بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިއަދު ފާހަގަކުރާ، މި އަހަރުގެ ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ އެންމެހައި މުވައްޒަފުންނަށާއި މަސައްކަތްތެރިންނަށް ހެޔޮއެދުންތަކާއި ތަހުނިޔާ ފޮނުވަމެވެ. އަދި މަސައްކަތްތެރިންނާއި މުވައްޒަފުންގެ ޢާއިލާތަކަށާއި، މަސައްކަތްތެރިންގެ ޙައްޤުތައް ހޯދައިދިނުމަށް މަސައްކަތްކުރައްވާ އެންމެހައި މުއައްސަސާތަކާއި ޖަމުޢިއްޔާ ޖަމާޢަތްތަކަށް ވެސް ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވަމެވެ.

ޤައުމެއްގެ އިޤްތިޞާދީ އަދި ޢުމްރާނީ ތަރައްޤީގެ މައި އިންޖީނަކީ، އެ ޤައުމެއްގެ ހީވާގި މަސައްކަތްތެރިންކަން ޔަޤީނެވެ. ދިރިއުޅުމުގެ ފުރާގު ކަށަވަރުކުރުމަށްޓަކައި މަސައްކަތެއް ކުރާ ކޮންމެ މީހެއް، އަދި ވަޒީފާއެއް އަދާކުރާ ކޮންމެ މީހަކުމެ، އެ އަދާކުރަނީ ޤައުމީ ތަރައްޤީގެ ވަރަށް މުހިންމު ދައުރެކެވެ. ޤައުމަށް ދިމާވާ ދަތި އުނދަގޫ ކޮންމެ ޙާލަތެއްގައިވެސް، އެ ޤައުމެއް ދިރި ދެމިއޮންނަނީ، އެ ޤައުމެއްގެ މަސައްކަތްތެރިންގެ ހިތްވަރާއި ބުރަ މަސައްކަތުންކަން ޔަޤީނެވެ. އެހެންކަމުން މަސައްކަތްތެރިންގެ ޙައްޤުތައް ޙިމާޔަތްކޮށް ރައްކާތެރިކޮށްދިނުމަކީ، ޤައުމުގެ ތަރައްޤީއާއި ކުރިއެރުމަށްޓަކައި ކުރެވޭ ވަރަށް އަގުހުރި އިންވެސްޓެކެވެ.

ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރާއިރު، މަސައްކަތްތެރިންގެ ޙައްޤުތައް ފުރިހަމައަށް ލިބިދިނުމަށްޓަކައި ފުރިހަމަކުރަންޖެހޭ ކިތަންމެ ކަމެއް އަދިވެސް އެބަހުރިކަން ހަނދާންކުރަންޖެހެއެވެ. އޭގެ ތެރެއިންވެސް އެންމެ މުހިންމު ކަމަކީ، ކޮންމެ މަސައްކަތްތެރިއަކަށް ވެސް، އެމީހަކު އެ ކުރާ މަސައްކަތުގެ ޙައްޤު މިންވަރު، ލިބިދެވޭކަން ކަށަވަރުކުރުމެވެ. މަސައްކަތް ކުރުވުމަށްފަހުގައި އުޖޫރަ ނުދީ ލަސްކުރުމާއި، ކުރާ މަސައްކަތާ އެކަށޭނަ މިންވަރަށް އުޖޫރަ ނުދިނުމާއި، ފެންވަރު ދަށް ތަންތަނުގައި މުވައްޒަފުން ގެންގުޅުން ފަދަ މައްސަލަތައް، އަދިވެސް އަޅުގަނޑުމެންގެ މުޖުތަމަޢުގެ ތެރޭގައި އެބަހުއްޓެވެ. މިއީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައި މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކޮށްދީފައިވާ މިންގަނޑުތަކާއި އަސާސްތަކާ ޚިލާފު ކަންކަމެވެ.

މިފަދަ ކަންކަން އިޞްލާޙުކޮށް، މަސައްކަތްތެރިންގެ އެންމެހައި ޙައްޤުތައް ފުރިހަމައަށް ލިބިދިނުމަށްޓަކައި ކުރަންޖެހޭ ކަންކަން ސަރުކާރުން މިއަންނަނީ ކުރަމުންނެވެ. އެ ގޮތުން، މިދިޔަ އަހަރުތަކުގެ ތެރޭގައި ކުރެވުނު އެންމެ މުހިންމު އެއްކަމަކީ، ރާއްޖޭގައި މަސައްކަތްކުރާ މީހުންނަށް މުސާރައިގެ ގޮތުން، އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރަ ޤާނޫނީގޮތުން ލާޒިމްކޮށް ތަންފީޒުކުރަން ފެށުމެވެ. ހަމައެއާއެކު، ފަތުރުވެރިކަމުގެ ދާއިރާގައި ދޭ ޚިދުމަތްތަކުން، މުވައްޒަފުންނަށް ސަރވިސް ޗާޖް ދިނުންވެސް، މިހާރުވަނީ ޤާނޫނީ އޮނިގަނޑުގެ ތެރެއިން ލާޒިމްކުރެވިފައެވެ.

މިދިޔަ ދެ އަހަރުގެ ތެރޭގައި، މުޅި ދުނިޔެ ތަޙައްމަލްކުރި ކޯވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ކުރިމަތިވި އިޤްތިޞާދީ ދަތިތަކުން އަރައިގަތުމަށް މިކުރާ މަސައްކަތުގައިވެސް، އެންމެ މުހިންމު ދައުރެއް އަދާކުރަނީ، ތަފާތު ދާއިރާތަކުން ރާއްޖޭގައި މަސައްކަތްކުރާ ހީވާގި މަސައްކަތްތެރިންނެވެ. އެހެން ނަމަވެސް، މަސައްކަތްތެރިކަމުގެ ދާއިރާއަށް އިތުރު ހަކަތަ ފޯރުކޮށްދެވިއްޖެ ނަމަ، ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމުގެ ދުވެލި އެތައް ގުނައަކަށް ހަލުވިވެގެންދާނެކަން ކަށަވަރެވެ. ރާއްޖޭގެ މަސައްކަތްތެރިކަމުގެ ދާއިރާއަށް މިއަދު ބޭނުންވެފައިވާ އެންމެ މުހިންމު ހަކަތައަކީ، ދެ ޖިންސުގެ ދިވެހި ޒުވާނުންގެ ބައިވެރިވުން މިހާރަށްވުރެ އިތުރުކުރުމެވެ. އޭރުން އަޅުގަނޑުމެން ހޯދަން މި މަސައްކަތްކުރާ ތަރައްޤީގެ އައްސޭރި ދާދި ފަސޭހައިން ފެންނާނެކަން ޔަޤީނެވެ.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، ތަފާތު ރޮނގުރޮނގުންނާއި، ތަފާތު ދާއިރާތަކުން ރާއްޖޭގައި ވަޒީފާ އަދާކޮށް މަސައްކަތްކުރާ އެންމެންގެ މަސައްކަތުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި ހެޔޮ ތައުފީޤު ދެއްވުމެވެ. ތަރައްޤީގެ މަސައްކަތުގައި ބައިވެރިވެ، ޤައުމު ކުރިއަށް ގެންދިޔުމުގައި ޝާމިލުވުމުގެ ހެޔޮ ވިސްނުން ދިވެހި ޒުވާނުންނަށް ދެއްވައި، ދިވެހި އުންމަތަށް ތާއަބަދުގެ ތިޔާގިކަމާއި ފާގަތިކަން ދެއްވާށިއެވެ. ހުރިހާ މަސައްކަތްތެރިންނަށް އަދަށްވުރެ ފަހި މާދަމާއެއް މިންވަރު ކުރައްވައި އުޖާލާ ކުރިމަގެއް މިންވަރު ކުރައްވާށިއެވެ. އާމީން.