بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة ُوَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ނޮޅިވަރަންފަރުގެ ލޮބުވެތި އެންމެހައި ރައްޔިތުން، އަދި ކައުންސިލްގެ ރައީސް، ކައުންސިލަރުން، ޑަބްލިޔޫ.ޑީ.ސީ.ގެ މެންބަރުން، ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، ރަށުގެ މުއައްސަސާތަކުގެ ވެރިން، ދައުލަތުގެ ވަޒީރުން، މި ޖަލްސާ ދުރާއި ގާތުން ބައްލަވަމުން ގެންދަވާ ލޮބުވެތި ހުރިހާ ދިވެހި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، މިރޭ ކުޑަކޮށް ދެ ގަޑިއިރެއްހާއިރު ލަހުން މި ރަށަށް މި އާދެވުނީ. ދެންމެ މިނިސްޓަރ އާދަމް ޝަރީފް އެކަން އެ ބަޔާންކޮށްދެއްވީ، ވެގެންދިޔަގޮތް. މި ރަށަށް އާދެވުމުން، ތިޔަބޭފުޅުން ވިދާޅުވި ހޫނު މަރުޙަބާއަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ޝުކުރިއްޔާ.

އާދެ، މި ރަށުގެ ތަރައްޤީއަށް ކުރަންހުރި ގިނަ ކަންތައްތަކެއް އެބަހުރި. ކެމްޕެއިން ތެރޭގައި އަޅުގަނޑު ތިޔަބޭފުޅުންނަށް އެކަންކަމުގެ ވަޢުދުވެސް ވެފައި ވާނީ. އަޅުގަނޑުވީ ވަޢުދުތަކަކީ، އިރާދަކުރެއްވިއްޔާ ސަރުކާރުގެ ތެރެއިން ފުރިހަމައަށް ކޮށްދޭނެ ކަންތައްތައް. ފުރިހަމައަށް އެކަންކަން ކޮށްދޭނަން އިރާދަކުރެއްވިއްޔާ. އެހެންވީމާ، އެ ޔަޤީންކަން އަރުވަން އަޅުގަނޑު މިރޭވެސް ބޭނުންވަނީ.

މިދިޔަ ތިންމަސް ތެރޭގައި، މައިގަނޑު ގޮތެއްގައި މި ދިޔައީ އިޤްތިޞާދު ވެއްޓިފައި އޮތް ފުން އަނދަވަޅުން މައްޗަށް ނެގުމުގެ މަސައްކަތް. އެ މަސައްކަތް ހަމަ ބާރުމިނުގައި އެބަދޭ. އެ ފުން އަނދަވަޅުން މައްޗަށް ނެގުން، މާނަޔަކީ ދަރަނިތައް ދައްކަމުން، ދަރަނި މަދުކުރުމާއި، ދަރަނި އިތުރުނުވާނެ ގޮތް ހެދުމާއި އަދި އާމްދަނީ ލިބޭނެ ގޮތްތައް އިތުރުކުރުން. ހިންގުމުގެ ނިޒާމުގެ ތެރެއިން އަޅުގަނޑުމެންނަށް ކުރެވެންހުރި އެތައް ކަމެއް، އަޅުގަނޑުމެން ސިޔާސަތުތައް ކަނޑައަޅައިގެން، އިޤްތިޞާދު ވަރުގަދަކުރުން. މިއީ، ފުން އަނދަވަޅުން ނެގުމަށް މި ކުރެވޭ މަސައްކަތޭ، މި ދަންނަވާ ވާހަކައަކީ.

ފައިސާ ޗާޕްކުރުމުގެ ވާހަކަ، މިނިސްޓަރ ޝިޔާމް، ވަރަށް ސާފުކޮށް، ވަރަށް ތަފްޞީލުކޮށް ވިދާޅުވެދެއްވި. އެހެންވީމާ، މި އުނދަގޫ މަސައްކަތްތައް މި ކުރަނީ. އިރާދަކުރެއްވިއްޔާ އޭގެ ނަތީޖާއަކަށް ވާނީ ކޮންމެ ދިވެހި ރައްޔިތަކުވެސް މި އެދޭފަދަ މުއްސަނދި ކަމެއް، ފަރުދީ މުއްސަނދި ކަމެއް ލިބޭ ހިސާބަށް ޤައުމު ގެންދެވޭގޮތްވުން. އެއީ، މި ޤައުމަށް އިންވެސްޓް ކުރާނެ މީހުންނަށް، މި ޤައުމުގައި އޮތް އިޤްތިޞާދުގައި ބުންވަރު އެބަހުރިކަން، ތިމަންނަމެން ގެނެސް މިތަނުގައި ފައިސާ އިންވެސްޓް ކޮށްފިއްޔާ، ތިމަންނަމެންނަށް ދެރައެއް ނުލިބި، އާމްދަނީ ލިބި، ތިމަންނަމެން މުއްސަނދިކަން ބޭނުންވާ އައުޓްކަމް ނެރެވޭނެކަމުގެ ކޮންފިޑެންސް އެ މީހުންނަށް ލިބޭގޮތް މެދުވެރިވީމަ ރާއްޖެއަށް މުއްސަނދިކަން ލިބޭނެ. އެހެންވީމާ، ޕްރައިވެޓް ސެކްޓަރ ލެޑް އިންވެސްޓްމަންޓްތަކަކަށް ފުރުޞަތު ހުޅުވައިލުން. އެކަމަށްޓަކައި ކުރެވޭ ބުރަ މަސައްކަތްތަކެއް، މިދިޔަ ތިންމަސް ތެރޭގައި ކުރެވިގެންދިޔަ، މައިގަނޑު އެއް މަސައްކަތެއްގެ ގޮތުގައި.

އެހެންވީމާ، މި ހުރިހާ މަސައްކަތެއް ކުރަމުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅުގަނޑު ވެފައި ހުރި ވަޢުދުތައް ފުއްދުމަށްޓަކައި ދަރަނި ދައްކަމުން، ބަޖެޓް ތެރެއިން ކޭޝް ފްލޯރ މެނޭޖް ކުރަމުން، އެކި މަސައްކަތްތައް ތަރުތީބުކޮށް ފެށިގެން ކުރިއަށް ގެންދެވޭތޯ މި ބަލަނީ.

ދެން ނުނިމިހުރި އެތައް މަސައްކަތެއް، ހުއްޓިފައި ހުރި އެތައް މަސައްކަތެއް، އެކަންކަންވެސް ހަމަ އޭގެތެރެއިން މި ފަށައިގެން ގެންދަނީ. ދެން އަޅުގަނޑު ވަރަށްގިނަ ޖަލްސާތަކުގައި، ރައްޔިތުންނަށް މިކަންކަން އޮޅުންފިލުވައިދެވޭތޯ އެބަ ބަލަން. ކީއްވެތޯ މިކަހަލަ މަސައްކަތްތައް، މިހާ ލަސްކޮށް މިދިޔަ ދުވަސްތަކުގައި، އަޅުގަނޑުމެންނާ ހަވާލުވިއިރުގައި ގޮސްފައި މިއޮތީ. މިހާރު އަޅުގަނޑުމެން އެ މަސައްކަތްތައް އަލުން ފަށަން ބަލާއިރުގައި، އަޅުގަނޑު ހަމަ ރޭގައިވެސް، މިއަދުވެސް ފާހަގަކުރިން، އެހެން ބައެއް ރަށްތަކުގައި. މިފަހަރު ނޫނީވިއްޔާ އަބަދުވެސް ބަޖެޓުގައި ހިމަނާނެ މަޖިލީހުން ފާސްކުރާއިރުގައި، ހިނގަމުންދިޔަ މަޝްރޫޢެއް ކަމަށްވަންޏާ ނިންމޭވަރަށް ފައިސާ. އެއީ، އުޞޫލެއް. އަސާސީ އުޞޫލެއް. މިފަހަރު ރައްޔިތުންގެ މަޖިލީހުން އަޅުގަނޑު ގަބޫލުކުރާނީ، ރައްޔިތުންނަށް ދެރައެއް ދިނުމުގެ ގޮތުން، ނޫނީވިއްޔާ އަޅުގަނޑުމެންނަށް ސަރުކާރު ހިންގުމަށް ހުރަސްތަކެއް ކުރިމަތިކުރަންވެގެން، މި ދެންނެވި ގޮތަކަށް ނޫން ބަޖެޓް ހަދާފައި ދިނީކީ އަޅުގަނޑުމެންނަށް ފާސްކޮށްފައި. އަބަދުވެސް މަސައްކަތް ނިންމަން ބޭނުންވާވަރަށް ފައިސާ ހިމަނާނެއޭ، ހިނގަމުންދާ މަޝްރޫއުތަކަށް. އެކަމަކު މިފަހަރު 15 ޕަސެންޓް، 20 ޕަސެންޓަށްވާވަރުވެސް ބައެއް މަޝްރޫޢުތަކަށް ނެތް ހިމަނާފައި. ހިނގަމުންދާ މަޝްރޫޢުތަކަށް. ދެން ކިހިނެއްތޯ އެ މަޝްރޫޢުތަކަށް ވާނީ؟ އެ މަސައްކަތްތައް ހަމަ ތާށިވާގޮތްވާނީ. ނުހިނގާ. އެހެންވީމާ، މިކަހަލަ ދަތިތައް ކުރިމަތިކޮށްފައި މިއޮތީ ބަޖެޓް ފާސްކުރިއިރުގައިވެސް.

އެހެންވީމާ، މިކަހަލަ ދަތިތަކުގެ ތެރެއިން އިކޮނޮމީ މެނޭޖް ކުރަން ކުރާ މަސައްކަތްތަކުގެ ތެރެއިން މަޝްރޫޢުތައް ހިންގަން މި މަސައްކަތް ކުރަނީ. އެކަމަކު އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ނަތީޖާތައް ނެރެދޭނަން. ނަތީޖާ ނެރުމުގެ މަސައްކަތް މި ކުރަނީ. އެތައް ކުންފުންޏެއް، އިޤްތިޞާދީ އެތައް ދެރަ ޙާލަތްތަކުގައި އޮތްއިރުގައިވެސް. ބަނގުރޫޓުވުމާ ހަމަޔަށް ގޮސްފައި އެބަހުރި، ސަރުކާރުގެ ބައެއް ކުންފުނިތައް. އެހެން ނަމަވެސް، އެ ކުންފުނިތަކަށްވެސް ދިރުން ލިބޭނެކަހަލަ ގޮތްގޮތަށް އަޅުގަނޑުމެން ކުންފުނިތައް ހިންގުމުގެ ކަންކަން ބައްޓަމުން ކުރަމުން މިދަނީ، މަސައްކަތްތަކަށް އަނެއްކާވެސް އާރޯކަމެއް ގެނެސްދެވޭތޯ ބަލަމުން.

ޖުމްލަކޮށް ރާއްޖޭގައި މި އޮތް ޙާލަތު ބަޔާންކުރަން އަޅުގަނޑު ބޭނުންވަނީ. އެއީ، ރައްޔިތުންނަށް އެބަ އެނގެންޖެހޭ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ، މި ބަދަލުވެގެން އައި މަރުޙަލާގައި ޤައުމު މިއޮތީ ކިހިނެއްކަން. އަޅުގަނޑުމެންނަށް މިކަން އެނގިހުރެ، އެކަންކަން ރަނގަޅު ކުރަން ކުރާ މަސައްކަތްތައް ރައްޔިތުންނަށް އެނގުމަކީ، މުހިންމު ކަމެއް ކަމަށް އަޅުގަނޑަށް ފެންނާތީ ހަމަ ތަކުރާރުކުރަން އެހެންވީމާ. މިކަންކަން ސާފުކޮށްދިނުން އެއީ، އަޅުގަނޑު ގަބޫލުކުރާ ހަމަ. ސާފުކޮށްދޭންޖެހޭނެ. ރައްޔިތުންނަށް އެނގެންވާނެ. ޓްރާންސްޕޭރަންޓް ސަރުކާރެއް، ދެފުށް ފެންނަ ސަރުކާރެއް ޤާއިމުކޮށްދޭނަމޭ އަޅުގަނޑު ވަޢުދުވީ. ދެފުށް ފެންނާނެ. އެއްވެސް އެއްޗެއް ނުފޮރުވާނެ. އެނގެންވާނެ. ޖަވާބުދާރީވާނަމޭ. ޖަވާބު ނުދޭ ކަމެއް ނޯންނާނެ. އެހެންވީމާ، ޓްރާންސްޕޭރަންޓް، އާންސެރަބަލް، އެކައުންޓެބަލް ސަރުކާރެއް ޤާއިމުކޮށްދޭނަމޭ އަޅުގަނޑު ދެންނެވީ. އެހެންވީމާ، އެގޮތަށް މިގެންދަނީ ހުރިހާ ކަމެއްވެސް.

އެހެންވީމާ، މި ރަށުގެ ތަރައްޤީއަށްޓަކައި ކުރަންހުރި ކަންކަމުގައިވެސް، ރައްޔިތުންނަށް ވިސްނިވަޑައިގަންނަވަން އަޅުގަނޑު އެދެނީ، މި މާޙައުލު މިއޮތީ، މި ދެންނެވީ މިކަންކަމުގައި ކުރަންހުރި ކަންކަން މިގެންދަނީ މި ދެންނެވި ވިސްނުމުގައި، މި ދެންނެވި ގޮތަށްކަން.

މި ހުރިހާ ކަމެއް ދަންނަވާލާފައި، ދެން ހަމަ ދަންނަވަން ބޭނުންވަނީ، ވަޢުދުވެފައި ހުރި ހުރިހާ ކަމެއް، މި ދެންނެވި ގޮތަށް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އިކޮނޮމީ މެނޭޖް ކުރަމުން، ބަޖެޓް މެނޭޖް ކުރަމުން ކުރިއަށް ގެންދާނަމޭ. އެހެންވީމާ، މައިގަނޑު ކަންތައްތައް ހަމަ ދަންނަވާލާނަން.

ދެން އަޅުގަނޑުވީ ހުރިހާ ވަޢުދެއް ވަރަށްބޯ ފޮތެއްގައި މިހާރު ލިޔެފައިވާނީ. ހުރިހާ ރައްޔިތުންނަށް ފެންނާނެ. ދެއްކި ހުރިހާ ވާހަކައެއް، އަކުރުން އަކުރަށް ފޮތުގައި ލިޔެފައި އޮންނާނެ. އެއީ، ރައްޔިތުންނަށް އަޅުގަނޑު މި ދެންނެވި ގޮތަށް ޖަވާބު ދިނުމުގައި، އެއްވެސް ފަސްޖެހުމެއް ވާން ބޭނުންނުވާތީވެ ކުރި ކަމެއް. އެއްވެސްތާކު އަޅުގަނޑަކަށް ނުބުނެވޭނެއެއް ނޫންތޯ، ތި ވާހަކައެއް ނުބުނަމޭ. ތިހެންނެއް ނޯންނާނެއޭ ބުނެފައެއް. އެހެންވީމާ، އެހެން ހަދަން ބޭނުންވާ މީހެއް ނޫންވީމަ، އިޚްލާޞްތެރިކަމާ އެކީގައި ޚިދުމަތް ކުރަން ބޭނުންވާތީ، އަޅުގަނޑު އެކަން ކުރީވެސް. އެއީ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ރައްޔިތުން ވެރިޔަކަށް ހޮވާ މީހާޔާ ހަވާލުކުރަނީ ވަރަށްބޮޑު އަމާނާތެއް. ރައްޔިތުންގެ ކަންކަން ކޮށްދޭން ހަވާލުކުރާ ހަވާލުކުރުމެއް ހަވާލުކުރަނީ. އެ ހަވާލުކުރާ ޒިންމާ އަމާނާތްތެރިކަމާއެކީ އަދާކުރާ މީހަކަށް އަޅުގަނޑު ވާން ބޭނުން ރެޔާއިދުވާލު މަސައްކަތްކޮށްގެންވެސް. އެކަން ކުރާނެ ޓީމެއް، އަޅުގަނޑާ އެކީގައި ކެބިނެޓުގައި އެތިބީ. އެކަން ކުރާނެ ޓީމެއް، ސަރުކާރު ކުންފުނިތައް ހިންގަން އަޅުގަނޑު ލާފައި އެތިބީ. އަދި މަޖިލީހުގައި ތިއްބެވީ. އަޅުގަނޑުމެންގެ ހިތްވަރުގަދަ މަޖިލިސް މެންބަރުންނަކީވެސް އެފަދަ ބޭފުޅުންކޮޅެއް. އެހެންވީމާ، މިގޮތަށް އަޅުގަނޑުމެން މަސައްކަތް ކުރަމުންދާނީ.

މި ރަށުގެ ތަރައްޤީއަށް ކުރަންހުރި ކަންކަމަށް މިގޮތުން ބަލައިލާއިރު، އަޅުގަނޑު ވަޢުދުވީ އެއްކަމެއް، ދެންމެ ކައުންސިލްގެ ރައީސްވެސް ފާހަގަކުރެއްވި. ބަނދަރުގެ ވާހަކަ. ކުރީގައި އެ ބަނދަރު ހެދިގެންދިޔުމުގައިވެސް، އަޅުގަނޑު އޭރުގައި ހުރި މަގާމުގެ ހައިސިއްޔަތުން އެކަން ކުރެވިފައި އެއޮތީ. އޮތީމަ އަޅުގަނޑަށް ކޮންމެވެސްވަރަކަށް އެކަން އެނގޭ. އެހެންވީމާ، މި ބަނދަރު ބޮޑުކޮށް، ނެރުފައި ކަށީގެ މައްސަލައާ އެކީގައި ރަނގަޅުކުރުމަށްޓަކައި ވަޢުދުވެފައި އޮންނާނީ. އެހެންވީމާ، ދެންމެ މި ދެއްކި ހުރިހާ ވާހަކައެއްގެ ތެރެއިން އަޅުގަނޑު ހަމަ ދޭން ބޭނުންވާ ޔަޤީންކަމަކީ، ތިޔަބޭފުޅުން އެދިވަޑައިގަންނަވާ ގޮތަށް، އެދިވަޑައިގަންނަވާ ކަހަލަ ބަނދަރަކަށް، އެ ބަނދަރު ހަދައިދޭނަމޭ އިރާދަކުރެއްވިއްޔާ. އެކަމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ހަމަ ކުރިއަށް އެބަދޭ. ކަމާބެހޭ ވުޒާރާގެ ތެރެއިން ކުރިއަށްދާނެ. ކައުންސިލް މެދުވެރިކޮށް ތިޔަބޭފުޅުންނާ މުޢާމަލާތް ކުރެވިގެން. އެހެންވީމާ، އެކަން އަޅުގަނޑު ހަމަ ޔަޤީންކޮށް އަރުވަން އަނެއްކާވެސް ބޭނުންވީ.

ދެން މަގުތަކުގެ ވާހަކަ. ހަމަ އެވެސް އަޅުގަނޑު ވަޢުދުވިން. ތާރުއަޅައިގެން ހަމަ ރަނގަޅު ފެންވަރަކަށް މި ރަށުގެ މައި ހުރިހާ މަގުތަކެއް، ފުރަތަމަ މަރުޙަލާއެއްގެ ގޮތުގައި ހަދާނެކަމަށް. ދެން އެކަންވެސް އެގޮތުގައި ކުރިއަށްދާނެ.

އާބާދީ އެއްފަސްކުރުމުގެ ދުރު ރާސްތާ އަދި މެދު ރާސްތާގެ ތަރައްޤީގައިވެސް ވަރަށް މުހިންމު މަރުކަޒެއްގެ ގޮތުގައި އަޅުގަނޑުމެން މި ރަށް ދެކެނީ. އެއީ، އަޅުގަނޑު ހުށަހެޅި ޕްލޭނަކީ ސަރަޙައްދީ ތަރައްޤީގެ ޕްލޭނެއް. މުޅި ރާއްޖޭގެ ތަރައްޤީއަށް ބަލާއިރުގައި، އެކި ސަރަޙައްދުތައް ތަރައްޤީކުރަންޖެހޭ. އެއީ، ރާއްޖޭގައި އާބާދީ މި ފެތުރިފައި އޮތް ފެތުރުން އެއީ، މުޅި ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީގައި ސަސްޓެއިން ކުރެވޭނެ ކަމެއްގެ ގޮތުގައި ނުވާނެތީވެ. އެހެންވީމާ، މި ރަށުގެ ތަރައްޤީގައި ހަމަ ކުރިއަށް އޮތް ތަނުގައިވެސް އާބާދީތަކެއް، މި ރަށަށް އަންނަން ބޭނުންވާ ދިމާއަކުން އައިސް، މިތަނުގައި ސެޓްލްވެ، މިތަނުގައި ދިރިއުޅުން ބައްޓަންކުރާ ރަށަކަށް ހެދުމަކީ ހަމަ އެންމެ ފީޒިބަލް ގޮތް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ.

އެހެންވީމާ، އެކަމަށްޓަކައި ވަރަށްގިނަ މަސައްކަތް ކުރަންޖެހޭ. ކޮން ކަންތައްތަކެއްތޯ ކުރާނީ؟ ޢުމްރާނީ ތަރައްޤީގެ ގޮތުން، ރަށް ތަރައްޤީ ކުރުން އެއްކަމަކަށް. ރަނގަޅު ފެންވަރުގެ މަގުތަކެއް ހުރުމަކީ، މި ދެންނެވި އެއްފަސް ކުރުމުގައި ވަރަށް މުހިންމު ކަމެއް. ތަރައްޤީއެއް ތަނަކަށް ގެނައުމުގައި، މަގުތައް ރަނގަޅުވާންޖެހޭނެ އަބަދުވެސް. ރަނގަޅު ޓްރާންސްޕޯޓް ނިޒާމެއް، ރަނގަޅު ރޯޑް އިންފްރާސްޓްރަކްޗަރެއް ނެތިއެއް އެއްވެސް ތާކަށް ތަރައްޤީއެއް ނާންނާނެ. އެހެންވީމާ، މަގުތައް ހެދުމަށް ބަނދަރަށް، ލަފާފުރުމަށް އިސްކަމެއް ދޭނަން. މި ދެންނެވި ކަންތައްތައް އަޅުގަނޑު ދަންނަވައިފިން.

ދެން ހަމަ އެއާއެކީގައި، އިޤްތިޞާދީ އެކިކަހަލަ މަސައްކަތްތައް. ދެން ހަމަ ވަޢުދުވީ ކަންތައް އިރާދަކުރެއްވިއްޔާ ކުރިއަށްދާނެ. އެކަމަށްޓަކައި މަސައްކަތްތަކެއް އެބަ ކުރެވޭ. އެއީ، ޓޫރިޒަމަށް ނެގުނު ބިން، 14 ހެކްޓަރުގެ ބިން. އަޅުގަނޑު ވަޢުދުވިން، ކައުންސިލް މެދުވެރިކޮށް ރައްޔިތުންނަށް އެކަމުގެ ފުރުޞަތު ހުޅުވާލާނެ ކަމަށް. އެކަމަކީ އަޅުގަނޑު ހަމަ ވަޢުދުވީގޮތަށް، ޔަޤީންކަމާ އެކީގައި ކޮށްދޭނެ ކަމެއް. އެހެންވީމާ، އެކަމުގެ ޔަޤީންކަން މިރޭވެސް އަރުވަން. އާދެ، އެއީ، އިޤްތިޞާދީ ގޮތުން މިސާލަކަށް، ހަމަ އެންމެ މުހިންމު އެއް ކަމަކަށް، ތިޔަބޭފުޅުންނަށް ވާނެ ކަމަކަށް ވާނެ.

ދެން ހަމަ އެއާއެކީގައި، އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުން، ޞިއްޙީ ފަރުވާ ދިނުމުގައި، ޞިއްޙީ ނިޒާމު، ހެލްތް ސެންޓަރ އަޕްގްރޭޑް ކުރުމުގެ މަސައްކަތް. އެކަމަކީވެސް ހަމަ އަޅުގަނޑު ވަޢުދުވީ ކަމެއް. އަދި ކައުންސިލްގެ ރައީސްވެސް އެ ފާހަގަކުރެއްވި ފަދައިން، މިތަނުގެ ޞިއްޙީ ފަރުވާދެވޭ ނިޒާމު ހަރުދަނާކޮށް، ރަނގަޅުކުރުން. ކޮންމެހެން ތިބެންޖެހޭ ދާއިރާތަކުގެ ޑޮކްޓަރުން އިތުރުކުރުމާއި، ލެބޯރެޓަރީގެ ޚިދުމަތް، މިހާރު އެ ހަދަން ދާންޖެހޭ ގިނަ ޓެސްޓުތައް، މި ރަށުގައި ތިބެގެން ހެދޭގޮތް ވާންޖެހޭނެ. އެއީ، އަޅުގަނޑު ގަބޫލުކުރާ އުޞޫލު. އެހެންވީމާ، ރަނގަޅު ފެންވަރުގެ ލެބޯރެޓަރީ ޚިދުމަތް ދެވޭ ތަނަކަށް ޞިއްޙީ މަރުކަޒު ބަދަލުކުރުމާއި، ޑޮކްޓަރުން އިތުރުކުރުމާއި، މިކަންކަމަކީ ހަމަ ވަރަށް އިސްކަމެއްދީގެން އަޅުގަނޑު ކޮށްދޭނެ ކަމެއް ކަމުގައި ދަންނަވަން.

ދެން ހަމަ އެއާއެކީގައި، އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުން، ސްކޫލްގެ ވާހަކަވެސް. އާބާދީ އެއްފަސްކުރިޔަސް، ނުކުރިޔަސް، ކޮންމެ ރަށެއްގައިވެސް ރަނގަޅު ފެންވަރުގެ ސްކޫލެއް ހުންނަންޖެހޭނެ. ކިތަންމެ އާބާދީ ކުޑަޔަސް، އެ ރަށަށް ބޭނުންވާ ފެންވަރުގެ ސްކޫލެއް ހުންނަންޖެހޭނެ. އަދި އަމުދުން މި ރަށުގައި މި ދެންނެވި ވިސްނުމުގައި ކުރިއަށްދަންޏާ، އަދި މާ މުހިންމު އެ ކަންތައް ކުރަން. އެހެންވީމާ، އަޅުގަނޑު ހަމަ ވަޢުދުވީ ގޮތަށް އެކަންވެސް، މަލްޓި-ޕަރޕަސް ރަނގަޅު ފެންވަރުގެ ހޯލަކާ އެކީގައި ލައިބްރަރީ ސަރވިސް ފެސިލިޓީޒާއި، ދެންވެސް ހުންނަންޖެހޭ ކްލާސްރޫމްތަކާއި، ހުރިހާ ކަމެއް ހިމެނޭގޮތަށް، ހަމަ މުޅިން އާ ސްކޫލެއް އިރާދަކުރެއްވިއްޔާ ހަދައިދޭނަން.

އާދެ، ޢުމްރާނީ ތަރައްޤީ، އިޤްތިޞާދީ ތަރައްޤީ، ޞިއްޙީ ނިޒާމު، ތަޢުލީމީ ނިޒާމު ވާހަކަ މި ދެއްކުނީ.

ދެން ކުޅިވަރުތައް، ކުޅިވަރު ކުޅުމަށްޓަކައި ޤާއިމުކުރަންޖެހޭ ފެސިލިޓީތަކުގެ ވާހަކަ. އަޅުގަނޑު ކެމްޕެއިންގައި އެ ވާހަކަވެސް ދެއްކިން. މައިގަނޑު ގޮތެއްގައި ދެ ކަމަކަށް އަޅުގަނޑު ވަޢުދުވީ. އެއީ، އެކިކަހަލަ ކުޅިވަރުތައް ކުޅެވޭނެ، މަލްޓި-ސްޕޯޓްސް ކޮމްޕްލެކްސްއެއް ހެދުން. މި އަހަރުގެ ބަޖެޓުގައި އަދި ނެތް. މި އަހަރު ބަޖެޓް ފާސްކޮށްދިން ގޮތް، ދެންމެ ޝިޔާމް އެ ފާހަގަކުރެއްވީ. އަދި އަޅުގަނޑުވެސް އެ ވާހަކަ ތަކުރާރުކޮށް މި ދައްކަނީ. އެހެންވީމާ، އަޅުގަނޑުމެންގެ ކޮންޓްރޯލެއް ނެތި ހެދިފައި އޮތް ބަޖެޓެއްވީމަ، އެބައި ނެތީ. އެކަމަކު އެއީ، އަޅުގަނޑުމެން ކުރާނެ ކަމެއް. އެންމެ ލަސްވެގެން މި އަންނަ އަހަރު. އެހެންވީމާ، މަލްޓި-ސްޕޯޓްސް، އެކިކަހަލަ ކުޅިވަރުތައް، އިންޑޯރ، އައުޓްޑޯރ ހިމެނޭ، ރަނގަޅު ފެންވަރުގެ ކޮމްޕްލެކްސްއެއް މި ރަށުގައި އަޅައިދިނުމަކީ، އަޅުގަނޑުމެންގެ ޕްލޭންގައި އޮތް ކަމެއް. އެ ކަންތައް ކޮށްދޭނަން އިރާދަކުރެއްވިއްޔާ.

ދެވަނަ ކަމަކީ، ސްޕޯޓްސް މިނިސްޓްރީއާއި ކައުންސިލާ މިހާރު މުޢާމަލާތް ކުރެވެމުން އެދަނީ، މިހާރު މަސައްކަތް ފަށަން އޮތް ފުޓްބޯޅަ ދަނޑާ ގުޅޭގޮތުން. އެ ތަން ތަރައްޤީ ވެގެންދާއިރުގައި، އަޅުގަނޑު ހަމަ ވަޢުދުވީ ގޮތަށް، ފީފާ އެޕްރޫވްޑް ދަނޑަކަށް އެތަން ހަދައިދޭނަން. އެ ފެންވަރަށް އެތަން ތަރައްޤީކޮށްދޭނަން.

އާދެ، މިއީ ހަމަ އަޅުގަނޑު އޭރުގައި ވަޢުދުވި އަދި މި ރަށަށް ކޮންމެހެން ބޭނުންވާ ކަންތައްތައް. އާދެ، މިކަންކަމުގެ އިތުރަށް، ދެން ކައުންސިލްގެ ރައީސް ފާހަގަކުރެއްވި، ކުނި މެނޭޖް ކުރުމުގެ ނިޒާމުގެ ވާހަކަ. ކުނި މެނޭޖް ކުރުމަކީ، ކޮންމެ ރަށެއްގައިވެސް އެންމެ ރަނގަޅަށް ހުންނަންޖެހޭނެ އެއް ކަންތައް. އަދި އަމުދުން ގެތައް ކައިރީގައި ކުނި މެނޭޖް ކުރަންޏާ އެއީ، ހަމަ މުޅިން ގޯސްކޮށް ހިނގާ ކަމެއް. ރަށުގައި މީހުން ދިރިއުޅޭ ސަރަޙައްދުން ދުރަށް ގެންދަންޖެހޭނެ. ކޮންމެގޮތެއްވިޔަސް، ކުނި މެނޭޖް ކުރުމުގެ ނިޒާމު ރަނގަޅު ކުރުމަކީ، އަޅުގަނޑުމެން ސެންޓްރަލީ، މި ދެންނެވީ ސަރުކާރުން ހުރިހާ ރަށަކަށް ޙައްލުކުރަން ބޭނުންވާ ކަމެއްގެ ގޮތުގައި، ވަރަށްބޮޑު އިސްކަމެއް ދީގެން އެންވަޔަރަންމަންޓް މިނިސްޓްރީން ކުރިއަށްގެންދާ ކަމެއް. އެހެންވީމާ، މި ރަށުގައި ރައްޔިތުން ބޭނުންވާ ފެންވަރުގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ޤާއިމުކުރުން ހަމަ ކުރިއަށްދާނެ. ދެން އެކަން ކުރިއަށް ގެންދެވޭނެގޮތް، ކުރިއަށް އޮތް ތާނގައި ކައުންސިލާ އަޅުގަނޑުމެން ޙިއްޞާ ކުރަމުންދާނަން. އެހެންވީމާ، އެއީ އެކަން ހަމަ އޮތްގޮތް.

ދެން ހައުސިންގ މަޝްރޫޢުތައް ހިންގުން. އެއީ، އާބާދީ އެއްފަސް ކުރަންޏާ އަދި އެއްފަސް ނުކުރިޔަސް، ކޮންމެ ރަށެއްގައިވެސް، ކޮންމެ ރައްޔިތަކަށްވެސް އެންމެ މުހިންމު އެއްކަމަކީ، ގެދޮރުވެރިކަން. އެއީ، އަޅުގަނޑުމެންގެ އެންމެ މުހިންމު އެއް ސިޔާސަތުވެސްމެ. އަދި އަމުދުން މި ރަށުގައި ކުރިއަށް އޮތް ތަނުގައިވެސް އާބާދީ އިތުރުކުރަން އަޅުގަނޑުމެންވެސް ބޭނުންވާތީ، ގިނަ ހައުސިންގ މަޝްރޫޢުތަކެއް ހިންގަން އޮންނާނެ. އަޅުގަނޑު ވަޢުދުވިން. އަދި ވަރަށްފަހުން އިޢުލާނުވެސް ކުރެވިގެންދިޔަ. ރާއްޖޭގެ އެކި ރަށްރަށަށް، އަޅުގަނޑުމެން ފަސް އަހަރަށް ބަހާލައިގެން، ޓާގެޓްކޮށްފައި މިއޮތީ، ސާޅީސްހާސް ހައުސިންގ ޔުނިޓުގެ މަޝްރޫޢަކަށް. މުޅި ރާއްޖެއަށް ބަހާލައިގެން. އެހެންވީމާ، މި ސާޅީސްހާސް ހައުސިންގ ޔުނިޓުގެ މަޝްރޫއު ބަހާލެވޭއިރުގައި، އަޅުގަނޑުމެން ބަލާނެ ކަންކަމުގެ ތެރޭގައި، އާބާދީ އެ ރަށުގައި އޮތީ ކިހާވަރަކަށްކަން. އާބާދީ އެއްފަސްކުރުމުގެ ފުރުޞަތު އޮތީ ކިހާވަރަކަށްކަން. ބިމުގެ ޖާގަ އޮތީ ކިހާވަރަކަށްކަން. ބިން ބޮޑުކުރެވެން އޮތީ ކިހާވަރަކަށްކަން. ޢުމްރާނީ ތަރައްޤީ ހާސިލު ކުރެވިފައި އޮތީ އަދި ހާސިލު ކުރެވެން އޮތީ ކިހާވަރަކަށްކަން، އިޤްތިޞާދީ ތަރައްޤީ ގެނެވެނީ، އަދި ގެނެވެން އޮތީ ކިހާވަރަކަށްކަން. މި ހުންނަނީ އިންޑިކޭޓަރސްތަކެއް ބަލާނެ. އެއީ، އަޅުގަނޑުމެން ބޭނުން، ރާއްޖޭގައި ދެމެހެއްޓެނިވި ތަރައްޤީއެއްގެ ވިސްނުމުގައި ކުރިއަށްދާން. މި ހުރިހާ ބޮކްސްއެއްގައި ޓިކްލާނެ ރަށެއް މި ރަށަކީ. އެހެންވީމާ، މި ރަށަށް ރަނގަޅު ފެންވަރުގެ ހައުސިންގ ޔުނިޓް މަޝްރޫޢެއް އިރާދަކުރެއްވިއްޔާ ހިނގާނެ ވާހަކަ ދަންނަވަން.

އާދެ، މިކަންކަން ދަންނަވާލާފައި، ދެން އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑު ވަޢުދުވީ ކަމެއް، ކައުންސިލްގެ ރައީސް ފާހަގައެއް ނުކުރައްވާ. އަޅުގަނޑު ދެންނެވިން، މި ރަށުގައި ބޭންކުގެ ބްރާންޗެއް ޤާއިމުކޮށްދޭނެ ވާހަކަ. އާދެ، އެހެންވީމާ، މިއީ އަޅުގަނޑު ކުރަން ނިންމާފައި ހުރި ކަންކަންވީމަ ދަންނަވާލީ. ފަށަމުން ދެންނެވި ވާހަކަތައް ހަނދުމަފުޅު ބަހައްޓަވާތި. އިޤްތިޞާދު އޮތް ޙާލަތު. އިޤްތިޞާދު ރަނގަޅު ކުރަން މި ކުރާ މަސައްކަތް.

އެހެންވީމާ، ތަރުތީބެއް ކުރަންޖެހޭ އަޅުގަނޑުމެން މަސައްކަތްތައް ކުރާއިރުގައި. އައި.އެމް.އެފް. އިން އަޅުގަނޑުމެންގެ އިޤްތިޞާދީ އެޖެންޑާ ބަލައިގަތް މައިގަނޑު އެއް ސަބަބަކީ އެއީ. އަޅުގަނޑުމެން ޕީ.އެސް.އައި.ޕީ. މަޝްރޫޢުތައް ކުރިއަށް ގެންދަނީ ތަރުތީބެއް ކޮށްގެންކަން، އެއްފަހަރާ ހުރިހާ ރަށެއްގައި ކަންތައްތަކެއް ފަށައި، މެދުކެނޑި، ރައްޔިތުންނަށްވެސް ވާނުވާ ނޭނގި، ސަރުކާރުވެސް، ކުންފުނިތައްވެސް ހާލުގައި ޖެހި. މި ސިޔާސަތެއް ނޫންކަން އަޅުގަނޑުމެން ގެންގުޅޭނީ. އަޅުގަނޑުމެން ހުށަހަޅައިގެން އެ ބޭފުޅުން ބަލައިގަތީ.

އެހެންވީމާ، އަޅުގަނޑުމެންގެ ރައްޔިތުންގެ ޙައްޤުގައި މި އެޖެންޑާ، އަޅުގަނޑު ކެމްޕެއިންގައި ހުށަހެޅި އެޖެންޑާ، އިޤްތިޞާދީ އެޖެންޑާ. އެ އެޖެންޑާގެ ދަށުން މި ގެންދެވޭ މަސައްކަތްތައް ގެންދާއިރުގައި، ކައުންސިލްތަކާ އަޅުގަނޑުމެން ކޮމިއުނިކޭޓް ކޮށްގެން، މުޢާމަލާތް ކޮށްގެން ތަރުތީބަކުން ގެންދާނަން.

އެހެންވީމާ، މި ދެންނެވި ހުރިހާ މަސައްކަތެއް ކުރާނެކަމުގެ 100 ޕަސެންޓް ޔަޤީންކަން، އަޅުގަނޑު ކޮންމެ ރަށެއްގައިވެސް ދެން. އެއްވެސް ޖެހިލުމެއް ނެތް. އިރާދަކުރެއްވިއްޔާ، ރައްޔިތުންނަށްޓަކައި މި ކުރަންހުރި ހުރިހާ މަސައްކަތެއް ކުރެވޭނެ.

އެކަމަކު ރައްޔިތުންގެ ކިބައިން އެހީތެރިކަން ބޭނުންވާ ކަންކަން ހުރޭ. ރައްޔިތުންގެ ކުރިމައްޗަށް މި އަންނަނީ ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމުގެ ދައުރު. މި ދެންނެވި ކަންކަން އަޅުގަނޑަށް 100 ޕަސެންޓް ޔަޤީންކަމާއެކީ ކުރުމުގައި، ހަމަ ޒަރޫރީ، އަސާސީ ކަމަކަށް ވެފައި މި އޮންނަނީ، ރައްޔިތުންގެ މަޖިލީހުގެ ދައުރު. އެއީ، އެކަން ވާންޖެހޭ ގޮތެއް ނޫން. ކޮންމެ ބަޔަކު ރައްޔިތުންގެ މަޖިލީހަށް ހޮވިޔަސް، ޒިންމާދާރުކަމާއި ތެދުވެރިކަމާ އެކީގައި، ސަރުކާރަކުން ކުރާ ކަންކަމަށް އެއްބާރުލުން ދެންޏާ، އެކަން ރަނގަޅަށް އޮންނާނީ. އެކަމަކު އެހެނެއް ނޫނެއްނޫންތޯ ރާއްޖޭގައި ކަންކަން ހިނގަނީ. މި ވޭތުވެދިޔަ ތިން މަހަށް ބަލައިލިޔަސް އެއޮތީ ފެންނަން އެތައް މިސާލެއް. ބަޖެޓުގެ ވާހަކަ މި ދައްކަނީ. އަޅުގަނޑުމެންނަށް އެކަމުގައި ދިން ފުރުޞަތުގެ ވާހަކަ. ނަމެއްގައި ފުރުޞަތެއް ދިނީ. ހަމަ ރަނގަޅަށް އެބަ އިނގޭ ނޫންތޯ މިހާރު މިއޮތީ ވެރިކަން ބަދަލުވެފައި ކަން. މިއޮތީ އާ ސަރުކާރެއްކަން ހޮވިފައި. އެހެންވީމާ، ފުރުޞަތު ދޭންޖެހޭނީ އަޅުގަނޑުމެންނަށްކަން. އަޅުގަނޑުމެން ބޭނުންވާ ކަންކަން ހިމަނަންކަން. ވަރަށް ސާފުކޮށް އެނގޭ ކަމެއް ނޫންތޯ. އެކަމަކު 10 ދުވަސް ދީފައި. ނަމަކަށް ދިން 10 ދުވަސް. ނަމަކަށޭ މި ދަންނަވަނީ، އަޅުގަނޑުމެން ހުށަހެޅި ކަންކަން އޭގައި ހިމެނީކީ ނޫން. ހިނގަހިނގާ ހުރި މަޝްރޫޢުތައް ހިމަނާއިރު ނިންމަން ފުލް އެމައުންޓް އަބަދުވެސް އަބަދުވެސް ބަޖެޓުގައި ހިމަނާނެ. މިފަހަރު ހަމަ ގަސްތުގައި އަޅުގަނޑުމެންނަށް އުނދަގޫކުރީ. އަޅުގަނޑުމެންނަށް އުނދަގޫ، އަޅުގަނޑު ބޭނުން ކަންކަން ރައްޔިތުންނަށް ޑެލިވަރ ކުރަން. ނަތީޖާ ނެރެދޭން. އެކަމަކު ރައްޔިތުންނަށް ނޫންތޯ އާޚިރުގައި މި ގެއްލުން މިވަނީ. ހިނގަހިނގާ ހުރި މަޝްރޫޢުތަކަށްވެސް 10 ޕަސެންޓް، 20 ޕަސެންޓަށްވާވަރު ބަޖެޓުގައި ޖަހާފައި، މި މަޝްރޫޢު ނިންމޭނެ ގޮތެއްވެސް ފަހިނުކޮށްދީ ބަޖެޓް ހަދާފައި މިއޮތީ. އެހެންވީމާ، މިކަހަލަ އެތައް ކަމެއް ނޫންތޯ، ބަޖެޓް ފާސްކުރިއިރުވެސް މިއޮތީ ފެންނަން. ހުސް ފެންނަން މިހިރީ ހެކިތައް. ރާއްޖޭގައި ރައްޔިތުންގެ މަޖިލިސް ހިނގާގޮތް.

އަދި މި ތިންމަހު ދެން ހިނގަމުންދިޔަ ކަންކަންވެސް ބައްލަވާ. ހަމަޖެހޭ، ޒިންމާދާރު ޑިމޮކްރަސީއެއް އޮންނަ ކޮންމެ ތަނެއްގައިވިއްޔާ، ރިޔާސީ ނިޒާމަކުން ވެރިކަމެއް ރައްޔިތުން ޚިޔާރުކުރީމަ، ދެން އެ ވެރިޔަކަށް ހޮވާ މީހާ، ކެބިނެޓަށް ނަގާ މީހުން ޤާނޫނުގައި ބުނާ ޝަރުޠުތައް ހަމަވަންޏާ ރުހުން ދޭނެ. އެއީ، ފުރަތަމަ ކުރާ ކަންތައް ބައި ޑިފޯލްޓް. އެ މީހާއަކީ އެ ބުނާ ޝަރުޠު ހަމަވާ މީހެއްވިއްޔާ ފުރުޞަތު ދޭނެ. ރާއްޖޭގައިވެސް އަދި އެހެން ތަންތާނގައިވެސް އަބަދުވެސް އޮތީ ދީފައި. ދެން އެއަށްފަހު، އެ ވަޒީރަކަށް ނަތީޖާ ނުނެރެދެވޭނަމަ، ޒިންމާދާރުކަމެއް ނެތްނަމަ، ނޫނީވިއްޔާ އިތުބާރު ގެއްލޭ ކަމެއް އޮތިއްޔާ، ރައްޔިތުންގެ މަޖިލީހުގައި އޮންނަ ނިޒާމުގެ ތެރެއިން ސުވާލުވެސްކޮށް ހަދައިގެން ވަކިވެސްކުރެވޭނެ. އެހެން ނަމަވެސް، އެއްވެސް އަސާސެއްނެތި ނޫންތޯ، އަޅުގަނޑުމެންގެ ބައެއް ވަޒީރުންނަށް ރުހުން ނުދިނީ. މިއީ، އަނެއްކާ އަނެއް މިސާލު. މި ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ހިނގާ ގޮތް.

ދެން ހަމަ އެކަން ކުރަމުންދިޔަގޮތް އަޅުގަނޑުމެންނަށްވެސް މަޢުލޫމާތު ލިބޭ. އެ ބޭފުޅުންގެ މައްޗަށް ބާރުހިންގާ، ރާއްޖެއިން ބޭރުގެ ކޮންމެވެސް ބަޔަކު ކަމަށް ބޮޑަށް ގަބޫލުކުރެވޭ ފަރާތަކުން އަމުރުކުރާ ގޮތަކަށް. ހަމަ މަޖުބޫރުވެއޭ، ތިމަންނަމެން ޖެހެޔޭ، ކޮންމެވެސް ތިން ހަތަރު ވަޒީރުންނަށް ރުހުން ނުދޭން. އެހެން އަޅުގަނޑުމެންގެ އެމް.ޕީ އިން ކައިރީގައިވެސް ބުނަމުންދިޔައީ. ތިޔަ އެންމެންނަކަށް ނުދެވޭނެއޭ ރުހުމެއް. ތިމަންނަމެން ކޮންމެހެންވެސް ޖެހެޔޭ ދެތިން މީހުން ދުއްވާލަން. ހަމަ އެ ލޭންގްއޭޖް ބޭނުންކުރެއްވީ. އެހެންވީމާ، މިކަހަލަ ގޮތަކަށް ހިނގާ ރައްޔިތުންގެ މަޖިލީހެއް ނޫންތޯ މިއޮތީ. ރައްޔިތުންގެ ފަޅީގައި އޮންނަ ރައްޔިތުންގެ މަޖިލީހެއް ނޫން.

އެހެންވީމާ، މިހާ ސީރިއަސްކޮށް، އަޅުގަނޑު މިހިރީ ރައްޔިތުންނަށްވީ ވަޢުދުތައް ފުއްދުމުގައި. ހަމަ އަބަދުވެސް ބަހާއި ޢަމަލާ ދިމާވާނެ. މި މަސައްކަތްތައް ކުރުމުގައި، ރެޔާއިދުވާލު މި ކުރެވޭ މަސައްކަތް ކުރުމުގައި، ރައްޔިތުން އެދޭ ނަތީޖާތައް ނެރުމުގައި، ވަރަށްގިނަ މަސައްކަތްތަކެއް ކުރަމުންދާއިރުގައި، ސާބިތުކަމާ އެކީގައި، އެ ނަތީޖާ ނެރުމަށް ރައްޔިތުން އެހީތެރިކަން ދެއްވުން އަޅުގަނޑު އެދެނީ. ރައްޔިތުންގެ މަޖިލިސް މި ހިނގަމުންދާ ގޮތުން މިހިރީ ފެންނަން ހުރި އެތައް މިސާލެކޭ.

އެހެންވީމާ، މި އަންނަ މަހު 17 ގައި މިއޮތީ އިންތިޚާބު. އެހެންވީމާ، މާރިޗު މަހު 17 ގައި އޮންނަ އިންތިޚާބުގައި ރައްޔިތުން ހޮވައިދޭން އަޅުގަނޑު އެދެނީ، މި ހުރިހާ ކަންތައްތަކެއް ރައްޔިތުންނަށްޓަކައި އަޅުގަނޑުމެންނަށް ކުރެވޭނެ ކަހަލަ ގޮތަކަށް މަސައްކަތް ކުރާނެ މަޖިލިސް މެންބަރުންތަކެއް. އެއީ، އަޅުގަނޑު ހަމަ އެދޭ އެދުމަކަށް އޮތީ. އޭރުން އިރާދަކުރެއްވިއްޔާ ހަމަ ހުރިހާ ކަމެއް، އަޅުގަނޑަށް ފުރިހަމަ ޔަޤީންކަން އެބައޮތް. ބަޖެޓް ހެދުން ކަމުގައިވިޔަސް، ފާސްކުރަން ހުރި ޤާނޫނުތައް ކަމުގައިވިޔަސް އަދި ދެންވެސް ކުރަންހުރި މުހިންމު ކަންތައްތައް ކުރުމުގައި، ރައްޔިތުންގެ މަޖިލިސް ތެރެއިން ހަމަ ރައްޔިތުންގެ ޙައްޤުގައި ކަންތައްތައް ކުރިއަށްދާނެ ކަމުގެ.

އެހެންވީމާ، މިކަން އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ. މި ރާއްޖޭގެ ތަރައްޤީއަށްޓަކައި ކުރަން މިހިރަ ހުރިހާ ކަންތައްތައް ކޮށް، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ނަތީޖާ ނެރެދޭނަން.

އާދެ، އަޅުގަނޑު ނިންމާލަމުންވެސް އަދިވެސް އެއްފަހަރު، ނޮޅިވަރަންފަރުގެ ލޮބުވެތި ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ތިޔަ ބަހައްޓަވާ ގާތްކަމާއި، ދެއްވާ ތާއީދަށް. އަޅުގަނޑު އުންމީދު ކުރަނީ، އަދި ޔަޤީންކުރަނީ ކުރިއަށް އޮތް ދުވަސްތަކުގައިވެސް ތިޔަބޭފުޅުން ތިގޮތުގައި ކުރިއަށް ވަޑައިގަންނަވާނެ ކަމަށް. އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް ޝުކުރިއްޔާ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންގެ މި ލޮބުވެތި ޤައުމު މިނިވަންކަމުގެ މަތީގައި އަބަދަށްމެ ލެހެއްޓެވުން. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.