އަލްފާޟިލް މުޙައްމަދު ރާޝިދު
މ. ހުސްނޫ

މުޙައްމަދު ރާޝިދަކީ، މުޖުތަމަޢުގައި އަށަގަންނަމުންދާ ނުރަނގަޅު އާދަތައް ނައްތައިލުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި ވަކިން ޚާއްޞަ އިސްކަމެއް ދެއްވައިގެން، މަސްތުވާތަކެތީގެ ވަބާއިން ޒުވާނުންނާއި، މުޖުތަމަޢު ސަލާމަތް ކުރެއްވުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. މުޙައްމަދު ރާޝިދަކީ، މަސްތުވާތަކެތީގެ ވަބާގައި ޖެހި، އެކަމުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވުމަށްފަހު، 2004 ވަނަ އަހަރު، ޑްރަގް ރީހެބިލިޓޭޝަން ސެންޓަރުން ފަރުވާ ފުރިހަމަކުރައްވައި، މުޅިން ރަނގަޅުވެގެން އެނބުރި މުޖުތަމަޢަށް ނުކުމެވަޑައިގެން، ޚިދުމަތް ކުރައްވަމުން ގެންދަވާ ނަމޫނާ ބޭފުޅެކެވެ. މަސްތުވާތަކެތީގެ ވަބައިގައި ޖެހި، އެކަމުގެ ހުރިހާ ދަރަޖައެއްގައި ޝާމިލުވެ، އެންމެ ފުންމިނުގައި ހިތި، ވޭންދެނިވި ތަޖުރިބާތަކެއް ރާޝިދު ވަނީ ކުރައްވައިފައެވެ.

މަސްތުވާތަކެތީގެ ވަބައިގައި ޖެހުނު ޒުވާނެއްގެ ޙަޔާތަށް އައި ބަދަލުތަކާއި، އެކަމުން ސަލާމަތްވިގޮތުގެ މައްޗަށް އެކުލަވައިލައި 2006 ވަނަ އަހަރު ޓެލެވިޜަން މޯލްޑިވްސް އިން އުފެއްދި ފަސް އެޕިސޯޑުގެ ފުރަތަމަ ޑޮކިއުމެންޓްރީ ޑްރާމާ "ނެތިދިޔަސް" މިއީ، މުޙައްމަދު ރާޝިދުގެ ޙަޔާތުގެ މައްޗަށް ތައްޔާރުކޮށްފައިވާ ޑޮކިއުމެންޓްރީއެކެވެ. އެ ޑޮކިއުމެންޓްރީގައި، ރާޝިދާއި، ރާޝިދުގެ ޢާއިލާގެ ބައިވެރިވުން ވަރަށް ބޮޑަށް ލިބިފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ. ފަރުވާ ފުރިހަމަ ކުރެއްވުމަށް ރީހެބިލިޓޭޝަން ސެންޓަރުގައި ރާޝިދު ހުންނެވި ދުވަސްވަރުގައްޔާއި، ފަރުވާ ފުރިހަމަކުރެއްވުމަށްފަހު މުޖުތަމަޢުގައި ހޭދަކުރެއްވި ދިގުމުއްދަތުގައި، "ސެންޓަރުތަކުގައި ފަރުވާ ފުރިހަމަކުރަމުންދާ ފަރާތްތަކަށް" ގިނަ އަދަދެއްގެ ޕްރޮގްރާމްތައް ހިންގައި ކުރިޔަށް ގެންދިއުމުގައި ރާޝިދު ބައިވެރިވެވަޑައިގެންފައި ވެއެވެ.

މުޙައްމަދު ރާޝިދު މުޖުތަމަޢަށް އެނބުރި ނުކުމެވަޑައިގަތީ، މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެ، އަލުން އެކަމުގެ ތެރެއަށް ވެދެވަޑައިނުގަތުމުގެ ވަރުގަދަ ޢަޒުމުގައެވެ. އިރާދަކުރެއްވީތީ، އެދުވަހުން ފެށިގެން މިއަދާ ހަމަޔަށްވެސް ރާޝިދު ހުންނެވީ އެގޮތުގައެވެ. މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެވަޑައިގެން، އެންމެ ފުރަތަމަ ކުރެއްވި އެއްކަމަކީ، ރާޝިދުގެ އާރުކާޓީ ކަމުގައި "ޖަރނީ" ގެ ނަމުގައި ޖަމުޢިއްޔާއެއް އުފެއްދެވުމެވެ. އެ ޖަމުޢިއްޔާއަކީ، މަސްތުވާތަކެތީގެ ނުރައްކާތެރިކަން ޢާންމުންނަށް އަންގައިދީ، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުންނާއި މީހުން އެކަމުން ސަލާމަތް ކުރުވުމުގެ މަޤްޞަދުގައި އުފެއްދެވި ޖަމުޢިއްޔާއެކެވެ. އެ ޖަމުޢިއްޔާގެ ބޯޑުގެ ރައީސްކަމާއި، ޖަމުޢިއްޔާގެ ޗެއަރޕަރސަން ކަމުގެ މަގާމު ފުރުއްވަމުން، އޭރު ސަރުކާރުން ފަށްޓަވައި ހިންގަވަން ބޭނުންފުޅުވި ކޮމިއުނިޓީ ޕްރޮގްރާމްތަކާއި، ޕިއަރ ސަޕޯޓް ޕްރޮގްރާމްތައް، އެ ޖަމުޢިއްޔާގެ ތެރެއިން ރާޝިދު ހިންގަވައިދެއްވިއެވެ.

"ޖަރނީ" ޖަމުޢިއްޔާގައި ދެއަހަރު ދުވަހު ޚިދުމަތް ކުރެއްވުމަށްފަހު، ކޮންޓްރެކްޓް އުސޫލުން 2008 އިން 2010 އަށް، ނާކޮޓިކްސް ކޮންޓްރޯލް ބޯޑުގައި ރާޝިދު މަސައްކަތް ކުރެއްވިއެވެ. އަދި ޔުނިސެފުގެ ކޮންސަލްޓަންޓެއްގެ ގޮތުންވެސް މަސައްކަތް ކުރެއްވިއެވެ. އޭގެފަހުން، ސްރީލަންކާއަށް ވަޑައިގެން، އިޖުތިމާޢީ ދާއިރާއިން ތަޢުލީމު ހާސިލު ކުރެއްވުމަށްފަހު، މާލެ ވަޑައިގެން، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރައްވައި، މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވާނެ ގޮތުގެ ގިނަ ތަމްރީނު ޕްރޮގްރާމްތަކާއި، ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް، އެކިއެކި ޖަމުޢިއްޔާތަކާއި ޖަމާޢަތްތައް މެދުވެރިކުރައްވައި ހިންގަވައިދެއްވައިފައި ވެއެވެ.

މުޙައްމަދު ރާޝިދު ވަނީ، މަސްތުވާތަކެއްޗާބެހޭ ދާއިރާގެ ބައިނަލްއަޤްވާމީ އެކިއެކި ފޯރަމްތަކާއި، ކޮންފަރެންސްތަކާއި، މަސައްކަތު ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންފައެވެ. އަދި މިރޮނގުން އެކިއެކި ތަމްރީނު ޕްރޮގްރާމްތައްވެސް ފުރިހަމަ ކުރައްވައިފައެވެ.

2017 ވަނަ އަހަރު "ސޮސައިޓީ ފޮރ އެވެއަރނަސް، ފޮސްޓަރިންގ އެންޑް އެންލައިޓްންމަންޓް" (ސޭފް) ގެ ނަމުގައި އަމިއްލަ ޖަމުޢިއްޔާއެއް ރަޖިސްޓަރީ ކުރައްވައިގެން، މުޖުތަމަޢުގައި އަށަގަންނަމުންދާ ނުރަނގަޅު އާދަތައް ނައްތާލައި، ހެޔޮލަފާ ރަނގަޅު ޖީލެއް ބިނާކުރެއްވުމުގެ މަސައްކަތް ފެށްޓެވިއެވެ. ވޭތުވެދިޔަ ހަތަރު އަހަރެއްހާ ދުވަހުގެ ތެރޭގައި، އެ ޖަމުޢިއްޔާގެ ފަރާތުން ރާއްޖޭގެ އެކި ރަށްރަށުގައި ތަފާތު ފިޒިކަލް ޕްރޮގްރާމްތައް ހިންގައިދީފައި ވެއެވެ. މިގޮތުން، ގިނަ އަދަދެއްގެ ބެލެނިވެރިންނާއި، ދަރިވަރުންނާއި، މުދައްރިސުންނާއި، މުވައްޒަފުންނާއި، ޒުވާނުންނާއި، ވަކިވަކި ފަރުދުންނާއި، މަސްތުވާތަކެތިން ދުރުހެލިވުމަށް މަސައްކަތްކުރާ ފަރާތްތަކަށް، ތަފާތު ޕްރޮގްރާމްތައްވެސް ހިންގައިދީފައި ވެއެވެ.

ކޯވިޑުގެ ހާލަތާ ގުޅިގެން ޕްރޮގްރާމްތައް މެދުކަނޑައިލެވިފައިވީނަމަވެސް، މިހާރުވަނީ، ޕްރޮގްރާމްތައް ކުރިޔަށް ގެންދަވަން ފަށްޓަވާފައެވެ. މީގެއިތުރުން، މިއަހަރުގެ އެޕްރީލު މަހުގެ 7 ން މޭ މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ތިން ޖަމުޢިއްޔާއަކާއި، ނޭޝަނަލް ޑްރަގް އޭޖެންސީ ގުޅިގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިންގި "ހޭހަންވެހި ޑިޓޮކްސިފިކޭޝަން ކޭމްޕް" ގައި އެކިއެކި ޕްރޮގްރާމްތައް ހިންގުމުގައި ރާޝިދު އިސްކޮށް ޙަރަކާތްތެރިވަޑައިގެންނެވިއެވެ. ކޮންމެ ރެޔަކު ކަހަލަ ގޮތަކަށް އެކުދިންނަށް އެހީތެރިވެދިނުމަށް ކުރެއްވީ އިޖުތިމާޢީ ޚިދުމަތެއްގެ ގޮތުގައި ހިލޭސާބަހަށް ރާޝިދު ކޮށްދެއްވި މަސައްކަތެކެވެ. ރާޝިދު މިހާރު ގެންދަވަނީ ރޭޑިއޯއާއި، ޓީ.ވީ.ޕްރޮގްރާމްތައްވެސް ހިލޭސާބަހަށް ހުށަހަޅުއްވައި ދެއްވަމުންނެވެ.

މުޙައްމަދު ރާޝިދަށް ހިތްވަރު ދިނުމުގެ ޤައުމީ އިނާމު އެރުވުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ނިންމެވީ، މުޙައްމަދު ރާޝިދަކީ، މަސްތުވާތަކެތީގެ ވަބައިގައި ޖެހި، އެކަމުން ސަލާމަތްވެ، މިހާރު ޤައުމީ ޚިދުމަތަށް ނުކުންނަވައި، ވަރަށް ފުޅާ ދާއިރާއެއްގައި ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅަކަށްވާތީއެވެ. އަދި މިފަދަ ބޭފުޅުންނަށް ޤައުމީ އިނާމެއް އެރުވުމަކީ، މަސްތުވާތަކެތީގެ ވަބައިގައި ޖެހި، ރަނގަޅުވެފައިވާ ޒުވާނުންނަށާއި މީހުންނަށް ލިބޭނެ ވަރަށްބޮޑު ހިތްވަރެއް ކަމަށް ވާނެތީވެސް މެއެވެ.