އަލްފާޟިލް ޢަލީ ރަޝީދު
ހަނދުވަރީގެ ސ. ފޭދޫ

ޢަލީ ރަޝީދުގެ ޚާއްޞަ ކުޅިވަރަކީ، ޓޭބަލްޓެނިހެވެ. ވަރަށް ހަގު ޢުމުރުގައި ޓޭބަލްޓެނިސް ކުޅުއްވަން ފަށްޓަވައި، ޤައުމީ ފެންވަރުގައި މެދުނުކެނޑި 20 އަހަރެއްހާ ދުވަހު ކުޅުއްވައިފައިވެއެވެ. އަދި ޤައުމީ މުބާރާތްތަކުން ގިނަ ކާމިޔާބީތަކެއް ޢަލީ ރަޝީދު ވަނީ ހާސިލު ކުރައްވައިފައެވެ. މިގޮތުން، ޤައުމީ ޑަބަލްސް ޗެމްޕިއަންކަން 10 ފަހަރު އަދި ސިންގަލްސް ރަނަރއަޕްކަން 6 ފަހަރު ހޯއްދަވައިފައިވެއެވެ. ޓޭބަލްޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި 15 އަހަރު ކުޅުއްވައި، އޭގެތެރެއިން 4 ފަހަރު ސިންގަލްސް ޗެމްޕިއަންކަމާއި، 10 ފަހަރު ޑަބަލްސް ޗެމްޕިއަންކަން ހޯއްދަވައިފައިވެއެވެ. 1990 ވަނަ އަހަރުން ފެށިގެން މެދުނުކެނޑި 16 އަހަރު ރާއްޖޭގެ ޤައުމީ ޓީމުގެ ކުޅުންތެރިއެއްގެ ގޮތުގައި ޢަލީ ރަޝީދުވަނީ ރާއްޖެ ތަމްސީލުކޮށްދެއްވައިފައެވެ. މީގެތެރެއިން 3 އަހަރު ޤައުމީ ޓީމުގެ ކެޕްޓަންކަން ކުރައްވައިފައި ވެއެވެ.

ޤައުމީ ފެންވަރުގައި ގިނަ އަހަރުތަކެއް ވަންދެން ކުޅުއްވުމަށްފަހު، ޢަލީ ރަޝީދުގެ ހިތްޕުޅުގައި ޓޭބަލްޓެނިހަށް އޮންނަ ލޯތްބެއްގެ ބޮޑުކަމުން، ގަސްދުކުރެއްވީ ޓޭބަލްޓެނިސް އެސޯސިއޭޝަނާ ގުޅިވަޑައިގެން ޓީޓީ ކުރިއެރުވުމަށް މަސައްކަތް ކުރެއްވުމަށެވެ. އެސޯސިއޭޝަންގެ ވާދަވެރި ފުރަތަމަ އިންތިޚާބުގައި ވާދަކުރައްވައި، 2008 ވަނަ އަހަރު ޓޭބަލްޓެނިސް އެސޯސިއޭޝަންގެ ނާއިބު ރައީސްގެ މަގާމަށް ޢަލީ ރަޝީދު އިންތިޚާބުވެވަޑައިގަތެވެ. އެ މަގާމުގައި ހުންނަވައިގެން މަގާމުގެ މަސްއޫލިއްޔަތުތައް ވަރަށް ފުރިހަމަކަމާއެކު އަދާކުރެއްވިއެވެ. އެއަށްފަހު، 2016 ވަނަ އަހަރުން ފެށިގެން ޓޭބަލްޓެނިސް އެސޯސިއޭޝަންގެ ރައީސްގެ މަގާމަށް 4 އަހަރުގެ ދައުރަކަށް ޢަލީ ރަޝީދު އިންތިޚާބުވެވަޑައިގެން، އެ މަސްއޫލިއްޔަތު ވަރަށް ޒިންމާދާރުކަމާއެކު ވަނީ އަދާކުރައްވައިފައެވެ. އަދި 2020 ވަނައަހަރު ބޭއްވި އިންތިޚާބުގައި ރައީސްކަމަށް އަލުން ވާދަކުރައްވައި، 4 އަހަރުގެ އިތުރު ދައުރަކަށް ޢަލީ ރަޝީދުވަނީ އިންތިޚާބުވެވަޑައިގެންފައެވެ.

ޓޭބަލްޓެނިސް އެސޯސިއޭޝަންގެ ރައީސްގެ ފުރަތަމަ ދައުރުގައި، ޓޭބަލްޓެނިހުގެ ދިގު ތާރީޚުގައި ދުވަހަކުވެސް ނުދެކޭފަދަ އުނދަގޫ އަދި ދަތި ކަންކަމާ ކުރިމަތިލައްވައި، އެކަންކަން ޙައްލުކުރައްވައި، މި ކުޅިވަރަށް އާރޯކަމާއި ތާޒާކަން ގެންނެވުމަށް ޢަލީ ރަޝީދު ކުރެއްވި މުހިންމު މަސައްކަތްތައް ފާހަގަކޮށްލަންޖެހެއެވެ.

ޢަލީ ރަޝީދުގެ މޭސްތިރިކަމުގެ ދަށުން ރާއްޖޭގެ ޓޭބަލްޓެނިހުގެ ދިގު ތާރީޚުގައި ދުވަހަކުވެސް ލިބިފައިނުވާފަދަ ފަޚުރުވެރި ކާމިޔާބީތަކެއް، ފަހަކަށްއައިސް އެ ކުޅިވަރުން ވަނީ ހޯދައިފައެވެ. މިގޮތުން، އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީއަކީ، ސަރަޙައްދުގައި ތިބި މޮޅު ކުޅުންތެރިންނާ ވާދަކޮށް، 2019 ވަނަ އަހަރު ރާއްޖެއަށް ފުރަތަމަފަހަރަށް ރަން މެޑެލް ހޯދައިދިނުމުގައި އެސޯސިއޭޝަންގެ ރައީސްގެ ހައިސިއްޔަތުން ކޮށްދެއްވި މަސައްކަތްތަކެވެ. މި ކާމިޔާބީ ތަކުރާރުކޮށް، ހަމަ އެ އަހަރު ބޭއްވުނު އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއިންވެސް އެއް ކުޅިވަރަކުން މިހާތަނަށް ރާއްޖެއަށް ނުލިބޭފަދަ ކާމިޔާބީތަކެއް ޤައުމީ ޓޭބަލްޓެނިސް ޓީމު ހޯދިއެވެ. އަދި މި މުބާރާތާ ވިދިގެން އައި ސައުތު އޭޝިއަން ގޭމްސްގައި ފުރަތަމަ ފަހަރު ދިވެހިރާއްޖޭގެ ޤައުމީ ޓޭބަލް ޓެނިސް ޓީމު ވަނީ މެޑަލް ތާވަލުގައި ހިމެނިފައެވެ. މި ކާމިޔާބީތަކަށްފަހު ޢަލީ ރަޝީދަށް ދެން ލިބިވަޑައިގެންނެވި އެންމެބޮޑު ހިތްޕުޅުހަމަޖެހިވަޑައިގަތުމަކީ، ދުނިޔޭގެ ޓޭބަލްޓެނިހުގެ މައި އިދާރާ ކަމަށްވާ އިންޓަރނޭޝަނަލް ޓޭބަލްޓެނިސް ފެޑެރޭޝަން (އައި.ޓީ.ޓީ.އެފް.) އިން ޢާންމުކުރި ދުނިޔޭގެ ޓޭބަލްޓެނިހުގެ ޖޫނިއަރ އެންމެމޮޅު ކުޅުންތެރިންގެ ލިސްޓުގެ 8 ވަނައިގައި ރާއްޖޭގެ ކުޅުންތެރިޔަކު ހިމެނުނުކަމެވެ.

ޢަލީ ރަޝީދުގެ މޭސްތިރިކަމުގެ ދަށުން ފުރަތަމަފަހަރަށް، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ދެ މުބާރާތެއް، ވަރަށް ކާމިޔާބުކަމާއެކު ރާއްޖޭގައި ވަނީ ބާއްވައިފައެވެ. ރާއްޖޭގައި ޓޭބަލްޓެނިސް އިތުރަށް ފުޅާކުރެއްވުމަށްޓަކައި، ޓޭބަލްޓެނިސް ކުޅޭ ތަކެތި، އަތޮޅުތެރޭގެ ރަށްރަށުގެ އިޖުތިމާޢީ މަރުކަޒުތަކަށާއި، ސްކޫލްތަކަށް ފޯރުކޮށްދެއްވުމަށް ޢަލީ ރަޝީދު އަބަދުވެސް ވަރަށްބޮޑު އަހަންމިއްޔަތުކަމެއް ދެއްވައެވެ.

ޢަލީ ރަޝީދަކީ، އޭޝިއަން ޓޭބަލްޓެނިސް ޔޫނިއަން (އޭ.ޓީ.ޓީ.ޔޫ.)ގެ ކައުންސިލް މެންބަރުކަމާއި، ސައުތު އޭޝިއަން ފެޑަރޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަންވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ ޓޭބަލްޓެނިހަށް ވަރަށްގިނަ ފައިދާތަކަކާއި ކުރިއެރުންތަކެއް ލިބެމުންދެއެވެ. ކުޅުންތެރިންގެ ހުނަރު ކުރިއަރުވައި، ސަރަޙައްދުގެ ކުޅުންތެރިންނާ ވާދަކުރެވޭވަރުގެ ކުޅުންތެރިންނަށް ހެދުމަށްޓަކައި އެކި ޤައުމުތަކަށް ކުދިން ފޮނުއްވައިގެން ތަމްރީނު ކުރައްވަމުން ގެންދަވާކަންވެސް ފާހަގަކޮށްލަންޖެހެއެވެ. އަދި އިންޓަރނޭޝަނަލް ޓޭބަލްޓެނިސް ފެޑަރޭޝަން (އައި.ޓީ.ޓީ.އެފް.)ގެ އެހީގައި ރާއްޖޭގައި ކުޅުންތެރިންނަށާއި، ކޯޗުންނަށާއި، މެޗް އޮފިޝަލުންނަށް ތަމްރީނު ޕްރޮގްރާމްތައް ހިންގެވުމުގައި، އެސޯސިއޭޝަންގެ ރައީސްގެ ހައިސިއްޔަތުން ޢަލީ ރަޝީދު މުހިންމު ދައުރެއް އަދާކުރައްވައިފައި ވެއެވެ.

ރާއްޖޭގައްޔާއި އަދި ބައިނަލްއަޤްވާމީ މައިދާނުގައިވެސް އެންމެ ކާމިޔާބު އެއް ކުޅިވަރަކަށް ޓޭބަލްޓެނިސް ވެގެންދިޔުމުގައި، އެސޯސިއޭޝަންގެ ރައީސްގެ ހައިސިއްޔަތުން ޢަލީ ރަޝީދު އަދާކުރައްވައިފައިވާ ދައުރު ވަރަށް ބޮޑެވެ. ޢަލީ ރަޝީދުގެ ޢަޒުމަކީ، ރާއްޖޭގައި ޓޭބަލްޓެނިސް އިތުރަށް ފުޅާކުރައްވައި، މި ކުޅިވަރުން އިތުރު ކާމިޔާބީތައް ރާއްޖެއަށް ހޯއްދަވައިދެއްވުމެވެ.