ފަރެސްމާތޮޑާ އެއާޕޯޓު ހުޅުވިގެން ދިޔުމާއި އެކު ފަރެސް މާތޮޑާއަށާއި އެސަރަހައްދުގެ ތަރައްޤީއަށް ކުރިއަށް ދެން އޮތީ އަދި މާ ފަހި ދުވަސްތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިސަރުކާރުން ގދ. ފަރެސްމާތޮޑާގައި ތަރައްޤީކުރި އެއާޕޯޓް ހުޅުވުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިހަފްލާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، މިސަރުކާރުގެ ވައިގެ ދަތުރު ފަތުރުގެ ސިޔާސަތުގައި ކަނޑައަޅާފައިވާ މިންގަނޑާއެއް ގޮތަށް، ހުވަދު އަތޮޅުގެ އެންމެ ރަށެއްފިޔަވައި ހުރިހާ ރަށަކުންވެސް އެންމެ ގިނަވެގެން 20 މިނެޓާއި 30 މިނެޓާއި ދެމެދުގެ ރާސްތާއެއްގައި ދަތުރުކުރެވޭ އެއާޕޯޓެއް މިހާރު އޮންނާނެ ކަމަށެވެ. އަދި އެހެން އަތޮޅުތައްވެސް ސަރުކާރުގެ އެމިންގަނޑަށް ފައްތަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން މިސަރުކާރުން މިހާރު ކުރިޔަށް ގެންދާ އެއާޕޯޓުތައް ތަރައްޤީކުރުމުގެ މަޝްރޫޢުތަކުގެ މައްޗަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. އަދި އެ ވައިގެ ބަނދަރުތައް ޤާއިމުކޮށް ނިމޭއިރު، އެތެރޭގެ އުދުހުންތަކުގެ ވިއުގަ ވަރަށް ބޮޑަށް ގެތި ލާމެހިގެންދާނެ ކަމަށާ، ވަޒީފާގެ ފުރުޞަތުތައް އިތުރުވެ އިޤްތިޞާދީ ޙަރަކާތްތަކަށް ވަރަށް ބޮޑު ދިރުމެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތުގައި ފަރެސްމާތޮޑާގެ ރައްޔިތުންގެ ބައިވެރިވުން ފާހަގަކުރައްވައި، އެއާޕޯޓާއިއެކު މިހާރުވެސް އެރަށަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރެއްވިއެވެ. މިގޮތުން އެއާޕޯޓް ސަރަހައްދުގައި މަރުކަޒީ އިންޖީނުގެއެއް ޤާއިމްކުރެވި، ކަރަންޓުގެ ވިއުގައިގެ ފެންވަރު ރަނގަޅު ކުރެވިފައިވާ ކަމަށާއި، ލަހެއް ނުވެ ނަރުދަމާ ނިޒާމްގެ މަސައްކަތްވެސް ނިމިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެއާޕޯޓާއި ފަރެސް މާތޮޑާ ގުޅުވައިދޭ ދާއިމީ ކޯޒްވޭގެ މަސައްކަތް ނިމުމާއިއެކު، ފަރެސްމާތޮޑާ ބަނދަރުން އެއާޕޯޓަށް ދަތުރު ކުރާ މަގުގައި ތާރު އެޅުމުގެ މަސައްކަތްވެސް ފެށިގެން ދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން އެއާޕޯޓާއިއެކު ވަޒީފާގެ ފުރުޞަތާއި އިޤުތިޞާދީ އެތައް ފުރުޞަތެއް ފަރެސްމާތޮޑާ އާއި ކައިރިރަށްތަކުގެ ރައްޔިތުންނަށް ހުޅުވިގެންދާކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކުރިޔަށް އޮތީ އަދި މާފަހި ދުވަސްތަކެއް ކަމަށެވެ.

މިރޭ ހުޅުވުނު ފަރެސްމާތޮޑާ އެއާޕޯޓަކީ، ހުވަދުއަތޮޅުގެ 4 ވަނަ އެއާޕޯޓެވެ. ފަރެސްމާތޮޑާ އެއާޕޯޓަކީ، 1200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެއް ހެދިފައިވާ އަދި ރޭގަނޑުވެސް ފްލައިޓް ޖެއްސޭގޮތަށް އެއާޕޯޓަކަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ފުރިހަމަކޮށްފައިވާ އެއާޕޯޓެކެވެ. އަދި މިއެއާޕޯޓުގެ ޕެސެންޖަރ ޓަރމިނަލަކީ، ދިވެހިރާއްޖޭގެ ރަށްތަކުގެ މަލަމަތިން ފެންނަ އޮޑިހަރުގެ ދައްކުވައިދޭގޮތަށް، އަދި ތިމާވެށްޓާއި ރައްޓެހިގޮތްތަކަށް ބަލައިގެން ފަރުމާކޮށް ތަރައްޤީކޮށްފައިވާ ޓަރމިނަލެކެވެ. މީގެ އިތުރުން އެހެން އެއާޕޯޓުތަކާއި މިއެއާޕޯޓު ތަފާތުވާ އަނެއް ކަމަކީ، މީހުން ފުރުވަންދާ ފަރާތްތަކަށްވެސް، މަތިންދާބޯޓަށް މީހުން އަރާމަންޒަރު ފެންނާނޭހެން އެއާޕޯޓުގެ ޓަރމިނަލް ފަރުމާކޮށްފައިވުމެވެ