އަލްފާޟިލާ ޝީޒާ ޢިމާދު
މ. ވޭލްޝާރކް

ޝީޒާ ޢިމާދަކީ ހެއަރ އެންޑް ބިއުޓީގެ ދާއިރާއިން ޚިދުމަތް ކުރައްވަމުން ގެންދަވާ ދިވެހިންގެ ތެރެއިން އެންމެކުރީ ސަފުގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. ޝީޒާ މި ދާއިރާގައި މަސައްކަތް ކުރައްވަމުން ގެންދަވާތާ މިހާރު 34 އަހަރަށްވުރެ ގިނަދުވަސް ވެއްޖެއެވެ.

ޝީޒާ މި މަސައްކަތް ފުރަތަމަ ފެށްޓެވީ އަމިއްލަފުޅު ގޭގައެވެ. އަތްގާތްކޮށްދިނުމަށް ޒުވާން އެންމެ ކުއްޖަކު ގެންގުޅުއްވައިގެން ފެށްޓެވި މަސައްކަތުގައި، އެންމެ ފުރަތަމަ ޚިދުމަތް ދެއްވި ކްލައިންޓުންނަކީ، ޝީޒާއާއެކުގައި ސެންޓްރަލް ހޮސްޕިޓަލުގައި އޭރު މަސައްކަތް ކުރެއްވި ބައެއް ނަރުހުންނެވެ.

މި ރޮނގުން ކުރިއަށް ވަޑައިގަތުމުގެ ޢަޒުމް އިތުރަށް އާވެގެންދިޔައީ، ޝީޒާގެ ދެބޭފުޅުންނަށް ކިޔަވައިދެއްވުމަށްޓަކައި 1985 ވަނަ އަހަރު ސްރީލަންކާއަށް ބަދަލުވެވަޑައިގެންނެވި ހިސާބުންނެވެ. އަދި ޕްރޮފެޝަނަލް ގޮތެއްގައި މި މަސައްކަތް ކުރެއްވުމުގެ ޙަޤީޤީ ބިންގާއެޅުނީވެސް އެ ހިސާބުންނެވެ. ކޮލަމްބޯގައި ހުންނަ ދަ ޓީނާ އޮފް ލަންޑަން ސްކޫލުން ހެއަރ އެންޑް ބިއުޓީ ކަލްޗަރގެ ރޮނގުން 1987 ވަނަ އަހަރު މާސްޓަރޒް ޑިޕްލޮމާއެއް ޝީޒާ ފުރިހަމަކުރެއްވިއެވެ. އޭގެފަހުން 1990 ވަނަ އަހަރު އޮސްޓްރޭލިއާގެ ސިޑްނީ ކޮލެޖް އޮފް މޭކްއަޕް އާޓުން، ތިއޭޓަރ މޭކަޕް ފޮރ ފިލްމް އެންޑް ފެޝަންގެ ރޮނގުން ސެޓްފިކެޓް ކޯހެއްވެސް ޝީޒާ ފުރިހަމަކުރެއްވިއެވެ. މީގެއިތުރުން، ސިންގަޕޫރާއި، ހޮންގކޮންގުންވެސް ތަމްރީނުތައް ފުރިހަމަކުރެއްވިއެވެ.

2003 ވަނަ އަހަރު ޝީޒާ އެނބުރި ރާއްޖެއަށް ވަޑައިގެން، އޭރު ދިރިއުޅުއްވަމުން ގެންދެވި ގޭގައި ޢާއިލާގެ ބައެއް މެންބަރުންނާއި، ގާތް ރައްޓެހި ރަޙްމަތްތެރިންގެ އެހީތެރިކަމާއެކު ބިއުޓީ ސެލޫނެއް ހުޅުއްވިއެވެ. އޭރުވެސް ޝީޒާގެ މަޤްޞަދަކަށްވީ މި ރޮނގުން ހުނަރުވެރި ދިވެހިން ބިނާކުރެއްވުމެވެ. އަދި މިކަމަށް ޝައުޤުވެރިވާ ކުދިން މާލެއިން އެކަށީގެންވާވަރަށް ލިބިވަޑައިނުގަތުމުން، ރަށްރަށުން ކުދިން ގެންނަވައިގެން، އެކުދިން މާލޭގައި ތިބުމުގެ ޚަރަދުވެސް ދެއްވައިގެން، ކުދިން ތަމްރީނު ކުރެއްވިއެވެ. ބޭނުންފުޅަކަށްވީ އެކުދިން އަމިއްލައަށްވެސް އާމްދަނީ ހޯދުމުގެ ފުރުޞަތު ހޯއްދަވައިދެއްވުމެވެ.

2007 ވަނަ އަހަރު ފިރިކަލުންނާއެކު ނިއުދިއްލީއަށް ބަދަލުވެވަޑައިގަންނަވަން ޖެހިވަޑައިގަތުމުން، ދިއްލީގައިވެސް "ޝީޒާ ސެލޫން"ގެ ނަމުގައި ސެލޫނެއް ހުޅުއްވައި، ގިނަ އަދަދެއްގެ މީހުން ތަމްރީނުކޮށްދެއްވިއެވެ. އޭގެ 6 އަހަރު ފަހުން 2013 ވަނަ އަހަރު ޝީޒާ ރާއްޖެއަށް ވަޑައިގެން، މި މަސައްކަތް އިތުރު ހަރުފަތަކަށް ގެންދެވިއެވެ. މިހާރު ޝީޒާ ސެލޫން ހިނގަމުންދާ މާފަންނު ވޭލްޝާރކަށް ޚިދުމަތް ބަދަލުކުރައްވައި، ކުރިއަށްވުރެ ބޮޑު ޖާގައެއްގައި މަސައްކަތް ފެށްޓެވިއެވެ. އޭގެފަހުން 2016 ވަނަ އަހަރު ވިލިމާލޭގައިވެސް ޝީޒާ ސެލޫންގެ ގޮތްޕެއް ހުޅުއްވިއެވެ.

ޝީޒާ މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތަކީ، "ޝީޒާ" ފްރެންޗައިޒެއްގެ ގޮތުގައި ރާއްޖޭގެ އެހެން ރަށްރަށަށްވެސް މި ޚިދުމަތް ތަޢާރުފު ކުރެއްވުމުގެ މަސައްކަތެވެ. މަޤްޞަދަކީ ވީހާވެސް ގިނަ ދިވެހިން ތަމްރީނު ކުރައްވައިގެން، މި ދާއިރާއަށް ނެރުއްވައި، ރަށްރަށުގައި ދެވޭ ހެއަރ އެންޑް ބިއުޓީގެ ޚިދުމަތަކީވެސް ޕްރޮފެޝަނަލް އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއެކުގައި ދެވޭ ޚިދުމަތަކަށް ހެއްދެވުމެވެ.

ޝީޒާއަށް މިއަދު ލިބިވަޑައިގަންނަވާ އެންމެބޮޑު އުފާފުޅަކީ، ޝީޒާ ސެލޫން މިހާރު ހިންގަނީ ޝީޒާ ތަމްރީނު ކުރެއްވި ދިވެހި ޒުވާނުންކަމަށްވުމެވެ. އަދި އެތަން ހިނގަމުންދަނީ މުސާރައާއި ޢިނާޔަތްތަކުގެ އިތުރުން، ސެލޫން ހިންގައިގެން ލިބޭ ފައިދާގެ މިންވަރެއް، ކޮންމެ ކުއްޖަކަށްވެސް ލިބޭގޮތަށެވެ. ޝީޒާ ސެލޫނުން މިހާތަނަށް ފަންސާހަށްވުރެ ގިނަ ކުދިންނާއި މީހުން ތަމްރީނު ކުރައްވައިފައިވާއިރު، އިތުރު ތަމްރީނު ހޯދުމަށް އިންޑިޔާއަށާއި ސްރީލަންކާއަށްވެސް ބައެއް ކުދިން ފޮނުއްވަމުން ގެންދަވައިފައިވާކަން އެއީ، އެކުދިންގެ ކުރިއެރުމަށް ޝީޒާ ދެއްވާ އަހަންމިއްޔަތުގެ ހެތްކެކެވެ.

ޝީޒާއަކީ ވިޔަފާރީގެ ދާއިރާއަށް އަންހެނުން ނެރުމަށް މަސައްކަތްކުރާ އަމިއްލަ އެކިއެކި ޖަމުޢިއްޔާ ޖަމާޢަތްތަކަށްވެސް މެދުނުކެނޑި ތަފާތު ރޮނގުރޮނގުން ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ޝީޒާގެ އުންމީދަކީ، ހެއަރ އެންޑް ބިއުޓީއަކީ ދިވެހިންގެ ޕްރޮފެޝަނަލް މަސައްކަތެއް ކަމުގައި ހެއްދެވުމެވެ. މިކަމުގައި ކުރިމަތިވެވަޑައިގަންނަވާ އެންމެބޮޑު އެއް ހުރަހަކީ، މިކަމަށް ޝައުޤުވެރިވާ ދިވެހިން ލިބިވަޑައިނުގަތުމެވެ. ނަމަވެސް، އެކަމަށް އެދޭ ކުދިންނަށް ޝީޒާ ދެއްވާ ޔަޤީންކަމަކީ، މި މަސައްކަތުގެ ތެރެއިން މިކަމުގެ ވިޔަފާރި ފުޅާކުރެއްވުމުގެ ފުރުޞަތު އެކުދިންނަށް ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަމެވެ. ބޭނުންވަނީ ހިތްވަރާއި ކެރުމެވެ.