ދިވެހި ބަހުގެ ފުންނާބު އުސް އުސްތާޛެއް ކަމުގައިވާ އާދަމް ނަޞީރު އިބްރާހީމަކީ ބަހަވީ ފަންނުތަކާ، ޅެންވެރިކަމާ، ލިޔުންތެރިކަމާ، ވާހަކަދެއްކުންތެރިކަން އުނގަންނައިދެއްވުމުގައި ޤައުމީ ޚިދުމަތްތެރިއެކެވެ. ރާއްޖޭގެ އެންމެ މަޤްބޫލު ޝާޢިރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވައެވެ. ތާރީޚީ އަދަބީ އަދި ޘަޤާފީ ލިޔުންތަކާ ދިރާސާތައް ދަނީ ކުރައްވަމުނެވެ. އެމަނިކުފާނަކީ މަޝްހޫރު ޓީވީ ޕްރެޒެންޓަރެކެވެ. ފުލުހުންގެ ކޮންސަލްޓަންޓެއްގެ މަގާމާ، ބަސްކޮމެޓީގެ މެންބަރުކަމުގެ މަގާމު އަދާކުރެއްވިއެވެ.