މިސަރުކާރުން ކުޅުދުއްފުށީގެ ސިއްޙީ ޚިދުމަތަށް ބޮޑެތި ކުރިއެރުންތަކެއް ހޯދައިދީފައިވާކަމުގަައި ކުޅުދުއްފުށީ ސިޓީކައުންސިލުން ވިދާޅުވެއްޖެއެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން މިކަން ފާހަގަކުރައްވާފައި ވަނީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި އެކު މިއަދު ހަވީރު ސިޓީކައުންސިލް އިދާރާގައި ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

މިބަައްދަލު ކުރެއްވުމުގައި ސިޓީކައުންސިލްގެ މެމްބަރުން ވިދާޅުވީ، ކުޅުދުއްފުށީގެ ސިއްޙީހާލަތު ރަނގަޅު ކުރެއްވުމަށް މިސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަން ފާހަގަކުރައްވާ ކަމަށެވެ. މިއާއިއެކު ކުޅުދުއްފުށިސިޓީގައި ޓާރޝަރީ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް އަވަސްކުރަން ބޭނުންވާކަމަށް މެމްބަރުން ވިދާޅުވިއެވެ. ސަރުކާރުން ހާމަކުރައްވާފައިވާ ގޮތުގައި ކުޅުދުއްފުށިސިޓީގައި ޤާއިމްކުރާ ޓާރޝަރީ ހޮސްޕިޓަލްގެ މަސައްކަތަށް ބޭނުންވާ ފަންޑު ހަމަޖެހި މިހާރު އެމަޝްރޫޢު އޮތީ ޑިޒައިން ކުރުމުގެ މަރުޙަލާގައެވެ.

މިބައްދަލުވުމުގައި ކުޅުދުއްފުށީ ސިޓީކައުންސިލްގެ މެމްބަރުން އިތުރަށް ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި، ކުޅުދުއްފުށި ސިޓީގެ އެއަރޕޯޓު ހިމެނޭ ސަރަޙައްދުގައި ރިވެޓްމެންޓްޖެހުމާއި ލައިޓް ޖެހުމުގެ މަސައްކަތް އަވަހަށް ނިންމައި ރޭގަނޑު އެ އެއަރޕޯޓަށް ދަތުރު ކުރެވޭ ގޮތް ހެދުން ހިމެނެއެވެ. އަދި ކުޅުދުއްފުށީ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރަށް ކުރިމަތިވެފައިވާ މުވައްޒަފުންގެ ދަތިކަން ހައްލުކުރުމާއި، ޑިޓޮކްސް ޚިދުމަތްދެވޭނެ އިންތިޒާމާއި ޓިވެޓް ސެންޓަރެއް ޤާއިމުކުރުމާ ގުޅޭ ވާހަކަތައް ކައުންސިލް މެމްބަރުން ފާހަގަ ކުރެއްވިއެވެ.

މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ކުޅުދުއްފުށި ސިޓީގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާ ކަމަށާއި މަޝްރޫޢުތައް އަވަސްކޮށްދިނުމަށާއި މިހާރު ހުރި ދަތިތަކަށް ހައްލު ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ކުޅުދުއްފުށީ ސިޓީކައުންސިލާއި ސަރުކާރުގެ މިނިސްޓްރީތަކާއި ދެމެދު ރަނގަޅު ގުޅުމެއް އޮތްކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކުޅުދުއްފުށީ ސިޓީ ކައުންސިލާއިއެކު ބޭއްވެވި ބައްދަލުކުރެއްވުމަށް ފަހުގައި ވަނީ އެ ސިޓީގެ ސްކޫލްތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި ސްކޫލްތަކުގެ ޕްރިންސިޕަލުން ވަނީ މިއަހަރުގެ ދިރާސީ އަހަރު ފެށުނު އިރު މުދައްރިސުންނާއި، ފޮތްތައްވެސް ހަމަކުރެވި، ކުރީ އަހަރުތަކަށްވުރެ ކިޔަވައިދިނުމުގެ ކަންކަން އިތުރަށް ރަނގަޅުވެފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ދިރާސީ އަހަރުގެ ކިޔެވުން ފެށުމުގައި އެއްވެސް ދަތިކަމެއް ކުރިމަތިނުވާކަން ޕްރިންސިޕަލުން ފާހަގަކުރެއްވިއެވެ. މިބައްދަލުކުރެއްވުމުގައި ޕްރިންސިޕަލުން ވަނީ ސްކޫލުތަކަށް ކުރިމަތިވާ ޖާގައިގެ ދަތިކަމާއި މުދައްރިސުންނާއި ވަޞީީލަތުގެ ގޮތުން ކުރިމަތިވާ ދަތިތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ހިއްސާކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި ކުޅުދުއްފުށި ސިޓީގެ އަފީފުއްދީން ސްކޫލާއި ހދ. އަތޮޅު އަތޮޅު ތަަޢުލީމީ މަރުކަޒާއި ޖަލާލުއްދީން ސްކޫލުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.