بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللَّـهُ سُبْحَانَهُ وَتَعَالَىٰ ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުއްމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީ، މޭނާ ސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލް އިބްރާހީމް ޝަހީމް، ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޔޫނުސް ޢަލީ، ހޮޅުދޫ ކައުންސިލްގެ ރައީސް ރިޟްވާން މުޙައްމަދު، އަދި ކައުންސިލްގެ މެންބަރުން، ޑަބްލިޔޫ.ޑީ.ސީ.ގެ ރައީސް ޢާއިޝަތު ޝިޒްލީން އަދި މެންބަރުން، އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ބަޝީރު، ސްކޫލްގެ ވެރިންނާއި މުވައްޒަފުންނާއި، ލޮބުވެތި ދަރިވަރުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

މޭނާ ސްކޫލަކީ ނ. ހޮޅުދޫގެ ނަމާ ގުޅިފައިވާ ހޮޅުދޫ ރައްޔިތުންގެ ފަޚުރާއި ޝަރަފް. ހޮޅުދޫ ރައްޔިތުންނަކީ، ތަޢުލީމު ހޯދުމަށްޓަކައި ކޮންމެ ފަދަ ޤުރުބާނީއެއްވެސް ވާން ތައްޔާރަށް ތިބި ބައެއް. މިއަދު މެންދުރު މިރަށަށް އައި ފަހުން މިރަށުން އަޅުގަނޑަށް ފެނިގެން ދިޔައީ، ތިޔަބޭފުޅުންނާއި މި މޭނާ ސްކޫލާއި ތަޢުލީމާ ދެމެދު އޮތް ބަދަހި ގުޅުން.

މިފަދަ އުފާވެރި މުނާސަބަތަކަށް ދަޢުވަތު ދެއްވި ކަމަށްޓަކައި މޭނާ ސްކޫލްގެ ވެރިންނަށާއި، މުވައްޒަފުންނަށާއި ޕީ.ޓީ.އޭ.އަށް، އަދި މިރަށުގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް ވަރަށް އުފަލާއެކު ޝުކުރު ދަންނަވަން. މިއީ، އަޅުގަނޑަށްވެސް ލިބޭ ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް. މިއީ، ރާއްޖޭގައި މިހާރު ހިނގަމުންދާ ސްކޫލްތަކުގެ ތެރެއިން، 75 އަހަރު ފުރޭ 4 ވަނަ ސްކޫލް.

ހޮޅުދޫގެ ރައްޔިތުން އަޅުގަނޑުމެންނަށް މިއަދު ތިޔަ ވިދާޅުވި މަރުޙަބާގައި އެވާ ހޫނު ކަމަކީ، މި މުނާސަބަތުގެ އުފާވެރިކަން. ދަރިވަރުން ޓީޗަރުންނަށް، ޓީޗަރުން ބެލެނިވެރިންނަށްވެ، އެބޭފުޅުން އިސް ރަށްވެހިންނަށް ބަދަލުވެގެން ދާއިރު، ތަޢުލީމީ ދަންމަރު ހުޅުދާންކުރާ މޭނާ ސްކޫލަކީ މި ބޮޑު އުތުރުގެ ފަޚުރެއް.

ރައްޔިތުންގެ މަދަރުސާގެ ނަމުގައި ފެށި ފެށުމާއި، 75 އަހަރު ދެމިގެން މިއައި ތާރީޚާއި، އަދި ޖީލުތަކަށް ދެމިގެންދާނެ ދެ އަކުރުގެ ނަމަކީ މޭނާ. ހޮޅުދޫ މާމުދިމު އަލްމަރްޙޫމް އިބްރާހީމް މޭނާކަލޭފާނުގެ ހުރިހާ ވަގުތެއް އެތަނަކަށް ހުސްކުރެއްވި މި ތަޢުލީމީ ބިނާގެ ހިޔާ މިއަދު މުޅި ރާއްޖޭގެ ކަންކޮޅުތަކަށް އެބަ ފޯރާ.

އެހެންކަމުން، މޭނާކަލޭފާނު މިރަށަށްޓަކައި އަދި މިއަތޮޅަށާއި މުޅި ރާއްޖެއަށްޓަކައި އެ ކޮށްދެއްވީ ދެމިގެންދާނެ ޞަދަޤާތެއް. އޭނާގެ އެ މުހިންމު މަސައްކަތުގެ އަގުވަޒަންކޮށް ނިހާޔަތަށް ޝުކުރު ދަންނަވަން. އެ މަރްޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް، اللهُ سُبْحَانَهُ وَتَعَالَى މިންވަރު ކޮށްދެއްވާށި. އާމީން.

މި އަތޮޅުގެ ތަޢުލީމީ ދާއިރާއަށް ބަލައިލިޔަސް، މޭނާ ސްކޫލަކީ އެފަދަ ދެވަނައެއް ނެތް ވަރުގަދަ ތަނބެއް. މި އަތޮޅުގައި މަތީ ސާނަވީ މަރުޙަލާގައި މެދުކެނޑުމެއް ނެތި ދެ ސްޓްރީމަށް މިހާރު ކިޔަވައިދޭ ހަމައެކަނި ސްކޫލަކީވެސް މޭނާ ސްކޫލް. ސާނަވީ އަދި މަތީ ސާނަވީ މަރުޙަލާގައި މި ސްކޫލްގެ ދަރިވަރުން އަންނަނީ ޤައުމީ ފެންވަރުގައިވެސް ރަން ވަނަތަކެއް ހާސިލުކުރަމުން.

އޯ ލެވެލްގެ ޓޮޕް ޓެން އެޗީވަރސް އެވޯޑް، މި ސްކޫލްގެ 39 ދަރިވަރަކު ވަނީ ހޯދައިފައި. އަދި އޭ ލެވެލްގެ ޓޮޕް އެޗީވަރސް އެވޯޑްވެސް މި ސްކޫލްގެ 31 ދަރިވަރަކު ވަނީ ހޯދައިފައި، ބިޒްނަސް އާއި އެކައުންޓިންގ އިން ދުނިޔޭގެ ފެންވަރުގެ މަތީ ވަނަތައް މި ސްކޫލްގެ ދަރިވަރުން ތަކުރާރުކޮށް އަންނަނީ ހޯދަމުން.އަދި ވަކިވަކި މާއްދާތަކުންވެސް މިސްކޫލްގެ ދަރިވަރުން އަންނަނީ ޤައުމީ އަދި ބައިނަލްއަޤްވާމީ ވަނަތައް ހޯދަމުން.

އާދެ، ސްކޫލެއްގެ ޙަޔާތުން 75 އަހަރަކީ ކުރު މުއްދަތެއް ނޫން. އެހެން ނަމަވެސް އެ ސްކޫލެއްގެ ކާމިޔާބީ ވަޒަންކުރާ ތިލަފަތަކީ، ހާސިލުކުރެވޭ ނަތީޖާ. އެ މިންގަނޑުން ކިރާއިރު، މޭނާ ސްކޫލަކީ، ރާއްޖޭގެ ތަޢުލީމީ ޙަޔާތުގައި ވަރަށް މަތީ މަގާމެއް ހާސިލުކޮށްފައިވާ ސްކޫލެއް. މި ސްކޫލްގެ އެންމެ ބޮޑު ކާމިޔާބީއަކީ، ޤައުމަށް ޚިދުމަތްކުރާ މޮޅު ދަރިންތަކެއް މި ސްކޫލުން ބިނާކޮށްދީފައިވުން.

މި ސްކޫލުން ތަޢުލީމް ހާސިލުކުރެއްވި ވަރަށް ގިނަ ބޭފުޅުންތަކެއް، ސަރުކާރުގެ އިސް މަގާމުތަކުގައްޔާއި ދައުލަތުގެ މުއައްސަސާތަކުގެ އިސް މަގާމުތަކުގައި މިހާރުވެސް އެބަ ތިއްބެވި. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައްޔާއި، ބައެއް ކުންފުނިތަކުގެ އެމް.ޑީ.އިންގެ މަގާމުގައްޔާއި، ފުލުހުންނާއި އެމް.އެން.ޑީ.އެފް.ގެ އިސް މަގާމުތަކުގެ އިތުރުން، ޔުނިވަރސިޓީ ލެކްޗަރަރއިންގެ ގޮތުގައިވެސް މިއަދު އެބަ ތިއްބެވި.

މިރަށަކީ ވަރަށް ތަފާތު ހުނަރުވެރި ފަންނާނުންތަކެއްވެސް އުފެދިގެން އައި ރަށެއް. މިއަދު ހަވީރު އޮތް ހަތްތަރި ފަހެއްގެ ސައިގެ ތެރެއިންވެސް ފެނިގެން އެދިޔައީ، ފަންނުވެރިކަމާއި ހުނަރުވެރިކަން ދެމެހެއްޓުމަށް މިރަށުގެ ރައްޔިތުންގެ ހިތްތަކުގައި އޮތް ޝައުޤުވެރިކަން. އެކަންތައް ދިރުވައި އާލާކުރުމަކީ، އަޅުގަނޑުމެން މިއަދު ކުރަންޖެހިފައި އޮތް ކަމެއް. އަޅުގަނޑު އުންމީދުކުރަން، ސްކޫލްގެ މިހާރުގެ ހިންގުންތެރިން މިކަމުގައި އިސްނަގައިގެން ކަންތައްތަކެއް ކުރައްވާނެ ކަމަށް.

މިއީ، ހަމައެކަނި މާޒީގެ ކާމިޔާބީއާމެދު ފަޚުރުވެރިވާންވީ މުނާސަބަތެއް ނޫން. މިއީ، ފަސްމަގަށްވުރެ ކުރިމަގު އުޖާލާކުރުމުގެ ޢަޒުމް އާކުރަންވީ ވަގުތު. މިއީ މާ ދުރު މުސްތަޤްބަލަކަށް ނަޒަރު ހިންގައި، މާދަމާގެ މަންޒިލަށް ދަތުރު ފަށަންވީ ވަގުތު. މިއީ ކޮންމެ ދަރިވަރަކާއި ކޮންމެ ބެލެނިވެރިއެއް، އަދި ކޮންމެ މުދައްރިސަކުވެސް، ތަޢުލީމީ ދާއިރާގެ ކުރިމަގާމެދު އާ ވިސްނުންތަކެއް އުފަންކުރަންވީ ވަގުތު.

އާދެ، ޤައުމެއްގެ ރައްޔިތުން ތަރައްޤީގެ މަގުގައި ކުރިއަށް ދާހާ ހިނދަކު، އެބައެއްގެ ތެރޭގައި އެންމެ އަވަހަށް ބަދަލުވަމުން ތަރައްޤީވަމުން އަންނާނީވެސް ތަޢުލީމީ ދާއިރާ. ރާއްޖޭގެ ސްކޫލް މަދަރުސާތައް ތަރައްޤީކުރުމަށް ގިނަ މަޝްރޫޢުތަކެއް މި ހިންގަނީވެސް އެ ސަބަބަށްޓަކައި. ޤައުމުގެ ކުރިމަގަށް ބޭނުންވާ ފެންވަރަށް ތަޢުލީމީ، ހުނަރުވެރި މީހުން ބިނާކުރުމުގެ ބޭނުމުގައި.

މި ދެންނެވި ސިޔާސަތުގެ ތެރެއިން، މޭނާ ސްކޫލް ތަރައްޤީކުރުމަށްވެސް ސަރުކާރުން މަޝްރޫޢުތަކެއް ރާވައިފައި އެބަހުރި. އެނގިވަޑައިގަންނަވާނެ، ޖާގައިގެ ދަތިކަން ހުރުމުން މޭނާ ސްކޫލް މިހާރު ހިންގަނީ ދެ ކެމްޕަހެއްގައި. ނަމަވެސް އެއް ކެމްޕަހަކަށް ސްކޫލް ބަދަލުކުރަން ބޭނުންވާ ޖާގަ، އެއްވެސް ކެމްޕަހެއްގައެއް ނެތް.

އެކަމަށް އޮތް ޙައްލަކީ، އައު ކެމްޕަސް ކައިރީގައި، ޒުވާނުންގެ މަރުކަޒު އެހުރި ބިމުގައި ސްކޫލްގެ އައު ޢިމާރާތް ބިނާކޮށް ދެ ޢިމާރާތް ގުޅުވައިލުން. ސްކޫލުން ބޭނުންވެފައި އެ އޮތް ގޮތަށް 22 ކްލާސް ރޫމާއި، އިދާރީ ކަންތައްތައް ކުރުމަށް ބޭނުންވާ ޢިމާރާތާއެކު އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އެ މަސައްކަތް ކޮށްދޭނަން. އަދި ބައު ސްކޫލްގެ ކެމްޕަހަށް ޒުވާނުންގެ މަރުކަޒު ބަދަލުކޮށް، އިންޑޯ ކުޅިވަރުތަކާއި އެކަށީގެންވާ ވަސީލަތްތަކާއެކު ޒުވާނުންގެ މަރުކަޒެއް އެތަނުގައި އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ޤާއިމުކޮށްދޭނަން.

މިރަށުގެ އިތުރުންވެސް ރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގައި، ތަޢުލީމީ ދާއިރާގެ ޢުމްރާނީ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް މިހާރުވެސް ހިނގަމުން އެބަދޭ. ކްލާސްރޫމްތައް އިތުރުކުރުމާއި، މަލްޓިޕަރޕަސް ހޯލްތައް ބިނާކުރުމާއި، ސައިންސް ލެބޯރެޓަރީތަކާއި، އޮފީސް ޢިމާރާތްތައް ހެދުމުގެ މަސައްކަތްވެސް އެކި ސްކޫލްތަކުގައި މިހާރުވެސް ކުރިއަށް އެބަދޭ. އެ މަޝްރޫޢުތައް ނިމުމުން، ސްކޫލްތަކުގައި ހުރި ޖާގައިގެ ދަތިކަމަށް ވަރަށް ބޮޑު ޙައްލެއް އިރާދަކުރެއްވިއްޔާ ލިބިގެންދާނެ.

ތަޢުލީމީ ދާއިރާގެ އިތުރުންވެސް، މިރަށުގައި ތަރައްޤީގެ އިތުރު މަޝްރޫޢުތަކެއް މިހާރުވެސް ކުރިއަށް އެބަ ގެންދެވޭ. މިރަށަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ، ރަށް ގިރުމުގެ މައްސަލަ. މިކަން ޙައްލު ކުރުމަށް މި އަހަރުގެ ބަޖެޓުގައި އަޅުގަނޑުމެން ހިމަނާފައި ވާނެ. އެ މަސައްކަތް ކުރިއަށް ގެންދާނީ، ރައްޔިތުން އެދޭ ގޮތަށް މަޝްރޫޢުގެ ތެރެއަށް ވާޓަރުވެސް ހިމަނައިގެން. މިހާރު ކުރިއަށްދާ ޑިޒައިންގެ މަސައްކަތް ނިމުމުން، އަންނަ ޖުލައި މަސް ނިމުމުގެ ކުރިން އިރާދަކުރެއްވިއްޔާ އެ މަޝްރޫޢު ބިޑަށް ހުޅުވައިލެވޭނެ.

މިރަށުގެ ބޯހިޔާވަހިކަމުގެ ދަތިކަމަކީވެސް އަވަހަށް ޙައްލު ހޯދަންޖެހިފައި އޮތް ކަމެއް. ނަމަވެސް މި ރަށުގެ ފަޅުގައި ޖާގަ ނެތުމުން މިރަށުގެ ބިން އިތުރަށް ހިއްކޭކަށް ނެތް. މިރަށުގެ ރައްޔިތުން ބޭނުންވަނީ، މި ރަށުގައި އަޅަން ސަރުކާރުން މިވަގުތު ނިންމާފައި އޮތް 30 ހައުސިންގ ޔުނިޓް، މިރަށުގެ ބައެއްގެ ގޮތުގައި އަޅުގަނޑުމެން ހަމަޖެއްސި ހޮޅުމީދުއަށް ބަދަލުކޮށް، އެ ރަށް އާބާދުކުރަން. އިރާދަކުރެއްވިއްޔާ، އެކަން އަޅުގަނޑުމެން އެގޮތަށް ކޮށްދޭނަން. އަދި އެރަށަށް ބޭނުންވާ އަސާސީ ޚިދުމަތްތައްވެސް ހަމައެއާއެކުގައި ޤާއިމުވެގެންދާނެ.

މިރަށުގައި ދެން ކުރިއަށް ގެންދަން ރާވައިފައިވާ އެންމެ ބޮޑު އަނެއް މަޝްރޫޢަކީ، މިރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުން. އަދި މިހާރު ތައްޔާރުވަމުން އަންނަ، ސާފު ބޯފެނުގެ ނިޒާމު ޤާއިމުކޮށް ނިމުމާއެކު، ރަނގަޅު ފެންވަރަކަށް މަގުތައް ހެދުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދެވޭނެ.

ޢުމްރާނީ ތަރައްޤީގެ އިތުރުން، ތަޢުލީމް ހާސިލުކުރުމަށްވެސް، މުޅި ރާއްޖެއަށް ވަރަށް ފަހި ފުރުޞަތުތަކެއް ސަރުކާރުން މިހާރު ވަނީ ހަމަޖައްސައިދީފައި. އޭގެ ތެރެއިން އެއް ކަމަކީ، ރާއްޖޭގައި ތިބެގެން ޑިގްރީ ފެންވަރަށް ހިލޭ ކިޔެވުމުގެ ފުރުޞަތު ފަހިވެފައި އޮތުން. އެ ޕްރޮގްރާމްގެ ތެރެއިން މިރަށުން އެކަނިވެސް، 87 ދަރިވަރަކު މިހާރު އަންނަނީ ފުރަތަމަ ޑިގްރީއަށް ކިޔަވަމުން.

އަޅުގަނޑަށް ވިސްނޭ ގޮތުގައި އެންމެ ކާމިޔާބު ސްކޫލްތަކަކީ، ފަންނީ މަސައްކަތްތަކަށް އަހުލުވެރިވެފައިވާ ހުނަރުވެރި ކުދިން އުފެއްދޭ ސްކޫލްތައް. މޭނާ ސްކޫލަކީ އެފަދަ ސްކޫލެއްކަން އަޅުގަނޑަށް ޔަޤީން. މި ރަށުގެ އިސް ރަށްވެހިންގެ ގޮތުގައި މިހާރު ތިއްބެވި ބޭފުޅުންނަކީވެސް، މި ސްކޫލުން ކިޔަވައިގެން މި ރަށުގެ ތަރައްޤީގައި މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅުން.

ދަރިފުޅު އިނގިލިކުރީގައި ލައިގެން، ސްކޫލް ދޮށަށް ދާ ފުރަތަމަ ދުވަހުން ފެށިގެން، ކޮންމެ ބެލެނިވެރިއެއްގެ ހިތުގައި، ހާމަނުކޮށް އޮންނަ ޢަޒުމަކީވެސް، ތިމާގެ ދަރިފުޅަކީ ޤާބިލު ހުނަރުވެރި ކުއްޖަކަށް ހެދުމުގެ ޢަޒުމް. ކިޔެވުމުގެ ފުރުޞަތުތައް ފަހިކޮށްދީގެން، ސަރުކާރުން މަސައްކަތް ކުރަމުން މި އަންނަނީ ބެލެނިވެރިންގެ އެ ޢަޒުމް ޙަޤީޤަތަކަށް ހަދައިދިނުމަށް.

އަސާސީ ޚިދުމަތްތައް ތަރައްޤީކުރުމަށް މިހާރު ހިންގާ މަޝްރޫޢުތައް ނިމެމުން ދާވަރަކަށް، ރަށްރަށުގައި ފަންނީ އެތައް ވަޒީފާއެއް އުފެދިގެންދާނެ. އަޅުގަނޑުގެ ވިސްނުމަކީ، އެފަދަ ކޮންމެ ވަޒީފާއަކަށް، އެރަށެއްގެ ތަޢުލީމީ ދިވެހި ޒުވާނެއް ހަމަޖެހިގެން ދިއުން. އަޅުގަނޑުމެން މި އެދޭ ޙަޤީޤީ ތަރައްޤީ ރަށްރަށަށް ލިބެން ފަށާނީ އޭރުން.

ހުރިހާ ދަރިވަރުންނަކީވެސް، ޒިންމާދާރު ހަރުދަނާ ރައްޔިތަކަށްވުމަށް ބޭނުންވާނެ ހުނަރު ހޯދުމަށް ހަމަހަމަ ފުރުޞަތު ފަހިކޮށްދިނުމަކީ، މި ސްކޫލްގެ އަމާޒުކަމަށް ކަނޑައަޅައިފައި އެބަ އޮތް. އަދި، މުޖުތަމަޢަށާއި ޤައުމަށް ފައިދާހުރި ރައްޔިތަކަށްވުމަށް ގަދައަޅައި މަސައްކަތްކުރުމަށް، މި ސްކޫލްގެ ދަރިވަރުން ތިބީ އިޤްރާރުވެގެން. އެހެންކަމުން، އަޅުގަނޑު ހިތުން މި ޙަފްލާއަކީ މި ވާހަކަ ދައްކަން ވަރަށް އެކަށީގެންވާ ޙަފްލާއެއް.

ތިޔަކުދިން ވެފައިވާ އިޤްރާރަށް ޙުރުމަތްތެރިކޮށް ހިތައި، މާތްވެގެންވާ އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުވެ ތިބެ، ދިވެހި ޤައުމަށް ވަފާތެރި ތެދުވެރި ދަރިންތަކަކަށް ވުމަށް، މި ސްކޫލްގެ ހުރިހާ ދަރިވަރުންނަށް އަޅުގަނޑު އިލްތިމާސް ކުރަން.

އަޅުގަނޑުގެ ދުޢާއަކީ، މި ސްކޫލްގެ އަމާޒު ހާސިލުކުރުމަށް ދަރިވަރުން ވެފައިވާ އިޤްރާރުގެ މަތީގައި، ހަރުދަނާ ތަޢުލީމީ ޖީލެއް ބިނާކުރުމުގެ ހެޔޮ ތައުފީޤު، މި ސްކޫލްގެ ދަރިވަރުންނަށާއި، މި ރަށުގެ ލޮބުވެތި ރައްޔިތުންނަށް اللهُ سُبْحَانَهُ وَتَعَالَى މިންވަރުކޮށްދެއްވުން. ހޮޅުދޫ ސްކޫލަށާއި، ހޮޅުދޫގެ ލޮބުވެތި ރައްޔިތުންނަށް އަބަދުވެސް ފާގަތިކަމާއި ތަނަވަސްކަމަށް އެދެން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.