بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ

اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލްކުރަން.

މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީ، ފުނަދޫ ސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލާ ފާޠިމަތު ޙަފްޞާ، ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު، ފުނަދޫ ކައުންސިލްގެ ރައީސް އަލްފާޟިލް އަޙްމަދު އިބްރާހީމް، އަދި ކައުންސިލްގެ މެންބަރުން، ޑަބްލިޔު.ޑީ.ސީ.ގެ ރައީސް ފަރުޒާނާ އާދަމް، އަދި މެންބަރުން، އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް، ސްކޫލްގެ ވެރިންނާއި މުވައްޒަފުން، އަދި ލޮބުވެތި ދަރިވަރުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

މިރަށުގެ ސްކޫލްގެ ރަން ޔޫބީލް ފާހަގަކުރުމުގެ ޙަފްލާއަށް އަޅުގަނޑަށް ދަޢުވަތު ދެއްވިކަމަށްޓަކައި، މި ސްކޫލްގެ މެނޭޖްމަންޓަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދި މިއަދު އަޅުގަނޑު މިރަށަށް އައުމުން، މި ރަށުގެ ރައްޔިތުން އަޅުގަނޑަށާއި އަޅުގަނޑާ އެކުގައި ދަތުރުކުރެއްވި ބޭފުޅުންނަށް ތިޔަ ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، މި ރަށުގެ ވެރިންނަށާއި، ރަށުގެ ލޮބުވެތި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

ފުނަދޫ ސްކޫލްގެ ރަން ޔޫބީލްގެ އުފަލުގައި ބައިވެރިވެ، މި ސްކޫލްގެ ވެރިންނަށާއި މުދައްރިސުންނަށާއި އަދި މުވައްޒަފުންނަށާއި ހުރިހާ ދަރިވަރުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރަން. އަދި އެބައެއްގެ ބުރަ މަސައްކަތުން މި ސްކޫލް ބިނާކޮށް ތަރައްޤީކުރި، މި ރަށުގެ ލޮބުވެތި ރައްޔިތުންނަށާއި، އެންމެހައި ބެލެނިވެރިންނަށްވެސް ތަހުނިޔާ ދަންނަވަން.

މިއަދު ފުނަދޫ ސްކޫލްގައި މި ފާހަގަކުރާ ރަންޔޫބީލްގެ ޙަޤީޤަތަކީ، މިތަނުގައި ވީޑިއޯގައި އެ ދެއްކިފަދައިން މި ރަށު އަލިވާގޭ އަލްމަރްޙޫމް ޢަބްދުﷲ ޢަބްދުލްކަރީމްގެ އަމިއްލަފުޅު އިސްނެންގެވުމަށް، މިރަށުގެ ދަރިންނަށް ކިޔަވައިދެއްވުމަށް އޭނާ ވަރަށް އާދައިގެ ގޮތަކަށް ފެށްޓެވި މަސައްކަތެއް. އެ މަސައްކަތުގައި މާތް ﷲ ބަރަކާތް ލައްވައި، މިއަދާ ހަމައަށް ތަރައްޤީވެގެން އައުމަކީ، މިރަށުގެ ރައްޔިތުންނަށް ލިބުނު ވަރަށް މަތިވެރި ނަޞީބެއް.

އެ މަތިވެރި މަސައްކަތް އޭނާ ފެށްޓެވި ކަމަށްޓަކައި، މި ރަށު ރައްޔިތުންގެ ނަމުގައްޔާއި އަޅުގަނޑުމެން އެންމެންގެ ނަމުގައި ހިފެހެއްޓުމެއް ނެތި ޝުކުރު ދަންނަވަމުން، އޭނާގެ ފުރާނައަށް މާތް ﷲ ހެޔޮ ރަޙްމަތް ލައްވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި، އެކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވަން.

ފުނަދޫ ސްކޫލަށް 50 އަހަރު ފުރިގެން ދިޔައިރު، މި ސްކޫލް ވަނީ މުޖުތަމަޢަށް ވަރަށް އަގުހުރި ހަދިޔާއެއް ކޮށްދީފައި. އެއީ އިންސާނީ ވަސީލަތްތައް ބިނާކުރުން. ފުނަދޫ ސްކޫލުން ދަރިވަރުވި އެތައް ބަޔަކު، މިރަށާއި މި ސަރަޙައްދުގެ އެކި އިދާރާތަކުގެ އިސް މަގާމުތަކެއްގައި މިހާރު ވެސް އެ ގެންދަވަނީ ޚިދުމަތް ކުރައްވަމުން.

އެ ގޮތުން މި ސްކޫލްގެ ބާނީގެ ކާފަ ދަރިފުޅަކީ، މިރަށު ހެލްތު ސެންޓަރުގެ އިސް މަގާމެއް އަދާކުރައްވާ ބޭފުޅެއް. މި ސަރަޙައްދުގެ ބޭންކް އޮފް މޯލްޑިވްސްގައި ހުންނަވާ ބޭންކު މެނޭޖަރަކީ، މި ސްކޫލުން ކިޔަވާ ވިދާޅުވި ބޭފުޅެއް. މިއަތޮޅާއި މިރަށު ފުލުހުންގެ އެކި މަގާމުތަކުގައިވެސް މި ސްކޫލުން ދަރިވަރުވި ބޭފުޅުން އެބަތިއްބެވި. އަދި މި ސްކޫލްގައިވެސް ކިޔަވައިދެއްވަމުން ގެންދަވާ ގިނަ ޓީޗަރުންނަކީ، އަދި މަގާމުތަކުގައި ތިއްބެވި ގިނަ ބޭފުޅުންނަކީ މި ހިޔަލުގެ ދަށުން ނިކުތް ދަރިވަރުންކަން އަޅުގަނޑު ފާހަގަކުރަން.

ރާއްޖޭގައި އިސްލާމް އަދި ދިވެހި މާއްދާއިން ފާސްވާ ޕަސެންޓޭޖް އެންމެ މަތީ ސްކޫލްތަކުގެ ތެރޭގައިވެސް މި ރަށުގެ ސްކޫލް ހިމެނިގެންދޭ. ނިމިގެންދިޔަ ދިރާސީ އަހަރު، އޯލެވެލް ގަދަ 10ގައި މި ރަށު ސްކޫލްގެ 6 ކުއްޖަކު ހިމެނުނު. މިއީވެސް މި ސްކޫލުން ހޯދަމުން އަންނަ ކާމިޔާބީތަކެއް.

މި ސްކޫލް އުފަންވި ގޮތާއި ކިޔަވައިދިނުމުގެ ކަންތައް ފެށިގެން އައި ގޮތް އެއީ، އަޅުގަނޑުމެން މިއަދު ދިވެހި ދަރިންނަށް ކިޔަވައިދިނުމަށް މި ގެންގުޅޭ ސިޔާސަތާ ވަރަށް ބޮޑަށް ގުޅިފައިވާ ވިސްނުމެއް. "މަކްތަބުލް މުނީރު" ގެ ނަމުގައި މި ސްކޫލް ފެށިގެން އައީ، ކީރިތި ޤުރްއާނާއި، އަޚްލާޤާއި، ހިސާބު ޢިލްމު ކިޔަވައިދޭ ތަނެއްގެ ގޮތުގައި.

ކީރިތި ޤުރްއާނުން އަޅުގަނޑުމެންގެ ހިތްތަކުގެ މިޞްރާބު، އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާއަށް އެބަ ސީދާކޮށްދޭ. ހެޔޮ ގޮތުގައި މީސްތަކުންނާ މުޢާމަލާތުކޮށް، މުޖުތަމަޢެއްގެ ގޮތުގައި ގުޅިގެން އުޅުމަށް އަޅުގަނޑުމެން ހާނުވައިދެނީ އިސްލާމީ އަޚްލާޤް. ހިސާބު ޢިލްމުގެ ޒަރީޢާއިން އަޅުގަނޑުމެންގެ ވިސްނުން ތަރައްޤީވެ، އީޖާދީ ވިސްނުންތައް ސިކުނޑީގައި އުފަންކޮށްދޭ.

މިއީ، ރާއްޖޭގެ މިއަދުގެ ތަޢުލީމީ ސިޔާސަތު، އެ މައްޗަށް އަޅުގަނޑުމެން ބިނާކުރަމުން އަންނަ މައިގަނޑު ތިން އަސާސް. އާދެ، މީގެ 60 އަހަރު ކުރިން ފަޅުރަށެއްގެ ގޮތުގައި އޮތް މިރަށް، ތަހުޒީބީ ގޮތެއްގައި ކުރިއަރައިގެން އައީވެސް، މިދެންނެވި އަސާސްތަކުގެ މަތީގައި، މިރަށުގައި ތަޢުލީމީ ނިޒާމެއް ބިނާކުރެވުމުން.

މި ރަށުގައި މީހުން ވަޒަންވެރިވުމަށްފަހު، ރައްޔިތުން އިސްނަގައިގެން ސްކޫލެއްގެ ޚިދުމަތް ދޭން ފެށުމަކީ، ތަޢުލީމީ ޖީލެއް ބިނާކުރުމަށް މި ރަށުގެ ރައްޔިތުން އިސްކަންދޭ މިންވަރު ހާމަކޮށްދިން ކަމެއް. މި ދިޔަ 50 އަހަރު ދުވަހުގެ ތެރޭގައި މި ރަށުގެ ތަރައްޤީގައި އެންމެ މުހިންމު ދައުރެއް އަދާކުރީވެސް، ހަމަ މި ސްކޫލުން ދަރިވަރުވި ބޭފުޅުން.

މިއަދު އަޅުގަނޑުމެންގެ ވިސްނުން ހުރީ ހަމައެކަނި ކިޔަވައިދިނުމަކަށް ނޫން. ސަރުކާރުގެ ވިސްނުމަކީ، އެއްވެސް ކުއްޖަކު ބާކީ ނުކޮށް، ހުރިހާ ކުދިންނަށް ކިޔަވައިދީގެން ހުނަރުވެރި، ފަންނުވެރި، އަދި ބިނާކުރަނިވި ޖީލެއް އުފެއްދުން. މުޖުތަމަޢުގެ ބަދަހިކަން ދަމަހައްޓައި، ލާމެހިގެން އުޅެން ލޯބިކުރާ ޒުވާނުންތަކެއް އުފެއްދުން.

އަޅުގަނޑުމެންގެ މުޅި ވިސްނުން އަމާޒުކޮށްގެން މިތިބީ ޒަމާނީ ޢިލްމުގެ އަލީގައި މީހުން ބިނާކުރުމަށް. އެމީހެއްގެ މުޖުތަމަޢު ތަރައްޤީކުރުމާ މެދު، އަމިއްލަ ސިކުނޑީގައި އީޖާދީ ވިސްނުންތައް އުފަންކުރެވޭ ވަރުގެ ޢިލްމީ ޤާބިލުކަން ލިބިގެންވާ ދަރިންތަކެއް އުފައްދަން. ހިލޭ ޑިގްރީ ޕްރޮގްރާމެއް ފެށީ ހަމަ އެ ބޭނުމުގައި. ރާއްޖެއިން ބޭރުން ކިޔެވުމުގެ ފުރުޞަތުތައް އިތުރުކުރީވެސް ހަމަ އެ ބޭނުމުގައި.

މި ސްކޫލްގެ ދަރިވަރުންނަށްވެސް އަޅުގަނޑު ބުނެލަން ބޭނުންވާ ވާހަކައަކީ، ތިޔަ ކުދިން ކިޔަވާއިރުވެސް، ހަމައެކަނި ފޮތުގައި ލިޔެފައި އޮންނަ އެއްޗަކަށް ވިސްނުމުގެ އިތުރުން، ވަށައިގެން ހިނގާ ކޮންމެ ކަމަކާ މެދުވެސް ވިސްނަންޖެހޭނެއޭ. މުޅި މުޖުތަމަޢާ މެދު ވިސްނުން ހިންގަންޖެހޭނެއޭ. މި ރަށާއި މި އަތޮޅުގެ ޙާލަތާއި، އެ ޙާލަތު އެއަށްވުރެ ރަނގަޅު ކުރެވޭނެ ގޮތްތަކާ މެދުވެސް ތިޔަ ކުދިން ވިސްނަންޖެހޭނެ.

އާދެ، ސަރުކާރުން ހިންގާ ހުރިހާ މަޝްރޫޢުތަކެއްގެ ވަށައިޖެހިފައިވާ ސިޔާސަތަކީ، އުފެއްދުންތެރި ޒުވާން ޖީލެއް ބިނާކުރުން. އެކަމުގެ އެންމެ މުހިންމު މަސައްކަތްތައް ހިންގަނީ ތަޢުލީމީ ދާއިރާގެ ތެރެއިން. ސްކޫލްތަކުގެ ޢުމްރާނީ ތަރައްޤީއަށްޓަކައި، އަޅުގަނޑުމެން ރާވާފައިވާ 203 މަޝްރޫޢެއް ތަފާތު މަރުޙަލާތަކުގައި މިހާރުވެސް ހިނގަމުން އެބަދޭ.

އޭގެ ތެރޭގައި ބައެއް ރަށްރަށުގެ ސްކޫލްތަކަށް ކްލާސްރޫމްތައް އެބަ އިތުރުކުރެވޭ. ބައެއް ސްކޫލްތަކުގައި ސައިންސް ލެބޯރެޓަރީތައް އެބަ ޤާއިމުކުރަން. އަދި ބައެއް ސްކޫލްތަކުގައި މަލްޓިޕާޕަސް ހޯލްތައް ބިނާކުރުމުގެ މަސައްކަތްވެސް އެބަ ކުރިއަށް ދޭ.

ސަރުކާރުން ފަށައިގެން މިހާރު ކުރިއަށް ގެންދާ ހިލޭ ޑިގްރީ ޕްރޮގްރާމްގެ އަމާޒަކީވެސް، ތަޢުލީމް ލިބިފައިވާ މީހުން ބިނާކުރުން. އެ ޕްރޮގްރާމްގެ ދަށުން މި ރަށުން އެކަނިވެސް 110 ދަރިވަރުން މިހާރުވެސް އެބަ ކިޔަވާ. ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލުކުރުމަށް ދޫކުރާ ލޯނު ޕްރޮގްރާމްގެ ތެރެއިން މިރަށުގެ 6 ދަރިވަރަކު އެބަ ތަޢުލީމް ހާސިލުކުރޭ.

އާދެ، މި ދެންނެވި މުހިންމު މަސައްކަތުގައި އެންމެ ބޮޑު ބުރައެއް އުފުއްލަވާ ބަޔަކީ ޓީޗަރުންކަމާ މެދު ޝައްކެއްނެތް. މިދިޔަ މޭ މަހުން ފެށިގެން ޓީޗަރުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް ގެނެވުނީ އެ ސަބަބަށްޓަކައި.

މި ސްކޫލްގައިވެސް ޙައްލުކުރަންޖެހިފައި ހުރި ބައެއް ކަންތައްތައް މިހާރުވެސް އެބަހުރި. އޭގެ ތެރެއިން މިހާރުވެސް 15 ކްލާސްރޫމްގެ މަސައްކަތް ކުރިއަށް އެބަދޭ. އަޅުގަނޑުމެންގެ އަމާޒަކީ މި އަހަރުގެ ޑިސެންބަރު ނިމުމުގެ ކުރިން އެ މަސައްކަތް މުޅިން ނިންމައިލުން. އޭގެ އިތުރުން މި ސްކޫލަށް މިވަގުތު އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ކަމަކީ، ސްޓާފްރޫމެއް ހިމެނޭ ގޮތަށް އޮފީސް ޢިމާރާތެއް ބިނާކުރުން. އިރާދަކުރެއްވިއްޔާ އެކަންވެސް ކުރިއަށް އޮތް އަހަރު ބަޖެޓުގައި ހިމަނައިގެން އަޅުގަނޑުމެން ކުރިއަށް ގެންދާނަން.

މިރަށުގެ ކަންކަމަށް ބަލާއިރު، ރަށުގައި ދިރިއުޅޭ އާބާދީ މިދަނީ ދުވަހުން ދުވަހަށް އިތުރުވަމުން. އެއާ ގުޅިގެން ރައްޔިތުންގެ ބޯހިޔާވަހި ކަމަށް ބޭނުން އެބަވޭ. އެހެންކަމުން މިރަށުގެ ރައްޔިތުން އެދިފައި އޮތް ގޮތަށް، ބިން ހިއްކާ ރަށްރަށުގެ ލިސްޓުގައި އިރާދަކުރެއްވިއްޔާ، މި ރަށް ހިމަނައި، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އެ މަސައްކަތް އަޅުގަނޑުމެން ފަށާނަން.

އަދި އޭގެ އިތުރުން މިހާރުން މިހާރަށް އަޅުގަނޑުމެން ގޮތްތަކެއް ހޯދަންޖެހިފައި އޮތް ކަމަކީ ރަށް ގިރުމުގެ މައްސަލައަށް ޙައްލެއް ހޯދުން. އެއީ އަވަސް ޙައްލެއް ހޯދަން ޖެހިފައި އޮތް ކަމެއް ކަމަށް އަޅުގަނޑުމެން ޤަބޫލުކޮށް، ލަސްތަކެއްނުވެ ވީހާވެސް އަވަހަށް އެކަމަށް ޙައްލެއް ހޯދުމުގެ މަސައްކަތް އަޅުގަނޑުމެންގެ ސަރުކާރުން ފަށައިދޭނެކަންވެސް މި ފުރުޞަތުގައި ތިޔަބޭފުޅުންނަށް އަޅުގަނޑު ދަންނަވަން.

ރަށުގައި ތިބެ ޞިއްޙީ ޚިދުމަތް ކައިރިން ރަނގަޅަށް ލިބޭނެގޮތް ހޯދައިދިނުމަކީ، އަޅުގަނޑުމެންގެ އަމާޒެއް. އެ މަސައްކަތުގެ ތެރެއިން، ހޮސްޕިޓަލަށް ބޭނުންވާ އާ ޢިމާރާތް ބިނާކުރުމުގެ މަސައްކަތްވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ލަސްތަކެއްނުވެ ކުރިއަށް ގެންދާނަން.

އާދެ، ރަށެއްގައި ސްކޫލެއް ޢިމާރާތްކޮށް، އެ ޢިމާރާތަކުން ޚިދުމަތްދޭތާ 50 އަހަރު ފުރިގެން ދިޔުމަކީ ކުޑަކަމެއް ނޫން. ޕްރިންސިޕަލް ވިދާޅުވިފަދައިން، އަޅުގަނޑުގެވެސް ޅަ ޢުމުރުގެ ދުވަސްތައް ހޭދަކުރީ، ހަމަ މިކަހަލަ ރާއްޖެތެރޭގެ ކުޑަ ރަށެއްގައި، ފުރިފައި އޮތް ރަށެއްގައި. އަޅުގަނޑުގެ ހަނދާނުގައި އެބަހުރި އެ ދުވަސްތައް. އެހެންކަމުން އެފަދަ ސްކޫލެއްގައި، އެ ރަށެއްގެ ރައްޔިތުން އެ ކޮށްދޭ މަސައްކަތަކީ ބުރަ މަސައްކަތެއް. ހަނދާން ނައްތައިލައިގެން ދޫކޮށްލެވޭވަރުގެ މަސައްކަތެއް ނޫން. ހަމަ ގައިމުވެސް އަޅުގަނޑުގެ އެ ޢުމުރުގެ ތަޢުލީމީ ޙަޔާތުގައި ދަތި އުނދަގޫތަކެއް އަޅުގަނޑުމެން ކަޑައްތުކުރިން. އެހެންނަމަވެސް، މި ރަށުގައި 50 އަހަރު ފުރިގެން މިދާ ސްކޫލް، މެދުނުކެނޑި ރަނގަޅު ޚިދުމަތްތަކެއް ހަމަ ގައިމުވެސް ދެވިގެން ގޮސްފައި އެ އޮތީ މި ރަށުގެ ރައްޔިތުންނާއި، މި ސްކޫލް އުފެއްދި ބާނީންނާއި، މި ސްކޫލަށް މިހާރުވެސް ޚިދުމަތްކުރައްވަމުން ގެންދަވާ ޓީޗަރުންނާއި، މުވައްޒަފުންގެ ބުރަ މަސައްކަތުން. އެކަމަށްޓަކައި އަދިވެސް އެއް ފަހަރު ކުރިއާއި މިހާރުވެސް މި ސްކޫލްގައި ޚިދުމަތްކުރަމުންދާ ހީވާގި މުވައްޒަފުންނާއި އަދި ޚާއްޞަކޮށް، މިއަދު މި ވަގުތު ސްކޫލް ހިންގުމާ ޙަވާލުވެ ހުންނެވި ޕްރިންސިޕަލް، ސްކޫލަށް ގެންނަވަމުން ގެންދަވާ ބަދަލުތަކާ ގުޅިގެން، ޕްރިންސިޕަލަށާއި ހުރިހާ މުވައްޒަފުންނަށް އަޅުގަނޑުގެ އިޚްލާޞްތެރި ހެޔޮ ދުޢާ، ޝުކުރު ތިޔަ ހުރިހާ ބޭފުޅުންނަށް އަރިސްކުރަން.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލަމުން، ފުނަދޫ ސްކޫލްގެ ދަރިވަރުންނަށް އިލްތިމާސް ކުރަނީ، ތިޔަ ކުދިންނަކީ، އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާގައި ސާބިތުވެ ތިބެ، ޤައުމުގެ ޙާލަތު ރަނގަޅު ކުރުމަށް ވިސްނާ، ޤައުމަށް ވަފާތެރި، އަދި ރާއްޖޭގެ އެހެން ހުރިހާ ކިޔަވާކުދިންނަށް ރީތި ނަމޫނާއަކަށްވުމަށް. ފުނަދޫ ސްކޫލަށް، އަޅުގަނޑު އަބަދުވެސް އެދެނީ، އިތުރު ކުރިއެރުމާއި ތަރައްޤީ.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ ރާއްޖޭގެ ދަރިންނަށް ކިޔަވައިދީ، ތަޢުލީމީ ޖީލެއް ބިނާކުރުމަށް މިކުރާ މަސައްކަތުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި ކާމިޔާބު މިންވަރުކުރެއްވުން. ދިވެހިރާއްޖެއަށް މިއަދަށް ވުރެ ފާގަތި މުސްތަޤުބަލެއް ދެއްވައި، އަޅުގަނޑުމެންގެ މެދުގައި ޞުލްޙަވެރިކަމާއި ހަމަޖެހުން ޤާއިމުކޮށްދެއްވައި، ދިވެހިންނަށް ތަނަވަސްކަމާއި ފާގަތިކަން އެކަލާނގެ މިންވަރު ކުރައްވާށި. އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.