މެލޭޝިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ބަދްލީ ހިޝާމް ބިން އާދަމް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވައިފިއެވެ. މިރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މެލޭޝިޔާގެ އާ ސަފީރު މަޤާމާއި ޙަވާލުވެވަޑައިގެންނެވުމާއި ގުޅިގެން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމަށާއި މެލޭޝިޔާގެ ސަރުކާރަށާއި ރައްޔިތުންނަށް ތަޙްނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިއަހަރަކީ ދިވެހިރާއްޖެއާ މެލޭޝިޔާގެ މެދުގައި އޮތް ގާތް ރަޙްމަތްތެރިކަމުގެ ގުޅުމަށް 55 އަހަރު ފުރޭ އަހަރުކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން ދެޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގާތް ބަދަހިގުޅުމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި މެލޭޝިޔާގެ އާ ސަފީރުގެ މިބައްދަލުކުރެއްވުމުގައި، ދެޤައުމުގެ މެދުގައި އިޤުތިޞާދީ ގުޅުން ބަދަހި ކުރެއްވުމާއި ގުޅޭ ގޮތުން ދެއްކެވި ވާހަކަފުޅުގައި، ދެޤައުމުން ސޮއެކުރުމަށް ތައްޔާރުވަމުންދާ ޑަބަލްޓެކްސް އެވޮއިޑެންސް އެގްރީމެންޓް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ، ދެޤައުމު މެދުގައި ނިމިފައިވާ، އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ބަލައިގަތުމާއި ގުޅޭ އެއްބަސްވުމުގެ ސަބަބުން މެލޭޝިޔާގައި ދިރިއުޅޭ ދިވެހީންނަށް ދަތުރުފަތުރު ކުރުމުގައި ވަރަށްބޮޑު ލުއިފަސޭހައެއް ލިބިގެންދާކަން ފާހަގަކުރައްވައިފައެވެ.


މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އިދާރީހިންގުމުގައި ބޭނުންވާ އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމަށް، މެލޭޝިޔާ ޓެކްނިކަލް ކޯޕަރޭޝަންގެ ތެރެއިން، މެލޭޝިޔާ ސަރުކާރުން ފޯރުކޮށްދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ. ރައިސުލްޖުމްހޫރިއްޔާ ވިދާޅުވީ، މެލޭޝިޔާއިން ރާއްޖެއަށް އިތުރު ފަތުރުވެރިން އައުމަށް ރާއްޖެއިން މަރުޙަބާކިޔުމުގެ ޝައުޤުވެރިކަން އޮތްކަމަށާއި، ދެޤައުމުގެ ދެމެދުގައި ކުރެވޭ ފްލައިޓް ދަތުރުތައް އިތުރުކުރުމަށް މަސައްކަތްކުރައްވަމުންދާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި މެލޭޝިޔާގެ އާ ސަފީރުގެ މިބައްދަލުކުރެއްވުން ނިންމަވާލެއްވީ ކުރިޔަށް އޮތްތަނުގައިވެސް ދެޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރިކަމުގެ ގުޅުން މުސްތަޤުބަލުގައިވެސް އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަޤީންކަން އަރުވަމުންނެވެ.

ދިވެހިރާއްޖެއިން މެލޭޝިޔާ އާއިއެކު ސިޔާސީ ގުޅުން ޤާއިމްކޮށްފައި ވަނީ، 1968ގައެވެ.