بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، މިނިސްޓްރީ އޮފް ހޯމް އެފެއާރޒްގެ އިސްވެރިން، މި ޖަލްސާގައި، ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމުތައް ލިބިވަޑައިގަންނަވާ ބޭފުޅުން، ޙާޟިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

މި އަހަރުގެ ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި އަޚުންނާއި އުޚްތުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކީ މަރުޙަބާ ދަންނަވައި، އަޅުގަނޑުގެ ހެޔޮއެދުންތައް ފޮނުވަން. މި މުނާސަބަތުގައި އިތުރަށް އެއްޗެއް ދެންނެވުމުގެ ކުރިން، ދިވެހި ދައުލަތަށް ދިގު މުއްދަތުގައި ޚިދުމަތް ކުރައްވައިގެން، މިރޭ އިނާމު ޙާޞިލު ކުރައްވާ ހުރިހާ ބޭފުޅުންނަށް، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު މަރުޙަބާއާއި ތަހުނިޔާ ދަންނަވަން.

އެއްބައިވަންތަ ކަމުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ މި ޖަލްސާގައިވެސް، ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައިފައިވާ ބޭފުޅުންގެ ޚިދުމަތުގެ އަގުވަޒަންކުރެވިގެން އެބަދޭ. މި އިނާމަކީ ދައުލަތުގެ އެކި މަޤާމުތަކުގައި 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ އަދި މިހާރުވެސް ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅުންގެ ތެރެއިން، މި އިނާމަށް ޝަރުޠު ހަމަވާ ބޭފުޅުންނަށް އަރުވާ އިނާމެއް.

މިރޭގެ މި ޖަލްސާގައި، އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި، 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި، ދައުލަތަށް ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވާފައިވާ ދެ ބޭފުޅަކު އެބަ ހިމެނިވަޑައިގަންނަވާ. އެއް ބޭފުޅަކީ، މިހާރު ވަޒީފާއިން ވަކިވެވަޑައިގެންފައިވާހއ. އުލިގަމު މެޖިސްޓްރޭޓް (ރިޓަޔަރޑް) އަލްއުސްތާޛު އިދުރީސް އާދަމް.

ޞިއްޙީ ޙާލުކޮޅު ހުރިގޮތުން މިރޭގެ ޖަލްސާގައި ބައިވެރިވެވަޑައެއްނުގެންނެވުނު. އިދުރީސް އާދަމަށް އަވަސް ޝިފާއަކަށް އަޅުގަނޑު އެދެން. އިދުރީސް އާދަމް އެންމެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވަނީ ޝަރުޢީ ދާއިރާގައި. އިދުރީސް އާދަމް ފާހަގަކޮށްލެވެނީ، އަތޮޅާއި ރަށުގެ އެކި މައްސަލަތައް ޙައްލުކޮށްދެއްވުމަށް އިސްނަންގަވައިގެން މަސައްކަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައި.

އަނެއް ބޭފުޅަކީ، މިހާރުވެސް ރާއްޖޭގެ ޚާރިޖީ ދާއިރާގެ ޚިދުމަތުގައި ދެމިހުންނެވި، އެ ދާއިރާގެ ވަރަށް ތަޖުރިބާކާރު ބޭފުޅެއް ކަމަށްވާ، ދެންމެ މި ސްޓޭޖުން އިނާމު ޙާޞިލު ކުރެއްވި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ އެޓް ލާޖްގެ މަގާމުގައި ހުންނެވި މާފަންނު މާހުރާ އަލްފާޟިލް އަޙްމަދު ސަލީމް. އާދެ، އަޅުގަނޑުމެންގެ ތެރޭގައި މަޝްހޫރު ނަންރީތި ސަލީމް.

އަޙްމަދު ސަލީމަކީ، ޚާރިޖީ ދާއިރާގައި އެކިފަހަރުމަތިން މިހާތަނަށް 30 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައިވާ ބޭފުޅެއް. އަދި ސަރުކާރުގެ އެކި މިނިސްޓްރީތަކުގައި، ވަރަށް އިސް މަޤާމުތަކެއްވެސް ފުރުއްވި ބޭފުޅެއް. އެހެންކަމުން، މި ދެބޭފުޅުންނަށް، އާދެ، އިދުރީސް އާދަމަށާއި، އަޙްމަދު ސަލީމަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވަން. އަދި މިރޭ މި އިނާމު ޙާޞިލު ކުރައްވާ ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވައި، އިޚްލާޞްތެރިކަމާއެކު މަރުޙަބާއާއި ތަހުނިޔާ ދަންނަވަން.

އެއްބައިވަންތަކަމުގެ ދުވަހެއް އަޅުގަނޑުމެން މި ފާހަގަކުރަނީ، މީގެ 17 އަހަރު ކުރިން ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގެ ވަގުތުގަޔާއި، އެ ކާރިސާއާ ވިދިގެން ކުރިމަތިވި ދަތި އުނދަގޫ ކަންކަމުގައި، ރާއްޖޭގެ ރައްޔިތުން ސާބިތުކޮށްދެއްވި އެއްބަނޑުއެއްބަފާކަމާއި އެއްބައިވަންތަކަމާއި އެކުވެރިކަމާއި އަދި އޯގާތެރިކަމުގެ މަތިވެރި ރޫޙު ދިރުވައި އާލާކުރުމުގެ ގޮތުން.

ޤައުމީ އެއްބައިވަންތަކަމުގެ ދުވަހެއް ފާހަގަކުރާއިރު، ދިވެހީންގެ ހިތްތަކުގައި ޤައުމީ އެއްބައިވަންތަކަން ދިރުވައި އާލާކުރެއްވުމުގައި، ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި، އަދި އެކަމުގައި ވަރަށް މަތިވެރި ނަމޫނާއެއްގެ ގޮތުގައި ފާހަގަކުރެވޭ ބޭފުޅެއް، މިދިޔަ ހަފުތާގައި އަޅުގަނޑުމެންނާ ވަކިވެވަޑައިގެންފި. އާދެ، އަޅުގަނޑުމެން އެންމެންގެ އަޚް، ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ އޮނަރަބްލް ޢުމަރު ޒާހިރު.

އެހެންކަމުން، اللهُ سُبْحَانَهُ وَتَعَالَىގެ މަތިވެރި ރަޙްމަތްފުޅު އެމަނިކުފާނަށް މިންވަރުކުރައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި ލެއްވުން އެދި ދުޢާކުރަން. އަދި އެމަނިކުފާނުގެ ލޮބުވެތި ޢާއިލާއަށް ތަޢުޒިޔާ ދަންނަވަމުން، ޢާއިލާގެ އެންމެހައި ބޭފުޅުންނަށް ކެތްތެރިކަމާއި ބާއްޖަވެރިކަން ދެއްވުން އެދި ދުޢާކުރަން.

ދެންމެ ތިޔަބޭފުޅުންނަށް ފެނިވަޑައިގެންނެވި ވީޑިއޯ ރިޕޯޓުންވެސް، ޢުމަރު ޒާހިރު ޤައުމަށްޓަކައި ކޮށްދެއްވި އަގުހުރި ޚިދުމަތްތައް އަޅުގަނޑުމެންނަށް ވަޒަން ކުރެވިއްޖެ.

އާދެ، ޢުމަރު ޒާހިރަކީ ހަމައެކަނި ޤައުމީ ޚިދުމަތްތެރިއެއް ނޫން. އެ މަނިކުފާނަކީ ރާއްޖޭގެ މިޒަމާނުގެ އުމްރާނީ ތަރައްޤީގެ އެއް ތަނބު. ޤައުމީ ޚިދުމަތަކީ، އެ މަނިކުފާނުގެ ލޭފޮދުގެ ވިންދު. ތެދުވެރިކަމާއި އިޚްލާޞްތެރިކަމަކީ، އެ މަނިކުފާނުގެ ޠަބީޢަތުގައިވާ އެންމެ ރިވެތި ސިފަ. މަޑުމައިތިރިކަމާއި ހިތްޕުޅުތިރިކަމާއި ޙިކްމަތްތެރިކަމަކީ، އެ މަނިކުފާނުގެ މިޒާޖުފުޅާ ލާމެހިފައިވާ ކަންކަން.

ކިތަންމެ ތަޢުރީފެއް ކުރިޔަސް، އެ މަނިކުފާނު މިއަދު އަޅުގަނޑުމެންގެ ތެރެއަކު ނެތް. މިއަދު އަޅުގަނޑުމެންގެ ތެރޭގައި ފެންނަން ހުރީ ދިވެހި ޤައުމިއްޔަތާއި، ދިވެހިންގެ އެއްބައިވަންތަކަން ދެމެހެއްޓުމުގައި އެމަނިކުފާނު ދެއްކެވި ނަމޫނާތައް. ފެންނަން ހުރީ، އެމަނިކުފާނުގެ ޤައުމީ ޚިދުމަތުގެ މަލަތައް.

ހުޅުލޭ ފަޅު ހިއްކައިގެން ބިނާކުރި ދިވެހިންގެ އެއަރޕޯޓަކީ، ޢުމަރު ޒާހިރުގެ ޢަމަލީ ބައިވެރިވެވަޑައިގަތުން ހިމެނޭ، އަދި ދިވެހިންގެ ޤައުމީ އެއްބައިވަންތަކަމާއި، ޤައުމީ ރޫހާއި ޖޯޝް ވަރަށް ފުރިހަމައަށް އެކުލެވިގެން އުފެއްދި ޤައުމީ ތަރިކައެއް. ހުޅުލޭ ފަޅު ހިއްކައިގެން ހުޅުމާލެ އުފެއްދުމަކީ، ގިނަ ގޮންޖެހުންތަކެއް ހުރަސްކުރައްވައިގެން، ޢުމަރު ޒާހިރު ކާމިޔާބު ކުރެއްވި ވަރަށް އަގުހުރި މަޝްރޫޢެއް.

މާލޭގައި މިހާރު މި އޮތް އަމީނީ މަގުގެ ދެކުނުން އޮތް ފަޅު ހިއްކައިގެން، މާލެ ބޮޑުކުރެއްވުމުގެ މަޝްރޫޢު ފުރިހަމަކުރެއްވީ، ސީދާ ޢުމަރު ޒާހިރުގެ ބެއްލެވުމުގެ ދަށުން. މާލޭގެ އަޑިގުޑަން މަގުތަކުގައި، ގާ އަތުރައިގެން ރަނގަޅު ފެންވަރަކަށް ހެއްދެވީ ސީދާ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން.

ތިލަފަޅު ހިއްކައިގެން އުފެއްދި ތިލަފުށްޓަކީވެސް، މާލެ ސަރަޙައްދުގައި ދިރިއުޅޭ ޢާންމު ރައްޔިތުންގެ ލުއިފަސޭހައަށްޓަކައި، ޢުމަރު ޒާހިރުގެ ބެއްލެވުމުގެ ދަށުން ތަރައްޤީ ކުރެއްވި ވަރަށް މުހިންމު ރަށެއް. މިފަދަ ކިތަންމެ މަޝްރޫޢުތަކެއް، އެ މަނިކުފާނުގެ ސީދާ ބެއްލެވުމުގެ ދަށުން ކާމިޔާބު ކުރެއްވި. މި ދެންނެވި މަސައްކަތްތަކަކީ، ރާއްޖޭގެ ޤައުމީ ތަރައްޤީގެ ވަރަށް ބޮޑެތި މަޝްރޫޢުތައް.

މަރްޙޫމް ޢުމަރު ޒާހިރާމެދު މިއަދު އެންމެންވެސް ބުނާ އެއް ވާހަކައެއް އޮވޭ. އެއީ ހިތްޕުޅު ހެޔޮ، އަޚްލާޤް ރިވެތި، އަދި އިޚްލާޞްތެރިކަމުގެ ގޮތުން، މަދުން ނޫނީ ނުފެންނަވަރުގެ ބޭފުޅެކޭ. އެއީ ހަމަ ވަރަށް ބޮޑު ތެދުފުޅެއް. މިއަދު ރާއްޖޭގެ ތަފާތު ދާއިރާތަކުގެ އެންމެ މަތީ ފަންތީގައި ތިއްބެވި ބައެއް ބޭފުޅުން އެކަމަށް ހެކިވެވަޑައިގަންނަވާނެ.

މަޖީދިއްޔާ ސްކޫލްގެ ނާޒިރެއްގެ ގޮތުގައި ހުންނެވި ދުވަސްވަރު، ޢުމަރު ޒާހިރު އެންމެ ބޮޑަށް އިސްކަން ދެއްވެވި ކަމަކީ، ރިވެތި އަޚްލާޤުގެ މަތީގައި ދަރިވަރުން ތަރުބިއްޔަތު ކުރެއްވުން. ހަމައެކަނި ކިޔަވައިދީގެން މޮޅެތި ކުދިންނަށް ހެއްދެވީކީ ނޫން. ނާޒިރެއްގެ ގޮތުން އެމަނިކުފާނުގެ އެންމެ އިސް މަސައްކަތަކީ މީހުން މީހުންނަށް ހެއްދެވުން.

ރާއްޖޭގައި ތަފާތު ކުޅިވަރުތަކާއި، ކުޅިވަރު ވަސީލަތްތައް ތަރައްޤީ ކުރެއްވުމުގައިވެސް، ޢުމަރު ޒާހިރު ވަނީ ވަރަށް މުހިންމު ދައުރެއް އަދާކުރައްވާފައި. ކުޅިވަރުގެ ދާއިރާގައިވެސް، އެ މަނިކުފާނު އެންމެ ބޮޑު އިސްކަމެއް ދެއްވީ، ކުޅުންތެރިންގެ ކިބައިގައި ކުޅިވަރުގެ އަޚްލާޤު ހަރުލެއްވުމަށް.

މި ދެންނެވި ޤައުމީ ޚިދުމަތްތަކުގެ އިތުރުންވެސް ވަރަށް މުހިންމު ތަރިކައެއް،އެ މަނިކުފާނުވަނީ އަޅުގަނޑުމެންނަށް ދޫކުރައްވާފައި. އެއީ އެ މަނިކުފާނުގެ އަމިއްލަ އަތްޕުޅުން ލިޔުއްވި ޑައިރީ. އެމަނިކުފާނު އެ ޑައިރީ ލިޔުއްވަން ފަށްޓަވާފައި އޮތީ، ކިޔަވާވިދާޅުވާން މަޖީދިއްޔާ ސްކޫލަށް ވެދެވަޑައިގެންނެވި ދުވަހު. އާދެ އެއީ، 1943 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި. އޭރު އެމަނިކުފާނުގެ ޢުމުރުފުޅުން ވާނީ އެންމެ ހަތް އަހަރު.

އެ އަހަރުން ފެށިގެން ދާދި ފަހަކާ ޖެހެންދެން އެ މަނިކުފާނު ގެންދެވީ ކޮންމެ ދުވަހަކު ޑައިރީ ލިޔުއްވަމުން. އެއީ އެއް ފޮތެއް، ދެ ފޮތެއް ނޫން. ސާޅީހަށްވުރެ ގިނަ ފޮތާއި، އެތައް ބައިވަރު ނޯޓްތަކެއް. ސަރުކާރުގެ އެތައް ޒިންމާތަކެއް އަދާކުރައްވަމުން، ދުވަހުން ދުވަހަށް ޑައިރީ ލިޔުއްވުމަކީ ފަސޭހަފުޅު ކަމަކަށް ނުވާނެ.

އެ ޑައިރީ ކިޔައިލުމުގެ ނަސީބު އަޅުގަނޑަށްވެސް ލިބުނު. އެ މަނިކުފާނުގެ ޒާތީ ދިރިއުޅުއްވުމުގައި، ކުރިމަތިވި ކަންތައް، ދުވަހުން ދުވަހަށް އެ ޑައިރީގައި ލިޔުއްވާފައި އެބައޮތް. އޭގެ އިތުރުން، ޤައުމީ ފެންވަރުގައި ހިނގައިދިޔަ ކަންތައްތައްވެސް، ދުވަހުން ދުވަހަށް ލިޔުއްވާފައި އެބަހުރި. އެތައް އަހަރެއް ވަންދެން ލިޔުއްވި އެ ޑައިރީގެ ޞަފްޙާތަކުން އަޅުގަނޑަށް މުޅިންވެސް ފެނުނީ ޢިބްރަތްތަކާއި ފިލާވަޅުތައް. އެއީ ތާރީޚީ މަޢުލޫމާތުގެ ކަންޒެއް.

އާދެ، މަރްޙޫމް ޢުމަރު ޒާހިރުގެ ޤައުމީ ޚިދުމަތުގެ މިފަދަ ކިތަންމެ ކުރިބޯށްޓެއް، ރާއްޖޭގެ މިޒަމާނުގެ މަލަމަތިން ފެންނަން އެބަހުރި. އަޅުގަނޑުމެން މިއަދު ދައްކަންވީ އެ ވާހަކަތައް އެކަންޏެއް ނޫން. މިއަދު އަޅުގަނޑުމެން ކުރަންވީ ކަމަކީ، އެ މަނިކުފާނުގެ ޤައުމީ ޚިދުމަތުން ނަމޫނާ ލިބިގަތުން. ޤައުމީ އެއްބައިވަންތަކަން ދެމެހެއްޓެވުމުގައި، އެ މަނިކުފާނު ގެންގުޅުއްވި ޙިކްމަތްތެރި ސިޔާސަތުން ޢިބްރަތް ލިބިގަތުން.

އެހެންކަމުން، އެ މަނިކުފާނު ދިވެހި ދައުލަތަށާއި، ދިވެހި ޤައުމަށާއި، ދިވެހި ރައްޔިތުންނަށް އެ ކޮށްދެއްވި މަތިވެރި ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން، އެ މަނިކުފާނުގެ ނަންފުޅަށް ނިސްބަތްވާ ބިނާއެއް ނުވަތަ ތަނެއް ހުރުމަކީ، ވަރަށް މުހިންމު ކަމެއް ކަމަށް އަޅުގަނޑު ދެކެން.

އެއް ދުވަހެއް އަޅުގަނޑު ހަނދާން އެބަހުރި. އެއީ މީގެ 20 އަހަރު ކުރި. ސެޕްޓެންބަރު މަހުގެ 11 ވަނަ ދުވަސް. މުޅި ދުނިޔެ ސިއްސުވާލި ނައިން އިލެވަން ކުރިމަތިވި ދުވަސް. އެ ދުވަހުގެ ހަވީރުގެ އެ ވަގުތުގައި އަޅުގަނޑަށް އިނދެވުނީ ޢުމަރު ޒާހިރުގެ އަރިހުގައި. ސީ.އެން.އެން. އިން ވަގުތުން ލައިވްކޮށް އެ ބޯޓުތައް ޓުވިން ޓަވަރަށް، ޕެންޓަގަންއަށް ވަންނަމުންދިޔަ މަންޒަރު ވަގުތުން ބައްލަވަމުން ގެންދަވަމުން ވިދާޅުވި އެތައް ވާހަކަތަކެއް، އަޅުގަނޑުގެ ހަނދާނުގައި މިއަދުވެސް ހަރުލާފައި އެބަހުރި. އާދެ، ޢުމަރު ޒާހިރަކީ އަޅުގަނޑުމެންގެ ހަނދާނުން ފޮހެވިގެންދާނެ ބޭފުޅެއް ނޫން.

އަޅުގަނޑުމެން މިއަދު އެއްބައިވަންތަކަމުގެ ދުވަހެއް މި ފާހަގަކުރަނީ، ރާއްޖެއަށް ކުރިމަތިވި ވަރަށް ބިރުވެރި، ވަރަށް ނުރައްކާތެރި ކާރިސާއަކުން ސަލާމަތްވުމުގައި، އަޅުގަނޑުމެން ދެއްކި އެއްބައިވަންތަކަން ހަނދާންކުރުމުގެ ގޮތުން. އެއީ 2004 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 26ވީ އާދީއްތަ ދުވަސް. ސުނާމީގެ ބިޔަ ރާޅުގައި މުޅި ރާއްޖެ ދޮވެލި ދުވަސް. މިއަދަކީވެސް ޑިސެންބަރު މަހުގެ 26 ވީ އާދީއްތަ ދުވަހެއް.

އެ ހިތާމަވެރި ހާދިސާގައި އަޅުގަނޑުމެންގެ ތެރެއިން 82 މީހުން މަރުވެ، 26 މީހަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފައި. އެ ހުރިހާ އަޚުންނާއި އުޚްތުން، اللهُ سُبْحَانَهُ وَتَعَالَىގެ ހެޔޮ ރަޙްމަތުގައި ލައްވައި، ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވަން.

ސުނާމީ ކާރިސާ ކުރިމަތިވިއިރު ރާއްޖޭގައި މީހުން ދިރިއުޅޭ 199 ރަށް އޮތް. އޭގެ ތެރެއިން 190 ރަށަކަށް އެކިވަރުގެ ގެއްލުންތައް ލިބުނު. ސުނާމީ އަރައިގެން އައި ވަގުތުވެސް، މީހުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމުގައިވެސް، އަޅުގަނޑުމެން އިސްކުރީ އެއްބައިވަންތަކަން. އެކަކު އަނެކަކަށް އެހީތެރިވެދިނީ، އެއް ޢާއިލާއެއްގެ މީހުން ފަދައިން.

ސުނާމީގައި ލިބުނު ގެއްލުންތަކުގެ ސަބަބުން، ފަނަރަހާހަށްވުރެ ގިނަ މީހުންގެ ގެދޮރު ހަލާކުވެގެންދިޔަ. އަހަރުތަކެއް ވަންދެން އެމީހުން ދިރިއުޅެން ޖެހުނީ އެކި ރަށްރަށުގައި ހެދި ވަގުތީ ހިޔާތަކުގައި. އެއީ ވަރަށްދަތި ދިރިއުޅުމެއްކަން އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭ. އެ ދަތިކަމުގެ ތެރޭގައިވެސް އަޅުގަނޑުމެންގެ މެދުގައި އޮތީ ވަރަށް ބޮޑު އެއްބައިވަންތަކަމެއް.

ސުނާމީ ކާރިސާގައި، އަލުން އާރާސްތު ކުރުން އުނދަގޫ މިންވަރަކަށް ފަސް ރަށެއް ހަލާކުވެގެންދިޔަ. ބައެއް މީހުން ޢުމުރުދުވަހުގެ މަސައްކަތުން ކޮޅަށްޖެހި ދިރިއުޅުން، ހިނދުކޮޅެއްގެ ތެރޭގައި ސުންނާފަތިވެ، އަމިއްލަ ފުރާނަ ނޫނީ ސަލާމަތެއް ނުކުރެވުނު. އެތައް ހާސް ބައެއްގެ އަތްމަތި މުޅިން ހުސްވެގެންދިޔަ. އެމީހުންގެ ދިރިއުޅުން އަލުން ކޮޅަށްޖެހުމުގައި، އެންމެ މުހިންމު ދައުރެއް އަދާކުރީ، އަޅުގަނޑުމެންގެ ތެރޭގައި މި އޮތް އެކުވެރިކަމާއި އޯގާތެރިކަން.

އަޅުގަނޑުމެން މިހާރު ތަޙައްމަލު ކުރަމުން މިދަނީ، ޤުދުރަތީ ބޮޑު ކާރިސާއެއް ނޫނަސް، ވަރަށް ދަތި އުނދަގޫ ދުވަސްތަކެއް. ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި އުޅޭތާ މިވަނީ ދެ އަހަރު. ރާއްޖޭގައި ކޯވިޑް ފެތުރެން ފެށުމާއެކު، އަޅުގަނޑުމެން އުޅެންޖެހުނީ ވަރަށް ދަތި ޙާލެއްގައި. ރާއްޖެ ފުރަބަންދުކުރުމާ ގުޅިގެން، ރާއްޖޭގެ މުޅި އާބާދީއަށް، އެކަމުގެ ގެއްލުންތައް ލިބުނު.

މި ދަތިކަމުގެ ތެރޭގައިވެސް އަޅުގަނޑުމެންނަށް ލިބުނު އެންމެ ބޮޑު ތަސައްލީއަކީ، އަޅުގަނޑުމެންގެ ތެރޭގައި އޮތް އެއްބައިވަންތަކަން. ގޭގެޔަށް ބޭނުންވާ ކާބޯތަކެއްޗާއި ބޯފެނާއި، އެނޫން ތަކެތި ފޯރުކޮށްދިނުމުގައި، ހިލޭ ސާބަހަށް އެތައް ހާސް ބަޔަކު މަސައްކަތް ކުރި. އަމިއްލަ ޢާއިލާއާ ދުރުގައި، ރެޔާއި ދުވާލު، އަތްވާއި ވާރޭގައި އެތައް ދުވަހެއް ވަންދެން، ހިލޭ ސާބަހަށް މަސައްކަތްކުރި އެތައް ބަޔަކު އަޅުގަނޑުމެންގެ ތެރޭގައި އެބަތިބި. އެފަދަ ބޭފުޅުންނަށް އަޅުގަނޑުމެންގެ ހިތުގައި އޮތީ ހިފެހެއްޓުމެއް ނެތް ޝުކުރާއި ތަޢުރީފު.

ކޯވިޑުން ރައްކާތެރިވުމަށް މިކުރާ މަސައްކަތުގައި، މާތް ﷲގެ ވާގިފުޅާއެކު ރާއްޖެ މިވަނީ، މި ސަރަހައްދުގެ ޤައުމުތަކާ އަޅައިބަލާއިރު އެކަށީގެންވާ ކުރިއެރުމެއް ހޯދާފައި. އަޅުގަނޑުމެންގެ ބޯޑަރުތައް ހުޅުވާލައި، ފަތުރުވެރިކަމާއި، އިޤްތިޞާދީ އެހެން މަސައްކަތްތައްވެސް އަލުން ފަށައިގަނެވިއްޖެ.

މިހާރު ރާއްޖެ އޮތް ޙާލަތަށް ބަލާއިރު، އިޤްތިޞާދީ ނަޒަރަކުން ވިސްނާނަމަ، ރާއްޖެ މިއޮތީ ވަރަށް އުންމީދީ ހިސާބެއްގައި. ކޯވިޑުގެ ކުރިން އޮތް ޙާލަތަށް ނުވަތަ އެއަށްވުރެ ރަނގަޅު ޙާލަތަކަށް، ޤައުމުގެ އިޤްތިޞާދު ގެންދިޔުމަށްޓަކައި، އަޅުގަނޑުމެން އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭ. މިއީ ޤައުމީ މަޞްލަޙަތު އިސްކޮށް، އެންމެން އެއް ޢަޒުމެއްގައި، އެއް ވާނެއްގައި މަސައްކަތް ކުރަންވީ ވަގުތު.

ދިވެހިންގެ މެދުގައި އެއްބައިވަންތަކަން ދެމެހެއްޓުމަކީ، ސަރުކާރުގެ ވަރަށް އިސް ސިޔާސަތެއް. އެ ސިޔާސަތު ދެމެހެއްޓޭނީ ރައްޔިތުންގެ އަޑުއަހައިގެން. ރައްޔިތުން އެދޭ އެދުންތަކަށް އިޖާބަދީގެން. ސަރުކާރެއް އޮތުމުގެ ބޭނުމަކީވެސް އެއީ. ސަރުކާރެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ، އެ ދައުލަތެއްގައި ޝާމިލުވާ އެންމެންގެ އަޑުއަހައި، އެންމެންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދޭން މަސައްކަތް ކުރުން.

ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ، ރައްޔިތުންގެ އަޑުއަހައި، ރައްޔިތުން އެދޭގޮތަށް ކަންކަން ފުރިހަމަކޮށްދޭން. މި ވަގުތަށް ބަލާއިރު، ހިޔާ ފްލެޓުތަކަށް ދިރިއުޅުން ބަދަލުކުރާ މީހުންގެ ކަންބޮޑުވުންތަކެއް އެބަހުރި. ޝަކުވާތަކެއްވެސް އެބަހުރި. ސަރުކާރުން މަސައްކަތް މި ކުރަނީ، ހިޔާ ފްލެޓުތަކަށް ބަދަލުވާ މީހުންނަށް ކުރިމަތިވާ ދަތިތައް ޙައްލުކޮށްދޭން.

މިވަގުތު އެމީހުންނަށް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ، ފްލެޓުތަކުގައި ދިރިއުޅެން ފެށޭވަރު ނުވަނީސް، ކުލި ދައްކަން ފަށަން ޖެހުން. ހިޔާ ފްލެޓުތަކުގެ އެތެރޭގެ މަސައްކަތްތައް ނިންމަން ދިން ތިންމަސް ދުވަސް، މި މަހުގެ ނިޔަލަށް އެ ނިމެނީ. ނަމަވެސް ތަފާތު ސަބަބުތަކާ ހުރެ، އެ މުއްދަތުގައި މަސައްކަތް ނިންމައި، އެތަންތާނގައި ދިރިއުޅެން ފެށޭވަރެއްނުވި.

މިކަމަށް އިތުރު ލުޔެއް ދިނުމުގެ ގޮތުން، ސަރުކާރުން މިހާރު ނިންމާފައި މިވަނީ، ފްލެޓުތައް ނިންމުމަށްޓަކައި، ކުލި ނުނަގައި، އިތުރު ތިން މަސްދުވަސް، ފްލެޓުތަކުގެ ވެރިންނަށް ދޭން. އަޅުގަނޑު އުންމީދު ކުރަނީ، މި ފެށޭ އަހަރުގެ މާރިޗު މަސް ނިމޭއިރު، މިހާރު ނުނިމިހުރި ފްލެޓުތައްވެސް ނިމިގެން، އެތަންތަނުގައި ދިރިއުޅެން ފެށޭވަރުވާނެ ކަމަށް.

މި އަހަރުގެ އެއްބައިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި، އަދިވެސް އެއްފަހަރު ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން.

އަޅުގަނޑުގެ ދުޢާއަކީ، ރާއްޖޭގެ އެންމެ މަތީ މަޞްލަޙަތު ރައްކާތެރިކުރެވޭފަދަ ބަދަހި އެއްބައިވަންތަކަމެއް އަޅުގަނޑުމެންގެ ހިތްތަކުގައި، اللهُ سُبْحَانَهُ وَتَعَالَى ސާބިތުކޮށްދެއްވުން. ދިވެހިރާއްޖެއާއި ދިވެހީންނަށް ފާގަތިކަމާއި ބާއްޖަވެރިކަން މިންވަރު ކުރެއްވުން. ރާއްޖޭގެ ތަރައްޤީއަށް މިކުރާ މަސައްކަތުގައި އެކަލާނގެ ބަރަކާތް ލައްވައި ކާމިޔާބު މިންވަރު ކުރައްވާށި! އަޅުގަނޑުމެންގެ ހިތްތައް އިސްލާމްދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި ސާބިތުކުރައްވައި، އެއްބައިވަންތަކަމާއި، އެއްބަނޑު އެއްބަފާކަމުގެ ރޫޙު، އަޅުގަނޑުމެންގެ މެދުގައި އާލާކުރައްވާށި! އެންމެހައި ޤުދްރަތީ ކާރިސާތަކުންނާއި، އެނޫންވެސް ހިތާމަތަކާއި ވޭންތަކުން ސަލާމަތް ކުރައްވައި، އަޅުގަނޑުމެން އެންމެންނަށް އަބަދުވެސް ހެޔޮގޮތް މިންވަރު ކުރައްވާށި! އާމީން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.
___________________