بســم اللّـه الرّحمـن الرّحيــم

السّـلام عليـكم


މިއަދަކީ 2 ޑިސެމްބަރ 2011ވީ ހުކުރު ދުވަސް.

2012 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓް، ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރ އޮފް ފިނޭންސް މިހާރު މިވަނީ ހުށަހަޅުއްވާފައި. އެ ބަޖެޓުން އަޅުގަނޑުމެންނަށް ފާހަގަވާ ވަރަށްގިނަ ނުކުތާތަކެއް އެބަހުރި. އަޅުގަނޑަށް ފެންނަ ފެނުމުގައި، މިފަހަރު ހުށަހެޅިފައިމިވާ ބަޖެޓަކީ، މި ރާއްޖެއަށް ތަރައްޤީގެ މަގުގައި ވަރަށް ފުރިހަމަ ފުރްޞަތުތަކެއް ލިބިދާނެ ބަޖެޓެއް. ލިބޭނެ ބަޖެޓެއް. ބަޖެޓްގެ މައިގަނޑު ޙާޞިލްވެފައިވާ ކަންކަމަށް ބަލާއިރުގައި، ފުރަތަމައަށް އަޅުގަނޑަށް ހަމަގައިމުވެސް ފާހަގަވާ އެއްކަމަކީ، މި ބަޖެޓަކީ ޙަޤީޤަތުގައި 2012 ވަނަ އަހަރު ޑިއުޓީ ފްރީ އަހަރަކަށް ހަދައިދޭ ބަޖެޓެއް. މިއީ ޑިއުޓީ ފްރީ ބަޖެޓެކޭ ދެންނެވުމުން، އަޅުގަނޑަށް ފެންނަ ފެނުމުގައި އެއީ މި ބަޖެޓްގެ މައިގަނޑު އަޞްލުތަކާ ޚިލާފަށް ދެންނެވުނު ވާހަކައަކަށް ނުވާނެ. ރާއްޖޭގައި ޢާންމު ގޮތެއްގައި، ދައުލަތަށް އާމްދަނީގެ ގޮތުގައި ޑިއުޓީއަށް މިދިޔަ އަހަރުވެސް 2.4 ބިލިއަން ރުފިޔާ ލިބިފައިވޭ. އަދި އެއީ އޭގެއިތުރަށް މިއަހަރު ހަމަ އެ އަގުގައި ޑިއުޓީތައް ނަގަމުން ގެންދިޔަނަމަ، މިދެންނެވި 2.4 ބިލިއަންގެ މައްޗަށް މިއަހަރުގެ ކުރިއެރުން ހުރި މިންވަރު ބެލުނީމާ، ޑިއުޓީ ނުކެނޑުނުނަމަ، ދައުލަތަށް ޑިއުޓީގެ ގޮތުގައި، އާމްދަނީއަށް 3 ބިލިއަން ހަމަކުރީސް. އެހެން ނަމަވެސް، މިފަހަރު ދައުލަތަށް ޑިއުޓީގެ ގޮތުގައި އާމްދަނީ ނެގުމަށް ހަމަޖެހިފައި މިވަނީ، ދެބިލިއަނަށްވުރެ ކުޑަކޮށް. ސާފުކޮށް ދަންނަވާނަމަ، 700 މިލިއަނަށްވުރެ ގިނަ ރުފިޔާ، ޑިއުޓީގެ ގޮތުގައި، ސަރުކާރުން ދޫކޮށްލެވިއްޖެ. އަދި އެއީ ރައްޔިތުންނަށް ދޫކޮށްލެވުނު ފައިސާއަކަށް ހަމަކަށަވަރުންވެސް ވެގެންދާނެ. ޑިއުޓީ ނެގުން ހުއްޓާލީމާ އަދި ޑިއުޓީ ނުނަގާ ބާވަތްތަކުގެ ވިޔަފާރިއަށް ވެގެންދާނެ ގޮތްތައް އަޅުގަނޑުމެންގެ ތެރޭގައި މިހާރު މިދަނީ ވަރަށް ސާފުކޮށް އެނގި އޮޅުންފިލަމުން. ޑިއުޓީ ނުނެގުނީމާ 9 ޕަސެންޓާއި 13 ޕަސެންޓާ ދެމެދުގެ ޢަދަދަކުން ތަކެތީގެ އަގު ހެޔޮވެދާނެ ކަމަށް، ކަމާބެހޭ މާހިރުންގެ ހިސާބުތައް މިހާރު އެބަ ދައްކާ. އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި، މިކަމުގައި އަދި އިތުރަށް ވަކިން ޚާއްޞަކޮށް، ފައިދާ ރަނގަޅުވެގެންދާނެ އެއްކަމަކީ، ޑިއުޓީ ނުނެގުމަށް ހަމަޖެހިފައިވާ ބައެއް ބާވަތުގެ ތަކެތިން މިވަނީ ޖީ.އެސް.ޓީ.ވެސް ނުނެގުމަށް ކަނޑައެޅިފައި. އޭގެތެރޭގައި، ކެއުމަށް ބޭނުންކުރާ ބާވަތްތަކާއި އަދި މިނޫންވެސް ކިތަންމެ ބާވަތްތަކެއް ހިމެނޭ. ޑިއުޓީ ކުޑަވެގެންދިޔުމާއި، ޑިއުޓީ ނެގުން ހުއްޓާލުމާ، މިކަންކަމުގެ ސަބަބުން އަޅުގަނޑުމެންނަށް އިޤްތިޞާދީ ކުރިއެރުންވެސް ލިބޭނެ. އަދި ހަމަ އެހެންމެ، އަޅުގަނޑުމެންނަށް އިޖްތިމާޢީ ގޮތުން ކިތަންމެ ފައިދާއެއް ލިބިގެންދާނެ.

ބަޖެޓްގެ ދެން އަޅުގަނޑަށް ފާހަގަވާ އަނެއް ނުކުތާއަކީ، އަނެއް ކަމަކީ، މިފަހަރުގެ ބަޖެޓްގައި މިވަނީ ސަރުކާރުގެ ޑެފިސިޓް ފޫބެއްދުމަށްޓަކައި ކޮމާޝަލް ބޭންކްތަކުން ޢާންމު ބޭންކްތަކަށް ސަރުކާރުގެ ޓްރެޜަރީ ބިލް ވިއްކައިގެން ފައިސާ ހޯދާ މިންވަރު މިވަނީ ވަރަށްބޮޑުތަނުން ކުޑަކުރެވިފައި. 2011 ވަނަ އަހަރު 1.67 ބިލިއަން ރުފިޔާ މިވަނީ ޓްރެޜަރީ ބިލްގެ ގޮތުގައި ބޭންކްތަކަށް ވިއްކައި، ބޭންކްތަކުން ދައުލަތުގެ ޑެފިސިޓް ހަމަޖެއްސުމަށް ސަރުކާރަށް ހޯދާފައި. މިގޮތަށް މިފައިސާ ހޯދީމާ، އިޤްތިޞާދަށް ދިމާވާ އެންމެބޮޑު ބުރައަކީ، އަމިއްލަ ފަރާތްތަކަށް، އަމިއްލަ ވިޔަފާރިތަކަށް ލޯނުގެ ގޮތުގައި، ބޭންކްގައި ދޫކުރަން ހުންނަ ފައިސާ މަދުވެގެންދަނީ. އެހެންވީމާ، ދައުލަތުގެ އާމްދަނީ، ސަރުކާރުގެ އާމްދަނީ އިތުރުކުރުމަށް، ސަރުކާރުން ކޮންމެހެންވެސް ބާރުއަޅަމުން ގެންދިޔައީ، ޢާންމު ވިޔަފާރިއަށް ބޭންކްތަކުން ލިބެން ހުންނަ، ލިބެންޖެހޭ ލޯނާއި، އަދި މިބާވަތުގެ އެހީތައް ޢާންމު ވިޔަފާރިތަކަށް ލިބުމަށް ފަހިކޮށްދިނުމަށްޓަކައި ސަރުކާރުގެ މާލިއްޔަތަށް ގެންނާންޖެހޭ ބަދަލުތައް ގެންނާންޖެހުނީ. ދައުލަތުގެ އާމްދަނީ އިތުރުވެގެންދިޔުމާ އެކީގައި، މިއަހަރު 2012 ވަނަ އަހަރު ޓްރެޜަރީ ބިލް ވިއްކައިގެން ބޭންކްތަކުން ނެގުމަށް ހަމަޖެހިފައި މިވަނީ މުޅި ޖުމްލަ 163 މިލިއަން ރުފިޔާ. އެއީ މިދެންނެވި 727 މިލިއަން ރުފިޔާ ނެގި ކަމުގައިވިޔަސްވެސް އަނބުރާ އެބަ ދައްކާ 1.26 ބިލިއަން ރުފިޔާ ބޭންކްތަކަށް، ޓްރެޜަރީ ބިލްގެ ގޮތުގައި ސަރުކާރުން ނަގާފައި ހުރި ފައިސާއިން. އެހެންވީމާ، މުޅި ޖުމްލަ އެކުއެކަށް ބެލީމާ މިއަހަރު މިފެންނަ މަންޒަރަކީ، 163 މިލިއަން ރުފިޔާ އެއީ ސަރުކާރުގެ ޑެފިސިޓް ފޫބެއްދުމަށްޓަކައި ޓްރެޜަރީ ބިލް ވިއްކައިގެން ސަރުކާރުން ބަޖެޓަށް ހޯދުމަށް ކަނޑައެޅިފައި މިއޮތް ޖުމްލަ ޢަދަދަކީ. މިދެންނެވި ސަބަބަށްޓަކައި ވިޔަފާރި މިއަންނަ އަހަރު ކުރިއަރައި ދިޔުމަކީ ވާނެ ކަމެއްގެ ގޮތުގައި ބަޖެޓް ފާހަގަކުރޭ. ބޭންކްތަކުގައި ލޯނުގެ ގޮތުގައި ދޫކުރާނެ ފައިސާ އިތުރުވެގެން ދިޔައިމާ، ސަރުކާރުން ދެކެނީ، ބޭންކްތަކުން ލޯނު ދޫކުރާ ޢަދަދުވެސް، މިންވަރުވެސް އިތުރުވެގެންދާނެ ކަމަށް. އެހެންވީމާ، ޢާންމު ވިޔަފާރި ފުޅާވެގެންދާނެ ކަމަށް.

އަޅުގަނޑުމެންނަށް ބަޖެޓުން ފެންނަ އަދި އިތުރު އަނެއް ކަމަކީ، މިފަހަރުގެ ބަޖެޓްގައި މަސްވެރިކަމުގެ ދާއިރާއިން ވަރަށް ރަނގަޅު ކުރިއެރުމެއް، ޤައުމީ އުފެއްދުންތެރިކަމުގައި ލިބެމުން އަންނަކަން އެބަ ބަޖެޓުން ފާހަގަވޭ. މަސްވެރިކަމުގެ ޙާލަތު، 2008 ވަނަ އަހަރު ނުވަތަ 2007 ވަނަ އަހަރާ ހިސާބު އަޅުގަނޑުމެން ބެލި ކަމުގައިވިޔަސްވެސް، ޤައުމީ އުފެއްދުންތެރިކަމުގައި މަސްވެރިކަމުގެ ޞިނާޢަތުން ޙިއްޞާކުރާ މިންވަރު ދަށަށްދަމުން ދަށަށްދަމުން އައީ ކޮންމެ އަހަރަކުވެސް. 2007 ވަނަ އަހަރު 22 ޕަސެންޓުން ދަށަށްދިޔަ. 2008 ވަނަ އަހަރު 7.3 ޕަސެންޓުން ދަށަށްދިޔަ. 2009 ވަނަ އަހަރު 12.3 ޕަސެންޓުން ދަށަށްދިޔަ. 2010 ވަނަ އަހަރު 19.2 ޕަސެންޓުން ދަށަށްދިޔަ. 2011 ވަނަ އަހަރު 8 ޕަސެންޓުން ދަށަށްދިޔަ. އެހެން ނަމަވެސް، الحمد للّـه މިފަހަރު، 2012 ވަނަ އަހަރު 4.8 ޕަސެންޓުން މަސްވެރިކަމުގެ ޞިނާޢަތް، ރާއްޖޭގެ އުފެއްދުންތެރިކަމުގައި ޙިއްޞާވާ މިންވަރު އިތުރުވެގެން އެބަދޭ.

މަސްވެރިކަމަށް މިއައި ހެޔޮ ބަދަލަކީ، އެނގިވަޑައިގަންނަވާނެ، ސަރުކާރުގެ ސިޔާސަތުތަކަށް ގެނެވުނު ބަދަލުގެ ސަބަބުން މަހުގެ އަގު، އެތައް ގުނައަކުން މައްޗަށް ދިޔުމަށް މިވަނީ ފުރްޞަތު ލިބިފައި. މަސް ބޭރުކުރުން ހިފެހެއްޓިފައި އޮތް އޮތުން ދޫކޮށްލެވި، ޢާންމު ވިޔަފާރީގެ ތެރެއަށް މަސްވެރިކަމުގެ އުޞޫލުތައް ގެނެވުނީމާ، މަހުގެ އަގު މިވަނީ ކިތަންމެ ތަނަކުން މައްޗަށް ގޮސްފައި. އަދި ހަމަ އެނޫންވެސް އިތުރު ކަންތައްތައް އަދި އިތުރު ވިޔަފާރިތައް، 2012 ވަނަ އަހަރު ފެށިގެން އަންނާނެކަން އަންދާޒާތަކުން މިހާރު ވަރަށް ސާފުކޮށް ފެންނާން އެބައޮތް. ކަޅުބިލަމަހުގެ މަސްވެރިކަން ދަށަށްދާން ފެށުމާ އެކުގައި، ސަރުކާރުގެ ވަރަށްބޮޑު މަސައްކަތަކަށްވީ، ކަނޑުގެ އެހެން ރޯދި ނުވަތަ ކަނޑުން ލިބެންހުރި އެހެން ތަކެތި ބޭނުންކޮށްގެން، އޭގެ ވިޔަފާރިން ދައުލަތަށްވެސް، ސަރުކާރަށްވެސް އަދި އަމިއްލަ ފަރާތްތަކަށްވެސް ލިބޭ އާމްދަނީ އިތުރުކުރުން. މިފަހަކަށްއައިސް ރާއްޖޭގައި ހުއިފިލަނޑާގެ ވިޔަފާރި ކުރަމުން އައިސް، މި ހުއިފިލަނޑާ ބޭރުކުރެވޭ މިންވަރު އޮތީ ވަރަށްބޮޑުތަނުން ދަށްވެފައި. އެއީ ރާއްޖޭގައި ހުއިފިލަނޑާ މަދުވަމުން ދިޔުމުގެ ސަބަބުން. މިސާލަކަށް، 2009 ވަނަ އަހަރު ބޭރުކުރެވުނީ ފަންސާސް ދެހާސް ކިލޯގެ ހުއިފިލަނޑާ. އެހެން ނަމަވެސް، ސަރުކާރު ބަދަލުވުމާ އެކުގައި، މިކަން ދިރުވައި އާލާކުރުވުމަށް އިތުރަށް ކުރެވުނު މަސައްކަތްތަކުގެ ފޮނި މޭވާ މިހާރު އަޅުގަނޑުމެންނަށް ފެންނަމުން އެބަދޭ. 2009 ވަނަ އަހަރު ފަންސާސް ދެހާސް ކިލޯ ބޭރުކުރެވިފައި އޮއްވައި، 2010 ވަނަ އަހަރު ދެލައްކަ ނުވަހާސް ކިލޯ މިވަނީ ބޭރުކުރެވިފައި. 2011 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް މިވަނީ ދެލައްކަ އަށްޑިހަ ތިންހާސް ކިލޯ ބޭރުކުރެވިފައި. މިއީ ވަރަށްބޮޑު ވަރަށް ރަނގަޅު ކުރިއެރުމެއް. މީގެ ސަބަބުން މަސްވެރިކަމުގެ ޞިނާޢަތަށް ކިތަންމެ ކުރިއެރުމެއް ލިބިގެންދާނެކަން ކަށަވަރު. މަސްވެރިކަމުގެ ޞިނާޢަތް ކުރިއަރައި ދިޔުމުން، ޤައުމީ އުފެއްދުންތެރިކަންވެސް މިދަނީ ކުރިއަރަމުން. މިބަޖެޓް އަޅުގަނޑުމެންނަށް އެކަން ސާފުކޮށްދޭ. ބަޖެޓުން އަޅުގަނޑަށް ފާހަގަވާ އިތުރު ކިތަންމެ ކަމެއް އެބަހުރި. އެހެން ނަމަވެސް، ބައެއް ކަންކަން ފާހަގަކޮށްލުމަށްޓަކައި މިފުރްޞަތުގެ ބޭނުން މިއަދު މިހިފަނީ.

ހުނަރު ޕްރޮގްރާމް، އެއީ މިއަހަރުގެ ޖުލައި 26 ވަނަ ދުވަހު ފަށައިގަނެވުނު ޕްރޮގްރާމެއް. ބަޖެޓްގައި މިޕްރޮގްރާމަށް ވެގެންދާނެ ގޮތާއި އަދި މި ޕްރޮގްރާމުން ޙާޞިލްވެފައި ހުރި ކަންކަން ވަރަށް ބޮޑަށް ފާހަގަވެފައި އެބަހުރި. މަތީ ތަޢްލީމުގެ ބަޖެޓް މިފަހަރު މިވަނީ ވަރަށްބޮޑުތަނުން އިތުރުވެފައި. އޭގެ ބޭނުމަކީ، ރާއްޖޭގެ ޒުވާނުންނަށް ކޮންމެހެން ވަޒީފާއަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދީ، އެ ޒުވާނުން ވަޒީފާއަށް ނެރުން. އެ ބޭނުމުގައި ހުނަރު ޕްރޮގްރާމް އިޢްލާނު ކުރެވުނީ. 8500 ކުދިން ހޯދުމަށްޓަކައި. އެ ޕްރޮގްރާމްގައި ބައިވެރިވެގެން، ހުނަރެއް ދަސްކޮށްގެން، ވަޒީފާއަކަށް ނުކުންނަން ތައްޔާރަށް ތިބި 8500 ކުދިން ހޯދުމަށްޓަކައި ސަރުކާރުން އިޢްލާނު ކުރެވުނީ. އެކުރެވުނު އިޢްލާނަށް 8311 ކުދިން ވަނީ ކުރިމަތިލާފައި. މިހާރު މީގެތެރެއިން 2305 ކުދިންނަށް، އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އޮތް ގޮތުގައި މިވަނީ ކޮންޓްރެކްޓް ކުރެވިފައި. އެ ކޮންޓްރެކްޓް ކުރެވިފައި ތިބި ކުދިންތަކުގެ ތެރެއިން ފުރަތަމަ ބުރެއްގައި ބައިވެރިވެ މިހާރު މި ކިޔަވަމުން މިގެންދަނީ 242 ކުދިން ކަމަށް އަޅުގަނޑަށް މަޢްލޫމާތު ލިބިފައިވަނީ. އަޅުގަނޑަށް ފެންނަ ފެނުމުގައި، މި 8300 ކުދިންނަށް ހުނަރެއް ހޯދައިދީ، އަދި އެކުދިންނަށް ވަޒީފާގެ ފުރްޞަތެއް ހޯދައިދެވިއްޖެނަމަ، 2012 ވަނަ އަހަރު ރާއްޖޭގެ އިޤްތިޞާދަށް އަޅުގަނޑުމެން ހީނުކުރާހާ ރަނގަޅު ހެޔޮ ބަދަލު އަންނާނެކަން އެއީ އިޤްތިޞާދީ ހުރިހާ މާހިރުންވެސް އެއްބަސްވާނެ ޙަޤީޤަތެއް. އަޅުގަނޑުމެންގެ ހުރިހާވެސް އަމާޒަކީ، އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަމުން މިގެންދަނީ ތަރައްޤީ ހޯދުމަށްޓަކައި. އަޅުގަނޑުމެންގެ ޢާންމު ޙާލަތު ރަނގަޅު ކުރުމަށްޓަކައި. އަޅުގަނޑުމެންނަށް މިއަދު ލިބޭ އެއްޗަކަށްވުރެ ރަނގަޅު އެއްޗެއް މާދަމާ ލިބޭނެ ގޮތްތަކެއް ހޯދުމަށްޓަކައި. ބަޖެޓަކީ އިޤްތިޞާދު ކުރިއެރުމަށްޓަކައި ލިބޭން އޮތް އެންމެ ރަނގަޅު ވަސީލަތް. ބަޖެޓް ބޭނުންކޮށްގެން، އިޤްތިޞާދު ބައްޓަން ކުރުމާއި އަދި އިޤްތިޞާދު ހަލުވިކުރުމަކީ، ދައުލަތެއް ހިންގާއިރު، ސަރުކާރެއް ހިންގާއިރު ކޮންމެހެން ބޭނުންތެރި ކަމެއް. އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި އެންމެ މެންބަރުންގެ ކިބައިން އެދެނީ، ވީހާވެސް އަވަހަކަށް ބަޖެޓާ ގުޅޭ ބިނާކުރަނިވި ރަނގަޅު ބަޙުޘް ކުރައްވައި، އެބަޖެޓުން ފާހަގަވާ ކަންކަން ރައްޔިތުންނަށް ހާމަކޮށްދެއްވައި އަދި ބަޖެޓްގެ ކަންތައްތައް ވީހާވެސް އޮމާންކަމާ އެކުގައި އަވަހަށް ނިންމަވައި ދެއްވުން.

މިއަދުގެ އަޅުގަނޑުގެ މިބަސްތައް ނިންމާލާއިރު، ތިޔަ އެންމެ ބޭފުޅުންނެކޭ އެއްފަދައިން، އަޅުގަނޑުގެވެސް އުންމީދުތައް ވަނީ ޤައުމީ ފުޓްބޯޅަ ޓީމާ އެކުގައި. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންގެ ޓީމް މޮޅުވުން. އަޅުގަނޑު އެދެނީ، އަޅުގަނޑުމެންކުރާ ޤައުމީ އެންމެހާ މަސައްކަތްތަކުގައި ބަރަކާތް ލެއްވުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން އެންމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم.