ރާއްޖޭގައި މި ދުވަސްވަރު ކޯވިޑް-19 ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުވަމުންދާތީ ކޯވިޑް-19ގެ ޙާލަތާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާކުރައްވައިފިއެވެ.

މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ކޯވިޑް-19 ގެ ޙާލަތާ ގުޅޭގޮތުން މަޝްވަރާކުރައްވަމުން ވަޒީރުންގެ މަޖިލީހުގެ މެންބަރުން ވަނީ ކޯވިޑް-19 ބަލި ހުރިކަން ދެނެގަތުމަށް ހަދަންޖެހޭ ޓެސްޓް، އާންމުންނަށް ފަސޭހަކަމާއެކު ހެދޭނެ ގޮތްތައް ހަމަޖެއްސެވުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި މީގެ އިތުރުން ކޯވިޑް-19 ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހުމުގެ ކަންކަން ފުޅާކުރައްވާއިރު، ކުރު މުއްދަތެއްގެ ތެރޭގައި ވީހާވެސް ގިނަ ފަރާތްތަކަށް ވެކްސިން ޖެހޭނެ އިންތިޒާމުތައް، އާންމުންނަށް އެންމެ ލުއިފަސޭހަވާނެ ގޮތަކަށް ހަމަޖެއްސެވުމާ ގުޅޭގޮތުންވެސް މިއަދުގެ ވަޒީރުންގެ މަޖިލީހުގައި މެންބަރުން މަޝްވަރާކުރެއްވިއެވެ.