރނަލްގައި 2017 ވަނަ އަހަރު ޝާއިޢުކޮށްފައިވެއެވެ. އަދި ދިވެހި ޤައުމީ ޔުނިވަރސިޓީގެ "ސަރުނަ" ގައިވެސް މި ދިރާސާ ޝާއިޢުކޮށްފައިވެއެވެ. އެމެރިކާގައި ނެރޭ "ޖަރނަލް އޮފް މެރިން އެންވަޔަރަންމަންޓަލް އިންޖިނިއަރިންގ" ގައި "އޮން ޕަރވޭސިވް ޓްރެންޗިންގ ޓެކްނޯލޮޖީސް ޓު ބެރީ އޮޕްޓިކަލް ފައިބަރ ނެޓްވަރކްސް އެޓް ސީ" މި މައުޟޫއަށް ލިޔެފައިވާ އާޓިކަލް، 2018 ވަނަ އަހަރު ޝާއިޢު ކޮށްފައިވާއިރު، ހަމަ މި ޖަރނަލްގައި "ޕްރޮޓެކްޝަން އޮފް ސަބްމެރީން އޮޕްޓިކަލް ފައިބަރ ކޭބަލްސް އިން ދަ ސްޓްރެއިޓް އޮފް މެލާކާ" މި މައުޟޫޢަށް ރިސަރޗް ކަރުދާހެއް، މި އަހަރު (2021)ގެ ޖުލައިމަހު ޝާއިޢުކޮށްފައިވެއެވެ.