ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދުބާއީ އެކްސްޕޯ 2020އަށް ޒިޔާރަތް ކުރައްވައި އެކްސްޕޯ ބައެއް ޕެވިލިއަންތައް ބައްލަވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތްކުރެއްވި ޕެވިލިއަންތަކަކީ ދިވެހިރާއްޖޭގެ ޕެވިލިއަން، ސިންގަޕޫރުގެ ޕެވިލިއަން، އިޓަލީގެ ޕެވިލިއަން އަދި ވިޝަން ޕެވިލިއަން އެވެ.

އެކްސްޕޯގެ ދިވެހިރާއްޖޭގެ ޕެވިލިއަން އިން ދައްކުވައިދެނީ މޫސުމަށް އަންނަ ބަދަލުތަކަށް ޙައްލެއް ހޯދުމުގައި ދެމެހެއްޓެނިވި ގޮތެއްގައި ޢަމަލުކުރާ ގޮތްތަކާއި، ތިމާވެށީގެ ދާއިރާއިން ރާއްޖެއިން ހޯދާފައިވާ ކުރިއެރުންތަކެވެ. ސިންގަޕޫރުގެ ޕެވިލިއަން އިން ދައްކުވައިދެނީ ބަގީޗާއެއްގެ ގޮތަށް އޮންނަ ދިރިއުޅެން ފަސޭހަ ސިޓީއެކެވެ. އަދި ސިންގަޕޫރުގެ އީޖާދީ ވިސްނުންތައް މި ޕެވިލިއަން އިން ދައްކުވައިދެއެވެ. އިޓަލީގެ ޕެވިލިއަންއިން އިޓަލީން އެކި ދާއިރާތަކުން ހުރި ފުރުޞަތުތަކާއި ޙާޞިލުކޮށްފައިވާ ކުރިއެރުންތަކާއި އިޖާދީކަންކަމާއި އުފެއްދުންތެރިކަން ފެނިގެންދެއެވެ.

މީގެ އިތުރުން ވިޝަން ޕެވިލިއަންއަކީ ޔޫ.އޭ.އީ.ގެ ނައިބު ރައީސް އަދި ބޮޑުވަޒީރު އަދި ދުބާއީގެ ވެރިޔާ ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމްގެ ވިސްނުންފުޅުތަކާއި ތަޞައްވުރުތައް ދައްކުވައިދޭ ޕެވިލިއަންއެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ އަބޫދާބީގެ ވަލީއަޙުދު އަދި ޔޫ.އޭ.އީގެ އާމްޑް ފޯސަސްގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރ، ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާންގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.