بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎


اللَّـهُ سُبْحَانَهُ وَتَعَالَىٰ ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުއްމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ދައުލަތުގެ ވަޒީރުން، މާފުށީ ކައުންސިލްގެ ރައީސް ޙަސަން ޞަލާޙް، ކައުންސިލަރުން، އެމް.ޓީ.ސީ.ސީ.ގެ ސީ.އީ.އޯ، އެމް.ޓީ.ސީ.ސީ.ގެ މުވައްޒަފުން، މާފުށީގެ ލޮބުވެތި ރައްޔިތުން، ޙާޟިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.
މި ހިތްގައިމު ވަގުތުގައި، ވަށް މާފުށި، ކުރީގެ ވަށް މާފުށީގައި މި ބޭއްވޭ މި ކުޑަ ރަސްމިއްޔާތަކީ، މާފުށްޓަށް އިތުރުކުރެވުނު ބިމާއި، ހޯދައިދެވުނު ޕިކްނިކް އައިލެންޑް، މާފުށީ ރައްޔިތުންނާ ޙަވާލުކުރުމަށް ބޭއްވޭ ކުޑަ ރަސްމިއްޔާތެއް.

ޙަޤީޤަތުގައި އިތުރުކުރެވުނު ބިމާއި، ޕިކްނިކް އައިލެންޑް މި ޙަވާލުކުރެވެނީ މާފުށީގެ ރައްޔިތުންނާ. އަޅުގަނޑު އުއްމީދު ކުރަނީ، މާފުށީ ކައުންސިލުން މިތަން ބޭނުންކުރަން ނިންމާނީ، ލޭންޑް ޔޫސްޑް ޕްލޭން ހަދަމުން ގެންދާނީ، މާފުށީގެ ރައްޔިތުންނާ މަޝްވަރާކޮށް، މާފުށީގެ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށް ކަމަށް.

އާދެ، މިހާ އަވަހަށް މިފަދަ މަސައްކަތެއް ކޮށް ނިންމައި މިލެވުނީ، ހަމަގައިމުވެސް އެމް.ޓީ.ސީ.ސީ.ގެ ބުރަ، ހަލުވި މަސައްކަތުން. އެކަމަށްޓަކައި އެންމެ ފުރަތަމަވެސް އަޅުގަނޑު އެމް.ޓީ.ސީ.ސީ.ގެ ސީ.އީ.އޯ.އަށާއި، ހީވާގި ހުރިހާ މުވައްޒަފުންނަށް، ސަރުކާރާއި، މި ރަށުގެ ރައްޔިތުންނާއި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި ވަރަށް އިޚްލާޞްތެރިކަމާ އެކުގައި ޝުކުރު އަދާކުރަން.

އެމް.ޓީ.ސީ.ސީ.ގެ ދުވެލި މިހާރު ހުރިގޮތުން އަޅުގަނޑަށް ފުރިހަމަ ޔަޤީންކަން އެބައޮތް، އަޅުގަނޑުމެން ރައްޔިތުންނަށްވީ ވަޢުދުތައް ފުއްދުމުގައި، އެމް.ޓީ.ސީ.ސީ.އާ ޙަވާލުކޮށްފައި ހުރި މަސައްކަތް، ބަރާބަރަށް ދުވަހުން ދުވަހަށް ވަގުތަށް ނިންމައިދޭނެ ކަމުގެ. އެކަމަށްޓަކައި އަދިވެސް އެއްފަހަރު، ޓީމް އެމް.ޓީ.ސީ.ސީ. އަށް އަޅުގަނޑު ޝުކުރު އަދާކުރަން.

މާފުށްޓަށް މި އިތުރުކުރެވުނު ބިމާއި، ޕިކްނިކް އައިލެންޑްގެ މަސައްކަތަށް، ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 128 މިލިއަން ރުފިޔާ ޚަރަދުކުރެވިފައި އެބަވޭ. އަޅުގަނޑު މި ދެންނެވީ، ރައްޔިތުންގެ ފައިސާއިން، މި ރަށުގެ ރައްޔިތުންނަށް 128 މިލިއަން ރުފިޔާ ޚަރަދުކޮށް ހިއްކާފައި އޮތް ދެ ތަނުގެ ވާހަކަ.

ކުރިންވެސް ދެންނެވި ފަދައިން، މިއަދު މި ބޭއްވޭ ކުޑަ ރަސްމިއްޔާތަކީ، އަޅުގަނޑުގެ ފަހަތުން މި ފެންނަ ފޮޓޯގައި މި ފެންނަ އިތުރުކުރި ބިމާއި، މި ފެންނަ ޕިކްނިކް އައިލެންޑް، ކައުންސިލާ ޙަވާލުކުރުމަށް ބޭއްވޭ ކުޑަ ރަސްމިއްޔާތު.

މީގެ ދުވަސްކޮޅެއް ކުރިން، ދެތިން އަހަރު ކުރިން އަޅުގަނޑުމެން މި ރަށަށް އައިން. އެއީ ކެމްޕެއިން ތެރޭގައި. ދެންމެ ކައުންސިލްގެ ރައީސް ވިދާޅުވިފަދައިން، ރައްޔިތުންގެ އެ ދުވަހުގެ އެންމެބޮޑު ބޭނުމަކަށްވެފައި އޮތީ، ރަށަށް ބިން އިތުރުކުރުން. ދިރިއުޅޭނެ ބިންހުރި، ގޯތި ދެވޭނެގޮތެއް ނެތިފައި އޮތް ކަމުގެ ޝަކުވާ، ރައްޔިތުން އެ ދުވަހު ކުރަމުންދިޔައީ.

ހަމަ އެއާއެކީގައި، މި ރަށަކީ ލޯކަލް ޓުއަރިޒަމް ތަޢާރުފްވެ، ފައްކާވަމުން އަންނަ ރަށަކަށްވާތީ، އެކަމަށް ބޭނުންވާ ބިމާއި، އެހެނިހެން ޚިދުމަތްތައް އިތުރަށް ބޭނުންވާ ކަމަށް، އެ ދުވަހު ރައްޔިތުން އެދެމުންދިޔައީ. އަޅުގަނޑު އެ ދުވަހުވެސް ދެންނެވި ފަދައިން، އިރާދަކުރެއްވީތީ މިއަދު މިވަނީ އެކަން ފުރިހަމަކުރެވި، ރައްޔިތުންނާ ޙަވާލުކުރެވިފައި.

އަޅުގަނޑު އުފާވާނީ، އަޅުގަނޑުމެންނަށް މި ކޮށްދެވުނު ކަންތައްތަކަކީ، މި ރަށުގެ ރައްޔިތުން ގަބޫލުކުރާގޮތަށް ކުރެވުނު ކަމަކަށްވާކަމަށްވަންޏާ. އަޅުގަނޑު ހިތުން ކައުންސިލްގެ ރައީސް ވަރަށް ސާފުކޮށް އެކަން ވިދާޅުވެދެއްވައިފި.

ދެން އޮތީ، ކުރިންވެސް ދެންނެވި ފަދައިން، މިތަނުގެ ބޭނުންހިފާނެ ގޮތެއްގެ ސިޔާސަތުތައް ކަނޑައެޅުން. މި ދެތަނުގެވެސް، ޕިކްނިކް އައިލެންޑްގެވެސް، ހިއްކި ބިމުގެވެސް ބޭނުން، ރަށުގެ ރައްޔިތުންނަށް އެންމެ ރަނގަޅަށް ހިފޭގޮތަކަށް ސިޔާސަތުތައް ކަނޑައަޅައިދިނުން އެއީ އަޅުގަނޑު ބޭނުންވާގޮތް.

އަޅުގަނޑުގެ އެދުމަކީ، މި ކަންތައްތައް ކުރަމުންދާއިރުގައި، ރައްޔިތުންނާ މަޝްވަރާކޮށް، ރައްޔިތުންގެ އަޑުއަހައި، ރައްޔިތުން ބޭނުންވާގޮތަށް، އެ ކަންތައްތައް ކޮށްދިނުން. ޕިކްނިކް އައިލެންޑްގެ ބޭނުންވެސް ރައްޔިތުންނަށް ހިފެންޖެހޭނެ. ހިއްކި ބިމުގެ މަންފާވެސް، ފައިދާވެސް ރަށުގެ ރައްޔިތުންނަށް ލިބެންޖެހޭނެ.

ލާމަރުކަޒީ ޤާނޫނަށް އަޅުގަނޑުމެން މިވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައި. ބާރުތައް މިވަނީ ކައުންސިލްތަކަށް ދޫކޮށްލެވިފައި. ހިންގުމުގެ ބާރާއި، މާލީ ފުދުންތެރިކަމުގެ ބާރާއި، ފައިސާ ހޯދުމުގެ ބާރު މިވަނީ ދޫކޮށްލެވިފައި. ކައުންސިލުން މިތަންތަނުގެ ބޭނުންކުރަމުންދާއިރުގައި، އަޅުގަނޑުގެ އެދުމަކީ، ރައްޔިތުންނަށް ފައިދާވާގޮތަށް އަދި މާލީ ފުދުންތެރިކަން އިތުރުވާގޮތަށް މިކަން ރާވައިގެން ކުރިއަށް ގެންދިޔުން.

އާދެ، ކައުންސިލްގެ ރައީސް ވިދާޅުވިފަދައިން، މި ރަށަކީ ލޯކަލް ޓުއަރިޒަމްގެ ނަމޫނާ ރަށެއް. ލޯކަލް ޓުއަރިޒަމް ރާއްޖެއަށް ތަޢާރުފްވެގެން މިއައީ، ކުރީގެ އަޅުގަނޑުމެންގެ ވެރިކަމުގެ ދުވަސްވަރު. އެކަމަށްޓަކައި އޭރުގެ ސަރުކާރަށާއި އަދި ޚާއްޞަކޮށް، ރައީސް ނަޝީދަށް މިކަމުގައި އަޅުގަނޑުމެން ޝުކުރު އަދާކުރަންޖެހޭ.

ރާއްޖޭގެ ޓުއަރިޒަމަކީ، ދުނިޔެއަށް ނަމޫނާ ޓުއަރިޒަމެއް. އަޅުގަނޑުމެން ފުރަތަމަ ތަޢާރުފްވެގެންދިޔައީ، ވަން އައިލެންޑް، ވަން ރިޒޯޓުގެ ގޮތުގައި. އެއީ މުޅި ދުނިޔެ ގަބޫލުކުރި ނަމޫނާ ޓުއަރިޒަމެއް. އެއަށްފަހުގައި، ދެން މިއައީ ލޯކަލް ޓުއަރިޒަމް، ގެސްޓްހައުސް ޓުއަރިޒަމް. ރާއްޖޭގެ ގެސްޓްހައުސް ޓުއަރިޒަމް މިއަދު މިވަނީ ދުނިޔޭގެ ނަމޫނާ ޓުއަރިޒަމަކަށް ވެގެންގޮސްފައި. އެހެން ޤައުމުތަކުގައި އެ ފެންނަފަދަ ގެސްޓްހައުސްތަކެއް ނޫން ރާއްޖޭގައި ހުރީކީ. މާ ފުރިހަމަ، މާ ފައްކާ، ހުރިހާ ވަސީލަތްތަކެއް ފުރިހަމަވެފައި ހުރި ގެސްޓްހައުސްތަކެއް.

މިކަން ފެށިގެން އައީ މާފުށިން. މާފުށީގެ ރައްޔިތުންގެ ދުރު ވިސްނުމާއި، މިކަމަށް ހުރި ޝައުޤު އެއިން ފާޅުވެގެން ހިނގައްޖެ. މީގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށާއި، ޚާއްޞަކޮށް، މި ރަށުގެ އިޤްތިޞާދަށް ބޮޑު ބަދަލުތަކެއް އައިސް، ކުރިއެރުންތަކެއް އަތުވެއްޖެ. އެކަމަށްޓަކައި މާފުށީގެ ރައްޔިތުންގެ ވިސްނުން އެހުރިގޮތުން، ރާއްޖެއަށް މިކުރި ފައިދާއަށްޓަކައި، މާފުށީގެ ހުރިހާ ރައްޔިތުންނަށް ސަރުކާރުގެ ނަމުގައި، އަޅުގަނޑުގެ އަމިއްލަ ނަމުގައި އަދި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ނަމުގައި އިޚްލާޞްތެރިކަމާ އެކުގައި އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، ޙަސަން ޞަލާޙް ދެންމެ ވިދާޅުވިފަދައިން، ރަށުގެ ރައްޔިތުންނަށާއި، ޓުއަރިޒަމް ތަރައްޤީ ކުރުމަށްޓަކައި އިތުރަށް ބޭނުންވާ ވަރަށްގިނަ ކަންތައްތައް އަދިވެސް އެބަހުރި. ޞިއްޙީ ނިޒާމު ރަނގަޅުވާން އެބަޖެހޭ. ކުނި މެނޭޖް ކުރެވެން އެބަޖެހޭ. ބަނދަރު މިއަށްވުރެ ފުރިހަމަވާން އެބަޖެހޭ. މިއަދުވެސް އަޅުގަނޑު ބަލައިލިއިރުގައި، މި ރަށުގައި 1600އަށްވުރެ ގިނަ ޓޫރިސްޓުން މިވަގުތުވެސް ރަށުގައި އެބަތިބި. ފުރާދުއްވާ އުޅަނދުފަހަރު އެހާގިނަ. ކުރިއަށް އޮތް އަހަރުގެ ބަޖެޓުގައި އަޅުގަނޑުމެން ވާނީ މި ރަށުގެ ބަނދަރު ބޮޑުކުރުމަށް ހިމަނާފައި. އިރާދަކުރެއްވިއްޔާ، އަހަރު ފެށިގެން އެންމެ ފުރަތަމަ ފަށާ މަޝްރޫޢުތަކުގެ ތެރޭގައި، އަޅުގަނޑު ހިތުން އަސްލަމް މިކަމަށް އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާނެ.

އަޅުގަނޑުމެން ވެރިކަމާ ޙަވާލުވިއިރުގައި، ތިޔަ ވިދާޅުވާހެން ޞިއްޙީ މަރުކަޒު ހުރީ ހަމަ އޮނިގަނޑެކޭ ދެންނެވިޔަސް ރަނގަޅުވާނެ. އިތުރުކޮށްފައި ބައެއް ހުރި، އަޅުގަނޑުމެން އެ ދުވަހު އައިއިރުގައި. އެހެންނަމަވެސް، ޚިދުމަތްތަކެއް ދެވޭނެގޮތެއް އޭރަކުއެއް ނެތް. އެހެންނަމަވެސް، މިހާރު އެތަނުގައި ތަފާތު ޚިދުމަތްތައް ދެވޭނެ އިންތިޒާމު ހަމަޖެހިފައިވާނެ. އަޅުގަނޑުމެން މިދަނީ މިހާރުވެސް އިތުރަށް ޞިއްޙީ މަރުކަޒު ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުން. އިރާދަކުރެއްވިއްޔާ، މި ރަށުގެ ޞިއްޙީ މަރުކަޒަކީ، ތަފާތު ޚިދުމަތްތައް ލިބޭ ތަނަކަށް، ކުރިއަށް އޮތް އަހަރުގެ ތެރޭގައި ބަދަލުވެގެންދާނެ.

އެގޮތުން، މި އަންނަ އަހަރުގެ ތެރޭގައި ޞިއްޙީ މަރުކަޒުގައި، އީ.އާރު.އާއި، ޕްރައިވެޓް ރޫމްތައް ތަރައްޤީ ކުރުމުގެ ވިސްނުން އަޅުގަނޑުމެންގެ އެބައޮތް. މިހާރު އަޅުގަނޑުމެން ޞިއްޙީ މަރުކަޒަށް އިތުރުކޮށްފައިވާނެ، ޑެންޓަލްއާއި އެކްސްރޭގެ ޚިދުމަތްތައް. މިއީ އަލަށް މި ރަށުގެ ޞިއްޙީ މަރުކަޒުގައި، މިދިޔަ ދެ އަހަރުގެ ތެރޭގައި ތަޢާރުފްވެގެންދިޔަ ކަންތައްތައް.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ދިގުނުކޮށް ނިންމާލާނަން. އަޅުގަނޑު އެދެނީ، މާފުށްޓަށް މިހާރަށްވުރެ އަދި ފާގަތި، ތަނަވަސް ދުވަސްތަކެއް ﷲ މިންވަރު ކުރެއްވުން. އަޅުގަނޑު އެދެނީ، މާފުށީގެ ރައްޔިތުން ތިޔަ ކުރައްވާ މަސައްކަތުގައި ﷲ ބަރަކާތް ލެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.