بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ގަދަކީރިތިވަންތަ اللَّـهُ سُبْحَانَهُ وَتَعَالَىٰ ގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. މި އުންމަތުގެ ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم ގެ ކިބަޔަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މަންތާ އެއަރގެ ސީ.އީ.އޯ. މުޙައްމަދު ޚަލީލް، ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑޮކްޓަރ މުޞްޠަފާ ލުޠުފީ، މަންތާ އެއަރގެ މެނޭޖްމަންޓްގެ އިސްބޭފުޅުން، އަދި މަންތާ އެއަރގައި މަސައްކަތް ކުރައްވާ ހީވާގި މުވައްޒަފުން، އަދި ވަކިން ޚާއްޞަކޮށް، މިއަދު މި ފެށޭ މުހިންމު ޕްރޮގްރާމްގެ އެންމެހައި ބައިވެރިން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، އެންމެ ފުރަތަމަވެސް، މިފަދަ މުހިންމު، ޤައުމަށް އެހާ ބޭނުންވާ ދާއިރާއަކަށް މީހުން ތަމްރީނު ކުރުމުގެ މި ޙަފްލާ ފެށުމުގެ މި ވަގުތުކޮޅުގައި އަޅުގަނޑަށް ފުރުޞަތު ލިބުނީތީ، އެކަމަށްޓަކައި މަންތާ އެއަރގެ އެންމެހައި ހީވާގި މުވައްޒަފުންނަށް އަދި ސީ.އީ.އޯ.އަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، މަންތާ އެއަރ ވަނީ ވޭތުވެދިޔަ ތިން އަހަރު ދުވަހު ތެރޭގައި ވަރަށް ބޮޑެތި ކުރިއެރުންތަކެއް ހޯދާފައި. އަޅުގަނޑަށް އެންމެ ބޮޑަށް މި ފާހަގަކޮށްލެވުނުކަމަކީ، މި އެއަރލައިންގެ ކުރިއެރުމާއެކު، އިތުރަށް ދެމެހެއްޓުމަށްޓަކައި، ކުރިއެރުމަށްޓަކައި، މީހުން ބިނާކުރުމަށްޓަކައި ޚާއްޞަކޮށް މި ފެށި ޕްރޮގްރާމް.

އާދެ، އެނގިވަޑައިގަންނަވާނެ، ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް މިވަނީ ބޮޑެތި ބަދަލުތަކެއް، އިންޤިލާބީ ބަދަލުތަކެއް އައިސްފައި. ތަންކޮޅެއް އުމުރުން ދުވަސްވީ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ކުރީގައި ދިވެހިރާއްޖޭގެ ދަތުރުފަތުރުގެ ކަންތައްތައް އޮތްގޮތް. އާދެ، އަޅުގަނޑުމެން މީގެ ވިއްސަކަށް އަހަރު ކުރިއަށް ބަލައިލިނަމަވެސް، ދަތުރުފަތުރު ކުރުމުގައި ހުރި ތަކުލީފުތައް. އާދެ، އަޅުގަނޑު މި ދަންނަވަނީ ވަކިން ޚާއްޞަކޮށް، ދުރު ހިސާބުތަކުގެ، ދުރު އަތޮޅުތަކުން، ރަށްތަކުން އެކި ބޭނުންތަކުގައި ޚާއްޞަކޮށް، މާލެއަށް، ނޫނީ އެހެނިހެން ދިމަދިމާއަށް ދަތުރުކުރާއިރު، އެއޮތް ތަކުލީފުގެ ވާހަކަ. އެހެންނަމަވެސް، މިއަދު އަޅުގަނޑުމެންނަށްމި ފެންނަނީ ޚާއްޞަކޮށް، ވައިގެމަގުން ނެޓްވަރކެއް ގުޅާލުމުން، އޭގެ ފަސޭހަކަން މުޅި ދިވެހި ރައްޔިތުންނަށްވެސް ލިބިގެންދާތަން.

އާދެ، ހަމަ މިއާއެކު އެނގިވަޑައިގަންނަވާނެ، ޓޫރިޒަމް ދާއިރާގައި އަޅުގަނޑުމެން މުޅި ދުނިޔޭގެ ޤައުމުތަކާ އަޅައިބަލައިފި ކަމަށްވަންޏާ ދިވެހިރާއްޖެއަކީ އެންމެ މަޤްބޫލު، އެންމެ ހިތްގައިމު، ޗުއްޓީ ހޭދަކޮށްލުމަށްޓަކައި ބުރަ ދުވަސްތަކަކަށްފަހު، ހަމަ ނޭވާއެއްލާން، ޢާއިލާއާއެކު ވަގުތު ހޭދަކޮށްލުމަށްޓަކައިވެސް، އެންމެ މަޤްބޫލު، އެންމެ ފެވަރިޓް ޑެސްޓިނޭޝަން.

އާދެ، ކުރިއަށްޖެހިލާއިރުވެސް، ރިޒޯޓުތަކަށް ދަތުރުކުރުމަށްޓަކައިވެސް ހަމަ އޮތީ ވަރަށް ދަތި އުނދަގޫ ގޮތްތަކެއް. އެހެންނަމަވެސް، މިއަދު އަޅުގަނޑުމެންނަށް މި ފެންނަނީ، ޚާއްޞަކޮށް، އޭވިއޭޝަން އިންޑަސްޓްރީ ފުޅާވެގެން ދިޔުމާއެކު، ވަރަށް ބޮޑަށް ފަސޭހަވެ، ވިޔަފާރި ޚާއްޞަކޮށް، އިކޮނޮމީ ކުރިއެރުވުމަށްޓަކައިވެސް އޭގެ ސަބަބުން ވަރަށް ފުޅާ ފުރުޞަތުތަކެއް ލިބިގެންދާތަން އަޅުގަނޑު ހަމަ މީގައި ފާހަގަކޮށްލަން، މީގެ ތެރޭގައި ޚާއްޞަކޮށް، ސީޕްލޭން އޮޕަރޭޝަން. އެނގިވަޑައިގަންނަވާނެ، ދިވެހިރާއްޖެ މިވަނީ މުޅި ދުނިޔެއަށްވެސް ނަމޫނާ ކަމަށް. މަންތާ އެއަރ، ގާތްގަނޑަކަށް ތިން އަހަރު މިއަދު ގުނަމުންދާއިރު، މި ފެންނަނީ ކުރިއެރުންތަކުގެ ތެރެއިން ޚާއްޞަކޮށް، ސީޕްލޭން އޮޕަރޭޝަން ފުޅާވެ، އެކަންތައްތައްވެސް ކުރިއަށްދާތަން.

އަޅުގަނޑަކީ މީގެ ގާތްގަނޑަކަށް ވިއްސަކަށް އަހަރު ކުރިން ޚާއްޞަކޮށް، ސީޕްލޭންގައި އެންމެ ގިނައިން ދަތުރުކުރެވުނު އެކަކުހެން އަޅުގަނޑަށް ހީވަނީ. އަޅުގަނޑަކީ ޕައިލެޓެއް ނޫން. އެހެންނަމަވެސް، އަޅުގަނޑު އޭރު ދަތުރުވެރިއެއްގެ ގޮތުގައި، ޕެސެންޖަރެއްގެ ގޮތުގައި، އަޅުގަނޑު އެކިއެކި މަސައްކަތްތަކުގައި ދަތުރުކުރީ. ދުވާލަކު ދެފަހަރުވެސް އެކި ދިމަދިމާއަށް ސީޕްލޭންގައި އަޅުގަނޑު ދަތުރުކުރަންޖެހުނު. އެހެންނަމަވެސް، ވިއްސަކަށް އަހަރު ކުރިއަށް ބަލައިފި ކަމަށްވަންޏާ، އެ ދަތުރުތަކުން ވަރަށްމަދުން އަޅުގަނޑަށް ދިވެހިން ފެނިގެންދިޔައީ. މައިގަނޑު ގޮތެއްގައި ކަނާތްފަރާތުގައިވެސް، ވާތްފަރާތުގައިވެސް، ދެ ގޮނޑީގައިވެސް ތިބީ ބޭރު މީހުން. އެހެންނަމަވެސް، އަޅުގަނޑުމެން މިއަދު ސީޕްލޭނަކަށް އަރައި އަދި އަޅުގަނޑުމެންގެ ޑޮމެސްޓިކް އޮޕަރޭޝަންގެ އެއަރ ކްރާފްޓަކަށް އަރައި ބަލައިފި ކަމަށްވަންޏާ، އަޅުގަނޑަށް ހީވަނީ އެ މަންޒަރު މުޅިން ބަދަލުވަމުންދާތަން އަޅުގަނޑުމެންނަށް އެބަ ފެނޭހެން.

އަޅުގަނޑުމެންނަށް ބައެއްފަހަރު ހީވަނީ ކަންތައްތައް ކުރަން އަޅުގަނޑުމެންނަށް އުނދަގޫވެދާނެއޭ. ޙަޤީޤަތަކީ އެއީ ޢަޒުމާއެކު ކުރާ މަސައްކަތަކުން އެކަން ބަދަލުވަމުންދާކަން. ވަރަށް ކުރީގައި އަޅުގަނޑުމެން ހީކުރަނީ ކެބިންކުރޫއަކަށްވެސް، އެއީ ވަރަށް އުނދަގޫ ކަމެކޭ. އަޅުގަނޑު މި ދެންނެވީ ބޭރުގެ އެއަރލައިންތަކުގެ ވާހަކަ. އެހެންނަމަވެސް، މިއަދު އެހެނިހެން އެއަރލައިންތަކުންވެސް އަޅުގަނޑުމެންނަށް ދިވެހިން ފެނޭ. އަޅުގަނޑު ދަންނަވާނީ މާ ފުރިހަމައޭ މަސައްކަތްވެސް.

އެހެންވީމާ، ޚާއްޞަކޮށް، މިފަދަ ޕްރޮގްރާމެއް ފެށިގެންދާއިރު، މި ޕްރޮގްރާމްގެ ބައިވެރިން، ޒުވާނުން ވިސްނާލަންވީ ކަމަކީ ހަމަ ކޮންމެ ކަމަކީވެސް ކުރެވޭނެ ކަމެއްކަން. އެ ކަންތައްތަކަށް ބޭނުންވަނީ ވަރަށް ވަރުގަދަ ޑިޓަރމިނޭޝަނެއް. އެ ކޮމިޓްމަންޓް ބޭނުންވަނީ. ކޮންސިސްޓަންސީ، ކޮންސެންޓްރޭޝަން ބޭނުންވަނީ. ތިމާ ކުރާ ކޮންމެ ކަމެއް ރަނގަޅު ގޮތުގައި ކުރުމަށާއި، ތިމާ އެ ކުރާ ކަމެއްގެ އެންމެ ކުރީ ސަފަށް އެރުމުގެ ޢަޒުމް އޮތް ކަމަށްވަންޏާ، އަޅުގަނޑު ދަންނަވާނީ ދިވެހިންނަށް ހަމަ ނުކުރެވޭނެ އެއްވެސް ކަމެއް ނެތޭ. ޙަޤީޤަތަކީ އަޅުގަނޑުމެންނަކީ މާ އަވަހަށް ކަންތައްތައް ދަސްކުރެވޭ، މާ ތޫނުފިލި ބައެއް. އަޅުގަނޑުމެންނަށް އެކަން ފެނޭ. ދުނިޔޭގެ ޤައުމުތަކުގައި، ޔުނިވަރސިޓީތަކާއި ކޮލެޖުތަކުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ބަލައިލިޔަސް، އަދި ދުނިޔޭގެ އެހެނިހެން ޤައުމުތަކުގައި މަސައްކަތްކުރާ ދިވެހިންނަށް ބަލައިލިނަމަވެސް، އަބަދުވެސް ދިވެހިން ފާހަގަވޭ، ދިވެހިން އެ މަސައްކަތް ކުރާ ތަނެއްގައި، އެންމެ ކުރީ ސަފުގައި، އެންމެ ބޮޑަށް ގުނާލެވޭ މީހުންގެ ގޮތުގައި.

އެހެންވީމާ، މިއަދު ޚާއްޞަކޮށް، ޒުވާން ތިޔަކުދިންނަށް އަޅުގަނޑު ދޭން އޮތް ނަސޭހަތަކީ، ކުރިއެރުމަށްޓަކައި ހިތްމަތާއެކު މަސައްކަތްކުރާށޭ. ދިވެހިރާއްޖެއަށް ބޭނުންވަނީ މިފަދަ މަސައްކަތްތެރި، ޤައުމައިގެން ކުރިއަށްދާނެ ރަނގަޅު ޖީލެކޭ. މާދަމާ، ޤައުމާ ހަވާލުވާން ތިބި ބަޔަކީވެސް ތިޔަކުދިންނޭ. އަދި ވަކިން ޚާއްޞަކޮށް، މިއަދު ޒުވާނުންގެ ވިސްނުމުގައި ހުންނަންވީ، ޤައުމަށް އެންމެ ބޭނުންވަނީ ކޮންކަމެއްތޯ ބެލުން. ޤައުމަށް އެންމެ ބޭނުންވާ ދާއިރާތަކުން ކުރިއަށް ދިޔުމަކީ އެއީ އަޅުގަނޑަށް ހީވަނީ ތިމާގެ އަމިއްލަ ނަފްސަށާއި، މުޅި ޤައުމަށްޓަކައި ކުރެވޭ ކަމެއް. ޢާއިލާއަށްޓަކައި ކުރެވޭ ކަމެއް. މުޅި މުޖުތަމަޢަށްޓަކައި ކުރެވޭ ކަމެއް. ތިމާގެ ރަށްޓެހިންނަށް، ދަރިންނަށް ނަމޫނާ ދެއްކުމަށްޓަކައިވެސް ކުރެވޭ ކަމެއް.

އެހެންވީމާ، އަޅުގަނޑު ތިޔަކުދިންނަށް ވަރަށް ފުރިހަމަ ކާމިޔާބީއަކަށް އެދެން. އަޅުގަނޑު އެދެނީ، ތިޔަކުދިންނަށް ދަސްވާ އެއްޗެއްގެ ފުރިހަމަ ބޭނުން ﷲ އިރާދަފުޅާއެކު ހިފުން. ހަމައެކަނި ދިވެހިރާއްޖެއަކު ނޫން މި އިންޑަސްޓްރީ އޮތީ. ދިވެހިރާއްޖެއިން ބޭރުގައި އެހެން ޤައުމުތަކުގައިވެސް ޚާއްޞަކޮށް، މި އިންޑަސްޓްރީއަކީ ވަރަށް ބޮޑަށް ކުރިއަރަމުންދާ އިންޑަސްޓްރީއެއް.

ކޯވިޑް-19ގެ ބަލިމަޑުކަމުގައި އެއަރލައިންތައް އަދި ހުއްޓިފައި މިގޮތަށް އޮތްނަމަވެސް އިރާދަކުރެއްވިއްޔާ، އަބަދަކު އެގޮތަކަށް ކަންތައްތަކެއް ނޯންނާނެ. އަޅުގަނޑުމެންނަށް އޮންނަނީ އަބަދުވެސް އަޑިގަނޑަކަށްފަހު އުސްގަނޑެއް އައުން. އެހެންވީމާ، މިއަދު އަޅުގަނޑުމެން ހުރިހާ ދިވެހި ރައްޔިތުންނާއި، އިރާދަކުރެއްވިއްޔާ، މުޅި ދުނިޔޭގެ ހުރިހާ އެންމެންގެވެސް އުންމީދަކީ، އަޅުގަނޑުމެންނަށް މި އަޑިގަނޑުން އަރައިގަނެ، ނޯމަލް ދިރިއުޅުމަކަށް، މަސައްކަތުގެ މާޙައުލަކަށް ބަދަލުވެ، ކުރީގައިވެސް ލިބެމުންދިޔަ ފުރުޞަތުތައް އިތުރަށް ލިބިގެންދިޔުން. އެހެންވީމާ، އަޅުގަނޑުގެ ނަސޭހަތަކީ، މިދެންނެވި ކަންކަން ތިޔަކުދިންގެ ވިސްނުމުގައި ބަހައްޓައިގެން، ރާއްޖެއާއި ރާއްޖެއިން ބޭރުގައިވެސް ޚިދުމަތްކޮށް، ދިވެހި ޤައުމަށާއި، ތިމާގެ އަމިއްލަ ނަފްސަށްވެސް އެ ރީތި ނަމާއި، އެ ހިތްހަމަޖެހުން ހޯދުން.

އާދެ، މީހުން ބިނާކުރުމުގެ ދާއިރާ، އެއީ ސަރުކާރުންވެސް ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދޭ ދާއިރާއެއް. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އެންމެ ބޮޑު އަމާޒެއްގެ ގޮތުން، އެންމެ ބޮޑު އިންވެސްޓެއް ކުރެވިގެން މިދަނީ، މި ސަރުކާރުން މީހުން ބިނާކުރުމަށްޓަކައި. އޭގައި ސަބަބުތަކެއް ހުރެގެން. އަޅުގަނޑުމެންގެ ދާއިރާތަކަށް ބަލައިލާއިރު، ޓޫރިޒަމް އިންޑަސްޓްރީ، އަޅުގަނޑު ކުރީގައި މި ދެންނެވީ، މުޅި ދުނިޔޭގައި އެންމެ މަޤްބޫލު މަންޒިލެއްގެ ގޮތުގައި، ވަރަށް ބޮޑަށް ކުރިއަރަމުން އަންނަ މަންޒިލެއްގެ ގޮތުގައި، ތަނެއްގެ ގޮތުގައި، ދިވެހިރާއްޖޭގެ ރިޒޯޓުތައް މިވަނީ.

އެނގިވަޑައިގަންނަވާނެ، އިއްޔެ މިވަނީ އަޅުގަނޑުމެން މި އަހަރަށް ކަނޑައަޅާފައިވާ ޓާގެޓަށްވެސް ރީޗް ކުރެވިފައި. ޓޫރިސްޓް އެރައިވަލް. އާދެ މިކަމުންވެސް އަޅުގަނޑުމެން އެބަޖެހޭ، އިތުރަށް މީހުން ބިނާކުރުމަށްޓަކައި މަސައްކަތްތައް ކުރަން. އަޅުގަނޑު މި ދެންނެވީ، ޓޫރިޒަމް އިންޑަސްޓްރީގެ އެކިއެކި މަގާމުތަކާއި، އޭވިއޭޝަން އިންޑަސްޓްރީއާއި އަދި ހެލްތު ކެއަރ ދާއިރާގެ އެކިއެކި ހޮސްޕިޓަލްތަކާއި، ޓެކްނިކަލް ދާއިރާގެ މަގާމުތަކުގެ ވާހަކަ. ހަމައެކަނި އޭވިއޭޝަނަށް ވިސްނައިފި ކަމަށްވަންޏާ، ދެންމެ ސީ.އީ.އޯ. ޚަލީލު ވިދާޅުވިގޮތަށް، އޮތީކީ އެންމެ ދާއިރާއެއް ނޫން. އަޅުގަނޑުމެންނަށް ކެޕްޓަން އިޙްސާން އެބަ ފެނޭ. ހަމައެކަނި އެއެއްނޫން އޮތް ކަމަކީ. ވަރަށް ގިނަ ކަންތައްތައް އެބަހުރޭ. އިންޖިނިއަރިންގ އެބައޮވޭ. ގްރައުންޑް އޮޕަރޭޝަން އެބައޮވޭ. ކެބިންކުރޫ، ސޭފްޓީ ސެކިއުރިޓީ، ވަރަށް މުހިންމު ދާއިރާއެއް.

އެހެންވީމާ، މިހިރަ ކަންތައްތަކަށް ވިސްނައި، މިއަދު ޒުވާނުން ކުރިއަށްދާންވީ. އަޅުގަނޑު ޤަބޫލުކުރަނީ އަޅުގަނޑުމެންގެ ތެރޭގައި ތިބެންވާނީ މި ދާއިރާތަކުން ކުރިއަށް ގޮސްފައިވާ ދިވެހިންނޭ. އަޅުގަނޑުމެން ބޭރުމީހުން ގެންނާނީ އަޅުގަނޑުމެންގެ ދިވެހިން ނެތްކަމަށްވަންޏާއޭ. އަޅުގަނޑުމެންގެ ކަންތައްތައް ކުރުމުގައި އަބަދުވެސް ދިވެހިން އެކަމެއްގައި ޝާމިލުވުމަކީ އެއީ ޤައުމަކަށްޓަކައި ކުރެވޭނޭ، ޤައުމުގެ ކުރިއެރުމަށްޓަކައިވެސް ކުރެވޭނޭ އެންމެ ރަނގަޅު ކަންތައް.

އާދެ، މިދެންނެވި ގޮތަށް، ސަރުކާރުން މި ދެއްވާ ސަމާލުކަމާއެކު، އަޅުގަނޑުމެންނަށް އެބަ ފެނޭ، އަމިއްލަ ކުންފުނިތަކުން ވަރަށް ބޮޑު ހޭދަތަކެއް ކުރައްވާތަން، މީހުން ބިނާކުރުމުގެ ދާއިރާއަށް. އަޅުގަނޑުމެން ޤަބޫލުކުރަންވާނެ، އަޅުގަނޑުމެންގެ ތެރޭގައި، އަޅުގަނޑު ކުރީގައިވެސް މި ދެންނެވިފަދަ ލަގްޒަރީ ހައި އެންޑް ރިޒޯޓުތައް ހުރެ، އަދި އޭވިއޭޝަން ދާއިރާގައިވެސް އަޅުގަނޑުމެންނަށް އެންމެ ރީތި އެއަރ ކްރާފްޓްތަކާއި، އެންމެފަހުގެ އެއަރ ކްރާފްޓްތައް، އަޅުގަނޑުމެން ގެންގުޅޭއިރު، އަދި ހޮސްޕިޓަލްތައް، ޒަމާނީ ވަސީލަތްތަކާއެކު އަޅުގަނޑުމެންގެ ތެރޭގައި ހުންނައިރު، އެ ޚިދުމަތް ދިނުމަށްޓަކައި އެންމެ އަޕްޑޭޓް، އެންމެފަހުގެ މަޢުލޫމާތުތަކާއި، އެކަން އެންމެ ރަނގަޅަށް ކުރެވޭނޭފަދަ މީހުން އަޅުގަނޑުމެން ބިނާނުކުރާހާ ހިނދަކު، އަޅުގަނޑުމެންނަކަށް އޭގެ ބޭނުމެއް ނުހިފޭނެ.

ކިތަންމެ ރީތި ރިޒޯޓެއް ހެދިޔަސް، އެތަނުގައި އެންމެ މުހިންމު މިވަނީ އެ ސަރވިސް. އަޅުގަނޑުމެން އެބަޖެހޭ، ސަރވިސް އޮރިއެންޓަޑް ބަޔަކަށްވާން. ޚިދުމަތަކީ އެއީ ހިތުންދޭ އެއްޗެއްކަން. ތިމާ ހިތްހަމަޖެހިގެން، އުފަލުން، މަޖުބޫރުކަމެއްނެތި، ކުރާހިތުން ކުރާ ކަމެއްކަން، އަޅުގަނޑުމެން ޤަބޫލުކުރަން އެބަޖެހޭ. އެހެންވީމާ، މީހުން ބިނާކުރުމަށްޓަކައި އިތުރު މަސައްކަތްތައްވެސް އަދިވެސް ކުރަން އެބަޖެހޭ. އަމިއްލަ ކުންފުނިތަކުން ކުރައްވާ އެ މަސައްކަތްތައް އަޅުގަނޑު ފާހަގަކުރަމުން، އިތުރަށްވެސް ދަންނަވަން އޮތީ، ރާއްޖޭގައި މިހާ ފުޅާ ދާއިރާއެއްގައި ކަންތައްތައް ކުރިއަރަމުންދާއިރު، ކުރިމަގަށް ވިސްނައި، މީހުން ބިނާކުރުމަށްޓަކައި އަދިވެސް އިތުރު ސަމާލުކަން އަޅުގަނޑުމެން ދޭން އެބަޖެހެއޭ.

އާދެ، މަސައްކަތް ކުރުމުގަޔާއި އަދި ކިޔެވުމުގައި އުޅޭއިރުވެސް ހަނދާންކުރަން އެބަޖެހޭ، އެކަކު އަނެކަކަށް އެހީތެރިވެދިނުން. އަބަދުވެސް ގުޅިގެން މަސައްކަތް ކުރަން އެބަޖެހޭ. އޯގާތެރިކަން އިސްކުރަން އެބަޖެހޭ. ތިމާއަށް އެނގޭ އެއްޗެއް ތިމާގެ ކޮލީގަކަށް، އެހެން މީހަކަށް، އެހެން ކުއްޖަކަށް، ކިޔައިދިނުމަކީ އެއީ، ތިމާއަށް ލިބޭ އުފަލެއްގެ ގޮތުގައި އަޅުގަނޑުމެން އެބަޖެހޭ ބަލައިގަންނަން. ދުނިޔެއަކީ ބަދަލުވަމުންދާ ތަނެއްކަން، އަޅުގަނޑުމެން ޤަބޫލުކުރަން އެބަޖެހޭ. އިއްޔެ އަޅުގަނޑުމެން ކިޔެވި އެއްޗެއްގެ ބޭނުން، މިއަދު ނުހިފޭތަންވެސް އެބައާދޭ.

އެހެންވީމާ، ކޮންމެ ކުއްޖަކުވެސް އަބަދުވެސް އެބަޖެހޭ، އާ ކަންތައްތައް ދަސްކުރަން. ކޮންމެ ދުވަހަކުވެސް އެއްޗެހިތައް ކިޔައި، ދުނިޔޭގެ އެހެން ޤައުމުތަކުގެ، އެ ދާއިރާތަކުގެ މީހުން ކަންތައްތައް ކުރާގޮތް އަޅުގަނޑުމެން ބަލަން އެބަޖެހޭ. ދަސްކުރަން އެބަޖެހޭ. އެއީ، އަޅުގަނޑުމެންނަށް ކުރިއެރުން ހޯދުމަށްޓަކައި ކުރެވޭނެ ވަރަށް ބޮޑު މަސައްކަތަކަށްވާނެ ކަމުގައި އަޅުގަނޑު ޤަބޫލުކުރަން.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، އަދިވެސް އެއްފަހަރު، މިކަހަލަ މުހިންމު ކަމެއްގެ ފެށުމުގައި ބައިވެރިވެވުނީތީ، އެކަމާ އުފާކޮށް، މަންތާ އެއަރގެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. މިއަދު ޤައުމުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމުގައި، ޤައުމު ތަރައްޤީ ކުރުމުގައި އެއްބައިވަންތަކަމާއި އެކުވެރިކަމާއެކު، އެންމެން ގުޅިގެން މި ކުރެވޭ މަސައްކަތްތަކަކީ އެއީ، އަޅުގަނޑުމެން ސަރުކާރުންވެސް ވަރަށް ބޮޑަށް ބަލައިގަންނަ، އެންމެ އެދޭގޮތް ކަމުގައި އަޅުގަނޑު ދަންނަވަން.

އަޅުގަނޑު އެދެނީ، މަންތާ އެއަރ، އަދި ރާއްޖޭގެ ޚާއްޞަކޮށް، ޕްރައިވެޓް ސެކްޓަރގައި ހިމެނޭ ހުރިހާ މަސައްކަތަކަށްވެސް ކާމިޔާބީ. އަދި ހަމަ އެއާއެކު، އަޅުގަނޑު ދަންނަވާނީ، ދިވެހިރާއްޖެ، ހިންގާ، ކުރިއެރުމަށްޓަކައި އެންމެ ބުރަ މަސައްކަތެއް ކުރައްވާ އަމިއްލަ މަސައްކަތްތެރިންނަށް، އެ ކުރާ މަސައްކަތްވެސް ފާހަގަކުރަމުން، އަޅުގަނޑު ހުރިހާ ބޭފުޅުންނަށްވެސް ވަރަށް ބާއްޖަވެރި ދުވަހަކަށް އެދެމުން، އަދި މި ޕްރޮގްރާމްގެ ބައިވެރިންނަށް ކާމިޔާބީއަށް އެދެމުން އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.