بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމުގެ ދެކަނބަލުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްވެރިންނާއި، މުވައްޒަފުން، މިރޭ އެވޯޑު ހާސިލުކުރެއްވި ހުރިހާ ބޭފުޅުން، އަދި ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه

ދުވަސްކޮޅަކަށްފަހު އަނެއްކާވެސް އޮފީހުގެ މުވައްޒަފުންނާ މި ކަހަލަ މާޙައުލަކުން ބައްދަލުކޮށްލުމުގެ ފުރުޞަތު ލިބުނުކަމަށްޓަކައި، އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރަން. އަދި މިރޭ ޚިދުމަތުގެ އަގު ވަޒަންކުރެވުނު ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި، އެ ބޭފުޅުން އެ ކޮށްދެއްވި ޚިދުމަތްތަކަށްޓަކައި ޝުކުރު ދަންނަވަން.

އޭގެ ތެރެއިން ބައެއް ބޭފުޅުންވަނީ މި ދުނިޔެ ދޫކުރައްވާފައި. އެ ހުރިހާ ބޭފުޅުންނަށްވެސް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކޮށްދެއްވުން އެދި اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތުގައި ދުޢާ ދަންނަވަން.

އާދެ، ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން މިފަދަ ޙަފްލާއެއް ބާއްވައި، ހަނދާނީ ފިލައެއް ނުވަތަ އެވޯޑެއް އެރުވިޔަސް، އެ ބޭފުޅުން ކޮށްދެއްވި އެ ޚިދުމަތުގެ އަގަކީ އަގު ވަޒަންކުރެވޭ ވަރަށްވުރެ މާ ބޮޑު ޚިދުމަތެއް. މިރޭ އަގު ވަޒަންކުރެވުނު ބޭފުޅުންގެ ތެރޭގައި، 40 އަހަރަށްވުރެ ގިނަ ދުވަހު މި އޮފީހުގައި ޚިދުމަތް ކުރެއްވި ބޭފުޅުން އެބަތިއްބެވި. އެއީ ކުރު މުއްދަތެއް ނޫން. ދިވެހިންގެ އެވްރެޖް ޢުމުރުން ބަލާނަމަ، ޢުމުރުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ދުވަސް އެބޭފުޅުން އެ ހޭދަކުރެއްވީ، ޤައުމު ތަރައްޤީކުރުމުގަޔާއި، ދިވެހި ރައްޔިތުންނަށް ޚިދުމަތް ކޮށްދެއްވުމުގައި.

މިރޭ އަގު ވަޒަންކުރެވުނު ބޭފުޅުން މިއޮފީހުގައި އެ ހޭދަކުރެއްވި މުއްދަތުގައި ކުރެއްވި މަސައްކަތަކީ، ހަމައެކަނި ވަޒީފާއެއް އަދާކުރެއްވުމެއް ނޫން. އެ ބޭފުޅުންގެ އެ މަސައްކަތަކީ، ޤައުމު ބިނާކުރެއްވުމުގެ މަސައްކަތް. ޤައުމު މިއަދު މިއޮތް ޙާލަތަށް ގެނެސްދެއްވުމުގައި، އެވަގުތަކު އޮންނަ ސަރުކާރެއްގެ ސިޔާސަތުތަކާ އެއްގޮތަށް ޤައުމު ހިންގެވުމުގެ އެންމެ މުހިންމު ދައުރު އަދާކުރެއްވީ އެ ބޭފުޅުން.

އެހެން މި ދެންނެވީ، މި އޮފީހަކީ އެވަގުތަކު ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަވާ ބޭފުޅަކު، ކަނޑައަޅުއްވާ ސިޔާސަތުތައް ތަންފީޒު ކުރުމުގެ އެންމެ އިސް ދައުރެއް އަދާކުރާ މައި އިދާރާ ކަމަށްވާތީ. އަދި އެހެން އިދާރާތަކުން ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރާ މިންވަރު ބަލައި، ފާރަވެރިވާ ތަނަކީވެސް މި އޮފީސް ކަމަށްވާތީ.

މީގެ އަހަރުތަކެއް ކުރިން، ދައުލަތް ހިންގުމުގެ ނިޒާމު ރޭވިފައި އޮތް ގޮތަށް ބަލާއިރު، މިއޮފީހުގެ ދައުރު މިހާރަށްވުރެ އަދި މާފުޅާ. މިހާރު ސަރުކާރުގެ އެކި އޮފީސްތަކުންނާއި، އެކި އިދާރާތަކުން ކުރަމުން އަންނަ ކިތަންމެ ކަމެއް، އޭރު ކުރަމުން އައީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން. މިހާރު ބައެއް މިނިވަން ކޮމިޝަންތަކުން ކުރަމުން އަންނަ ކަންތައްތައްވެސް އޭރު ކުރަމުން އައީ މިއޮފީހުން.

އެ ދުވަސްވަރު ސަރުކާރު މުވައްޒަފުންގެ ކަންތައްތައްވެސް ބަލަހައްޓަމުން އައީ މި އޮފީހުން. ރަށްރަށާއި އަތޮޅުތައް ހިންގުމުގެ ދާއިރާވެސް މިއޮފީހުން ރާވައި ބަލަހައްޓަމުން އައި ކަންތަކުގެ ތެރޭގައި ހިމެނޭ. އެ ދުވަސްވަރު މިއޮފީހުގެ މުވައްޒަފުން އަދި ސަރުކާރުގެ އެހެން އޮފީސްތަކުގެ މުވައްޒަފުންވެސް އެ ކުރެއްވި މަސައްކަތްތަކަކީ، އަޅުގަނޑުމެންގެ ހިތަށްވެސް ނުގެނެވޭހާ ބުރަ މަސައްކަތްތަކެއް.

މިރޭ ޚިދުމަތުގެ އަގު ވަޒަންކުރެވުނު ބޭފުޅުންގެ ރެކޯޑްތަކަށް ބަލާއިރު، އެ ބޭފުޅުންގެ ފަރާތުން ފާހަގަކުރެވޭ އެންމެ މުހިންމު ކަމަކީ، އެބޭފުޅުން ދެމެހެއްޓެވި ވަޒީފާގެ އަޚުލާޤު. އެއީ ސަރުކާރަށް އިޚްލާޞްތެރިވުމާއި ތެދުވެރިވުމާއި، ކަމަށް ކަމޭހިއްތެވުމުގެ ރީތި ސިފަ. އެ ކުރައްވާ މަސައްކަތަކާ މެދު ބަހައްޓަވާ ޝައުޤުވެރިކަމާއި ފަރުވާތެރިކަން. ދިގު މުއްދަތަކަށް އެއް ވަޒީފާއެއްގައި ދެމިތިއްބެވޭ ސަބަބަކީވެސް، މިދެންނެވި ސިފަތައް.

އަޅުގަނޑު މި އޮފީހަށް އައިސް އެންމެ ފުރަތަމަ ދުވަހުން ފެށިގެން ކުރެވުނު ތަޖުރިބާވެސް ދަންނަވާލާނަން. އަޅުގަނޑަށް މިއޮފީހުގެ މުވައްޒަފުން ފެނުނީ، ވަރަށް ޕްރޮފެޝަނަލް ބައެއްގެ ގޮތުގައި. ވެރިކަމުގައި ހުރީ ކާކުތޯ ބެލުމެއް ނެތި، އެ ވަގުތަކު ވެރިއަކަށް ހުންނަ މީހެއްގެ ސިޔާސަތުތައް ތަންފީޒު ކުރެއްވުމަށް، ފުރިހަމައަށް އެއްބާރުލުން ދެއްވައިގެން، ވަރަށް އިޚްލާޞްތެރިކަމާއެކު މަސައްކަތް ކުރައްވާ ބައެއްގެ ގޮތުގައި.

އަޅުގަނޑު ދައުލަތް ހިންގުމާ ޙަވާލުވުމަށްފަހު، ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ކަންތައްތައް ރާވައި ހިންގުމަށްޓަކައި، މި އޮފީހުގެ އިންތިޒާމުތަކަށް މާ ބޮޑު ބަދަލެއް ގެންނާކަށް އަޅުގަނޑަކަށް ނުޖެހުނު. މި އޮފީސް އޮތީ، ކޮންމެ ވަގުތަކު، ކޮންމެ މީހަކު ވެރިކަމުގައި ހުއްޓަސް، އެއްވެސް ދައްޗެއް ނެތި ސަރުކާރު ހިންގޭ ވަރަށް ތައްޔާރުވެ ފައްކާވެފައި.

އެހާވެސް ފުރިހަމައަށް މިއޮފީހުގެ ކަންތައް ހުރީ އިންތިޒާމުކުރެވި ތަރުތީބު ކުރެވިފައި. މިއޮފީހުގެ ޢުމުރުން 55 އަހަރު ފުރެން ދާއިރު، ރަނގަޅު ހިންގުންތެރިކަމެއްގެ ދަށުން މި އޮފީސް ހިނގަމުން މިދަނީ، ވަރަށް ގިނަ ބައެއްގެ މިންނެތް މަސައްކަތުން. އޭގެ ތެރޭގައި މިރޭ ޚިދުމަތުގެ އަގު ވަޒަންކުރެވިގެން އެދިޔަ ބޭފުޅުންގެ ވަރަށް ބޮޑު ޙިއްސާއެއް އެބައޮތް.

މިއަދު އެ ބޭފުޅުންގެ އަރިހުން މިސާލު ނަންގަވަން ތިއްބެވީ، މިއަދުގެ ޒުވާން މުވައްޒަފުން. މިއޮފީހުގައި މިހާރު ތިއްބެވި ހުރިހާ ޢުމުރެއްގެ މުވައްޒަފުންނަކީވެސް، ވަޒީފާގެ އަޚްލާޤު ރަނގަޅު ބޭފުޅުން. އެހެންނަމަވެސް، އިތުރަށް ފުރިހަމަކޮށްލައްވަން ޖެހިވަޑައިގަންނަވާ ބައެއް ކަންތައްތައް އެބަހުރިކަމަށް އަޅުގަނޑަށް ފެނޭ.

ފުރަތަމަ ކަމަކީ، ގަޑިއަށް ހާޒިރުވުމަށް ސަމާލުވުން. އަދި ވީހާ އަވަހަށް މަސައްކަތްތައް ފެށޭ ގޮތަށް ތައްޔާރުވެގެން އޮފީހަށް ވަޑައިގަތުން. ޙަވާލުވެފައިވާ މަސައްކަތްތައް ފަރުވާތެރިކަމާއެކު، ކަމަށް ކަމޭހިއްތަވައިގެން، އެ ކަމާ ލާމެހިގެން ކުރެއްވުން. އަނެއް ކަމަކީ އޮފީހުގެ ރަސްމީ ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުން. އަދި ދުވަހުން ދުވަހަށް ގަޑިން ގަޑިއަށް މަސައްކަތްތައް ނިންމުމަށް ސަމާލުކަން ދެއްވުން.

އަޅުގަނޑުމެން އެންމެންނަކީވެސް ވަރަށް މުހިންމު މަސްއޫލިއްޔަތުތަކެއް އަދާކުރުމުގެ ޒިންމާއާ ޙަވާލުވެ ތިބި ބައެއް. ކިތަންމެ އާދައިގެ ވަޒީފާއެއްގައި ހުއްޓަސް، އެމީހަކާ ހަވާލުވެފައިވާ މަސްއޫލިއްޔަތަކީ، އެ އޮފީހަކުން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ދިނުމަށްޓަކައި، ވަރަށް މުހިންމު މަސްއޫލިއްޔަތެއް. އެކަން އަޅުގަނޑުމެން ކޮންމެ މީހެއްގެ ހަނދާނުގައި ބަހައްޓަންޖެހޭނެ.

ކޮންމެ އޮފީހެއްވެސް މި ހިނގަނީ، ވަށައިޖެހިފައިވާ ނިޒާމެއްގެ ތެރެއިން، ހުރިހާ މުވައްޒަފުން ކުރާ މަސައްކަތުން. އެ އޮފީހަކުން ރައްޔިތުންނަށް ދޭ ޚިދުމަތްތަކުގެ ފެންވަރު ބިނާވެފައި އޮންނަނީ، މި ދެންނެވި އުޞޫލުން ކޮންމެ މުވައްޒަފަކުވެސް އެމީހެއްގެ މަސްއޫލިއްޔަތާ މެދު ފަރުވާތެރިކަން ބަހައްޓާ މިންވަރެއްގެ މައްޗަށް.

އަޅުގަނޑު ޤަބޫލުކުރާ ގޮތުން، މި އޮފީހުގެ މުވައްޒަފުން މިކަމަށް އިތުރު ސަމާލުކަމެއް ދެއްވަން ޖެހިވަޑައިގަންނަވާނެ. މި އޮފީހަކީ ދައުލަތުގެ މައި އިދާރާ، އަދި ޤައުމުގެ އެންމެ މަތީ މަޞްލަޙަތުތައް ހިފަހައްޓަންޖެހޭ އޮފީސް ކަމަށްވާތީ، މި އޮފީހުގެ މުވައްޒަފުންގެ ޒިންމާ އެކަމުގައި ވަކިން ބޮޑު ކަމަށް އަޅުގަނޑު ދެކެން.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހަކީ ހުރިހާ ގޮތަކުން ބަލާއިރުވެސް، ނަމޫނާ އޮފީހަކަށް ވާންޖެހޭނެ. އަޅުގަނޑުގެ ވިސްނުން ހުރީ އެ މިސްރާބަށް. މި އޮފީހުގެ މުވައްޒަފުންގެ ޢަދަދަށް ބެއްޔަސް ފެންނަނީ އެފަދަ ނަމޫނާއެއް. މި އޮފީހުގައި މިހާރު ތިބީ 319 މުވައްޒަފުން. އޭގެ ތެރެއިން ފިރިހެން މުވައްޒަފުންނާއި އަންހެން މުވައްޒަފުންގެ ޢަދަދުވެސް ހުރީ ދާދި އެއް ވަރަކަށް. އެއީ 159 އަންހެނުންނާއި 160 ފިރިހެނުން. އަޅުގަނޑުގެ ނަން އެއިން ކަނޑާލީމާ ދެފަރާތް ހަމަހަމަވީ.

މިއީ މިންތީގެ ތަފާތުތައް ނައްތާލައި، ދެ ޖިންސުގެ ހަމަހަމަކަން ޤާއިމުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތަށް ބަލާއިރުވެސް ރަނގަޅު ނަމޫނާއެއް ކަމަށް ދެންނެވިދާނެ. ޢުމުރުފުރާއަށް ބަލާއިރުވެސް، ޢުމުރުން ވަރަށް ދޮށީ މުވައްޒަފުންނާއި، ވަރަށް ހަގު މުވައްޒަފުންވެސް އެބަތިއްބެވި. އެންމެ ހަގު މުވައްޒަފަކީ 19 އަހަރުގެ ޒުވާނެއް. އެންމެ ދޮށީ މުވައްޒަފަކީ 71 އަހަރުގެ ބޭފުޅެއް.

މިރޭ ދެން އަޅުގަނޑު ދަންނަވާލަން ބޭނުންވާ އަނެއް ވާހަކައަކީ، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ފަރުދީ ގޮތުން އަދާކުރައްވަންޖެހޭ ޒިންމާގެ ވާހަކަ. މުޅި ޤައުމުގެ މަޞްލަޙަތަށްޓަކައި، އަދި ކުރިމަގުގެ ޖީލުތަކަށް ރައްކާތެރިކަމާއެކު މި ރާއްޖެ ފޯރުކޮށްދިނުމަށްޓަކައި، ވަރަށް މުހިންމު ސިޔާސަތުތަކެއް ސަރުކާރުން މިހާރު ވަނީ ކަނޑައަޅާފައި.

އެއްކަމަކީ ތިމާވެށި ޙިމާޔަތްކުރުމުގެ ސިޔާސަތުތައް. އެ ސިޔާސަތުތަކުގެ ނަތީޖާ، ޤައުމީ ފެންވަރުގައި ފެންނަން ފަށާނީ، ފަރުދީ ފެންވަރުގައި އެ ސިޔާސަތުތައް ތަންފީޒުކޮށްގެން. އެއްފަހަރު ބޭނުންކުރާ ޒާތުގެ ޕްލާސްޓިކް ބޭނުންކުރުން ހުއްޓައިލުމަކީ ކޮންމެ ފަރުދަކު ތަންފީޒުކުރަންޖެހޭ ސިޔާސަތެއް. ރައްކާތެރި ގޮތުގައި ކުނި ނައްތައިލުމަށްޓަކައި، އެކި ގިންތީގެ ކުނި ވަކިކޮށްދިނުމަކީވެސް، ހަމަ އަޅުގަނޑުމެންގެ ފަރުދީ ޒިންމާއެއް.

ދެން ދަންނަވާލަން އޮތީ، މުޅި ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން އަޅުގަނޑުމެން ސަމާލުވާންޖެހޭ ކަންކަމުގެ ވާހަކަ. ސްޓްރެޓީޖިކް ގޮތުންނާއި ސިޔާސީ ގޮތުން ދުނިޔެ ވަންނަމުން މިދަނީ ވަރަށް ބޮޑު ބަދަލެއްގެ ތެރެއަށް. ބައިނަލްއަޤްވާމީ ސިޔާސީ އޮއިވަރަށް ވަރަށް ބޮޑެތި ބަދަލުތަކެއް އެބަ އާދޭ. އޭގެ ސަބަބުން މުޅި ދުނިޔޭގެ އިޤްތިޞާދަށް ވަރަށް ނުރަނގަޅު އަސަރުތަކެއް އެބަ ފޯރާ.

މި ކަންކަމާ ކުރިމަތިލުމުގައިވެސް، އެދެވޭ ނަތީޖާއެއް ނެރެވޭނީ ފަރުދީ ޒިންމާ އަދާކުރާ މިންވަރަކުން. އެންމެ މުހިންމު ކަމަކީ ޚަރަދުތައް ކުޑަކުރުން. ކޮންމެ ކަމެއްގައިވެސް އިޤްތިޞާދުކުރުމާއި، ފަހަށް ރައްކާކުރުމަށް ސަމާލުކަން ދިނުން. ކަރަންޓު ޚަރަދު ކުޑަކުރުން، ހަކަތައިގެ ބާވަތްތައް ބޭނުންކުރާ މިންވަރު ދަށްކުރުން.

މި ކަންކަމަކީ ފަރުދީ ގޮތުން ކުރަންޖެހޭ ކަންކަން. މިކަންކަމުން ކުޑަ ކުރެވޭ ޚަރަދުތަކުގެ ޖުމްލަ ނަތީޖާ މިފެންނަނީ ޤައުމީ ފެންވަރުގައި. އެއީ އިޤްތިޞާދީ ގޮތުން ޤައުމީ ފެންވަރުގައި އުފުލަންޖެހޭ ބުރަ ކުޑަވެގެން ދިއުން. އިޤްތިޞާދީ ހީނަރުކަމެއް މެދުވެރި ނުވެ، އިމްޕޯޓް އެކްސްޕޯޓް ނުހުއްޓި ކުރިއަށް ދިއުން. މިއީ އަޅުގަނޑުމެން ހަމަ ކޮންމެ ފަރުދަކު އެދޭނެ ކަންކަން.

އަޅުގަނޑު އުންމީދުކުރަން، މި އޮފީހުގެ ކޮންމެ މުވައްޒަފަކުވެސް، އެ މުވައްޒަފެއްގެ އަމިއްލަ ނަފްސާ ހަމައިން، އަދި ދިރިއުޅޭ ގޭބިސީގެ ތެރެއިން މިކަންކަން ތަންފީޒު ކުރައްވަން ފަށްޓަވާނެ ކަމަށް. އަދި ޤައުމުގެ ކޮންމެ ފަރުދަކުވެސް މި ކަންކަން ޢަމަލީ ގޮތުން ތަންފީޒުކުރެއްވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އިލްތިމާސެއް.

މި މުހިންމު ޙަފްލާ އިންތިޒާމު ކުރެއްވުމުގައި އުޅުއްވި ހުރިހާ ބޭފުޅުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން. ކޯޕަރޭޓް ސަރވިސް އޮފީހުގެ މުވައްޒަފުންނާއި، ޚާއްޞަކޮށް ހިއުމަން ރިސޯސް އެންޑް ޕަރފޯމަންސް މެނޭޖްމަންޓުގެ މުވައްޒަފުން ކުރެއްވި ބުރަ މަސައްކަތްތައް ފާހަގަކޮށް، ވަރަށް އިޚްލާޞްތެރިކަމާއެކު އެބޭފުޅުންނަށް ޝުކުރު ދަންނަވަން.

މާތް ﷲގެ ތަނަވަސް ރަޙްމަތްފުޅާއެކު، އަދި ދިވެހި ރައްޔިތުންގެ ޢަޒުމާއި ހިތްވަރާއެކު، އަދި މިންނެތް މަސައްކަތުން ދިވެހި ޤައުމު އަބަދުވެސް ދާނީ ކުރިއަށް.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، ޤައުމުގެ ހެވާއި ލާބަޔަށްޓަކައި އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކު މަސައްކަތް ކުރުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެން އެންމެންނަށް، اللهُ سُبْحَانَهُ وَتَعَالَى މިންވަރުކޮށްދެއްވުން. މި އޮފީހުގެ ހީވާގި މުވައްޒަފުން ކުރައްވާ ބުރަ މަސައްކަތުގެ އަގު ވަޒަންކޮށް، ހުރިހާ ބޭފުޅުންނަށް އަދިވެސް އެއްފަހަރު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ތިޔަ ހުރިހާ މުވައްޒަފުންގެ މަސައްކަތުގައި މާތް ﷲ ބަރަކާތް ލައްވައި، އުފާ ފާގަތިކަމާއި ތަނަވަސްކަން މިންވަރު ކުރައްވާށި. އާމީން!

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه