މި ސަރުކާރަކީ އަބަދުވެސް ރައްޔިތުންގެ އަޑު އަހާނެ ސަރުކާރެއް ކަމަށާއި، މަޝްރޫޢުތައް ކުރިޔަށް ގެންދިޔުމާއި ގޮތް ނިންމުމުގައި ރައްޔިތުންގެ ވިސްނުމަށް ސަރުކާރުން ރިޢާއަތްކުރާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މި ފަދައިން ވިދާޅުވެފައި ވަނީ ނ. ލަންދޫ ބަނދަރު އިފްތިތާޙްކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މިއަދު މެންދުރު ފަހު ލަންދޫ ބަނދަރު ސަރަޙައްދުގައި ބޭއްވެވި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، މިއަދަކީ ލަންދޫގެ ރައްޔިތުންނަށް މި ސަރުކާރުން ވީ ދެ ވަޢުދެއް ފުދިގެންދާ ދުވަސްކަން ފާހަގަކުރެއްވިއެވެ. އަދި، ލަންދޫ ބަނދަރު މަޝްރޫޢަކީ ލަންދޫ ރައްޔިތުން އެ މަނިކުފާނުގެ އަރިހުގައި ދެންނެވި ގޮތަށް ކުރިޔަށް ގެންދެވުނު މަޝްރޫޢަކަށް ވުމަކީ އިތުރު ހިތް ހަމަޖެހުމެއް އެ މަނިކުފާނަށް ލިބިވަޑައިގެންނެވި ކަމެއް ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ސަރުކާރުން މިހާތަނަށް ވަނީ ބަނދަރާ ޖެޓީގެ ގޮތުގައި 25 ތަނެއް ނިންމާފައި ކަމަށާއި، 39 ރަށެއްގައި ޢަމަލީ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމުގައި ވިދާޅުވިއެވެ. އަދި، އެ މަނިކުފާނު ވިދާޅުވިގޮތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަދާ 128 ބަނދަރެއް 5 އަހަރުގެ މި ދައުރު ނިމުމުގެ ކުރިން ނިންމުމަށް ސަރުކާރުން އަމާޒު ކޮށްފައިވެއެވެ.

މީގެ އިތުރުން ވެސް ލަންދޫގައި މިއަދު ހުޅުވާ މިސްކިތް އެޅުމުގެ މަސައްކަތް ފަށައިގަތް އިރު އެއީ 300 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށާއި، މިހާރު އެ މިސްކިތުގެ ހުރިހާކަމެއް ނިމިގެން އެ ދަނީ ރައްޔިތުންގެ އެދުމާއި އެއްގޮތަށް 500 މީހުންގެ ޖާގައިގެ މިސްކިތެއް ގޮތުގައި ކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި އަހަރު ތެރޭގައި ލަންދޫގެ ޢުމްރާނީ ތަރައްޤީއަށް ސަރުކާރުން ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ބައެއް މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވާފައެވެ.

އެ މަނިކުފާނުގެ ވާހަކަފުޅުގައި ރާއްޖޭގެ ޢުމްރާނީ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކުރިޔަށް ގެންދިޔަ ނަމަވެސް ރައްޔިތުންނަށް އަމާންކަމާއެކު ދިރިއުޅެވޭނީ ޢިޖްތިމާއީ މައްސަލަ ޙައްލުކުރެވިގެން ކަމުގައި ވިދާޅުވިއެވެ. މި ގޮތުން ރާއްޖޭގައި އޮތް މަސްތުވާތަކެތީގެ ވަބާގެ މައްސަލަ ޙައްލުކުރުމަށް ނޭޝަނަލް ޓާސްކް ފޯސްއެއް ޤާއިމްކޮށްފައިވާ ކަމަށާއި، އެ ޓާސްކް ފޯސްގެ މަސައްކަތުގެ ނަތީޖާ މި އަހަރުގެ މެދުތެރޭގައި ފެންނާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. މި މައްސަލަ ޙައްލުކުރުމަށް ކުރަމުންދާ މަސައްކަތުގައި ބޭރުގެ އެހީތެރިކަން ހޯދާނެކަމަށާއި ރާއްޖޭގެ ބޯޑަރުތައް ބަލަހައްޓާނެ ކަމުގައި ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ލަންދޫ ކައުންސިލްގެ ފަރާތުން ހަނދާނީ ހަދިޔާއެއް ވެދުން ކުރައްވާފައެވެ. އަދި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ސަރުކާރުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިއަދު ނ. ލަންދޫގައި އިފްތިތާޙްކުރި ބަނދަރަކީ 35.6 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މި މަޝްރޫޢަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އާ ޙަވާލުކޮށްގެން ސަރުކާރުން ކުރިޔަށް ގެންދެވި މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ބަނދަރުގެ އެތެރެތޮއްޓާއި ބޭރުތޮށިލުމުގެ މަސައްކަތާއި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

މި ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ލަންދޫގައި އަލަށް ޤާއިމުކުރި 500 މީހުންގެ ޖާގައިގެ މިސްކިތް ވެސް ހުޅުއްވައިދެއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ލަންދުއަށް މި ކުރައްވާ ދަތުރުފުޅަކީ މިލަދުންމަޑުލު ދެކުނުބުރީގެ ފަސް ރަށަކަށް މިއަދު ފެއްޓެވި ދެ ދުވަހުގެ ދަތުރުފުޅުގެ ދެވަނަ މަންޒިލެވެ. އެ މަނިކުފާނުގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.