بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ

ހިޖްރައިގެ މަތިވެރި ޛިކްރާއާ ގުޅިފައިވާ އައު އަހަރަކާ ބައްދަލުވުމުގެ ހެޔޮ ތައުފީޤު ދެއްވިކަމަށްޓަކައި، اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަމުން، އަޅުގަނޑުގެ ހިތުގެ ލޯތްބާއި އިޚްލާޞްތެރިކަމާ އެކު، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، މި އުފާވެރި މުނާސަބަތުގެ ހެޔޮ އެދުމާއި ތަހުނިޔާ އަރިސްކުރަމެވެ. އަދި އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، އެންމެހައި މުސްލިމުންނަށާއި، އިސްލާމީ ޖަމުޢިއްޔާ ޖަމާޢަތްތަކުގެ ވެރިންނަށްވެސް، މި އުފާވެރި މުނާސަބަތުގައި ހެޔޮ އެދުމާއި ތަހުނިޔާ އަރިސްކުރަމެވެ.

ހިޖްރައިގެ ވަސްމީރު ޛިކްރާއާ ގުޅިފައިވާ ސަނަތެއްގެ ފެށުން، އަޅުގަނޑުމެންގެ ހަނދާނަށް ގެނެސްދެނީ، މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ނަބަވީ ހިޖްރައިން އިންސާނީ ތާރީޚަށް ގެނުވި އިންޤިލާބީ ބަދަލުތަކެވެ. ލޯތްބާއި ކުލުނާއި އޯގާތެރިކަމުގެ ސަބަބުން އިންސާނީ ޙަޔާތް އާރާސްތުވެގެން ދިޔަ ގޮތާއި، އިސްލާމީ ހިދާޔަތުން އިންސާނީ ޙަޔާތް އުޖާލާވެގެން ދިޔަ ގޮތެވެ. މިފަދަ ޛިކުރާތައް އައުކުރާ އިރު، އަޅުގަނޑުމެންގެ ޢަޒުމަކަށް ހަދަންވީ، ހިޖްރައިގެ މަތިވެރި ޛިކުރާއިން ލިބިދޭ ޢިބްރަތްތެރި ފިލާވަޅުތަކުން އަޅުގަނޑުމެންގެ ޙަޔާތުގެ އާބާތުރަ ފިލުވުމެވެ.

ހިޖްރައިގެ މަތިވެރި ދަތުރުފުޅާ ވިދިގެން އުފަންވި އިސްލާމީ އުންމަތް، އޭރު ދުނިޔޭގައި އޮތް އެހެން އުންމަތްތަކުގެ މައްޗަށް ކުރި ހޯދި ގޮތަކީ، ދައުލަތެއް ކުރިއަރައި ދިއުމަށް ބޭނުންވާނެ އެންމެހައި ސިފަތަކާއި ނަމޫނާތައް ދައްކައިދޭ ވަރަށް އަގުހުރި މިސާލުތަކެކެވެ. އިޖުތިމާޢީ ގޮތުންނާއި، އިޤްތިޞާދީ ގޮތުން އަދި ސިޔާސީ ގޮތުން ވެސް، ހަމަ ކޮންމެ ބަޔަކުވެސް ނަމޫނާއަކަށް ބަލަންވީ ފުރިހަމަ މިސާލުތަކެކެވެ. ކޮންމެ ޒަމާނަކާއި ކޮންމެ ތަނެއްގައި ވިޔަސް، ތަހުޛީބާއި ތަމައްދުނުގެ މައިދާނުގައި ކުރިއަރައިދާން އެދޭ ބަޔަކަށް ފެންނާނެ އެންމެ ރީތި މިސާލުތައް، އިސްލާމީ އުންމަތް އުފެދި ކުރިއަރައިގެން އައި ގޮތުގައި އެކުލެވިފައިވެއެވެ.

އޭގެ ތެރެއިންވެސް އެންމެ މުހިންމު ކަމަކީ އިންސާނުންގެ މެދުގައި އޮންނަންވީ ގުޅުމުގެ ބަދަހިކަމެވެ. ވެރިންނާއި ރައްޔިތުންނާ ދެމެދުގައި އޮންނަންވީ ގުޅުމާއި، ދައުލަތުގެ ހަމަޖެހުމާއި ޞުލްޙަ މަސަލަސްކަން ދެމެހެއްޓުމަށްޓަކައި، ދޭދޭ ރައްޔިތުންގެ މެދުގައި ހަރުދަނާ ބަދަހި ގުޅުމެއް އޮތުމުގެ މުހިންމުކަން، ނަބަވީ ތާރީޚުގެ ޞަފްޙާތަކުން އަޅުގަނޑުމެންނަށް ފެނެއެވެ. ހަމައެފަދައިން ދައުލަތުގެ މިނިވަންކަމާއި އިސްތިޤްލާލު ދެމެހެއްޓުމަށްޓަކައި، މުޖުތަމަޢުގެ ތެރޭގައި ރައްޔިތުން އަދާކުރަންޖެހޭ މުހިންމު ދައުރުވެސް، ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން އެބަ އޮތެވެ.

އަޅުގަނޑުމެންގެ ދުނިޔަވީ ޙަޔާތުގައި މިއަދު އަރާ ހަމަކުރެވިފައި މިވަނީ، އިންސާނީ ތާރީޚު ނުދެކޭ ފަދަ ހަލަބޮލި ދުވަސްވަރަކާއެވެ. ބައިނަލްއަޤްވާމީ ސިޔާސީ އޮއިވަރު މުޅިން ބަދަލުވެ، އިޤްތިޞާދީ ގޮތުންވެސް ދުނިޔެ ކުރިމަތިލާފައިވަނީ ގޮތް ނޭނގޭ ދުވަސްތަކަކާއެވެ. ޞިއްޙީ ގޮތުންނާއި، ތިމާވެށީގެ ގޮތުން ވެސް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ދުވަސްވަރެކެވެ. ޤައުމެއްގެ ޙަޔާތުގައި ކުރިމަތިވާ މިފަދަ ކޮންމެ ހުރަހެއް ގިރާކުރުމުގައި، ސަރުކާރާއި ރައްޔިތުންގެ މެދުގައި ބަދަހި ގުޅުމެއް އޮތުމުގެ މުހިންމުކަން، ހިޖްރައިގެ މަތިވެރި ހާދިސާ އަޅުގަނޑުމެންގެ ހަނދާނަށް ގެނެސްދެއެވެ.

ނަބަވީ ހިޖްރައިގެ މަތިވެރި ހާދިސާއާ ގުޅިފައިވާ މިފަދަ ޛިކްރާއެއް އާކުރާއިރު، އަޅުގަނޑުމެންގެ އެންމެ ފުރަތަމަ ޢަޒުމަކަށް ހަދަންވީ، އަޅުގަނޑުމެންގެ ހިތްތަކުގައިވާ އިސްލާމްދީނުގެ މަތިވެރި ޢަޤީދާއަށް ގުޑުމެއް އެރިޔަނުދިނުމަށާއި، އިސްލާމީ ރިވެތި އަޚްލާޤާއި ތަރުބިއްޔަތުގެ މަތީގައި ސާބިތުވެ ތިބުމަށެވެ. އަޅުގަނޑުމެން ދިވެހިންގެ މެދުގައި މިއޮތް އެއްބަނޑުއެއްބަފާކަމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، މުޖުތަމަޢުގެ ޞުލްޙައާއި ހަމަޖެހުމަށް މަސައްކަތް ކުރެއްވުމަށް، މި އުފާވެރި މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ.

މިފެށުނު 1444 ވަނަ އަހަރަކީ، އެންމެހައި ދިވެހިންނަށާއި، މުޅި އިސްލާމީ އުންމަތަށް ބާއްޖަވެރިކަމާއި އުފާފާގަތިކަމާއި ތަނަވަސްކަން ލިބެނިވި އަހަރެއް ކަމުގައި ލެއްވުން އެދި، اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ. މާތް ﷲގެ އެއްކައުވަންތަކަމުގެ ނޫރުން އަޅުގަނޑުމެންގެ ހިތްތައް އުޖާލާ ކުރައްވައި، އެކުވެރިކަމާއި އެއްބައެއްވަންތަ ބައެއްގެ ގޮތުގައި، މުޅި މުޖުތަމަޢުގެ ހެވާއި ލާބަޔަށް މަސައްކަތް ކުރުމުގެ ހެޔޮ ތައުފީޤު ދެއްވާށިއެވެ. ނިމިގެން ދިޔަ އަހަރަށް ވުރެ، މި ފެށުނު އަހަރަކީ، މުޅި ދުނިޔޭގައިވެސް ޞުލްޙަޔާއި އަމާންކަން ޤާއިމުވެގެންދާނެ އަހަރެއް ކަމުގައި ލައްވައި، އިސްލާމީ އުންމަތަށް ތަނަވަސްކަމާއި ފާގަތިކަން މިންވަރު ކުރައްވާށިއެވެ! އާމީން.