بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللَّـهُ سُبْحَانَهُ وَتَعَالَىٰ ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ކައުންސިލްތަކުގެ ރައީސުން، ޑަބްލިޔޫ.ޑީ.ސީ.ގެ ރައީސުން، އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޝާޒޭ ދެފެއަރ، އައި.އާރު.އައި.ގެ ރެޒިޑެންޓް ކޯޑިނޭޓަރ، ޔޫ.އެސް.އެއިޑުގެ ބޭފުޅުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން، އަދި ވަކިން ޚާއްޞަކޮށް، އުކުޅަހު ކައުންސިލްގެ ރައީސާއި، އުކުޅަހުގެ ކައުންސިލާއި، ޑަބްލިޔޫ.ޑީ.ސީ.އާއި، އުކުޅަހުގެ ލޮބުވެތި ރައްޔިތުން ރައްޔިތުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

ވިއަވަތި ކޮންފަރެންސްގެ ދެވަނަ ކޮންފަރެންސް މިއަދު ނިމިގެން މިދަނީ. ކުރެވުނު މަޝްވަރާތަކާއި، ލިބުނު އައިޑިއާތަކާއި، ހުށަހެޅުނު ހުށަހެޅުންތަކަކީ، ވަރަށް ބިނާކުރަނިވި، ބޭނުންތެރި ކަންތައްތަކެއް ކަމުގައި އަޅުގަނޑު ދެކެން. މި ކޮންފަރެންސް ތައްޔާރުކުރުމުގެ ކުރިން، ފަނޯއްލަ ދަރުބާރު ބޭއްވިގެންދިޔަކަމީ، އަޅުގަނޑު ހިތުން މި ކޮންފަރެންސަށް ލިބިގެންދިޔަ އިތުރު ފުރިހަމަކަމެއް. ފުނިޖެހިފައި ހުރި އެތައް ކަންބޮޑުވުންތަކަކާއި، އެތައް މައްސަލަތަކަކާ ދޭތެރޭގައި، އެ ދަރުބާރުގައި މަޝްވަރާ ކުރެވި، އެއްގޮތްކުރެވި، އެއްތަންކުރެވި، މި ކޮންފަރެންސަށް ހުށަހެޅިގެންދިޔަކަން އަޅުގަނޑަށް ފާހަގަކުރެވޭ. އެކަމަށްޓަކައި ފަނޯއްލަ ދަރުބާރު އިންތިޒާމުކޮށްދެއްވި އެލް.ޖީ.އޭ.އަށާއި، އެކަމުގައި ޙަރަކާތްތެރިވި ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ޝުކުރު އަދާކުރަން.

ލާމަރުކަޒީ ޤާނޫނު އަޅުގަނޑުމެން އުފަންކުރީ ވަރަށް މުހިންމު ބޭނުމަކު. ޙަޤީޤަތުގައިވެސް ބާރުތައް ދޫކޮށްލައި، ރައްޔިތުންނާ ވީހާގާތުން ޚިދުމަތް ކުރުން. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި، ރައްޔިތުންނަށް ދޭންވާ ޚިދުމަތްތައް ފަސޭހައިން ދެވޭނީ، އަވަހަށް ދެވޭނީ، ރަށުގައި ތިބި ރައްޔިތުންނާ ކައިރީގައި ތިބި ބަޔަކަށް. ޤާނޫނު ތަޞްދީޤުކޮށް ޢަމަލުކުރަން ފެށިތާ އެއް އަހަރުގެ ތެރޭގައި، އަޅުގަނޑުމެންނަށް މިތަނަށް މިއާދެވުނީ. މައްސަލަތައް އެބަހުރި. ހިންގުމުގައި ހުރި ޤާނޫނީ މައްސަލަތައް އެބަ ކުރިމަތިވޭ. މާލީ އިޝޫތައް އެބަހުރި. އަދި ޚާއްޞަކޮށް، ޑަބްލިޔޫ.ޑީ.ސީ. ކުރިއަށް ގެންދިޔުމުގައި ހުރި ދަތިތަކާއި އުނދަގޫތައްވެސް ފާހަގަކުރެވިގެން ހިނގައްޖެ.

ޖުމްލަގޮތެއްގައި ހުރިހާ ކައުންސިލްތަކުންވެސް، ޑަބްލިޔޫ.ޑީ.ސީ.އިންވެސް ކުރިމަތިކުރީ ގާތްގަނޑަކަށް ހަމަ އެއް މައްސަލަތަކެއް. އެންމެ މުހިންމު ކަމަކަށް ކުރިންވެސް ފާހަގަކުރެވިފައި އޮތްގޮތަށް، މިއަދުވެސް ފާހަގަކުރެވިގެންދިޔައީ، މާލީ ފުދުންތެރިކަމުގެ ވާހަކަ. ސަރުކާރުން ދޫކުރާ ގްރާންޓް އެއިޑް، ބަޖެޓުން ދޫކުރާ ބައި، ޢަދަދު މަދުކަމުގެ ވާހަކަ. އަދި އޭގެއިތުރުން، އިޚްތިޞާޞް ކަނޑައެޅުމުގައި ކުރިމަތިވެފައި ހުރި ދަތިތަކުގެ ވާހަކަ. ލޭންޑް ޔޫޒް ޕްލޭން ހެދުމުގައި ހުރި ގޮންޖެހުންތައް. ކުރިންވެސް ދެންނެވި ފަދައިން، ޑަބްލިޔޫ.ޑީ.ސީ. މިހާރު މިއޮތްގޮތުން ހިންގުމަށް ހުރި ހުރަސްތަކުގެ ވާހަކަ. މާލީ ބާރުވެރިކަން. މިހާރަށްވުރެ ބޮޑު ބަޖެޓެއް ދިނުމުގައި، އަޅުގަނޑު ހިތުން މުޅި ދައުލަތުގެ އާމްދަނީއަށް އެބަ ވިސްނަންޖެހޭ. އަޅުގަނޑު ހިތުން މިނިސްޓަރ އަމީރު މިކަމާ ދޭތެރޭގައި ވިސްނަވައި، އަޅުގަނޑުމެންގެ ވަޒީރުންގެ މަޖިލީހުގައި މިއަށް ހެދޭނެގޮތެއް އަޅުގަނޑުމެން ބަލާނަން. އަދި ހަމައެއާއެކީގައި، ޑަބްލިޔޫ.ޑީ.ސީ. އަށް މި ދޫކުރާ ބަޖެޓް މިހާރަށްވުރެ ރަނގަޅަށް، ބޮޑުކޮށް، ޙަރަކާތްތެރި ކުރުވަން އަޅުގަނޑު އިރާދަކުރެއްވިއްޔާ މަސައްކަތް ކުރާނަން.

ކޮންމެ ކަމެއް ކުރާއިރުގައިވެސް ޕްލޭނެއް އޮންނަންޖެހޭނެ. އެގޮތުން، ކޮންމެ ރަށެއްގެވެސް ތަރައްޤީއަށްޓަކައި ލޭންޑް ޔޫޒް ޕްލޭނަކީ ހަމަ މުހިންމު އެއްޗެއް. އެ ރަށެއް ތަރައްޤީ ވެގެންދާއިރުގައި، ގޯތި ދޫކުރެވެނީ ކިހާވަރަކަށްކަން، ވިޔަފާރި ކުރެވެނީ ކޮން ސަރަޙައްދެއްގައި، ކިހާވަރަކަށްކަން، ބިން ވިއްކެނީ ކިހާވަރަކަށްކަން ކަނޑައެޅިފައި އޮންނަން އެބަޖެހޭ. އަޅުގަނޑު ހިތުން އެއް އަހަރުވެގެން ދިޔައިރުގައި، މިކަމަށް ގޮތެއް ނުހޯދި އޮތް އޮތުމަކީ، އަޅުގަނޑުމެން އެންމެންގެ މައްސަލައެއް. އެހެންނަމަވެސް، އިއްޔެ ޕްލޭނިންގ މިނިސްޓަރު ވަރަށް ލުއިގޮތެއް ހޯއްދަވައިދެއްވައިފި. ތިޔަބޭފުޅުން އެކަމައިގެން ކުރިއަށް ވަޑައިގަންނަވާ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، ޕްލޭނިންގ މިނިސްޓްރީ ތުރޫކޮށް، ތިޔަބޭފުޅުން ހުށަހަޅުއްވާ ލޭންޑް ޔޫޒް ޕްލޭން ވީހާވެސް އަވަހަކަށް ފާސްކޮށްދީ، ރަށުގެ ތަރައްޤީއަށްޓަކައި އިތުރަށް ބޭނުންވާ ކަންތައްތައް ކުރުމަށް ފަސޭހަ ގޮތްތައް ހޯދައިދޭނަން.

ލޭންޑް ޔޫޒް ޕްލޭނާ ބެހޭގޮތުން ވަރަށް މުހިންމު އެއް ވާހަކަ ހުށަހެޅިގެންދިޔަ. ފުރަތަމަ ރައްޔިތުންނާ މަޝްވަރާކޮށް، އެއަށްފަހުގައި، ލޭންޑް ޔޫޒް ޕްލޭނެއް ހެދުމަށްފަހު، މިނިސްޓްރީއަށް ހުށަހަޅައި ފާސްކުރުމަށްފަހު، އަނެއްކާވެސް ތަންފީޒު ކުރުމުގެ ކުރިން ރައްޔިތުންގެ ކައިރިއަށް ގޮސް އާނ ބަސް ހޯދަންޖެހުނު. ބައެއް ކައުންސިލްތަކުގެ ކަންބޮޑުވުން އޭގައި ހުރިކަން ފާހަގަވެގެންދިޔައީ. އަދި އެކަހަލަ ބައެއް ކަންތައްތައް، ބައެއް ރަށްރަށުގައި ދިމާވެފައި ހުރިކަންވެސް އެބަ އެނގޭ. މިސާލަކަށް، ހަމަ ޕްލޭނެއް ހަދައި، ފާސްކުރަން ރައްޔިތުންނާ ހިސާބަށްދާއިރުގައި، ވަކިކަހަލަ، ވަކި ގްރޫޕެއް އެއިރަކު އެ އޮންނަ ބައްދަލުވުމަކަށް ހާޒިރުވެ، އެއްޗެތި ބޭރުކޮށްލާފައިވެސް އެބަހުރި. މިހެން ނުވާނެ ގޮތަކަށް ރައްޔިތުންގެ ވިސްނުމާއެކީގައި ތައްޔާރުކުރެވޭ ލޭންޑް ޔޫޒް ޕްލޭނަކަށް ޢަމަލުކުރެވޭނެ ފަސޭހަގޮތެއް އަޅުގަނޑު ހިތުން ހޯދެން އެބަޖެހޭ. ރައްޔިތުންގެ ބަސް އޮންނަންޖެހޭނެ. ޔަޤީންކަމެއް. ރައްޔިތުންގެ ރުހުން ހޯދަންޖެހޭނެ. އެއީ ކަށަވަރު ކުރަންޖެހޭނެ ކަމެއް. އެހެން ނަމަވެސް، މިއަށްވުރެ ފަސޭހަ ރަނގަޅު ގޮތެއް އަޅުގަނޑު ހިތުން ހޯދެންޖެހޭނެ.

އިޚްތިޞާޞް ކަނޑައެޅުމުގެ ވާހަކަވެސް ދެކެވުނު. އަތޮޅުގެ އިޚްތިޞާޞް ކަނޑައެޅުން. ރަށުގެ އިޚްތިޞާޞް ކަނޑައެޅުން. މި ދެ އިޝޫ އަޅުގަނޑުމެންނަށް ކުރިމަތިވެގެންދިޔައީ. ޙަޤީޤަތުގައި މިހާރު ޤާނޫނު އެކުލެވިފައި އޮތްގޮތުން ބޮޑަށް ބާރުވެރިކުރުވައި، ކުރިއަރުވަން މިއޮތީ ރަށު ކައުންސިލްތައް. އަތޮޅު ކައުންސިލްތައް މިއޮތީ ރަށު ކައުންސިލްތަކަށް އެހީތެރިވެދޭން، ޓެކްނިކަލް މަސައްކަތްތައް ކުރާ ކައުންސިލެއްގެ ގޮތުގައި. މިއީ މައްސަލައެއް އޮތް ކަމެއް ކަމަށްވަންޏާ، މިކަމާ ވިސްނަވަންވީ. އެކަމަކު އަޅުގަނޑު ހިތުން އަތޮޅުގެ، ރަށުގެ އިޚްތިޞާޞް ކަނޑައެޅިގެންދާއިރުގައި، އެރަށެއްގައި ފަސޭހައިން އިޤްތިޞާދީ މަސައްކަތްތައް، ޢުމްރާނީ މަސައްކަތްތައް ކުރެވޭނެ ގޮތަކަށް، އެއްރަށް އަނެއް ރަށާ ފުށުނާރާގޮތަކަށް މިކަން ޙައްލު ކުރެވިގެންދާ ގޮތަކަށް އަޅުގަނޑުމެންގެ ވިސްނުން ގެންގުޅެންވާނީ.

އަޅުގަނޑު މި ދެންނެވީ އަތޮޅު ކައުންސިލްތަކުގެ ބާރު ކުޑަކުރާ ވާހަކައެއް ނޫން. އެހެން ނަމަވެސް، މުޅިން އެހެން ވިސްނުމެއްގައި އަތޮޅު ކައުންސިލްތައް އަޅުގަނޑު ހިތުން މަސައްކަތް ކުރުން ބުއްދިވެރިވާނެ ކަމަށް އަޅުގަނޑު ފެންނަ ވާހަކަ. ނިންމާލަނީ މި ހުށަހެޅުނު ހުރިހާ ޚިޔާލުތަކެއްގެ މައްޗަށް ބުރަވެ.

ޑަބްލިޔޫ.ޑީ.ސީ.ގެ ވާހަކަ އަޅުގަނޑަށް ދެންނެވިއްޖެ. މިއަދުގެ ވަގުތު މާބޮޑަށް ކުޑަ، އެކަމަށް އަޅުގަނޑުމެންނަށް ޑިބޭޓަށް ދެވުނުލެއް. ވަރަށްގިނަ ބޭފުޅުން ފުރުޞަތަށް އެދިވަޑައިގެން ތިއްބެވީ. އަޅުގަނޑު ހިތުން ބައެއް ކައުންސިލްތަކުން އެދިވަޑައިގެން ތިއްބެވީ، އޭރުވެސް އެބޭފުޅުންނަށް ކުރިމަތިވެފައި ހުރި ދަތިތަކުގެ ތެރެއިން ޙައްލު ހޯދައިދެވޭނެ ގޮތްތައް ހުށަހެޅުމަށް. އަޅުގަނޑު ހިތުން ލިޔުމުން އެ ކަންތައްތައް ހުށަހެޅީމާ، އަޅުގަނޑުމެން އެކަން ކުރިއަށް ގެންދާނަން.

މި ކޮންފަރެންސްގައި މަޢުލޫމާތާއި އަދި ކުރިއަށް ހުރި ތަނުގައި ކުރެވޭނެ ކަންތައްތަކާ ބެހޭގޮތުން ކަރުދާސްތަކެއް ހުށަހެޅިގެން ހިނގައްޖެ. ރާއްޖެއަށް ކުރިމަތިވެފައި އޮތް އެންމެ މުހިންމު، އެންމެބޮޑު ދެ މައްސަލަ. ޑްރަގުގެ މައްސަލައާއި، ގޭންގް ކުށްތަކުގެ މައްސަލައާއި، ތިމާވެށްޓާ ބެހޭގޮތުން މުހިންމު ވާހަކަތަކެއް މިތާނގައި ދެކެވިގެން ހިނގައްޖެ. ޑްރަގުގެ މައްސަލައިގައި، ރާއްޖެއަށް ފެތުރިފައި އޮތް މިންވަރާއި، ގޭންގް ކުށްތައް ރާއްޖޭގައި ފެތުރެމުންދާވަރު، އަޅުގަނޑު ހިތުން ފުލުހުންގެ ފަރާތުން އިއްޔެ ހުށަހެޅި ޕްރެޒެންޓޭޝަނުން ކޮންމެވެސްވަރަކަށް ތިޔަބޭފުޅުންނަށް ފާހަގަކުރެއްވިގެންދާނެ.

އޭގެއިތުރުންވެސް، އެއަށްވުރެ ބޮޑެތި ކަންތައްތައް އެބަހުރި، އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބިފައި ހުރި ގޮތުގައިވިއްޔާ. ރާއްޖެއަށް ޑްރަގް އެތެރެކުރުމާއި، ގޭންގްތައް ބާރުވެރިކުރުމަށް، ގޭންގްތަކުން ކުރަމުން އަންނަ ކަންތައްތައް އަދި އިއްޔެ ހާމަނުކުރިނަމަވެސް، އެބަހުރި. އެ ބިރުވެރިކަން އެހެން އޮތުމުން، އަޅުގަނޑުމެން މިވަނީ ޤައުމީ ފެންވަރުގައި ޓާސްކްފޯސްއެއް އުފައްދައި، އެއަށް ޙައްލުތަކެއް ހޯދުމުގެ މަސައްކަތް ފަށާފައި. އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންގެ ކިބައިން ވަރަށް ބޮޑަށް އެދެން، މިކަމުގައި އެއްބާރުލުންދީ، އެހީތެރިކަން ފޯރުކޮށްދިނުމަށް.

ރަށްރަށުގައި ހިނގާ މި ކަންތައްތައް ޙައްލުކުރެވޭނީ، ތިޔަބޭފުޅުންގެ އެހީތެރިކަމާއި އެއްބާރުލުމާ އެކުގައި. އިއްޔެގެ ހުށަހެޅުމުގައިވެސް އެ ބޭފުޅުން އެ ވިދާޅުވިފަދައިން، މިއީކީ ފުލުހުންނަށް އެކަނި ކުރެވޭނެ ކަމެއް ނޫން.

ތިމާވެށީގެ މައްސަލަތައް އޮތް ނާޒުކު ޙާލަތު، ވަރަށް ތަފްޞީލުކޮށް ތިޔަބޭފުޅުންނަށް ހާމަކުރެވިގެން ހިނގައްޖެ. ރާއްޖެއަށް މިކަމުގައި ހުރި ގޮންޖެހުންތައް، ކުރިއަށް އޮތް ފަނަރަ އަހަރާ ހިސާބަށްދާއިރުގައި، އަޅުގަނޑުމެން ތިބޭނެ ހިސާބު، ވަރަށް ސާފުކޮށް ތަފްޞީލުކޮށް އެ ވިދާޅުވެދެއްވީ. އަޅުގަނޑުމެން ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދާއިރު، ކޮންމެ ރަށެއްގައި ބަނދަރެއް ހަދަން ބޭނުންވިކަމަށްވިޔަސް، އަދި ކޮންމެ ރަށެއްގައި ބޮޑެތި ޢިމާރާތްތައް ހަދަން ބޭނުންވިކަމަށްވިޔަސް، އެ ކަންތައްތައް ކުރަންވާނީ، ތިމާވެށްޓަށް ގެއްލުންނުވާ ގޮތަށް. އަދި އަންނަން އޮތް ޖީލުތަކަށް އަޅުގަނޑުމެންގެ ރަށްތައް ގެންގޮސްދެވޭނެފަދަ ގޮތަކަށް. ތިޔަބޭފުޅުންގެ ކޮންމެ ޕްރޮގްރާމެއްގައި، ކޮންމެ ޕްރޮޖެކްޓެއްގައި މި ބައި ހިމެނުމަށް، ހުށަހަޅާ ކޮންމެ ޕްރޮޖެކްޓެއްގައި މި ބައި ހުށަހެޅުމަށް އަޅުގަނޑު މިއަދު ގޮވާލަން.

ކޮންފަރެންސް ނިމިގެންދާއިރުގައި، އަޅުގަނޑު މި ދެންނެވި ފަދައިން ހުށަހެޅުނު ބައެއް ކަންތައްތަކުގެ ވާހަކަ އަޅުގަނޑު މި ދެންނެވީ. އެހެން ނަމަވެސް، އިޖުތިމާޢީ ކަންތައްތަކާ ބެހޭގޮތުން ހުށަހެޅުނު ހުށަހެޅުންތައް މަދުކަން އަޅުގަނޑަށް ފާހަގަކުރެވުނު. ގޭންގް ކުށްތަކަށްވިޔަސް، ޑްރަގާ ބެހޭގޮތުން ކަމަށްވިޔަސް، ގެވެށި އަނިޔާ ކަމަށްވިޔަސް އަދިވެސް ރަށްރަށުގައި އެހެންހުރި، ސޯޝަލް އެކަހަލަ މައްސަލަތަކާ ބެހޭގޮތުން ކައުންސިލްތަކާއި، ޑަބްލިޔޫ.ޑީ.ސީ.ގެ ފަރާތުން ހުށަހެޅިފައި ހުރި ކަންތައްތައް މަދުކަން އަޅުގަނޑަށް ފާހަގަކުރެވުނު. އަޅުގަނޑަށް ހަމަ ޔަޤީން، ކޮންމެވެސްވަރަކަށް މި މައްސަލަތައް ރަށްރަށުގައި ހުންނާނެ. އިއްޔެގެ އެ ހުށަހެޅުން ހުށަހެޅުމުގައިވެސް، ބައެއް ރަށްރަށުގައި އެކަން ހުރި މިންވަރު ފެނިގެންދިޔައީ. އަޅުގަނޑުގެ އެދުމެއް، ތިޔަ ހުރިހާ ބޭފުޅުންވެސް މިތަނުން ވަޑައިގެން، މި ކަންތައްތަކާ ދޭތެރޭގައި ވިސްނާވަޑައިގެން، އަޅުގަނޑުމެންގެ ޤައުމު މިހާރު އޮތް ޙާލަތުން، މި ކަންތައްތަކުގައި އޮތް ޙާލަތުން ސަލާމަތް ކުރުމުގައި އަޅުގަނޑުމެންނާ އެކީގައި މަސައްކަތް ކޮށްދެއްވުން.

ގަބޫލު ކުރައްވަންވާނެ، މިއަދު ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހިނގާ ކޮންމެ ކަމެއްގެ އަސަރު އަޅުގަނޑުމެންނާ ހިސާބަށްވެސް ފޯރާނެ. އެއީ ބަލިމަޑުކަމެއް ކަމަށްވިޔަސް، ހަނގުރާމައެއް ތަނެއްގައި ހިނގި ކަމުގައިވިޔަސް، އަދި ތިމާވެށްޓާ ގުޅޭ ކަމެއް ކަމުގައިވިޔަސް، އަޅުގަނޑުމެންނާ ނުބެހޭ ކަންތައްތަކުގެ އަސަރުވެސް އަޅުގަނޑުމެންނާ ހިސާބަށް އެބަ ފޯރާ. ތިމާވެށި އެއީ، ދެންމެ ޞަބްރާމެން އެ ހުށަހެޅުއްވި ކަރުދާހުގައި އޮތްހެން މުޅި ދުނިޔެއަށް އެ ބޭނުންކުރާ ވިހަ ގޭހުގެ 80 ޕަސެންޓް މި ބޭނުންކުރަނީ 20 ޤައުމުން. އަޅުގަނޑުމެންނެއް އެއަކު ނުހިމެނޭ. އެހެން ނަމަވެސް، އެންމެބޮޑަށް އަސަރުކުރާ އެއް ޤައުމަކީ އަޅުގަނޑުމެން. ސަލާމަތްވާން ކުރަންޖެހޭ ކަންތައްތައް އެބަހުރި.

ކޯވިޑަކީ އަޅުގަނޑުމެންނާ ބެހޭ އެއްޗެއް ނޫން. އެހެން ނަމަވެސް، މުޅި ޤައުމު ބަންދުކޮށްގެން އަޅުގަނޑުމެންނަށް ތިބެން ޖެހިއްޖެ. ކޯވިޑާ ގުޅިގެން ދަތުރުފަތުރު ހުއްޓި، ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ގެއްލުންތަކެއްވި. މާލީ އެތައް ބުރައެއް އުފުލަންޖެހުނު. މިއަދު ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައިގެ އަސަރު އިންތިހާއަށް އެބަ ކުރޭ. ގޮދަނާއި، ކާބޯތަކެތި އެންމެ ގިނައިން އުފައްދާ ދެ ޤައުމުގެ ތެރޭގައި ހިމެނޭ ދެ ޤައުމުން އެއްޗެތި ބޭރެއްނުކުރެވޭ. މުދަލުގެ އަގު އިންތިހާއަށް ބޮޑުވެއްޖެ. އަޅުގަނޑުމެން ބަޖެޓުކޮށްފައި ހުރި މިންވަރުގެ އެތައް ގުނައެއް ޚަރަދުކުރަން އެބަޖެހޭ. މިހިރީ އަޅުގަނޑުމެންނަށް އިޤްތިޞާދީ ގޮތުން، މާލީގޮތުން ކުރިމަތިވެފައި ހުރި ގޮންޖެހުންތައް. މި ހުރިހާ ކަމެއްގެ ތެރޭގައި އަޅުގަނޑުމެން ކުރިއަށްދާން މިޖެހެނީ. އެހެން ނަމަވެސް، އަޅުގަނޑުމެންގެ އިޤްތިޞާދު ދުވެލި ހުރީ އިރާދަކުރެއްވިއްޔާ ރަނގަޅު ދިމާއަށް. ޚަރަދުތައް ބޮޑުވުމާ އެކީގައި، ގެންނަންޖެހޭ ބަދަލުތައް ޕްރޮޖެކްޓްތަކަށް ގެނެސް، ރަނގަޅު މިޞްރާބަށް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދާނަން.

އާދެ، ކުރިންވެސް ދެންނެވިހެން މި ކޮންފަރެންސުން އަޅުގަނޑުމެންނަށް ވަރަށް މުހިންމު، ވަރަށް ބޭނުންތެރި ކަންތައްތަކެއް ހާމަވެގެން ހިނގައްޖެ. ކުރިން 2019 ވަނަ އަހަރު ބޭއްވުނު ކޮންފަރެންސާ މި ކޮންފަރެންސާ ވަރަށް ބޮޑެތި ތަފާތުތަކެއް އެބަހުރި. އަޅުގަނޑު ހިތުން އެއަށްވުރެ ބިނާކުރަނިވި، މިކަން ކުރަން ތިއްބެވި ކައުންސިލަރުންތަކަކާއި، ޑަބްލިޔޫ.ޑީ.ސީ. މެންބަރުންތަކެއް ތިބިކަން އަޅުގަނޑަށް މިއަދު ފާހަގަކުރެވިގެން ހިނގައްޖެ. އެހެންކަމުން، މިއަދުގެ މި ބައްދަލުވުމަށް ހާޒިރުވެވަޑައިގެން ތިއްބެވި މެދު ރާއްޖެތެރެއަށް ނިސްބަތްވާ ކައުންސިލަރުންނަށާއި، ޑަބްލިޔޫ.ޑީ.ސީ.ގެ ހުރިހާ ބޭފުޅުންނަށް، ތިޔަބޭފުޅުން ތިޔަ ޙިއްޞާ ކުރެއްވި ޙިއްޞާ ކުރެއްވުންތަކަށްޓަކައި އަޅުގަނޑުމެން ޝުކުރު އަދާކުރަން.

އަޅުގަނޑުމެން ދެން އަމާޒުހިފާނީ، އުތުރާއި ދެކުނުގެ ކޮންފަރެންސަށް. އިރާދަކުރެއްވިއްޔާ، ލަސްތަކެއްނުވެ އެ ދެ ދާއިރާގެ ކައުންސިލަރުންނާއި، ޑަބްލިޔޫ.ޑީ.ސީ.ގެ މެންބަރުންނާ އެކީގައި، މިފަދަ ބައްދަލުވުމެއްގައި އަޅުގަނޑުމެން ބައިވެރިވެ ކުރިއަށް ގެންދާނަން.

ނިންމާލަމުން އެންމެ ފުރަތަމަވެސް އަޅުގަނޑު ޝުކުރު އަދާކުރަން ބޭނުންވަނީ، އުކުޅަހުގެ ލޮބުވެތި ރައްޔިތުންނަށް. އުކުޅަހުގެ ކައުންސިލާއި، ޑަބްލިޔޫ.ޑީ.ސީ.ގެ މެންބަރުން ތިޔަ އަދާކޮށްދެއްވި މެހްމާންދާރީއަށްޓަކައި، މި ކޮންފަރެންސަށް ހާޒިރުވެ ތިއްބެވި ހުރިހާ ބޭފުޅުންގެ ނަމުގައި އަދިވެސް އެއްފަހަރު އުކުޅަހުގެ ހުރިހާ ބޭފުޅުންނަށް، ރައްޔިތުންނަށާއި، ޑަބްލިޔޫ.ޑީ.ސީ. އަށާއި، ކައުންސިލަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން.

އެލް.ޖީ.އޭ.ގެ ދައުރު ވަރަށްބޮޑު އިންތިޒާމު ކުރުމުގައި. ވޭތުވެދިޔަ ތިން ހަތަރު ދުވަހު ބުރަކޮށް، 24 ގަޑިއިރު ކަހަލަ ގޮތަކަށް، އަފްޝަން ވިދާޅުވި ފަދައިން، ދެރޭ ވެއްޖެ އަފްޝަން ނިދިނުކުރައްވާތާ. ރޭގައި ކުޑަކޮށް ލަސްވެގެންދިޔަ ވާހަކަވެސް ވިދާޅުވި އެކަމާ. އެހެންވީމާ، މިފަދަ ބައްދަލުވުމެއް މިގޮތަށް އިންތިޒާމުކޮށް، ކުރިއަށް ގެންދިޔުމުގައި، އެލް.ޖީ.އޭ.ގެ ފަރާތުން އަދާކުރި ދައުރު އަޅުގަނޑު ފާހަގަކޮށް، އެލް.ޖީ.އޭ.ގެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު އަދާކުރަން. އަޅުގަނޑާ ކިތަންމެ ގާތުން މަސައްކަތްކުރި ނަމަވެސް، ރައީސް އޮފީހުގެ ޕޮލިސީ ޓީމަށާއި، މީޑިއާ، ކޮމިއުނިކޭޝަން ޓީމަށާއި، އަދި ރައީސް އޮފީހުގެ މުވައްޒަފުންނަށް އަޅުގަނޑު މިއަދު ޝުކުރު އަދާކުރަން.

މި ކޮންފަރެންސް ބޭއްވުމުގައި އަދި މި އިންތިޒާމުތައް ރޭވުމުގައި، އެމް.އެން.ޑީ.އެފް.ގެ ފަރާތުން ވަރަށް މުހިންމު ދައުރެއް، އެހީތެރިކަމެއް އަދާކޮށްދެއްވި. މިއަދު އަޅުގަނޑުމެން އެއްވެ މިތިބި ތަން ހަމަޖައްސައިދީ، ބޭނުންވާ އެހީތެރިކަން ކޮށްދެއްވީ، އެބޭފުޅުންގެ ބުރަ މަސައްކަތުން. އަބަދުވެސް މިފަދަ ކޮންމެ ކަމެއްގައި އެމް.އެން.ޑީ.އެފް.ގެ ފަރާތުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި އެމް.އެން.ޑީ.އެފް.ގެ އޮފިސަރުންނަށާއި، ހުރިހާ ބޭފުޅުންނަށާއި، މިނިސްޓަރަށް އަޅުގަނޑު އިޚްލާޞްތެރިކަމާ އެކުގައި ޝުކުރު ދަންނަވަން. ޔޫ.އެސް.އެއިޑް، އައި.އާރު.އައި. އަދި އެމެރިކާ އެމްބަސީގެ ބޭފުޅުން މާލީގޮތުންނާއި އަދި އެހެން ގޮތްގޮތުން އަޅުގަނޑުމެންގެ މި ކޮންފަރެންސް ކުރިއަށް ގެންދިޔުމުގައި ވެދެއްވި އެހީތެރިކަމަށްޓަކައި އަޅުގަނޑު ޝުކުރު އަދާކުރަން.

އަޅުގަނޑު ހިތުން ސަރުކާރުގެ ކުންފުނިތައް ހިންގަވަން ތިއްބެވި ބޭފުޅުން މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަކީ، ރަށްރަށުގައި ހުރި މައްސަލަތައް، އުދާސްތައް އެބޭފުޅުންނާ ހިސާބަށް ވަގުތުން ލިބި، އެކަމަށް ޙައްލު ހޯދުމުގައި ވަރަށް ބޮޑަށް މަޢުލޫމާތު މުއްސަނދިވެގެންދިޔަ ކަމެއް. އަޅުގަނޑު ހިތުން ފެނަކައިން ހިންގަވާ ކަރަންޓްގެ މައްސަލައެއް ކަމަށްވިޔަސް، މަގުމަތީގައި ޖަހާފައި ހުރި ބައްތިތަކަށް ދޭ ކަރަންޓް އަގުހެޔޮކުރަން ވިސްނިކަމުގައިވިޔަސް، އަދި ސްޓެލްކޯއިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައިވެސް ކައުންސިލްތަކުން އެ ހުށަހެޅުއްވި ކަންތަކާ ދޭތެރޭގައި ވިސްނަވާނެ. އެކަމަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު އަދާކުރަން.

އާދެ، މިކަމުގައި ބައިވެރިވެވަޑައިގެންނެވި މިނިސްޓަރުންނަށާއި، ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑުގެ ފަރާތުން، މި އޯގަނައިޒް ކުރި ހުރިހާ ފަރާތުން، އޯގަނައިޒަރުންގެ ފަރާތުން އަޅުގަނޑު ޝުކުރު އަދާކުރަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން އެންމެންނަށް މިއަށްވުރެ އުފާވެރި، ފަސޭހަ، ފާގަތި މާދަމާއެއް ﷲ މިންވަރު ކުރެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.