ވޯލްޑް ބޭންކުގެ ދެކުނު އޭޝިއާ ސަރަޙައްދަށް ކަނޑައަޅުއްވާފައި ހުންނަވާ ނައިބު ރައީސް، މާޓިން ރައިސަރ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވަވާފައި ވަނީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖެއިން ވޯލްޑް ބޭންކާ ގުޅުމަށްފަހު، ރާއްޖޭގެ ކުރިއެރުމަށް ވޯލްޑް ބޭންކުން ދެއްވާ އެއްބާރުލެއްވުމާއި އެހީތެރިކަން ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާއާ ވޯލްޑްބޭންކުގެ ދެކުނު އޭޝިއާގެ ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާ ވޯލްޑްބޭންކާ ދެމެދު އޮތް ބިނާކުރަނިވި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ވޯލްޑްބޭންކުގެ ލަފައާ އެއްގޮތަށް އިޤްތިޞާދީ ގޮތުން ރާއްޖެއިން އެޅި ފިޔަވަޅުތަކަށް އަލިއަޅުވާލެއްވިއެވެ.

ވޯލްޑްބޭންކުގެ ދެކުނު އޭޝިއާގެ ނައިބުރައީސް ދެއްކެވި ވާހަކަފުޅުގައި، އިޤްތިޞާދީ ކަންކަން ބެލެހެއްޓުމަށް ދިވެހި ސަރުކާރުން ނިންމެވީ އުނދަގޫ އެހެންނަމަވެސް ރަނގަޅު ނިންމެވުންތަކެއްކަން ފާހަގަކުރައްވައި އެކަންކަމަށް ތަޢުރީފުކުރެއްވިއެވެ. އަދި އެ ނިންމެވުންތަކުގެ ރަނގަޅު ނަތީޖާތައް ފެނިގެންދިއުމަށް އެދިވަޑައިގަންނަވާކަމުގައި ވެސް ވިދާޅުވިއެވެ.

ވޯލްޑްބޭންކުގެ ދެކުނު އޭޝިއާގެ ނައިބުރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގެ އިޤްތިޞާދު އާރާސްތުކޮށް ކޮޅަށް ޖެހުމަށް ކުރާ މަސައްކަތުގައި ވޯލްޑް ބޭންކުގެ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންދާނެކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކަންޓްރީ ޕާޓްނަރޝިޕް ފްރޭމްވަރކްގެ މައްޗަށް އަލިއަޅުވާލައްވައި އެ ފްރޭމްވޯކްގައި މައިގަނޑު އަމާޒު ހިފާފައިވާ ތިން ދާއިރާއަކީ އިޤްތިޞާދީ ވިލުންތެރިކަމަށާއި އިޤްތިޞާދު ކުރިއެރުވުމަށް އިންވެސްޓްމަންޓްތައް އިތުރުކުރުމަށާއި، އިންސާނީ ވަޞީލަތް ބިނާކުރުކަން ވޯލްޑްބޭންކުގެ ނައިބުރައީސް ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުން ވަނީ ކުރިމަގުގައިވެސް ދެފަރާތުގެ ދެމެދު އެއްބާރުން އިތުރުކުރުމާއި ގުޅިގެން މަސައްކަތްކުރުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.